Tuesday, 22 April 2008

މާލޭގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ސިފައިން ނިންމާލައިފި

އިބްރާހީމް މުޙައްމަދު

މާލޭގައި ސިލްސިލާ މާރާމާރީ އިތުރުވެ ގިނަބައެއްގެ ލޭ އޮހޮރުވާލުމާ ގުޅިގެން މިމަހު 7 ވަނަ ދުވަހު މާލޭގެ ސަލާމާތީ ކަންތައްތައް ބަލަހައްޓަމުންދިޔަ މޯލްޑިވްސް ނެޝިނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހޯމަދުވަހުގެރޭ އެއޮޕްރޭޝަން ނިންމާލައިފިއެވެ. މިއަދު ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެއްވަމުން މޭޖަރ އިބްރާހީމް އަފްޟަލް ވިދާޅުވީ 15 ދުވަހަށް ދިގުދެމިގެންދިޔަ އޮޕްރޭޝަން ނިންމާލީ މާލޭގެ ޢާއްމު ހާލަތު ކުރީގެ ހާލަތަށް ރޫޖުއަވުމާ ގުޅިގެން ސަރުކާރުން އޮޕްރޭޝަން ހުއްޓާލަން އަންގާފައިވާތީއެވެ. އަދި މި ވޭތުވެދިޔަ 15 ދުވަހުގައި ހިނގާފައިވަނީ ނުރައްކާތެރި އެންމެ ހާދިސާއެއްކަމަށް މޭޖަރ އަފްޟަލް ވިދާޅުވިއެވެ.

"މި އޮޕްރޭޝަނަށް މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު" މޭޖަރ އަފްޟަލް ވިދާޅުވިއެވެ. "އަޅުގަނޑުމެން ނިކުތްފަހުން އެފަދަ (ބޮޑެތި) މާރާމާރީއެއް ހިނގާފައެއް ނުވޭ"

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި މި އޮޕްރޭޝަންގައި 155 މީހުން ހައްޔަރުކުރެވުނު ކަމުގައިވިޔަސް ފުލުހުންނާއި ހަވާލުކުރީ 8 މީހުންނެވެ. އަދި 147 މީހަކަށް ނަސޭހަތްދީ ދޫކޮށްލެވިފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.

"މި 155 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 19 ކުދިން ހިމެނޭ" މޭޖަރ އަފްޟަލް ވިދާޅުވިއެވެ.

މިގޮތުން މިމަހު 8 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި ހާދިސާގައި ވަޅިއެއް ހިފައިގެން މޫނު ނިވާކޮށްގެން ހުރި ހ.ލަކީ ގައި ދިރިއުޅެމުން އަންނަ ތ.ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމު 26، ވަނީ އޭޑީކޭ ސެކިޔުރިޓީ ގާޑެއްގެ މޫނު މަތި ކަފާލުމުގެ ތުހުމަތުގައި ސިފައިން ހައްޔަރުކޮށްފައެވެ.

އަދި ފުލުހުންނާ ހަވާކުރެވުނު 8 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭކަން އަފްޟަލް ފާހަގަކުރެއްވިއެވެ. ނަމަވެސް ރެކޯޑުތައް ނެތުމުގެ ސަބަބުން ސީދާ އަދަދު ހާމަކުރެވެން ނެތް ކަމަށް އަފްޟަލް ވިދާޅުވިއެވެ. މޭޖަރ އަފްޟަލް ވިދާޅުވީ ނަސޭހަތް ދިނުމަށްފަހު މިނިވަން ކުރި މީހުންނަކީ އާދައިގެ ކުށްތަކުގައި ހައްޔަރުކުރެވުނު މީހުންކަމަށެވެ. ނަމަވެސް ތަހުޤީޤުކުރުމަށް ފުލުހުންނަށް ހަވާލުކުރީ ބޮޑެތި ކުށްތައް ކަމުގައިވާ ޑްރަގް އަދި ބޮޑެތި މާރާމާރީ ހިންގާ ފަރާތްތަށްކަމަށް މޭޖަރ އަފްޟަލް ވިދާޅުވިއެވެ. މޭޖަރ އަފްޟަލް ފާހަގަކުރެއްވިގޮތުގައި މިހާރު ބޮޑެތި މާރާމާރީ ހިންގަނީ ވަރަށް ބޮޑަށް ރާވައިގެންނެވެ.

"ނުރައްކާތެރި އަމަލު ހިންގާ މީހުން މިއަމަލުތައް ހިންގަނީ ވަރަށް ރާވައިގެން" މޭޖަރ އަފްޟަލް ވިދާޅުވިއެވެ. "ނަމަވެސް ކަންބޮޑުވާ ވަރަށް އެމީހުންގެ ކަންތައްތައް ހުރިހެނެއް ހިޔެއްނުވޭ"

ސިފައިން ހިންގި މި އޮޕަރޭޝަންގައި ހަރަކާތްތަރިވި ސިފައިންގެ މީހުންގެ އަދަދު ހާމަކުރަން އެފަރާތުން ދެކޮޅު ހަދައެވެ.

މިމަހު 4 ވަނަ ދުވަހު މާލޭގައި ހިންގަން ފެށި ސިލްސިލާ މާރާމާރީގައި 6 މީހަކު ޒަހަމްވެ 15 އަހަރުގެ ކުއްޖަކު މަރުވެފައިވެއެވެ. ގ.ތަނބުރުގޭ ޝިފާޢު އިސްމާއީލް މަރުވެފައިވަނީ 7 ދުވަސްވަދެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެޔަރ ޔުނިޓު (އައިސީޔޫ)ގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް އޮގަސްޓް 12 ވަނަ ދުވަހުގައެވެ.

ހުކުރުދުވަހު އޮންނަ އެމްޑީޕީގެ އިންތިޚާބުގައި މާލޭގައި ހުންނަ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލްގައިކަމަށް އިއުލާނުކޮށްފި

25 އެޕްރީލް 2008 ވާ ހުކުރު ދުވަހު މެންދުރު ފަހު 2:00ން ފެށިގެން ރޭގަނޑު 9:00ގެ ނިޔަލަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިޚާބާ ޤައުމީ ޗެއަރޕާސަންގެ އިންތިޚާބުގެ ވޯޓުލުމަށް މާލޭގައި ބެހެއްޓޭ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސުކޫލުގައިކަމަށް އެމްޑީޕީން އިއުލާނުކޮށްފިއެވެ.

އެމްޑީޕީން މައުލޫމާތު ދެއްވާ ގޮތުގައި މިމަހު 25ގައި އެޕާޓިން ބާއްވާ ތަމްހީދީ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 20958 މެމްބަރުންގެ އެބަތިއްބެވެ. އަދި މިއިންތިޚާބުގައި ޖުމްލަ 117 ވޯޓުފޮށި ތަފާތު 90 ރަށުގައި ބެހެއްޓެނެ ކަމަށާއި، އޭގެ ތެރޭގައި 6 ރިޒޯޓާއި، 3 ސިނާއީ ރަށާއި، އާބާދުވެފައިވާ 80 ރަށާއި މާލެ ހިމެނޭ ކަމަށް އެމްޑީޕީގެ އިންތިހާބު ކޮމެޓީން މައުލޫމާތު ދެއްވައެވެ. އަދި ސ. ހިތަދޫގައި 2 ފޮށިހުންނައިރު މާލޭގައި 27 ފޮށި ބެހެއްޓޭނެއެވެ. މޭލެގެ ފޮށިތަކުގެ ތެރެއިން ވިލިނގިއްޔާއި ހުޅުމާލޭގެ ފޮށިތައްނޫން އެހެން ހުރިހާ ފޮއްޓެއް ބަހައްޓާފައި ހުންނާނީ ކަލާފާނު ސްކޫލްގައެވެ. މާލޭގައި ހުންނަ 27 ފޮށީގެތެރެއިން 20 ފޮއްޓަކީ މާލޭގައި ދިރިއުޅޭ 20 އަތޮޅު / ދާއިރާގެ މެމްބަރުން ވޯޓުލާން މާލޭގައި ބަހައްޓާ ފޮއްށިކަމަށާއި، 4 އަވަށުގެ މެމްބަރުންނަށް ކޮންމެ އަވަށަކަށް އެއްފޮއްޓާއި، މާލޭދަފްތަރުގައި ހިމެނޭ މެމްބަރުންނަށް އެއްފޮށި ބަހައްޓާފައި ހުންނާނެކަމަށްވެސް އެމްޑީޕީން މައުލޫމާތު ދެއްވައެވެ.

ޕްރޮކްސީގެ މައްސަލާގައި ޕެޓިޝަނެއް ނެރުނުކަމުގައި ވީނަމަވެސް ގައުމީ މަޖިލިސް އެއްނުކުރެވޭނެ ކަމަށް އެމްޑީޕީގެ އަމީން އާންމު ވިދާޅުވެއްޖެ

އިސްމާއިލް

މިމަހު 25 ގައި އެމްޑީޕީން ބާއްވާ އެޕާޓީގެ ތަމްހީދީ އިންތިހާބާއި، ޗެއަރޕާސަންގެ އިންތިހާބުގައި އެއްމެމްބަރެއްގެ ބަދަލުގައި އެހެންމެބަރަކަށް (ޕްރޮކްސީ) ވޯޓް ނުލެވޭ ގޮތަކަށް ހަދައިދިނުމަށްޓަކައި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާ ޕެޓިޝަނެއް އިއްޔެ އެމްޑީޕީގެ 81 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީގެ ސެކެޓޭރިއޭޓަށް ޕެޓިޝަނެއް ހުށަހެޅި ކަމުގައި ވީނަމަވެސް ގައުމީ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެކަމަށާއި، ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ވަކި ގޮތްތަކެއް އެޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައި ވާކަމަށް އެމްޑީޕީގެ އަމީން އާންމު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

އިއްޔެ ނެރުނު މިޕެޓިޝަނުގައި ވަނީ "އަޅުގަނޑުމެން (މިޕެޓިޝަނުގައި ސޮއިކޮށްފައިވާ މެމްބަރުން) އިލްތިމާސްކުރަނީ 25 އެޕްރީލް 2008 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއި، ޗެއަރޕާސަނަކު ހޮވުމުގެ އިންތިހާބުގައި ޕްރޮކްސީ ވޯޓް ނުލެވޭ ގޮތަށް ކަންތައްތައް ހަމަޖައްސަވައި ދެއްވުމަށް، ގައުމީ މަޖިލީހަށް ހުށަހަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އެމަސައްކަތް ކޮށްދެއްވުން އެދެމެވެ." މިހެންނެވެ. އަދި ކުރިން އެމްޑީޕިން ބޭއްވި އިންތިހާބުތަކުގައިވެސް ޕްރޮކްސީ ވޯޓު ބޭނުންކުރުމުން މައްސަލަތައް ޖެހިފައިވާކަމަށާއި، އަދި ޕްރޮކްސީ ވޯޓަކީ އިންތިހާބުގެ ރޫހާ ހިލާފު ކަމެއްކަމަށް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ފާހަގަ ކުރައްވާފައިވާކަމަށްވެސް އެޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

މިމައްސަލާގައި ހާމިދު ވިދާޅުވީ ޕްރޮކްސީ ވޯޓު ދިނުމުގެ ހައްގަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެޕާޓީގެ މެންބަރުންނަށް ލިބިދީފައިވާ ހައްގެއް ކަމަށާއި، އަސާސީ ގަވާއިދުގައިވާ އެއްޗެއް ބަދަލު ކުރެވޭނީ އެމްޑީޕީގެ ކޮންގްރެސްއަށް ކަމަށެވެ. އެހެންނަމަވެސް ޕްރޮކްސީއާ ބެހޭގޮތުން ބައެއް މެމްބަރުންގެ ޝަކުވާއާމެދު މަޝްވަރާކުރުމަށް ރޭގައި އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިކަމަށާއި، އަދި އެކޮމެޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ނިމުނީ ޕްރޮކްސީ ވޯޓަކީ މެމްބަރުންގެ އަސާސީ ހައްގަކަށް ވުމުން އެހާ ހަނި ގޮތަކަށް އެބަދަލުކުރުން މުހިންމު ނޫންކަމަށެވެ.

އެމްޑީޕީ ބަޔާންކުރާ ގޮތުގައި މިފަހަރުގެ އިންތިޚާބަށް 252 ޕްރޮކްސީ ހުށަހަޅާފައިވާއިރު، ސައްހަ ޕްރޮކްސީގެ އަދަދަކީ 238 އެވެ.

ޕްރޮކްސީ ވޯޓްލުމާ ދެކޮޅަށް ނެރުނު މިޕެޓިޝަނާ ބެހޭ ގޮތުން މިނިވަނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިގެން ޕްރޮކްސީ ވޯޓާ މެދު ބަހުސްކުރާނެ ވަގުތެއް މިހާރަކު ނެތްކަމަށާއި، މީގެ ކުރިން ޕްރޮކްސީ ވޯޓު ނުލެވޭނެ ގޮތް ހެދުމަށް އެއްވެސް ފަރާތަކުން ގައުމީ މަޖިލީހަށް ހުށަހަޅާފައިވެސް ނުވާކަމަށެވެ. އަދި އިއްޔެ ނެރުނު މިޕެޓިޝަނުގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ޕްރޮކްސީގެ ދަށުން ނުކުމެފައިނުވާ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޕްރޮކްސީ ވޯޓު ނުލެވޭ ގޮތް ހަދައި ދިނުމަށް އެދި ނެރުނު މިޕެޓިޝަނުގެ އިސް ބައިވެރިއަކު ކަމަށްވާ މުނައްވަރަށް ތާއީދުކުރާ މޫސާ އަންވަރު ބުނީ ޕްރޮކްސީ ވޯޓް ލުމުން މައްސަލަތައް ދިމާވެފައި ވާކަމަށާއި، އަދި އެމައްސަލަތަކާމެދު އެމްޑީޕީގެ އިންތިހާބާބެހޭ ޑިރެކްޓަރ، އައްޑޫ މެންބަރު މުހައްމަދު އަސްލަމްވެސް ވާހަކަ ދައްކާފައި ވާނެކަމަށެވެ. އަދި ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި މިކަމަށް ގޮތެއް ނިންމާނެ ވަގުތު އެބައޮތްކަމަށާއި، ގައުމީ މަޖިލީސް އެއްކުރުމަކީ އުނދަގޫ ކަމެއް ނޫންކަމަށްވެސް އެފަރާތުން ބުންޏެވެ.

އިއްޔެ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމެޓީން ބޭއްވި ނޫސްކޮންފަރެންސެއްގައި މުގައްރިރު މުހައްމަދު ރަޝީދު ވިދާޅުވީ ޕްރޮކްސީއާއި ދޭތެރޭ އެއްވެސް ކެނޑިޑޭޓަކަށް އިންކާރު ކުރުމުގެ ޖާގައެއް ނެތްކަމަށާއި، އެކެންޑިޑޭޓުންވެސް ހިމެނޭ އެމްޑީޕީގެ ކޮންގްރެސްއިން ނިންމާފައިވާ އަސާސީ ގަވާއިދުގައި މެމްބަރުންނަށް ޕްރޮކްސީ ވޯޓްލުމުގެ ހައްގު ލިބިދޭކަމަށެވެ.

އަދި އިންތިޚާބު ކޮމިޓީގެ މެންބަރު ޑރ އިބްރާހިމް ދީދީ (ޑރ ޑީޑީ) ވިދާޅުވީ ޕްރޮކްސީއަކީ އެޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ މެމްބަރުންނަށް ލިބިދޭ ހައްގެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި، އެޕާޓީގެ ކިތަންމެ އިސްމަގާމެއްގައި ހުންނަވާ ބޭފުޅަކު ބޭނުންވި ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ނިންމާފައިވާ އެއްވެސް ކަމަކާއި ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށްވެސް ޑރ ޑީޑީ ވިދާޅުވިއެވެ.

 

5 މައްސަލައިގެން އެއްދުވަހު ކުރިއަށްދާން ލޭޑީ އިބްރާހީމް މަނިކަށް ކުޅަދާނަ ނުވާނެކަމަށް ވަކީލު ބުނެފި

 

އިބްރާހީމް މުޙައްމަދު

ކުރީގެ މަޝްހޫރު ފުލުސް އިންސްޕެކްޓަރ މމޚ.ދަފްތަރު ލޭޑީ އިބްރާހީމް މަނިކުގެ މައްޗަށް ދައުލަތުން ދައުވާކުރާ 5 މައްސަލައައިގެން އެއްދުވަހެއްގައި ކުރިއަށްދާން ކުޅަދާނަ ނުވާނެކަމަށް އޭނާގެ ވަކީލު އަންގާރަދުވަހު ޖިނާއީ ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލިހުގައި ހާމަކޮށްފިއެވެ.

ދައުލަތުން ލޭޑީ އިބްރާހީމް މަނިކުގެ މައްޗަށް ކުރާ 5 ދައުވާއަކީ ބަދުއަހުލާޤީ އަމަލުހިންގި ކަމުގެ 4 ދައުވާއާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ދައުވާއެކެވެ.

ލޭޑީ އިބްރާހީމް މަނިކުގެ ވަކީލު އަޙްމަދު ޝަފީޤު ވިދާޅުވީ މި 5 މައްސަލައިގެން އެއްފަހަރާ ކުރިއަށްދާން ދަތިވާވާހަކަ މިއަދުވެސް އަދި މިމަހު 3 ވަނަ ދުވަހުވެސް ޖިނާއީ ކޯޓަށް އަންގާފައިވާކަމަށެވެ. އަދި ހުރިހާ މައްސަލައެއް އެކިދުވަސް ތަކަކަށް ބަހާލަން ބޭނުންވަނީ މައްސަލަ ދިރާސާ ކުރުމަށް ވަގުތު ހޯދުމުގެ މަޤްސަދުގައި ކަމަށް ޝަފީޤު ވިދާޅުވިއެވެ. މިގޮތުން މައްސަލަ ދިރާސާކުރުމަށް 7 ދުވަސް ދެއްވައި ކޮންމެ މައްސަލައެއް ހަފްތާއެއްގެ ކޮންމެވެސް އެއްދުވަހެއްގައި ބާއްވައިދިނުމަށް ޤާޟީ އަބްދުﷲ ދީދީގެ އަރިހުން ޝަފީޤު އެދިވަޑައިގަތެވެ. އަދި މައްސަލަތައް އެއްދުވަހެއްގައި ބާއްވައިފިނަމަ މި 5 މައްސަލަ ތައާރަޟުވެދާނެކަމަށްވެސް ޝަފީޤު ވިދާޅުވިއެވެ. ޝަފީޤުގެ އެދިލެއްވުމުގެ ދަށުން ޤާޟީވަނީ އަންނަ މަހު 1 ކުން ފަށައިގެން 5 ދައުވާ 5 ދުވަހަށް ބަހާލާފައިވެއެވެ.

ލޭޑީ އިބްރާހީމް މަނިކުގެ މައްޗަށް ކުރެވޭ ފުރަތަމަ ދައުވާއަކީ ކޮރަޕްޝަން މަނާކުރާ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދޫނިދޫ ޖަލުގެ އިސް މީހަކަށް ހުރެ ތަހުޤީޤަށް ބަންދުކުރެވިފައިވާ އަންހެން ކުދިން ދަންވަރު ގޮޅިން ބޭރަށް ނެރެ އެކުދިންނަށް ބޭނުންވަރަކަށް ސިނގިރެޓާއި ދުފުންދީ ބަދުއަހުލާޤީ ވާހަކަ ދައްކާ ހަދާފައިވާކަމަށް ބުނެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ދައުވާއެވެ. އަނެއް 4 ދައުވާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އަސްފާ މޫސާ ދީދީއާއި ކޮންސްޓަބަލް އައިޝަތު ސާދުނާއާއި ކޮންސްޓަބަލް މަރިޔަމް އަރީކާއާއި ކޮންސްޓަބަލް އައިމިނަތު އަމީޒާއާއި ޤަދަކަމުން ބަދުއަހުލަޤީ އަމަލު ހިންގިކަމުގެ ދައުވާތަކެވެ.

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޖަލުގައި ތިބި އަންހެން ކުދިން ތަކަކަށް ނާޖާއީޒު ފައިދާ ނަގައިދިން މައްސަލަ ލޭޑީ އިބްރާހީމް މަނިކުގެ މައްޗަށް ސާބިތުވެއްޖެނަމަ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 މާއްދާއާއި ހަވާލާދީ އެ މާއްދާގެ (ށ)ގެ 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ. އަދި ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގުމުގެ ކުށުގެ 4 ދައުވާގެ ތެރެއިން ދައުވާއެއް ސާބިތުވެއްޖެނަމަ ހެއްކާ ބެހޭ ޤާނޫނުގެ 6 މާއްދާއަށް ރިޢާޔަތްކޮށް ޝާރީޢަތް ކުރުމާއި ބެހޭ ޤަވާއިދު 6ގެ 173 ވަނަ ނަމްބަރުގެ ދަށުން 25 ފަހަރާއި 39 ފަހަރާއި ދެމެދުގެ އަދަދަކުން ތަޢުޒީރުކޮށް 2 އަހަރާއި 5 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.

މި 5 ދައުވާ އޭނާގެ މައްޗަށް ސާބިތުވެ އެންމެ ބޮޑު އަދަބު ދޭނަމަ 23 އަހަރަށް ޖަލަށްލައި 156 އެތި ފަހަރުން ތަޢުޒީރުކުރެވޭނެއެވެ.

ޝިފާއުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ 4 މީހަކު ފުލުހުން ހައްޔަރުކޮށްފި

މިމަހުގެ ކުރީކޮޅު މާލޭގައި ހިންގި މާރާމާރީއެއްގައި ޒަހަމްވެ ކޯމާއެއްގައި ހަފްތާއެއްވަންދެން އޮތުމަށްފަހު މަރުވި ގ. ތަނބުރުގޭ ޝިފާއު އިސްމާއިލްގެ މަރުގެ މައްސަލާގައި މައްސަލައާއި ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ 4 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިގިނލި / ވަސްމީރުމާގެ ޢުމުރުން 24 އަހަރުގެ މުޙައްމަދު ވަސީމާއި ހ. ބުރުނު ޢުމުރުން 20 އަހަރުގެ ހުސައިން ނަހުލާން ޢަބްދުލް ޤައްޔޫމާއި ގ. މަސްއޮޑިގެ ޢުމުރުން 25 އަހަރުގެ އިހުސާނުއްދީން ރަޝީދާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު ޢުމުރުން 18 އަހަރުގެ މުސްތަފާ މޫސާއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު އަނިޔާވި ޝިފާއު މަރުވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މި އޭޕްރިލް މަހުގެ 11 ވަނަ ދުވަހުއެވެ.

އަނެއްކޮޅުން ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މާރާމާރީއެއްގެ 3 މައްސަލައެއްގައި 9 މީހެއްގެ ތަހުގީގު ނިންމުމަށްފަހު ޝަރީއަތަށް ފޮނުވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިމަހުގެ 13 ވަނަ ދުވަހު އދ. މާމިގިލީގައި ހިންގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ 2 މީހެއްގެ މައްސަލައާއި މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު ހއ. ހޯރަފުށީ ބަނދަރު ސަރަޙައްދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ 6 މީހެއްގެ މައްސަލަ އެވެ. މީގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހެންވޭރު ގެއެއްގެ ތެރެއަށް ވަދެ މާރާމާރީ ހިންގި މައްސަލައެކެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ މައްސަލައިގެ ތަހުޤީޤުމަރުހަލާ ނިންމާ އެޓާރނީ ޖެނެރެލްގެ އޮފީހަށް ފޮނުވާފައިވަނީ އިއްޔެއެވެ.

ވަޒީފާގެ ބޯޑުގައި ތިބޭ ފަސް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާގޮތަށް އޮތް މާއްދާ އިސްލާހުކުރަން ފާހެއްނުވި

ހުސައިން ޒަބީރު (ހޒމވ)

 ރައްޔިތުންގެ މަޖިލިސް

އަންގާރަދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާގައި ވަޒީފާގެ ބޯޑުގައި ތިބޭ ފަސްމެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ގޮތަށް އޮތް މާއްދާ ބަދަލުކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ފޭލިކޮށްލައިފިއެވެ.

     ފ އަތޮޅު މެންބަރު އަހްމަދު ހަމްޒާ ހުށަހަޅުއްވާ ތ އަތޮޅު މެންބަރު ހަސަން އަފީފް ތާއީދު ކުރެއްވި މި އިސްލާހަށް ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 32 މެންބަރުންގެ ތެރެއިން 22 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވާ އިރު ވަކިގޮތަކަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ. އެހެންކަމުން މިއިސްލާހު  ފާހެއްނުވިއެވެ.

ހަމްޒާ ހުށަހަޅުއްވާ އަފީފް ތާއީދުކުރެއްވި މި އިސްލާހުގައިވަނީ ބޯޑް އެކުލެވިގެންވަނީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެއް މެންބަރާއި ސިވިލް ސަރވިސްއިން އެއް މެންބަރާއި ދިވެހިރާއްޖޭގެ ޗެމްބަރު އޮފް ކޮމާރސް އިންޑަސްޓްރީން ހުށަހަޅުއްވާ އެއް މެންބަރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން ހުށަހަޅުއްވާ އެއް މެންބަރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ހުށަހަޅާ އެއް މެންބަރެވެ. މިއިސްލާހު ފާސްނުވުމުން ބިލުގެ 57 ވަނަ މާއްދާގައި އޮންނާނީ މިހާރުވެސް އޮތް ގޮތަށެވެ. އެއީ "ބޯޑު އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެމްބަރުންގެ މައްޗަށެވެ" މިހެންނެވެ.

ވަޒީފާ ބިލަށް ހުށަހެޅި ތާއީދު ލިބިފައިވާ 46 ހުށަހެޅުމުގެ ތެރެއިން މިއަދު ޖަލްސާގައި 34 އިސްލާހަށް ވޯޓަށް އެއްސެވިއެވެ. މިގޮތުން މިއަދު ފާސްވެފައިވަނީ މުޅިއެކު 7 އިސްލާހެވެ.

 

މިއަދު ފާސްކުރު އިސްލާހްތައް

     ގދ މެންބަރު އައްބާސް އިބްރާހިމް ހުށަހަޅުއްވާ ދ އަތޮޅު މެންބަރު އަބްދުލް ޣަފޫރު އިބްރާހިމް ތާއީދުކޮށްފައިވާ  ބިލުގެ ދެވަނަ މާއްދާކަމަށްވާ "ހިންގޭނެ ދާއިރާ"ގެ (ހ)ގެ އިސްލާހުގައިވަނީ "އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް މިޤާނޫނު ހިންގޭނެއެވެ" މިހެންނެވެ. ކުރިން މިމާއްދާގައި އޮންނަނީ "ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ" ވާހަކައެވެ.

އައްޑު އަތޮޅު މެންބަރު މުހަންމަދު އަސްލަމް ހުށަހަޅުއްވާ ގދ މެންބަރު އައްބާސް އިބްރާހިމް ތާއީދު ކުރައްވާފައިވާ ހަމަ އެމާއްދާގެ (ނ)ގެ އިސްލާހުގައި ވަނީ "ވަޒީފާ އަދާކުރާފަރާތަށް މިޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަކަމަކަށް އުނިކަމެއް ލިބޭގޮތަށް ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި، އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެމާއްދާއެއްވާނީ، ބާޠިލު މާއްދާއަކަށެވެ" މިހެންނެވެ.

     އައްޑު އަތޮޅު މެންބަރު މުހަންމަދު އަސްލަމް ހުށަހަޅުއްވާ ލ އަތޮޅު މެންބަރު މޫސާ މަނިކު ތާއީދު ކުރައްވާފައިވާ ބިލުގެ ފަސްވަނަ މާއްދާކަމަށްވާ "އަސާސީ އުސޫލުތަކާއި ހިލާފުވުން"ގެ (ށ) ގެ އިސްލާހުގައި ވަނީ "މިބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން ލިބިދޭ ޙައްޤަކާގުޅޭގޮތުން ޓްރައިބިއުނަލަށް ހުށަހެޅޭ ޝަކުވާތައް، ޓްރައިބިއުނަލުން އަވަސް ގޮތެއްގައި ބަލަންވާނެއެވެ. މިގޮތުން ޝަކުވާކުރާ ފަރާތާއި ޝަކުވާ ރައްދުވާ ފަރާތުގެ ވާހަކަތައް ހުށަހެޅުމަށާއި އެއަށް ޖަވާބުދިނުމަށް އެކަށީގެންވާ ފުރުޞަތު ދޭންވާނެއެވެ" މިހެންމެވެ.

ފ އަތޮޅު މެންބަރު އަހްމަދު ހަމްޒާ ހުށަހަޅުއްވާ ގއ މެންބަރު އަބްދުﷲ ޖާބިރު ތާއީދު ކުރައްވާފައިވާ ބިލުގެ 14 ވަނަ މާއްދާކަމަށްވާ "ވަގުތީ މުއްދަތު (ޕްރޮބޭޝަން)"ގެ އިސްލާހުގައި ވަނީ "ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. އަދި އެމުއްދަތުގައި އެއެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާޠިލުކުރެވިދާނެއެވެ" މިހެންނެވެ. މި މާއްދާގައި ކުރިން އޮންނަނީ ތިންމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް މިފަދަ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެކަމަށެވެ.

     ލ އަތޮޅު މެންބަރު މޫސާ މަނިކު ހުށަހަޅުއްވާ ދ އަތޮޅު މެންބަރު އަހްމަދު ނާޝިދު ތާއީދު ކުރައްވާފައިވާ ބިލުގެ 26 ވަނަ މާއްދާ ކަމަށްވާ "ވަޒީފާ ދޫކޮށްލުން" (ހ)ގެ އިސްލާހުގައި ވަނީ "ވަޒީފާދޭ ފަރާތުން މިޤާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރާނަމަ ވަޒީފާއާދާކުރާ ފަރާތުން ވަޒީފާދިން ފަރާތަށް އެކަން ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން ދޭ ނޯޓިސްގައި އެފަދަ ކަންކަން ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި އެދިފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުނުކޮށްފިނަމަ، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިވުމުން ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ވަކިވުމުގެ ފުރުސަތު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ" މިހެންނެވެ. މި މާއްދާގައި ކުރިން އޮންނަނީ "ދާއިމީ ވަޒީފާއެއް ދެމިއޮންނަ މުއްދަތު ގުނަން ފެށޭނީ، ވަޒީފާގެ މަސައްކަތް އަދާކުރަން މުވައްޒަފަކު ފަށާ ދުވަސް ހިމަނައިގެންނެވެ. އަދި އެވަޒީފާއިން ވަކިވާ، ނުވަތަ ވަކިކުރެވޭ ދުވަސް ހިމެނޭ ގޮތަށް، އެ ވަޒީފާގެ މުއްދަތު ދެމި އޮންނާނެއެވެ" މިހެންނެވެ.

     މ އަތޮޅު މެންބަރު އަނީސާ އަހްމަދު ހުށަހަޅުއްވާ ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހަންމަދު ސަލީމް ތާއީދު ކުރައްވާފައިވާ ބިލުގެ 33 ވަނަ މާއްދާކަމަށްވާ "ދުވާލަކު ޢާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް ކަނޑައެޅުން"ގެ އިސްލަހުގައި ވަނީ "އާންމުކޮށް ދުވާލަކު އެންމެ ގިނައިން މަސައްކަތްކުރެވޭނެ ގަޑިތައް ކަނޑައަޅާ ގަވާއިދެއް ހެދުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ" މިހެންނެވެ.

އައްޑު އަތޮޅު މެންބަރު މުހަންމަދު އަސްލަމް ހުށަހަޅުއްވާ ގއ މެންބަރު އަބްދުﷲ ޖާބިރު ތާއީދު ކުރައްވާފައިވާ ބިލުގެ 57 ވަނަ މާއްދާކަމަށްވާ "ބޯޑު އެކުލެވިގެންވާ ގޮތް" މީގެ (ށ)ގެ އިސްލާހުގައިވަނީ "ބޯޑުގެ މެންބަރުކަމަށް ޢައްޔަންކުރަންވާނީ، ބޯޑުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި މީހުންނެވެ" މިހެންނެވެ. މި ހުށަހެޅުމުގައި ކުރިން އޮތީ "ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރަންވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތާއި ވަޖިބުތައް އަދާކުރެވޭފަދަ ލަޔާޤަތާއި ޤާބިލުކަން ހުރި މީހުންނެވެ" މިހެންނެވެ.

މިއަދުގެ ޖަލްސާގައި، މިބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާ ކުރިއަށް ގެންދެވުމުގެ ކުރިން، ކޮޅުމަޑުލު މެންބަރު މުޙަންމަދު ޝަރީފް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙަންމަދު މައުރޫފް ޖަމީލ ކުރައްވާ ސުވާލުކުރެއްވުން އޮތެވެ. މިސުވާލަށް ވަޒީރު ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލު ކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި، 9 މެންބަރަކު 11 ސުވާލު ކުރެއްވިއެވެ.

     ހުސްވަގުތުކޮޅުގެ ކުރިން، 38 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 37 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަޙްމަދު ޒާހިރެވެ.

ގަލްފް ކްރާފްޓުގެ ޔާޑުން، އަކުވާސަންގެ ޔޮޓު ނެރެދިނުމުގެ މައްސަލަ

 ގަލްފް ކްރާފްޓުން ޔޮޓު ނުނެރިވިގެން އުޅެނީ ފުލުހުން ގަވައިދެއް އިސްލާހުކުރާތީ ކަމަށް ބުނެފި

 

މުހައްމަދު އަޝްރަފް

އަކުވާ ސަން ޕްރައިވެޓް ލިމިޓެޑްގެ ޔޮޓެއް ކަމުގައިވާ "ޑްރީމް ވޮޔެޖަރ" ގަލްފް ކުރާފްޓުން ބާލައި، އަކުއާސަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް މަދަނީ ކޯޓުން ނެރިފައިވާ އަމުރު ފުލުހުންނަށް ތަންފީޒް ނުކުރެވިގެން އުޅެނީ ގަވައިދެއް ހަދާތީ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އަކުވާސަންގެ ވަކީލު ވިދާޅުވެއްޖެއެވެ.

މިމައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވަނިކޮށް ދައުވާ ކުރާ ފަރާތަށް އިތުރު ސުވާލުތަކެއް ކުރުމަށް މިއަދު މަދަނީ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަކުވާސަންގެ ވަކީލު ވިދާޅުވީ ގަލްފް ކުރާފްޓަށް އެހެލާފައިވާ އަކުވާސަންގެ ޔޮޓް އަދިވެސް ބާލައިދީފައިނުވާ ކަމަށެވެ. އަދި ޔޮޓް ބާލައިދިނުމަށް ކޯޓު އަމުރެއް ނެރިފައިވީނަމަވެސް ޔޮޓް ނުބޭލިގެން އުޅެނީ ފުލުހުން ގަވައިދެއް ހަދާތީ ކަމަށް މިކަމާ ގުޅިގެން ފުލުސް އޮފީހަށް ސިޓީއެއް ފޮނުއްވުމުން ޖަވާބުދީފައިވާ ކަމަށެވެ.

އަކުވާ ސަނުން ބުނަމުންދަނީ "ޑްރީމް ވޮޔެޖަރ" އެހެލުމަށް ގަލްފު ކުރާފްޓުން އެއްބަސްވެ އުޅަނދު އެހެލުމަށްފަހު އެއުޅަނދު މަރާމާތުކޮށް ނިމެމުން ދަނިކޮށް އެކުންފުނިން ދެއްވި ކޯޓޭޝަނާ ޚިލާފަށް މާބޮޑު އިންވޮއިސްއެއް ފޮނުވައި ދެފަރާތުގެ ދެމެދުގައި 06 ޑިސެމްބަރ 2006ގައި އެއްބަސްވުމުގެ ދަށުން ގަލްފް ކްރާފްޓުން ފޮނުވި ކޯޓޭޝަނަށް ނޫންގޮތަކަށް ފައިސާ ނުދެއްކޭނެކަމަށް އަކުވާ ސަނުން ބުނުމުން ޔޮޓްބަލާނުދީ ހިފަހައްޓާފައި އޮތް އޮތުމަކީ އަކުއާސަންގެ ހައްގަށް އަރައިގަތުން ކަމަށެވެ.

ގާޒީ ވިދާޅުވީ ޔޮޓް ބޭލުމުގެ ކަންތައް އޮތީ ކިހިނެއްތޯ ބެލުމަށް ކޯޓުންވެސް ފުލުސް އޮފީހަށް ދެ ފަހަރު ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. ފުރަތަމަ ފޮނުވި ސިޓީގެ ޖަވާބުގައި ފުލުސް އޮފީހުން ބުނެފައިވަނީ ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައަށް ގޮތެއް ނުނިމޭތީ ޔޮޓް ނުބޭލިގެން އުޅެނީ ކަމަށާއި ނަމަވެސް ފަހުން މަދަނީ ކޯޓުން ފޮނުވި ސިޓީއަށް ފުލުހުސް އޮފީހުން ޖަވާބެއް ލިބިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަކުވާ ސަންގެ ވަކީލު ވިދާޅުވީ ފުލުހުން ގަވައިދެއް އިސްލާހުކުރާތީ ޔޮޓް ނުބޭލިގެން އުޅޭ ވާހަކައަކީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އަމަލު ކުރުވޭ އުސޫލުތަކެއްވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އިތުރު ޝަރީއަތުގެ އަޑުއެހުމެއް ބޭއްވީ ޝަރީއަތުން އަކުވާ ސަނާ ބައެއް ސުވާލު ކޮށްލަން ބޭނުންވާތީ ކަމަށެވެ. އެގޮތުން ގާޒީ އަކުވާ ސަނާ ސުވާލުކުރެއްވީ އަކުވާ ސަންގެ ޔޮޓު އެހަލާ ބާލައި ދިނުމަށް ގަލްފް ކުރާފްޓުން ފޮނުވި 1082 ނަންބަރު ކޯޓޭޝަނުގައިވާ ފައިސާގެ ތަފްސީލެއް ޝަރީއަތައް ހުށަހަޅުއްވާފައިނުވާތީ އެފައިސާގެ ތަފްސީލަކީ ކޮބާތޯ އާއި ގަލްފް ކުރާފްޓުން އަކުވާސަންގެ ޔޮޓް ބާލައިނުދީ ހިފަހައްޓާ ހިފެހެއްޓުމަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އަކުވާ ސަނުން އެދިފައިވާ ކަމަށާއި ނަމަވެސް އެގެއްލުމުގެ ތަފްސީލު ހުށަހަޅުއްވާފައިނުވާ ކަމަށެވެ.  

އަކުވާ ސަންގެ ވަކީލު ވިދާޅުވީ މާދަމާވެސް މިމައުލޫމާތު އެރުވިދާނެ ކަމަށެވެ. މިމައްސަލަ މިއަދު ނިންމާލެއްވީ އަކުވާ ސަނަން މިމައުލޫމާތު ހުށަހެޅުއްވުމަށް ފުރުސަތެއް ދެއްވުމަށް ފަހުގައެވެ.  

މިއުޅަނދު އެހެލާ ބާލައި ދިނުމަށް ގަލްފް ކްރާފްޓްގެ ފަރާތުން 06 ޑިސެމްބަރ 2006 ދުވަހު ދީފައިވާ ކޯޓޭޝަންގައި ވާގޮތުގެ މަތިން ގަލްފް ކްރާފްޓަށް ދައްކަންޖެހޭ ކަމަށް އަކުއާސަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގަބޫލު ކޮށްފައިވަނީ 43910.50 US$ (ސާޅީސް ތިންހާސް ނުވަސަތޭކަ ދިހަ ޑޮލަރ ފަންސާސް ސެންޓް) އެވެ. މިފައިސާ 5 ދުވަހުގެ ތެރޭގައި ދެއްކުމުން މިޔޮޓް ބާލައި، އަކުއާސަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ ކޯޓު އަމުރެއްވެސް ނެރިފައިވެއެވެ.

އަނެއްކޮޅުން ގަލްފް ކުރާފްޓުންވަނީ ކޯޓު އަމުރުގެ މައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ހައިކޯޓުން މިމައްސަލާގައި އަދި ގޮތެއް ނިންމަވާފައެއް ނުވެއެވެ.