އަބްދުއްރަޝީދު
(ރިޔާސީ 2008 ވެބްސައިޓުން ނަގާފައި)
ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ މިތާގައި އުޅުއްވަނީ ވަރަށް އުފަލާއި މަޖަލުގައެވެ. ބޭނުންއެއްޗެއް ކައި އަދި ބޭނުންއެއްޗެއް ބޮއި ހެދުމުގެ އިތުރުން ބޭނުންވިކަމެއް ކުރެވޭގޮތަށް ދިވެހިން ވަނީ އެމަނިކުފާނުގެ ކަންތައްތައް ހަމަޖައްސައިދީފައެވެ. ރައީސް މައުމޫނުގެ ހަރަދުތަކަކީ ވަރަށް ބޮޑުއެއްޗެކެވެ. މިހާރުވެސް އެފެންނަނީ އިރުއިރުކޮޅާ ފުރަފުރައިގެންދާތަނެވެ. މިއިން ކޮންމެ ވަގުތަކު ހޭދަ ކުރައްވަނީ ދިވެހި މިނިކަމެތި ރައްޔިތުންގެ ފައިސާއެވެ. ދިވެހިންގެ ތެރޭގައި މިއަދުވެސް އެތައް ބަޔަކީ ވަގުތީ ހިޔާގައި ދިރިއުޅެމުން އަންނަ ބައެކެވެ. ސުނާމީގައި ހާލުގައި ޖެހުނު ރައްޔިތުންނެވެ. އަދި އެއްފަސް ކުރުމުގެ ނަމުގައި އެއްތަނުން އަނެއްތަނަށް ރައްޔިތުން ބަދަލުކުރާއިރު ބައެއްފަރާތްތައް ވަނީ މުޅިދިރިއުޅުން އެފުށް މިފުށައްޖެހިފައެވެ. މިހެން މިކަން މިގޮތަށް އޮންނައިރުވެސް ރައީސް މައުމޫނު ބޭސްފަރުވާ ކުރެއްވުމަށް އިރުއިރުކޮޅާ އެވަޑައިގަންނަވަނީ ސިންގަޕޫރަށެވެ. ނުވަތަ ޗުއްޓީ ހައްދަވަން ކޮންމެވެސް ގައުމަކަށެވެ.
މިހުރިހާ ކަމެއް މިހެން އޮތުމާއިއެކުވެސް ދިވެހިން ގަބޫލުކުރާ ހަމަތަކެއް ހުރެއެވެ. އެއީ ދިވެހި ގައުމުގެ ރައީސަކީ އިއްޒަތުގައި އުޅޭބޭފުޅަކަށްވުމެވެ. އެހެންނަމަވެސް އެއީ އިސްރާފަށްވެއްޖެނަމަ އެއީ ހިތާމަހުރިކަމެކެވެ. ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ގައުމުގެ ހަޒާނާއަކީ އެބޭފުޅުންގެ ހައްގެކެވެ. އުޅުއްވަނީ އިރާގުގެ ސައްދާމާއި އެބޭފުޅާގެ ދެފިރިހެން ދަރިން އުޅުއްވި ގޮތަށެވެ. ރައީސް މައުމޫނުގެ ދެފިރިހެން ދަރިންނަކީވެސް ސައްދާމުގެ ދެފިރިހެން ދަރިންނާއި ވަރަށް އުޅުން އެއްގޮތް ދެބޭފުޅުންނެވެ. ދިވެހިރާއްޖޭގެ ރައީސް މައުމޫނުގެ ފާރިޝް އާއި ޣައްސާނަކީ ސައްދާމުގެ އުދޭ އާއި ގުސޭފަދަ އުޅުމަކަށް ލޯބިކުރާ ދެބެއިންނެވެ. ދިވެހި އުދޭ އާއި ގުސޭގެ އުޅުމުގައިވެސް ކަޅަލަފަދަ ވެބްސައިޓްތައް ހިންގުމާއި މީސް މީހުންގެ އަބުރާއި ކަރާމާތައް އަރައިގަތުމާއި، މީސް މީހުންނަށް ބިރު ދެއްކުމާއި، ހިތްހަމަޖެއްސުމަށް ދުންޔަވީގޮތުން ހޯއްދެވެން އޮތް ހުރިހާ އުފަލެއް ހޯއްދެވުން ހިމެނެއެވެ.
ފާރިޝް އާއި ޣައްސާނަކީ ވަރަށް އާދަޔާ ޚިލާފަށް ގޭންގްތައްވެސް ގެންގުޅުއްވާ ދެބޭފުޅުންނެވެ. މިދެބެއިން ބޭނުން ގޮތަކަށް ބައިތުލްމާލުން ހަރަދު ކުރެވެއެވެ. ބޭނުންވި ކޮންމެ އެއްޗެއް ހޯއްދަވަން ޖެހެއެވެ. ހީވަނީ ބުރުނައީގެ ރަސްގެފާނުގެ އާއިލާހެންނެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ ރައީސް ގެ ރަސްމީ އަގުބޮޑު ލޯންޗް ކޮޅެވެ. މިލޯންޗުގެ ހަގީގަތަކީ މިއީ ފާރިސް އާއި ޣައްސާނު ޖޭމުސް ބޮންޑު ފިލްމެއްކަމަށްވާ "THE WORLD IS NOT ENOUGH" މިފިލްމު ބެލުމަށްފަހު އެފިލްމުގައި ޖޭމްސް ބޮންޑް ބޭނުންކުރި ލޯންޗް ކަމުގޮސްގެން ހަމަ އެގަތަށް ލޯންޗެއް ހައްދަވަން ބޭނުން ފުޅުވުމެވެ. ހަބަރު ލިބޭގޮތުގައި ޖޭމްސް ބޮންޑް އެފިލްމުގައި ބޭނުންކުރި ލޯންޗް ޑިޒައިންކޮށް އުފެއްދި ފަރާތް ހޯއްދަވައި އެންމެފަހުން ހަމައެގޮތަށް ޖޭމްސް ބޮންޑް ފިލްމުގައި ބޭނުން ކުރިކަހަލަ ލޯންޗެއް ހޯއްދެވީއެވެ. މިއީ ދިވެހިންނަށް ނޭގިހުރި ހަގީގަތްތަކެވެ. މިހިރީ ދިވެހި ގައުމުގެ ހަޒާނާ ހުސްވާގޮތެވެ. މިއީ މިއަދު ގިނަ ދިވެހިން ބޭސްފަރުވާ އަށް ސަލާންޖަހަން ޖެހުމުގެ ހަގީގީ ސަބަބެވެ. މިއީ މިއަދު މިތަނުގައި ބޯހިޔާވަހިކަން ހަމަނުޖެއްސިގެން އުޅޭ ސަބަބެވެ. ދިވެހިންގެ މިގައުމު މިފަދަ އިސްރާފާއި މަޖަލަށް ލޯބިކުރައްވާ ވެރިއެއްގެ ކިބައިން ސަލާމަތް ކުރުމަށް އަންނަ ރިއާސީ އިންތިހާބުގެ ބޭނުން ހިފަމާތޯއެވެ.
No comments:
Post a Comment