Tuesday, 22 April 2008

ހޯރަފުށީ ކޯޓުގެ ކުރީގެ ސީނިއަރ ކުލާކް ޖަސްޓިސް އާ ދެކޮޅަށް ދައުވާ ކުރާ މައްސަލަ

ދައުވާކޮށްފައިވަނީ ސަރުކާރު ބަދުނާމު ކުރާކަށް ނޫން، ގެއްލިފައިވާ ހައްގު ހޯދުމަށް - ޒުނޭރާ

މުހައްމަދު އަޝްރަފް

ހއ ހޯރަފުށީ ކޯޓުގެ ސީނިއަރ ކްލާކެއްގެ ވަޒީފާގައި ހުރި އެރަށު އަސްރަފީގޭ ޒުނޭރާ މުހައްމަދު ސަރުކާރު މުވައްޒަފުންގެ ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ޖަސްޓިސް މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފައިވަނީ ސަރުކާރު ބަދުނާމު ކުރަން ނޫން ކަމަށާއި މިދައުވާ ކޮށްފައިވަނީ ގެއްލިފައިވާ ހައްގު ހޯދުމަށް ކަމަށް ޒުނޭރާ އަންގާރަދުވަހު ބުނެފިއެވެ.

މަދަނީ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ހއ ހޯރަފުށީ ކޯޓުގެ ކާތިބާއެއްގެ ވަޒީފާގައި 9 އަހަރު ހޭދަކޮށްފައިވާ ޒުނޭރާ ބުނީ 14 އޮކްޓޫބަރު 2002 ގައި އޭނާ ވަޒީފާއިން ވަކިކުރިތާ ހަފްތާއެއްގެ ތެރޭގައި ވަޒީފާއިން ވަކިކުރި ސަބަބު ހޯދުމަށް މަސައްކަތް ފެށި ކަމަށާއި އެގޮތުން ރައީސް އޮފީހަށާއި ޖަސްޓިސް މިނިސްޓްރީއަށާއި ދިވެހި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނަށްވެސް ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ތާކުން ކުރިއެރުމެއް ނުލިބުމުން ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް ބުންޏެވެ.

ޒުނޭރާ ބުނީ ހޯރަފުށީ ކޯޓުގެ ކާތިބާއެއްގެ ވަޒީފާއިން ސީނިއަރ ކުލާކެއްގެ ވަޒީފާއަށް ބަދަލުވެފައި ހުއްޓައި ނުހައްގުން އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ ހޯރަފުށީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަބްދުﷲ ރަޝީދުގެ ހަމައެކަނި ބަހަށް ބެލުމަށްފަހުގަ ކަމަށެވެ. ކުރީ ދުވަހުގެ ޝަރީއަތުގައި ޒުނޭރާ ބުނީ އޭނާ ވަޒީފާއިން ވަކިކުރުމަށްޓަކައި ތަފާތު އިންޒާރުތައް ދީފައިވަނީ އަބްދުﷲ ރަޝީދު ކޯޓުގެ ފައިސާތަކަކަށް ހިޔާނަތްތެރިވެވަޑައިގަތް މައްސަލަ އެންޓި ކޮރޮޕްޝަން ބޯޑަށް އޭނާ ހުށަހެޅުމާ ގުޅިގެން ކަމަށެވެ. އަދި ސަރުކާރުން ނުހައްގުން ކޮށްފައިވާ އަމަލެއްގެ ސަބަބުން އޭނާގެ ގެއްލިފައިވާ ހައްގު ޝަރީއަތުން ލިބިދެއްވުމަށްވެސް މިއަދު ޒުނޭރާ ގޮވާލިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ޒުނޭރާ ބުނީ ސަރުކާރު އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލިބިވަޑައިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.

ނަމަވެސް މިދައުވާއަށް ޖަވާބު ދެއްވަމުން އެދުވަހު ދައުލަތުގެ ވަކީލާ ވިދާޅުވީ ޒުނޭރާ ވަޒީފާއިން ވަކިކުރައްވާފައިވަނީ އޭނާގެ އަމަލުތައް ރަނގަޅު ކުރުމަށް ނަސޭހަތްދީ އެ ނަސޭހަތްތައް ގަބޫލުނުކޮށް އޭނާގެ އުޅުން ރަނގަޅުކޮށްފައިނުވާތީ ކަމަށެވެ. ދައުލަތުން ވިދާޅުވީ ތަނުގެ މަސްލަހަތު ގެއްލޭ ގޮތަށް ޒުނޭރާ އަމަލުކޮށްފައިވާތީ ލިޔެކިޔުމުން އޭނާއަށް އެތައް އިންޒާރެއް ދެވިފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިންޒާރުދެވި ސަރުކާރު މުވައްޒަފުންނާ ބެހޭ ގަވއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ. 

ނަމަވެސް ޒުނޭރާ މިއަދު ބުނީ އޭނާއަށް ނަސޭހަތާއި އިންޒާރު ދިނީ އެއިންޒާރުގައިވާ އެއްވެސް ކަމެއް އޭނާ ކޮށްގެން ނޫން ކަމަށެވެ. އަދި އޮފީހުގެ މަސްލަހަތު ގެއްލޭ ގޮތަށް އޭނާ ކުރީ ކޮންކަމެއްތޯ އާއި މެޖިސްޓްރޭޓުންނަށް ދަތިވާގޮތަށް އޭނާ ކުރީ ކޮންކަމެއްތޯ ޒުނޭރާ ސުވާލު ކުރިއެވެ.

ދައުލަތުން ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ޖަވާބެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެދުވަހުން ދައުލަތުން ހުށަހަޅުއްވަން ބޭނުންވާ ހެކީންވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ހެކީން ހުށަހަޅުއްވަނީ ކޮންކަމަކާ ގުޅިގެންތޯ ޒުނޭރާ ސުވާލު ކުރުމުން ގާޒީ ވިދާޅުވީ ދައުލަތުން ހެކީން ހުށަހަޅުއްވާ ދުވަހު އެ ތަފްސީލުވެސް ވިދާޅުވެދެއްވާނެ ކަމަށެވެ.

ޒުނޭރާ ވިދާޅުވީ މިޝަރީއަތަށް ނުފޫޒް ފޯރުވުމުގެ ގޮތުން ދައުލަތަށް އެއްވެސް ވާހަކައެއް ވިދާޅު ނުވެވޭނެ ކަމަށެވެ.

ގާޒީ ވިދާޅުވީ މިޝަރީއަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި މައްސަލައާ ގުޅޭ ގޮތުން ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު ދައުލަތަށްވެސް ލިބިގެންވާ ކަމަށެވެ.  


 

No comments: