ރިއްފަތު އަލީ
ގައުމެއް ތަރައްގީވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެގައުމެއްގެ ފަރުދުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށާއި، މުދައު ބަދަލުކުރުމަށާއި މައުލޫމާތު ބަދަލުކުރުމަށް އޮންނަ ދަތުރުފަތުރުގެ ނިޒާމެވެ. އެމްޑީޕީގެ ޕްރައިމަރީޒްގައި ވާދަކުރައްވާ އެއް ކެންޑިޑޭޓު ކަމުގައިވާ ގ ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އޭނާގެ ކެންޕޭނުގައި ރާއްޖޭގެ އަތޮޅުތައް ގުޅުވާލަދިނުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވަމުން އެ ގެންދަވަނީ އެ މުހިންމު ސަބަބަށްޓަކައެވެ.
މުހަންމަދު ނަޝީދު ވިދާޅުވިދާޅުވާ ގޮތުން އިސްތިއުމާރީ ޒަމާނުގައި ޔޫރަޕުން ރަށްރަށަށް އަރައި އެންމެ ފުރަތަމަ އުފައްދާ ތަރައްގީ ކުރީ ދަތުރުފަތުރުގެ ނިޒާމެވެ. އެގޮތުން އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ގައުމުތަކުގެ އުސްބިންތަކާއި ފަރުބަދަތަކާއި ތިރި ބިންތަކުގެ ތެރެއިން މަގުތައް ހަދާ ދަތުރުފަތުރު ކުރެވޭނެ ގޮތް ހަދާފައިވެއެވެ. އިސްތިއުމާރީ ބާރުތަކުން ރަށްރަށުގައި ދަތުރުފަތުރު ނިޒާމު ހަރުދަނާ ކުރީ އެމީހުންގެ ވިޔަފާރިތަކަށް ފަހިކުރުމަށެވެ. ނަމަވެސް އިސްތިއުމާރީ ބާރުގެ ދަށުން އެރަށްރަށް މިނިވަން ވީއިރު އެރަށް ރަށުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގުތަކުގެ ވިއުގައެއް އަޅައިދީފައިވެއެވެ.
ދިވެހިރާއްޖެއަކީ ކުދި ޖަޒީރާތަކަކުން އުފެދިފައިވާ ކަޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވީއިރު ދިވެހީންގެ މުޅި ވުޖޫދު ބިނާވެފައި އޮންނަނީ ކަޑާއި، ފަޅުފަޅާއި މޫދުގެ މައްޗަށެވެ. މިއީ ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ. ވީމާ ދިވެހިރާއްޖޭގައި ތަރައްގީވެފައި އޮންނަން ޖެހޭނީ ކަނޑު ދަތުރުފަތުރުގެ ނިޒާމެކެވެ. އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމެއް ނޫނެވެ. ދިވެހީން ދުއްވަންވީ ކާރާއި ސައިކަލެއް ނޫނެވެ. ދިވެހީން ދުއްވަންވީ ސްޕީޑް ލޯންޗާއި، ދޯންޏާއި ބޮއްކުރައެވެ. ފަރިތަވާންވީ އޯކިޑްމަގަކަށް ނޫނެވެ. ކާށިދޫ ކަނޑަށެވެ.
1960 އިން ފެށިގެން ދުނިޔެ ބާރު ސްޕީޑެއްގައި ތަރައްގީވެ ދަތުރުފަތުރާއި މުއާސަލާތުގެ ޓެކްނޮލޮޖީ އެތައް ހާސް ގުނައަކަށް ކުރިއަރާދިޔައިރު ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު މިހާ ދަށުދަރަޖައެއްގައި ފެންނަން މިއޮތީ އިއްތިފާގަކުން ނޫނެވެ. މިކަމުގައި މައިގަޑު އެއްސަބަބުގެ މައްޗަށް ބިނާވެފައި އޮންނަ އެތައް ސަބަބުތަކެއް އެބަހުއްޓެވެ.
އެންމެ ބޮޑު ސަބަބަކީ މައުމޫނު އަބްދުލްގައްޔޫމަކީ ގައުމެއް ހިންގުމަށް ކުފޫ ހަމަވާ މީހެއް ނޫނެވެ. އޭނާއާއި އޭނާގެ ވަޒީރުންނަކީ ގައުމެއް ބިނާކުރުމުގެ ވިސްނުމާއި ތަސައްވަރެއް ގެންގުޅޭ ބައެއް ނޫނެވެ. އަރަބި ގައުމުތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ރާއްޖެއައިރު އެމީހުން ގެނައީ އަރަބި ގައުމުތަކުގެ ވެރިން ދިރިއުޅޭ ވައްޓަފާޅިއަށް ބިނާކޮށްފައިވާ އެމީހުންގެ ޒާތީ ތަސައްވަރެކެވެ. އަރަބި ވެރިންގެ ކިބައިގައިވާ ބޯދާ ވިސްނުމާއި، ކިބުރުވެރިކަމާއި ބޮޑާކަމާއި ކަންނެތްކަމާއި ފައިސާއިން ލިބިދޭ ލައްޒަތެވެ. އެހެންކަމުން މައުމޫނާއި އޭނާގެ ވަޒީރުން ރާއްޖެ ހިންގަމުން ދިޔައީ އެމީހުންގެ ޒާތީ ތަސައްވަރަށް ބިނާކޮށެވެ.
އޮނަވިހިވަނަ ގަރުނުގެ މަޝްހޫރު އިގްތިސާދީ އަދި އިޖްތިމާއީ ސައިންޓިސްޓެއް ކަމުގައިވާ ކާލް މާކްސްގެ ޖަނާޒާގައި އޭނާގެ ރަހުމަތްތެރިޔާ ފްރެޑްރިކް އޭންޖެލްސް ދެއްކި ވާހަކައިގައި އޭނާ ބުނެއެވެ. އިންސާނުން އެންމެ ފުރަތަމަ ވިސްނާ މަސައްކަތްކުރާނީ އެމީހުންގެ އަސާސީ ބޭނުންތައް ފުރިހަމަ ކުރުމަށެވެ. ކެއިން ބުއިމަށެވެ. ނިދުމަށެވެ. ހިޔާވަހިކަން ލިބުމަށެވެ. އުނު އަނުމަށެވެ. ކައިރިން ފެންނަންހުރި ނުރައްކާތަކުން ސަލާމަތްވުމަށެވެ. މިކަންކަން ފުރިހަމަވުމުން ނޫނީ މިއުޒިކާއި ލަވަ، ކުރެހުމާއި ކުޅިވަރު ފަދަ ފަންނުތަކާއި ސިޔާސީ ކަންކަމާމެދު ނުވިސްނާނެއެވެ.
މައުމޫނުގެ ބޭނުމަކީ ދިވެހީންގެ އަސާސީ ބޭނުންތައް ފުއްދައިނުދީ ދަތިހާލުގައި ބޭތިއްބުމެވެ. އެއީ އޭނާގެ ވެރިކަމުގައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ކުރަމުންދާ ފަސާދައިގެ އަމަލުތަކުން ރައްޔިތުންގެ ނަޒަރުތައް ކަސިޔާރު ކުރުމަށެވެ. ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި ދިރިއުޅޭ ބައެއް ދަތިހާލުގައި، އަސާސީ ބޭނުންތައް ފުއްދައިނުދީ ގެންގުޅެވެން އޮތީ ރަށްރަށުގައި ދިރިއުޅޭ މީހުން އެކަހެރިކޮށް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުނުވާނެ ގޮތަކަށް ބައިތިއްބައިގެންނެވެ. މުދަލާއި މައުލޫމާތު ބަދަލުކުރެވޭނެގޮތް ބަންދުކޮށްލައިގެންނެވެ. ދަތުރުފަތުރުގެ ނިޒާކަމުން މުޅި ގައުމު މަހުރޫމުކޮށްގެންނެވެ.
ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ ދިވެހީންނަކީ ރާއްޖޭގައި އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައިވާނަމަ އެމީހަކު އުފަންވި ރަށެއް ކިތަންމެ ކުޑަނަމަވެސް އެމީހެއްގެ އަސާސީ ބޭނުންތައް ފުއްދުމުގެ ގާބިލުކަން ލިބިފައިވާނެ މީހެކެވެ. ގ ކެނެރީގޭ މުހަންމަދު ނަޝީދު ވިދާޅުވާ ފަދައިން އއ އުކުޅަހުގައި ހުންނަ މީހަކު މެންދުރު ކެއުން ތައްޔާރުކޮށްލުމަށް ބޭނުންވާ ތަރުކާރީ ގަތުމަށް އއ ރަސްދޫއަށް ގޮސް އެކަން ކޮށް ގަޑިއެއްހާއިރު ތެރޭ ރަށަށް އެބުރި އާދެވޭނެއެވެ. މިފަދައިން ކަންކަން ކުރެވޭނަމަ ދިވެހިރާއްޖެއަކީ މިއަދު މިއޮތް މިންވަރަށް ކާޑުބަލި އާންމު ތަނަކަށް ނުވާނެއެވެ. އަވަސް އަވަހަށް އަރާމުކޮށް ދަތުރުފަތުރުކުރެވޭނެ ނިޒާމެއް އޮތްނަމަ ދިވެހީންނަކީ ބައްޔެއް ޖެހިގެން އޭގެ އަސްލު ނޭގި ނުވަތަ ފަރުވާ ނުލިބި އުމުރު ހޭދަކުރާ ބަޔަކަށް ނުވާނެއެވެ. ގ ކެނެރީގޭ މުހަންމަދު ނަޝީދު ވިދާޅުވާ ފަދައިން ޅ މާފިލާފުށީ މީހަކު ޅ ނައިފަރަށް ދަތުރުކޮށް އަތޮޅު ހޮސްޕިޓަލުން ސިއްހީ ޓެސްޓެއް ހަދާލައިގެން ގަޑިއެއްހާއިރު ތެރޭގައި އެބުރި މާފިލާފުއްޓަށް އާދެވޭނެއެވެ. ހަމައެފަދައިން ބ ތުޅާދޫގެ ޒުވާނަކަށް އޮފީހުގެ މަސައްކަތް ނިންމާލާފައި ބ އޭދަފުއްޓަށް ގޮސް އެރަށުގައި ހުރި ކެފޭއަކުން ރައްޓެހިންނާއެކު ކޮފީ އެއް ބޮއެގެން އެބުރި އެއްގަޑިއިރު ތެރޭގައި ރަށަށް އާދެވޭނެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ އެކަށީގެންވާ ނިޒާމެއް ނެތުމުން އަތޮޅުތަކުގައި ދިރިއުޅޭ ގިނަ އަންހެނުންނަށް ދިގު މުއްދަތަކަށް އުޅެންޖެހިފައި ވަނީ އާމްދަނީ ހޯދުމަށް އެހެންރަށްރަށުގައި މަސައްކަތް ކުރާ އެމީހުންގެ ފިރިންނާއި ދުރުގައެވެ. ގިނަ ދަރިންނަށް ދިގު މުއްދަތަކަށް އުޅެން ޖެހިފައިވަނީ އެމީހުންގެ ބައްޕައިން ނުފެނި އެމީހުންގެ އަޅާލުން ނުލިބި ދުރުގައެވެ. މައުމޫނުގެ ސަރުކާރުން ހެދި ދިރާސާއެއް ދައްކާ ގޮތުގައި އަތޮޅުތަކުގައި ދިރިއުޅޭ ކޮންމެ 100 އަކުން ގާތްގަޑަކަށް 40 ގޭބިސީއަކީ އަންހެނަކު އެކަނި ހިންގާ ބަލަހައްޓާ ގޭބިސީއެކެވެ. އެފަދަ އަންހެނަކަށް ދަރިންނަށް ލިބެންޖެހޭ ކޮލިޓީ ވަގުތު ދެވޭނެ ފުރުސަތެއް ނުލިބޭނެއެވެ. އަދި އެކުދިންގެ މައިންބަފައިންނަކީވެސް އެކަކު އަނެކަކާ ދުރުގައި ދިރިއުޅޭ ބަޔަކަށް ވާތީ އެކަކު އަނެކަކަށް ދޭންޖެހޭ އަޅާލުމާ އެއްބާރުލުމާ ލޯބިވެސް ނުދެވި އޮންނަކަމީ ހަގީގަތެކެވެ. މީގެ ނަތީޖާއަކީ އާއިލާތައް ރޫޅުމެވެ. އަދި ދަރިން ގޯޅިއަޅައި މަސްތުވާތަކެއްޗަށް ލެނބި އެހެނިހެން ނުރައްކާތެރި މަގު އިޚްތިޔާރުކުރުމެވެ.
އިންސާނުންނަކީ ބިމުގައި ދިރިއުޅޭ ބައެކެވެ. އެމީހުންނަކީ ބިމުން މަތީގައި ހަވާގައި ދިރިއުޅެން ލައްވާފައިވާ ބައެއްނޫނެވެ. އެމީހުންނަކީ ގަސްގަހާގެއްސާއި، ޖަނަވާރާއި އެހެނިހެން ދިރޭ ސޫފިތަކާއި އެއް ހަމައެއްގައި، އެތަކެތީން ލިބިދޭ އުފަލާއެކު ދިރިއުޅެމުން ބޭނުންވާ ބައެކެވެ. ބޮޑެތި އުސް އިމާރާތްތަކުގައި ތާއަބަދު އުމުރަށް ދިރިއުޅުމަކީ އުފާލާއި ހިތްހަމަޖެހުން ލިބޭ ގޮތް ކަމުގައި ނުވެދާނެއެވެ. ސިންގަފޫރަކީ ކުޑަ، ބިމުގެ ދަތިކަން އޮތް ގައުމަކަށް ވީތީ ފްލެޓް ބަރިތައް އަޅައިގެން އެތަންތަނުގައި ދިރިއުޅުމަށް އެމީހުންނަށް އެވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ދިވެހިރާއްޖެއަކީ އާބާދީއާ އަޅާބަލާއިރު ބިމުގެ ގޮތުން ދަތި ގައުމެކޭ ނުބުނެވޭނެއެވެ. އަތޮޅުތަކުގައި ދިރިއުޅޭ ދިވެހީން ބޭނުންވަނީ އެމީހުންގެ އަމިއްލަ ރަށުގައި ދިރިއުޅުމަށެވެ. ރިނބުދޫއަކީ އޭގެ ރަގަޅު މިސާލެކެވެ. ދަތުރުފަތުރުގެ ރަގަޅު ނިޒާމެއް އޮތްނަމަ ދިވެހީންނަކީ ބިމުގައި ފައިނުޖެހި ފްލެޓްތަކެއްގައި ދިރިއުޅޭ ބަޔަކަށް ވާކަށް ނުޖެހޭނެއެވެ. އަދި މާލޭގައި ގިނަ ބަޔަކު އުޅޭފަދައިން މީދާ ހޮރުފަދަ ތަންތަނުގައި ދިރިއުޅޭ ބަޔަކަށްވެސް ވާކަށް ނުޖެހޭނެއެވެ. ގ ކެނެރީގޭ މުހަންމަދު ނަޝީދު ވިދާޅުވިހެން ދިވެހީންގެ ގައުމިއްޔަތާ ގެއްލޭ ގޮތެއްގައި މާލެފަދަ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބަޔަކަށް ނުވާނެއެވެ. ރެއާދުވާލު މަސައްކަތްކޮށް ލިބޭ ފައިސާކޮޅުން އާއިލާއަށް މީރު ކާނާއާއި ޗުއްޓީއެއް ހޭދަކޮށްނުލައި، ބަޑުހައިހޫނުކަންމަތީ ހުރެ، ދަރަންޏަކުން ނުނެއްޓެވި އެކަމުގެ ވޭން ބަރުދާސްތުކުރަމުން ގޭގެ ކުލި ދައްކާ ބަޔަކަށް ނުވާނެއެވެ.
މައުލޫމާތުގެ ބިން ފުޅާވުމަކީ އިންސާނަކަށް ލިބޭ ކުރިއެރުމެކެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކޮށް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ އުޅުމަކީ މީހަކަށް ލިބޭ މައުލޫމާތު މުއްސަނދިވެ ހިތްހަމަޖެހުން ލިބޭނެކަމެކެވެ. އެހެންކަމުން ގިނަގިނައިން ދަތުރުކުރުމުގެ ފުރުސަތު ލިބިފައިވާ މީހުންނަކީ ނިސްބަތުން ކަންކަމަށް ހޭލުންތެރި ބަޔަކަށް ވެއެވެ. ސިޔާސީގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުވުމަކީ ގައުމެއްގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. އެހެނީ ގައުމެއްގެ ސަރުކާރުން ނުވަތަ ޕާލިމެންޓަކުން ނިންމާ ކޮންމެ ނިންމުމަކީ އެގައުމެއްގެ ރައްޔިތުންނާ މެދު ނިންމާ ނިންމުމެކެވެ. އެފަދަ ކޮންމެ ނިންމުމަކީ އޭގެ އަސަރު ކޮންމެ ރައްޔިތަކަށްވެސް ސީދާ ފޯރާނެ ކަމެކެވެ. ވީމާ ހޭލުންތެރި ރައްޔިތަކީ އެބަޔަކާ މެދު އެބައެއްގެ ސަރުކާރު ނުވަތަ އެމީހުން ޕާލިމެންޓުގައި ތަމްސީލުކުރާ ބަޔަކު ނިންމާ ނިންމުމަށް ގޮތްކިޔާ ފާޑުކިޔާ އަދި އެނިންމުމަކީ ރައްޔިތުންނަށް ފައިދާހުރި ނިންމުމަކަށް ހަދަން މަސައްކަތްކުރާނެ ބައެކެވެ. ނަމަވެސް ރާއްޖެގައި އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ނެތުމުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންވާ މައުލޫމަތު ނުލިބި އެމީހުންގެ މައުލޫމާތުގެ ބިން އެވަނީ ނެތިފައެވެ.
ދަތުރު ފަތުރުގެ ނިޒާމަކުން ރަށްރަށް ގުޅިފައިވާނަމަ އެއްބަޔަކު އަނެއްބައެއްގެ ގާތުން ހިތްވަރު ލިބިގަނެވޭނެއެވެ. ރައްޔިތުންގެ މައްޗަށް އެމީހުންގެ ވެރިން އަނިޔާވެރިވުމުން އެކަން ހުއްޓުވުމަށް އެ ހިތްވަރުގެ ބޭނުން އެމީހުން ކުރާނެއެވެ. އެފަދަ ހިތްވަރަކުން ޚުދުމުޚްތާރު ވެރިކަމަކަށް ފުރުސަތެއް ނުދޭނެއެވެ. މައުމޫނު އަބްދުލްގައްޔޫމަށް ވޯޓުން ވައްކަންކޮށް ރާއްޖޭގެ ވެރިކަމުގައި 30 އަހަރު ދެމިހުރެވޭނެ ޖާގައެއް ނުދޭނެއެވެ. އަދި ކުރިއަށް އޮތްތާގައިވެސް ދެވަނަ މައުމޫނެއް ރާއްޖޭގެ ވެރިކަމަށް ފިސްތޯލައެއް ނުވަތަ އެނޫންވެސް ހަތިޔާރެއް ހިފައިގެން އަރާނެ ދަޑިވަޅެއް ނުދޭނެއެވެ. (ނިމުނީ)
No comments:
Post a Comment