Tuesday, 22 April 2008

ޕްރޮކްސީގެ މައްސަލާގައި ޕެޓިޝަނެއް ނެރުނުކަމުގައި ވީނަމަވެސް ގައުމީ މަޖިލިސް އެއްނުކުރެވޭނެ ކަމަށް އެމްޑީޕީގެ އަމީން އާންމު ވިދާޅުވެއްޖެ

އިސްމާއިލް

މިމަހު 25 ގައި އެމްޑީޕީން ބާއްވާ އެޕާޓީގެ ތަމްހީދީ އިންތިހާބާއި، ޗެއަރޕާސަންގެ އިންތިހާބުގައި އެއްމެމްބަރެއްގެ ބަދަލުގައި އެހެންމެބަރަކަށް (ޕްރޮކްސީ) ވޯޓް ނުލެވޭ ގޮތަކަށް ހަދައިދިނުމަށްޓަކައި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާ ޕެޓިޝަނެއް އިއްޔެ އެމްޑީޕީގެ 81 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީގެ ސެކެޓޭރިއޭޓަށް ޕެޓިޝަނެއް ހުށަހެޅި ކަމުގައި ވީނަމަވެސް ގައުމީ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެކަމަށާއި، ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ވަކި ގޮތްތަކެއް އެޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައި ވާކަމަށް އެމްޑީޕީގެ އަމީން އާންމު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

އިއްޔެ ނެރުނު މިޕެޓިޝަނުގައި ވަނީ "އަޅުގަނޑުމެން (މިޕެޓިޝަނުގައި ސޮއިކޮށްފައިވާ މެމްބަރުން) އިލްތިމާސްކުރަނީ 25 އެޕްރީލް 2008 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއި، ޗެއަރޕާސަނަކު ހޮވުމުގެ އިންތިހާބުގައި ޕްރޮކްސީ ވޯޓް ނުލެވޭ ގޮތަށް ކަންތައްތައް ހަމަޖައްސަވައި ދެއްވުމަށް، ގައުމީ މަޖިލީހަށް ހުށަހަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އެމަސައްކަތް ކޮށްދެއްވުން އެދެމެވެ." މިހެންނެވެ. އަދި ކުރިން އެމްޑީޕިން ބޭއްވި އިންތިހާބުތަކުގައިވެސް ޕްރޮކްސީ ވޯޓު ބޭނުންކުރުމުން މައްސަލަތައް ޖެހިފައިވާކަމަށާއި، އަދި ޕްރޮކްސީ ވޯޓަކީ އިންތިހާބުގެ ރޫހާ ހިލާފު ކަމެއްކަމަށް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ފާހަގަ ކުރައްވާފައިވާކަމަށްވެސް އެޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

މިމައްސަލާގައި ހާމިދު ވިދާޅުވީ ޕްރޮކްސީ ވޯޓު ދިނުމުގެ ހައްގަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެޕާޓީގެ މެންބަރުންނަށް ލިބިދީފައިވާ ހައްގެއް ކަމަށާއި، އަސާސީ ގަވާއިދުގައިވާ އެއްޗެއް ބަދަލު ކުރެވޭނީ އެމްޑީޕީގެ ކޮންގްރެސްއަށް ކަމަށެވެ. އެހެންނަމަވެސް ޕްރޮކްސީއާ ބެހޭގޮތުން ބައެއް މެމްބަރުންގެ ޝަކުވާއާމެދު މަޝްވަރާކުރުމަށް ރޭގައި އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިކަމަށާއި، އަދި އެކޮމެޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ނިމުނީ ޕްރޮކްސީ ވޯޓަކީ މެމްބަރުންގެ އަސާސީ ހައްގަކަށް ވުމުން އެހާ ހަނި ގޮތަކަށް އެބަދަލުކުރުން މުހިންމު ނޫންކަމަށެވެ.

އެމްޑީޕީ ބަޔާންކުރާ ގޮތުގައި މިފަހަރުގެ އިންތިޚާބަށް 252 ޕްރޮކްސީ ހުށަހަޅާފައިވާއިރު، ސައްހަ ޕްރޮކްސީގެ އަދަދަކީ 238 އެވެ.

ޕްރޮކްސީ ވޯޓްލުމާ ދެކޮޅަށް ނެރުނު މިޕެޓިޝަނާ ބެހޭ ގޮތުން މިނިވަނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިގެން ޕްރޮކްސީ ވޯޓާ މެދު ބަހުސްކުރާނެ ވަގުތެއް މިހާރަކު ނެތްކަމަށާއި، މީގެ ކުރިން ޕްރޮކްސީ ވޯޓު ނުލެވޭނެ ގޮތް ހެދުމަށް އެއްވެސް ފަރާތަކުން ގައުމީ މަޖިލީހަށް ހުށަހަޅާފައިވެސް ނުވާކަމަށެވެ. އަދި އިއްޔެ ނެރުނު މިޕެޓިޝަނުގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ޕްރޮކްސީގެ ދަށުން ނުކުމެފައިނުވާ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޕްރޮކްސީ ވޯޓު ނުލެވޭ ގޮތް ހަދައި ދިނުމަށް އެދި ނެރުނު މިޕެޓިޝަނުގެ އިސް ބައިވެރިއަކު ކަމަށްވާ މުނައްވަރަށް ތާއީދުކުރާ މޫސާ އަންވަރު ބުނީ ޕްރޮކްސީ ވޯޓް ލުމުން މައްސަލަތައް ދިމާވެފައި ވާކަމަށާއި، އަދި އެމައްސަލަތަކާމެދު އެމްޑީޕީގެ އިންތިހާބާބެހޭ ޑިރެކްޓަރ، އައްޑޫ މެންބަރު މުހައްމަދު އަސްލަމްވެސް ވާހަކަ ދައްކާފައި ވާނެކަމަށެވެ. އަދި ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި މިކަމަށް ގޮތެއް ނިންމާނެ ވަގުތު އެބައޮތްކަމަށާއި، ގައުމީ މަޖިލީސް އެއްކުރުމަކީ އުނދަގޫ ކަމެއް ނޫންކަމަށްވެސް އެފަރާތުން ބުންޏެވެ.

އިއްޔެ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމެޓީން ބޭއްވި ނޫސްކޮންފަރެންސެއްގައި މުގައްރިރު މުހައްމަދު ރަޝީދު ވިދާޅުވީ ޕްރޮކްސީއާއި ދޭތެރޭ އެއްވެސް ކެނޑިޑޭޓަކަށް އިންކާރު ކުރުމުގެ ޖާގައެއް ނެތްކަމަށާއި، އެކެންޑިޑޭޓުންވެސް ހިމެނޭ އެމްޑީޕީގެ ކޮންގްރެސްއިން ނިންމާފައިވާ އަސާސީ ގަވާއިދުގައި މެމްބަރުންނަށް ޕްރޮކްސީ ވޯޓްލުމުގެ ހައްގު ލިބިދޭކަމަށެވެ.

އަދި އިންތިޚާބު ކޮމިޓީގެ މެންބަރު ޑރ އިބްރާހިމް ދީދީ (ޑރ ޑީޑީ) ވިދާޅުވީ ޕްރޮކްސީއަކީ އެޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ މެމްބަރުންނަށް ލިބިދޭ ހައްގެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި، އެޕާޓީގެ ކިތަންމެ އިސްމަގާމެއްގައި ހުންނަވާ ބޭފުޅަކު ބޭނުންވި ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ނިންމާފައިވާ އެއްވެސް ކަމަކާއި ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށްވެސް ޑރ ޑީޑީ ވިދާޅުވިއެވެ.

 

No comments: