(ތިރީގައި މިވަނީ 20 އޭޕްރިލް 2008 ވަނަ ދުވަހު އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 268 ވަނަ ޖަލްސާގައި ބައެއް މެމްބަރުން ދެއްކެވި ވާހަކައެވެ. މި ވާހަކަތައް ނަގާފައިވަނީ އެ މަޖިލީހުގެ ޔައުމިއްޔާއިންނެވެ.)
(21 ވަނަ ދުވަހުގެ މިނިވަން ނޫހާ ގުޅޭ)
ނިޒާމާބެހޭ ނުކުތާ: ކޮޅުމަޑުލު މެންބަރު ޙުސައިން ރަޝީދު ޙަސަން ވާހަކަދެއްކެވުން:
`އާދެ، އަޅުގަނޑު އެއްޗެއް ދަންނަވަން ބޭނުންވަނީ މިދިޔަ ބަންދުތެރޭގައި، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ނުރަސްމީ ބައްދަލުވުމެއްގެ ސިފާގައި ނަމަވެސް މިކަމަށް އިޞްލާޙު ހުށަހަޅުއްވާފައި އޮތް މެންބަރުން ބައްދަލުކުރެއްވުމަށްފަހު، އޭގެ ނަތީޖާއެއްގެ ގޮތުން މުލަކަތޮޅު ޢިއްޒަތްތެރި މެންބަރު އަނީސާ އަޙްމަދު އޭނަ ހުށަހަޅުއްވާފައިވާ 32 ވަނަ ހުށަހެޅުމަށް ގެންނެވި ބަދަލާބެހޭގޮތުން އެއްޗެއް ދަންނަވާލަން. އާދެ، އަނީސާ އަޙްމަދު ހުށަހެޅުއްވި 32 ވަނަ އިޞްލާޙު ހުށަހެޅުއްވުން. އޭގައި ކުރިން އޮތްގޮތާ ޚިލާފަށް މިހާރު ބަދަލުތަކެއް ގެންނަވާފައި އެބަހުރި. ނަމަވެސް ގެންނެވި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑު ކަންބޮޑުވާ ކަންތައްތަކެއް އެބަކުރިމަތިވޭ. އެވާހަކަ ދަންނަވާލުމަށް މިފުރުޞަތުގެ ބޭނުން ތިޔަ ޢިއްޒަތްތެރި މެންބަރުންނާ މަޖިލީހުގެ ރައީސްގެ އިޒުނައާއެކު ދަންނަވާލަން، ވަރަށް ކުރުކޮށް އަޅުގަނޑު ދަންނަވާލާނަން. އާދެ، ފުރަތަމަ އަޅުގަނޑު އެއްޗެއް ދަންނަވަން ބޭނުންވަނީ އެމާއްދާގެ (ށ) އާބެހޭގޮތުން. މީގައި މިބުނަނީ، މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް އެމީހަކު މަޤާމާއި ޙަވާލުވަންދެން މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ ވަޒީރުންގެ މަޖިލިސް ދެމިއޮންނާނެއޭ. މީގައި މިފާހަގަކުރަން މިޖެހެނީ އިންތިޚާބު ބާއްވާ، ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކޮށް އޭނަ މަޤާމާއި ޙަވާލުވަންދެން މިހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލިސް ދެމިއޮންނަކަން. އޭގެ މާނައަކީ ޤާނޫނުއަސާސީ އިޞްލާޙުކޮށް ނޫނިއްޔާ އެއަށް ޢަމަލުކުރަން ފެށުމާއެއްކޮށް ވަޒީރުންގެ މަޖިލިސް ބަދަލުކުރަން ނުޖެހޭކަން މިއޮތްގޮތުން. އެއީ ދެމިއޮންނަންޏާ. ދެން އޭގެއިތުރަށް މިއޮންނަނީ މިމުއްދަތުގެ ތެރޭގައިވެސް ވަޒީރުންގެ މަޖިލީހަށް އިތުރު ބަދަލު ގެނެވިދާނޭ. ތިބޭފުޅުންގެ ސަމާލުކަމަށް އަޅުގަނޑު މިވާހަކަ ދަންނަވާލާފައި (ނ) ގައި އޮތް އެއްޗެއް އަޅުގަނޑު ދަންނަވާލާނަން. (ނ) ގައި މިބުނަނީ، މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރުގައި މިޤާނޫނުއަސާސީގެ .... ވަނަ މާއްދާ، އެއީ ވަޒީރުންގެ މަޖިލީހުގެ ބާބުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނޭ. މިހާރު މީގައި މިވާގޮތަކީ މިޤާނޫނުއަސާސީގެދަށުން ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު، މިހާރު މިއުޅެނީ މިޤާނޫނުއަސާސީ ފަށާއިރުގައި، ޢަމަލުކުރަން ފަށާއިރުގައި އޮންނަ ވަޒީރުންގެ މަޖިލީހުގެ ވާހަކައެއްނޫން މިދައްކަނީ. މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށްފަހު ރިޔާސީ އިންތިޚާބެއް ބާއްވައި ޢައްޔަންކުރާ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ވާހަކަ މިދައްކަނީ. އެ ވަޒީރުންގެ މަޖިލީހުގައި މިހުންނަންޖެހެނީ ވަޒީރުންގެ މަޖިލީހުގެ ބާބުގެ 2 ވަނަ މާއްދާގެ (ހ) ގައި ހުންނަ ސިފަތައް. އަޅުގަނޑު ދަންނަވާނަން 2 ވަނަ މާއްދާގެ (ހ) ގައި އޮތީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށްވެވޭނީ އަންނަނިވި ޝަރުޠުުތައް ފުރިހަމަވާ މީހުންނަށް ވެގެންނޭ. 1- ދިވެހި ރައްޔިތަކަށްވުން، 2- ބޭރުޤައުމެއްގެ ރައްޔިތަކަށްވުން، 3- އުމުރުން 25 އަހަރު ފުރިފައިވުން. 4- މުސްލިމަކުކަމުގައިވުމާއި ސުންނަތް ޖަމާޢަތުގެ މީހެއްކަމުގައިވުން. އެހެންވީމަ، މިއީ ދަންނަވަން މިއުޅޭ އެއްޗަކީ އަޅުގަނޑުމެންނަށް ހީވަނީތޯއޭ ދިވެހިރާއްޖޭގައި ފުރަތަމަ މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެއްކޮށް ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު، މިދެންނެވީ، މި ސިފަތައް ހަމަވާ ބަޔަކު ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރުން ނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހަކު އުޅެފާނެކަމަށް. މިޤާނޫނުއަސާސީ އޮތް އެއްޗެއް، މިބާބުގައި އެހެން އިސްތިސްނާއެއް ނެތް ޙާލަތެއްގައި މިވާހަކަ ބުނުމުގެ ބޭނުމަކީ ޙަޤީޤަތުގައި ޓްރިޒަވެއް ފާހަގަކުރުން. ތެދެއް އެއީ ތެދެކޭ ބުނުންކަހަލަ ކަމެއް އެއީ. އެހެންވީމަ، މިވާހަކަ މިތާ ގެންނާކަށް ނުޖެހޭ. ސަބަބަކީ މިތާ އޮތަސް ނެތަސް މިޤާނޫނުއަސާސީގައި އޮތްގޮތަށް ޢަމަލުކުރާހިނދު، ވަޒީރުންގެ މަޖިލީހުގެ މީހަކަށް އާދެވޭނީ މިޤާނޫނުއަސާސީއަށް ޢަމަލުކުރުމަށްފަހު މިސިފަތައް ހަމަވާ މީހުންނަށް އާދެ، ކުރުކޮށް މިދަންނަވަނީ. ދެން އަޅުގަނޑު މިފާހަގަކުރަނީ (ރ)، މިމާއްދާގެ (ނ) ގައިވާގޮތުގެ މަތީން އެންމެ ފުރަތަމަ ވަޒީރުންގެ މަޖިލިސް ޢައްޔަންކުރުމުގައި މިޤާނޫނުއަސާސީގެ ..... ވަނަ މާއްދާ، ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) އިން އިސްތިސްނާވާނެއޭ. މިހާރު މިވާގޮތް ދެން ބައްލަވާ އިނގޭތޯ. މިހާރު މިވާގޮތަކީ ފުރަތަމަ މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާ، (ނ) ގައި އޮތީ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާާބުކުރުމަށްފަހު އޭނަ ޢައްޔަންކުރާ ވަޒީރުން މަޖިލީހުގެ ވާހަކަ. މިހާރު މިއޮތް ވަޒީރުންގެ މަޖިލީހުގެ ވާހަކައެއްނޫން މިދައްކަނީކީ. އޭނަ ޢައްޔަންކުރާ ވަޒީރުންގެ މަޖިލިސް މި އިސްތިސްނާވަނީ ކޯއްޗަކުންތޯ. އިސްތިސްނާވަނީ މަޖިލީހަށް ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޤަސްދުުކުރާ މީހުންގެ ނަންތައް މަޖިލީހަށް ހުށަހަޅާ، އެމީހުން ރުހުން ލިބެންޖެހޭކަމަށް. މަޖިލީހުން ކޮންފޮމޭޝަން، މަޖިލީހުގެ ރެޓިފިކޭޝަން ހޯދުމުގެ ޕްރޮސެސްއިން ދިވެހިރާއްޖޭގައި ޤާނޫނުއަސާސީ އިންތިޚާބު ކޮށްފައި، ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކޮށްފައި އޭނަ ޢައްޔަންކުރާ ފުރަތަމަ ވަޒީރުންގެ މަޖިލިސް އެބަޖެހެޔޭ ޤާނޫނުއަސާސީން މިބުނާ ރެޓިފިކޭޝަން، މަޖިލީހުގެ ރުހުން އޮތްތޯ ބަލާ ބެލުމުން އިސްތިސްނާކުރަން. އެވާހަކަ މިދައްކަނީ. ކުރިން އޮތް ހުށަހެޅުމާ ކަނޑައެޅިގެން ތަފާތު ހުށަހެޅުމެއް ގެންނަވާފައި މިއޮތީ. މިއީކީ އަޅުގަނޑަށް ޔަޤީން ތިބޭފުޅުން އަކުރުން އަކުރަށް ދިރާސާކުރައްވައިފިއްޔާ މިއީ ހަމަ އޮޅުމެއް. ހަމަ އޮޅުމެއް. ކުރީގައި އޮތް އިސްތިސްނާއެއް ނޫން މިގެނެސް މިއޮތީކީ. އެއަށް ބަދަލެއް އައިސް މިއޮތީ. ވަރަށް ބޮޑަށް ބަދަލުވެފައި މިއޮތީ. މުޅިން އެހެން ގޮތަކަށް. އެއީ އަޅުގަނޑުމެންގެ މަޤްޞަދެއްނޫން އެއީކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިވަން މުސްތަޤިއްލު އިންތިޚާބެއް.. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލިސް މިޤާނޫނުއަސާސީގައި މިބުނާ މަޖިލިސްގެ ރުހުން ހޯދަންޖެހޭކަމުން އިސްތިސްނާ ހޯދުމަކީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ނިޒާމާބެހޭ ނުކުތާ: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ވާހަކަދެއްކެވުން:
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވާލާނަން. މިހާރު ހުށަހެޅިފައި މިއޮތް ހުށަހެޅުން 32 އެ އިޞްލާޙުކުރެވިފައި އޮތް ހުށަހެޅުން، އެ އައިސްފައި މިވަނީ އަޅުގަނޑު ދެކޭގޮތުގައި ވެއްޖިއްޔާ ނަތީޖާއަކީ ނުވަތަ ނަތީޖާއެއް ގެންނަން ހުށަހެޅިފައި މިވަނީ، ނުރަސްމީ ބައްދަލުވުމުގައި ދެކެވުނު ވާހަކައަކާއި ގުޅިގެން. އެހެންނަމަވެސް، މިހުށަހެޅުމުގެ (ނ) ގައި މިވާ ކަންތައްތަކަކީ މުޅިން އެ ނުރަސްމީ ބައްދަލުވުމުގައި އެކަމާބެހޭގޮތުން ވާހަކަފުޅު ދެއްކެވި ނުވަތަ އިޢުތިރާޟްކުރެއްވި ބައެއް ބޭފުޅުން ދެއްކެވި ކަންތަކާއި މުޅިން އެއްގޮތަކަށް ނޫނޭ. އޭގައި އަޅުގަނޑުވެސް އެދޭގޮތަކީ މިހާރު މިހުށަހެޅުމުގައި އޮތް (ނ) ބަދަލުކޮށްދެއްވުމަށް. އެއީ ވަޒީރުން މަޖިލީހުގެ މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ނުހިމެނޭގޮތަށް އެ ވަޒީރުންގެ މަޖިލިސް އެކުލެވޭގޮތަށް އެކަން ބަދަލުކޮށްދެއްވުމަށް. ދެން އަޅުގަނޑަށް ވިސްނިފައި އޮތްގޮތުންވެއްޖިއްޔާ އެގޮތަށް ބަދަލުކޮށްދެއްވާނެ. އެހެންވީމާ، އެފުރުޞަތު ދެއްވާނެކަމަށް ވަންޏާ އަޅުގަނޑަށް ހީވަނީ މިހުށަހެޅުމަށް އިތުރު ކުރިއެރުން ނުވަތަ ރަނގަޅު ގޮތެއް ބަދަލުވެދާނެހެން. އެވާހަކަ ދަންނަވާލަންވެގެން ޝުކުރިއްޔާ.
ނިޒާމާބެހޭ ނުކުތާ: ހުވަދުއަތޮޅު އުތުރުބުރީ މެންބަރު ޢަބްދުﷲ ޖާބިރު ވާހަކަދެއްކެވުން:
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ހިތަށްއަރަނީ ހަމަ އަޅުގަނޑުމެން އެބަޖެހެއޭ ގޮތެއް ހޯދަން މި މައްސަލާގައި. މިހާރު ދެން އަނީސާ، މ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އާ ވާހަކަފުޅެއް ދައްކަވާނެކަމަށް ދެންމެ ރިޔާސަތުން ވިދާޅުވެއްޖެ މިހުށަހެޅުމާއި ގުޅިގެން. އަޅުގަނޑަށް ވިސްނޭގޮތުގައި ވެއްޖިއްޔާމު މިހާރު މިރާއްޖޭގައި މިތިއްބެވި ހުރިހާ ވަޒީރު ބޭފުޅުންނަކީވެސް ވަރަށް ޚިދުމަތްތެރި ވަރަށް މުރާލި ވަރަށް ވިސްނުންތޫނު ވަރަށް ޙިކުމަތްތެރި، ވަރަށް ހިންގުންތެރި ބޭފުޅުން. އެބޭފުޅުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އަދި އެންޑޯޒް ކުރަންވިޔަސް އެއީކީ މައްސަލައެއް ނޫން، އެކަންވެސް ކުރެވޭނެ. އެހެންވީމާ، ހަމަގައިމުވެސް ކުރިއަށް ދެވޭނެ ގޮތަކަށް އަޅުގަނޑުމެން ކުރިއަށްދާން އެބަޖެހޭ. އިންތިޤާލީ މަރުޙަލާއެއް އަޅުގަނޑުމެން ބިނާމިކުރީ ޤާނޫނުއަސާސީން އަޅުގަނޑުމެން ރައްޔިތުންނަށް ވާސިލު، އިންތިޚާބުތަކަށާއި ކަންކަމަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، އެކަންތައްތައް ހޯދުމުގެ މަޤްޞަދުގައި. އެ މަޤްޞަދު އަޅުގަނޑުމެންނަށް ހާސިލުކުރެވެން މިއަންނަނީ، މިހާރު އޮތް ވަޒީރުންގެ މަޖިލިސް އެންޑޯޒްްނުކޮށް ކުރިއަށް ގެންގޮސްގެން އާ ސަރުކާރާއި ހަމައަށް ވާސިލުވުން އެއީކަމަށް ވަނީކަމަށް ވަންޏާ އެކަންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ. އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން މިހާރު ތިއްބެވި ވަޒީރުން އެންޑޯޒް ނުކޮށްފާނެކަމަށް ހީވާންވީ އެއްވެސް ސަބަބެއް އޮންނަންޖެހޭނެ ކަމަކަށްވެސް އަޅުގަނޑު ޤަބޫލެއް ނުކުރަން. އެއީ މިހެން މިދެންނެވީ، ރާއްޖެއަކު ނެތް ހަމަ ގައިމުވެސް ވަޒީރުކަންކުރާނެ މާގިނަ ބަޔަކު. އަޅުގަނޑުމެންނަށް ފެންނާން މިހުރި ގޮތުގައި ވެއްޖިއްޔާ އެއްބަޔަކު ގިނައިން ވަޒީރުކަމުގައި މިތިބީ. އެހެންވެއްޖެކަމަށްވަންޏާ ކުއްލިއަކަށް ވަޒީރުކަންކުރާނެ ބައިވަރު ބޭފުޅުން ނުލިބުމަކީ ހަމަ އެކަށީގެންވާކަމެއް މިއޮތް ކުޑަ މުއްދަތުގެ ތެރޭގައި. ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއްކަމަކީ، އަޅުގަނޑުމެން އިންތިޤާލީ މަރުޙަލާގައި މިހާރު ފާސްކޮށްފައި ހުރި ދެކަމަކަށް އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ވިސްނާލާއިރު އެއްކަމަކީ، ދިވެހިރާއްޖޭގައި މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއާއި މިހާރު އޮތް ކެބިނެޓާއި މިހާރު އޮތް ރައްޔިތުންގެ މަޖިލިސް ދެއަހަރެއްހާ ދުވަސްވަންދެން އިންތިޤާލީ މަރުޙަލާއެއްގައި ތިބެވޭގޮތަށް މިއޮތީ ފާސްކޮށްފައި. އެހެންވެއްޖެކަމަށްވަންޏާމުން އަޅުގަނޑުމެން ތެޅިފޮޅިގެން ދެން އެއްވެސް ކަމެއް ކުރާކަށެއްވެސް ނުވެސް ޖެހޭ. އެއީ ދެއަހަރުދުވަހުގެ މުޙުލަތު އެބައޮތް. ދެއަހަރުދުވަސް ތެރޭގައި ކަންތައްތައް ކުރެވޭނެ ގޮތަކަށް ޑިޒައިންކުރުމުގެ ފުރުޞަތު މިހާރު އެބައޮތް. ޤާނޫނުއަސާސީ ތަޞްދީޤުކޮށްގެން އަދި ދެއަހަރުދުވަސް ތެރޭގައި އެކަން ކުރެވެން އެބައޮތް. އެހެންވެއްޖިއްޔާ މިހާރު މިއޮތް ޙާލަތުގައި ގޮސްފައި އާ ޙާލަތަކަށް ޤައުމު ބަށްޓަންކުރުމަށްޓަކައި ދެން ކުރަންޖެހޭ ކަންތަކެއް ކަންނޭނގޭ އަޅުގަނޑުމެން ކުރަން މިޖެހެނީ. އެހެންވީމާ، މިތާނގައި ހުރިހާ ބޭފުޅުން ނިޒާމާބެހޭ ނުކުތާ ނަގައިގެން ވާހަކަ މިދެއްކީ ހަމަ، އަޅުގަނޑަކަށް ހިއެއްނުވޭ ދެން ކޮންމެހެން އަނެއްހެން ނުދައްކަންޖެހޭ ވާހަކަތަކެއް ކަމަކަށެއް. ދައްކަންޖެހޭ ވާހަކަތަކެއް. އެކަމަކު، އައިޑިއާއަކަަށް މިވަނީ ސްމޫތްކޮށް އަޅުގަނޑުމެން މިކަންތައްތައް ގެންދެވޭނެ ގޮތެއްގެ މައްޗަށްކަމަށް ވާއިރުގައި ވަކި ބަޔަކު ވަކިކަމަކުން އިސްތިސްނާވެ ވަކި ބަޔަކު، އެއީ މަދު މީސްކޮޅެއް އޮތް ޤައުމަކަށްވާތީ. އެއީ އަޅުގަނޑުމެންނަށް އަބަދުވެސް މިފެންނަނީ އެއްބަޔަކަށް ހުރިހާ ކަމެއް ކުރެވޭގޮތަކަށް މިއޮންނަނީ މީސްކޮޅު މަދުވީމަ. އެއީ، މީސްމަދު ޤައުމުތަކުގައި ކަންތައްތައްވެސް އޮންނަނީ މިކަހަލަ ގޮތަކަށް. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ ކޮންމެގޮތަކަށްވީނަމަވެސް މިޤާނޫނުއަސާސީ އިޞްލާޙުކޮށްގެން މިއިންތިޤާލީ މަރުޙަލާގައި އަޅުގަނޑުމެން ބުރަކިޖެހިފައި ހުރި ބުރަކިޖެހުން އެބަޖެހޭ ނައްޓުވަން. އެކަމަށްޓަކައި ޢިއްޒަތްތެރި ރިޔާސަތުން އެބަޖެހޭ ވޯޓަށް އައްސަވަން ކަންތައްތައް ވޯޓަށް އައްސަވާ މަޖިލީހުގެ ފްލޯރއިން ގޮތްތަކެއް ނިންމަވާ ކުރިއަށްގެންދެވޭނެ މެކެނައިޒަމެއް އެބަ ރާވަންޖެހޭ. ކޮންމެފަހަރަކު ކޮންމެ މެންބަރަކުވެސް ވޯޓަށް ނާއްސަވަން އެބަ ވިދާޅުވޭ. އެވިދާޅުވުމަކަށް އަޅުގަނޑު ތާއީދެއް ނުކުރަން. އަޅުގަނޑުމެންގެ ވިސްނުން ދެވޭނީ ހަމަ ވޯޓަށް އެހީމަ. ވޯޓުއަޅާ ގޮތެއްގެ މައްޗަށޭ ނިމެންވާނީ މި މަޖިލީހުން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.
ނިޒާމާބެހޭ ނުކުތާ: މިލަދުންމަޑުލު ދެކުނުބުރީ މެންބަރު ޢަބްދުﷲ ޔާމީން ވާހަކަދެއްކެވުން:
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. މ.އަތޮޅު ޢިއްޒަތްތެރި މެންބަރު އަނީސާ އަޙްމަދު ހުށަހެޅުއްވި މި 32 ވަނަ ހުށަހެޅުމަށް ގެންނެވި އިޞްލާޙާބެހޭގޮތުން ނިޒާމާބެހޭ ނުކުތާގެ ދަށުން މިދެކެވޭ ވާހަކަތައް، މިބަހުސްގައި އަޅުގަނޑަށް ފެންނަ އެއްޗެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ މިހުށަހެޅުމަކީ ރަނގަޅު ހުށަހެޅުމެއްކަމަކަށް. އަޅުގަނޑަށް އެނގިފައި އޮތްގޮތުންވެއްޖެއްޔާ އިންތިޤާލީ މަރުޙަލާއެއް މިގެންނަނީ ޤާނޫނުއަސާސީ، މިހާރު މިއިޞްލާޙުކުރާ ޤާނޫނުއަސާސީއާ ހަމައަށް ވާސިލްވުމަށްޓަކައި އެދެވޭ އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް ގެނައުމަށް. މުއައްސަސާތަކެއް ބިނާކުރުމަށް. އޭގެ ބޭނުމަކަށްވަނީ، ޢަދުލުވެރި މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުން އޭގެ ބޭނުމަކަށްވަނީ. އޭގެ ބޭނުމަކީ އެއްވެސްގޮތަކަށް ޖާގައެއް ހޯދައިގެން މިހާތަނަށް ފާސްކޮށްފައި ހުރި ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުމެއްނޫން. އެއީކީނޫން އިންތިޤާލީ މަރުޙަލާއެއްގައި މިކުރާ މަސައްކަތަކީ. ދެން އިންތިޤާލީ މަރުޙަލާގައި މިހާރު ހުށަހެޅިފައި މިއޮތް މައްސަލަ، އަނީސާ އަޙްމަދު މި ހުށަހަޅުއްވާފައި މިއޮތް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ނޫނިއްޔާ ވަޒީރުންގެ މަޖިލީހަކީ އެންޑޯޒްނުކޮށް އޮންނަ ވަޒީރުންގެ މަޖިލީހަކަށްވާން. އަޅުގަނޑު ދަންނަވާނީ ޤާނޫނުއަސާސީ އިންތިޤާލީ މަރުޙަލާއެއްނޫން ކޮންމެ މަރުޙަލާއެއްގައި އޮތަސް ދައުލަތެއް ހިނގާކަމަށްވަންޏާ އަބަދުވެސް ރައްޔިތުންގެ މަޖިލީހެއް އޮންނާނެ. އެއީ ޑިމޮކްރަސީގެ އެއް މުއައްސަސާ. އެއޮންނާނެ. އެބިނާ އޮންނާނެ. އެރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަނާދޭތެރޭ ބަޔަކު ހިތްހަމަނުޖެހޭކަމަށްވަންޏާ އެއީ ތަފާތު މައްސަލައެއް. އެހެންނަމަވެސް އެއޮންނަ ރައްޔިތުންގެ މަޖިލީހުގެ ވެލިޑިޓީއެއްގެ ސައްޙަކަމާމެދު ސުވާލެއް ނުއުފެދޭ. އެސުވާލެއް ނުވެސް ކުރެވޭނެ. މިހާރު ހުށަހެޅިފައި މިއޮތް އިޞްލާހަކީ އަޅުގަނޑު ޤަބޫލުކުރާގޮތުންވެއްޖެއްޔާ ހަމައެކަނި އަޅުގަނޑުމެންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ސްކޯޕުން ބޭރުގައި އޮތް މައްސަލައެއް. މިމައްސަލައަކީ ރައްޔިތުންގެ ރެފަރެންޑަމަކަށް ރައްޔިތުންގެ ސީދާ ވޯޓަކަށް ގޮސްގެން ރައްޔިތުން އެންޑޯޒް ކޮށްފައި އޮތްކަމެއް. އެއީ ކޮންކަހަލަ ނިޒާމެއްގައިތޯ ދިވެހިރާއްޖޭގެ ވެރިކަން އޮންނާނީ މިޤާނޫނުއަސާސީ އިޞްލާޙުވުމަށްފަހު. މިއީ ރައްޔިތުން ކައިރީ ވާހަކަތަކެއް ދައްކައި ރައްޔިތުންގެ ވޯޓު ދީފައި އޮތް މައްސަލައެއް. މިފާސްވެފައި މިއޮތީ މިތާ އޮންނާނީ ރިޔާސީ ނިޒާމެކޭ. ރިޔާސީ ނިޒާމެއްގެ އެއް އަސްލަކަށް މިވަނީ، އެއް ބިނާއަކަށް މިވަނީ، ތިއްބަވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ޙަޤީޤަތުގައި ރައްޔިތުންގެ މަންދޫބުން އެންޑޯޒްކުރާ ބަޔަކަށް ވާންޖެހޭނެ. އެބިނާ މުގުރަން އަޅުގަނޑުމެން މިހާރު މިމަސައްކަތް ކުރަނީ. އެހެންވީމާ، މީކީ އަޅުގަނޑު ޤަބޫލުކުރާގޮތުންވެއްޖެއްޔާ މި، ރައްޔިތުންގެ އެންޑޯޒްމަންޓް ލިބުނު ރިޔާސީ ނިޒާމާ ހަމަ ވަރަށް ޚިލާފު މައްސަލައެއް މިއީ. މިއީކީ އަޅުގަނޑުމެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަތްމަތީގައި އެކަނި އޮތްކަމެއްނޫން. އަޅުގަނޑުމެން އަތްމަތީގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ޙައްޤު އޮވެމެ މިހާ މުހިންމު މައްސަލައެއްގައި، މި ރައްޔިތުންނާބެހޭ މައްސަލައަކަށްވާތީ ރައްޔިތުންނާ ހަމައަށް މިމައްސަލަ މިއޮތީ ފޮނުވާފައި. ރައްޔިތުން މިއޮތީ މިއަށް ބަހެއް ބުނެފައި. އެބުނެފައި އޮތް ބަސް އަޅުގަނޑުމެން މިހާރު މިއުޅެނީ އަނބުރާ އެހެންގޮތަކަށް ބަދަލުކުރަން. އެހެންވީމާ، އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ މިކަން މިތާ ކުރެވެންވާނެކަމަކަށެއް. ރައީސުލްޖުމްހޫރިއްޔާއަކު ޢައްޔަންކުރައްވާ ވަޒީރުންގެ މަޖިލީހަކީ އޭރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންޑޯޒްމަންޓް ލިބޭ ރައްޔިތުންގެ މަޖިލީހަކަށް ވެގެންނޫނިއްޔަކާއެއް މިއިންތިޤާލީ މަރުޙަލާގައިވެސް މިހާރު ފާސްކޮށްފައި އޮތް ޤާނޫނުއަސާސީ އޮތްގޮތަކަށް މިކަމެއް ނުގެންދެވޭނެ. މިއީ ބޮޑު ތަޢާރަޟެއް. އެހެންވީމާ، މިއީ މައްސަލައެއް. އެހެންވީމާ، އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުންވެއްޖެއްޔާ މިމައްސަލައަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ދޫކޮށްލައްވާފައި ރައްޔިތުންނާ ހަމައަށް ގެންދަވާފައި ރައްޔިތުންގެ އާނ ބަސް ހޯދައިގެން ވަކި ނިޒާމެކޭ މިއީ ރައްޔިތުންނަށް އަޅުގަނޑުމެން ކިޔައިދީފީމު ރިޔާސީ ނިޒާމަކީ. ރިޔާސީ ނިޒާމުގެ އެންމެ މުހިންމު އެއް އަސާސަކީ، ތިއްބަވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންގެ އާނބަސް ލިބޭ ރުހުން ލިބޭ ބޭފުޅުންނަށް ވާންޖެހޭނެއޭ. އެހެންވީމާ، މިއާ ޚިލާފުގޮތަކަށް މިކަން ކުރާކަމަށްވަންޏާ މިއީ ވަރަށްބޮޑު މައްސަލައެއް. ދެން މަނިކުފާނު ވޯޓަކާ ހަމައަށް ގެންދިއުމާއި ނުގެންދެވުން އެއީ މަނިކުފާނު އަތްޕުޅު މަތީގައި އޮތް މައްސަލައެއް. އޭގަ ޚާއްޞަ މަޖިލީހުގެ މެންބަރުން ވޯޓުދެއްވާއިރު، އަޅުގަނޑު މިދެންނެވިހެން މި ނިޒާމީ މައްސަލައަކީ ހަމަ ޙަޤީޤަތުގައިވެސް ރައްޔިތުން ނިންމާފައި އޮތް މައްސަލައަކަށްވާތީ އަޅުގަނޑުމެން އިންތިޚާބުކޮށްފައި ތިބި މީހުން މިކަމާދޭތެރޭ ވިސްނަންޖެހޭނެވާހަކަ ދަންނަވަން. ޝުކުރިއްޔާ.
ނިޒާމާބެހޭ ނުކުތާ: ވަޒީރުންގެ މަޖިލީހުގެ މެންބަރު މުޙަންމަދު ނަޝީދު ވާހަކަދެއްކެވުން:
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންގެވެސް މިހާރު އެބަ ވިސްނުން
އެއްގޮތްވޭހެން. އަދި މ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަނީސާ އަޙްމަދުގެ ހުށަހެޅުއްވުންވެސް ނުރަސްމީ ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ރޫޙާ އެއްގޮތަށް ހުށަހެޅުއްވުމުގައި ވަކި ގޮތަކަށް މާނަ ވިދާޅުވުމުގެ ސަބަބުން (ނ) އެހިމެނިފައިވާ އަކުރުގެ އެމާނަ ދޭހަނުވަނީކަމަށް އަޅުގަނޑަށް ފެންނަނީ. އަދި މިހާރު މ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަނިސާ އަޙްމަދު އެބަ މަސައްކަތްކުރައްވާ ރިޔާސަތުން ފުރުޞަތެއް ހޯއްދަވައިގެން މި (ނ) މިހާރު އެވިދާޅުވާގޮތަށް ބަދަލުކުރަން. އަދި އަޅުގަނޑަށް ވިސްނޭގޮތުގައި މިހާރު މިމަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ދެން ކުރިއަށްދާނީ އަޅުގަނޑުމެން ދެކަމަކަށް އެއްބަސްވެގެންކަމަށް އަޅުގަނޑަށް ފެނޭ. އަދި އެކަމުގައި ހަމަ އެއްވެއް މައްސަލައެއް ނެތްކަމަށްވެސް އަޅުގަނޑަށް ފެނޭ. ފުރަތަމަ ކަމަކީ، މިހާރު ޤާނޫނުއަސާސީ ތަޞްދީޤުކުރާއިރުގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއާއި އޮންނަ ވަޒީރުންގެ މަޖިލިސް އެގޮތުގައި 11 ނޮވެމްބަރާއި ހަމައަށް ދެމިގެން ދިއުން. އެކަމަކު 11 ނޮވެމްބަރުގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރެވިގެން އާ ރައީސަކު އިންތިޚާބުވީމާ ދެން އޭނަ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހަކީ އޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުހިމެނޭ ވަޒީރުންގެ މަޖިލީހަކަށްވުން. އަދި އެވަގުތު އޮންނާނީ ހަމަ މިހާރު އޮތް ރައްޔިތުންގެ މަޖިލިސްކަމުގައިވެފައި، މާރޗް މަހާއި ހަމައިން ރައްޔިތުންގެ މަޖިލިސް އާވެގެންދިޔަކަމުގައި ވީނަމަވެސް، އޭގެ ކުރިންވެސް 11 ނޮވެމްބަރުގައި ވެރިކަމާއި ޙަވާލުވާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ކެބިނެޓް އޭރު އޮތް ރައްޔިތުންގެ މަޖިލީހަށްވެސް އެންޑޯޒްމަންޓަށް ހުށަހެޅުން. އަދި ފަހުގެ ރައްޔިތުންގެ މަޖިލީހުން އެހެންގޮތަކަށް ބޭނުންވާކަމަށްވަންޏާމު އެދަނޑިވަޅުގައިވެސް އެންޑޯޒްމެންޓަށް ފޮނުވަންޖެހޭކަމަށްވަންޏާ ފޮނުވައިދިނުން. އަޅުގަނޑަށް ހީވަނީ މި (ނ) އާއި (ރ) ގައިހެން މިހާރު މައްސަލަ މިއުޅެނީ. (ނ) ގައި މިހާރު ދެން ހަމަ ވަރަށް ސާފުކޮށް އެބަ ވިދާޅުވާން މަސައްކަތްކުރައްވާ 11 ނޮވެމްބަރުގައި ވެރިކަމާއި ޙަވާލުވާ ރައީސްގެ ވަޒީރުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނުތިބޭނެއޭ. މިހާރު މިއިޝޫ ނިކުންނަނީ އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް އެންޑޯޒްމެންޓަށް ފޮނުވާނެތޯ. އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ، ވާހަކައަކީ، މިހާރު ދެމިގެން ދާ ރައްޔިތުންގެ މަޖިލީހަށް ރުމުހުމަށް ހުށަހަޅާނެތޯ އޭރު އެކުލަވާލެވޭ ވަޒީރުންގެ މަޖިލިސް. ނޫނީ އާ މަޖިލިސް އައިމަތޯ ރުހުމަށް ހުށަހަޅާނީ. މ.އަތޮޅުގެ މެންބަރުގެ ހުށަހެޅުމުގައި މިހާރު އޮތީ، އާ މަޖިލިސް އައިމައޭ ހުށަހަޅާނީ. އެކަމަކު މެންބަރުންގެ ވާހަކަފުޅު މިހާރު މިހިރީ މިހާރު މިދެމިގެންދާ މަޖިލީހަށްވެސް ހުށަހަޅަން. އެއީވެސް ހަމަ ރަނގަޅުގޮތެއްކަމަށް އަޅުގަނޑަށް ފެންނަނީ. އިންޓަވަލްގެ ވަގުތުގެ ތެރޭގައި އަޅުގަނޑުމެންނަށް ހުށަހެޅުން އެގޮތަށް ބަދަލުކޮށްލާފައި އަލުން މ.އަތޮޅު މެންބަރަށް ހުށަހެޅުއްވިއްޖިއްޔާ މިމައްސަލަ ޙައްލުވާނެކަމަށް އަޅުގަނޑަށް ފެނޭ. ޝުކުރިއްޔާ.
No comments:
Post a Comment