Thursday, 17 April 2008

އިންތިގާލީ ބާބުގައި ފާސްކުރެވޭ އެއްޗަކުން މައުމޫނަށް ކުރިމަތިލެވޭނެ އެއްވެސް ދޮރެއް ނުހުޅެވޭކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެ

އިސްމާއިލް

އިންތިގާލީ ބާބުގައި ފާސްކުރެވޭ އެއްޗަކުން މައުމޫނަށް ކުރިމަތިލެވޭނެ އެއްވެސް ދޮރެއް ނުހުޅެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީ މެމްބަރު އަދި އެމްޑީޕީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ މޫސާ މިނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އިއްޔެ މެންދުރުފަހު ދަރުބާރުގޭގެ ފަންސަވީސް މާލަމުގައި މޫސަ ބޭއްވެވި ނޫސް ކޮންފަރެންސެއްގައި މިހާރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްކުރެވެމުންދާ އިންތިގާލީ ބާބުގައި ރައީސް މައުމޫނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތި ލެވޭނެ ގޮތަށް ފާސްވެއްޖެ ކަމަށް ބުނެ ޑީއާރުޕީން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ އިންތިގާލީ ބާބުގައި ބުނާ އެއްޗަކުން ގާނޫނުއަސާސީގައި މިހާރު ލިޔެފައިވާ ދެދައުރު ވެރިކަން ކޮށްފައިވާ މީހަކަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް އޮތްއޮތުން ނަފީނުކުރެވޭނެކަމަށެވެ. އިންތިގާލީ ބާބެއްގެ ހަގީގީ ބޭނުމަކީ އިސްލާހު ކުރެވުނު ގާނޫނުއަސާސީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ގޮތްތަކެއް ކަނޑައެޅުންކަމަށެވެ. އަދި އިންތިގާލި ބާބަކުން މިހާރު ގާނޫނު އަސާސީގައި ލިޔެފައިވާ އެއްވެސް އެއްޗެއް ބަދަލެއް ނުކުރެވޭނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މިހާރު އެމްޑީޕީއާއި ޑީއާރުޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެދުގައި ހިޔާލު ތަފާތުވެފައިވާ "އާގާނޫނު އަސާސީ، ބާގާނޫނު އަސާސީ" މައްސަލައާ ބެހޭގޮތުން މޫސަ ވިދާޅުވީ ދިވެހި ބަހުގަ "މިއޭ" ބުނަނީ އަތްމަތީގަ އޮތް އެއްޗަކަށް އިޝާރާކޮށް ބުނާ ލަފުޒެއްގެ ގޮތުގައިކަމަށްވާއިރު، އެއީ އެއްޗެއް އާކުރަން ނުވަތަ ބާކުރަން ބުނާ އެއްޗެއް ނޫންކަމަށެވެ. އަދި މިހާރު މިއިސްލާހު ކުރަމުންދާ ގާނޫނުއަސާސީވެސް އިޝާރާތް ކުރެވޭނީ މިގާނޫނު އަސާސީއޭ ބުނެ ކަމަށާއި، އެހެން ނަމަވެސް އޭގެ މާނައަކީ އެއީ މުޅިން އާގާނޫނު އަސާސީއެކޭ ނޫންކަމަށް މޫސަ ވިދާލުވިއެވެ.

ޑީއާރުޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ރައީސާ އަނީސާ އަހުމަދު ހުށަހެޅުއްވި އިންތިގާލީ ބާބުގެ 20 ވަނަ ހުށަހެޅުން ފާސްވެގެން ދިޔަގޮތާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ މަޖިލީހުގައި ބަހުސް ކުރަނީ ޑްރާފްޓް ކޮށްގެން މަޖިލީހަށް ގެނެވުމުން ކަމަށާއި، އެހެން ނަމަވެސް އިންތިގާލީ ބާބު ޑްރާފްޓް ނުކުރެވިގެން މަޖިލީހުގެ މެމްބަރުން ތެރޭން ބަޔަކު އެބާބު ލިޔެގެން ގެނައީކަމަށެވެ. އަދި އެގޮތުން އިންތިގާލީ ބާބުގެ ހުރިހާކަމެއް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމާފައިވާކަމަށާއި، އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް 20ވަނަ މާއްދާގައި އަރައިފައިވާ އޮޅުން އެރީ މީގެ ކުރިން މަޖިލީހުގެ ރައީސް ކަންކުރައްވާފައިވާ ގޮތާ ހިލާފުވުމުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.  

     މިމަހު 13 ވަނަ ދުވަހު އޮތް ރައްޔިތުން ހާއްސަ މަޖިލީހުގެ ހެނދުނުގެ ޖަލްސާގައި އަނީސާ އަހުމަދު ހުށަހަޅުއްވާ މުހައްމަދު އަނިލް ތާއީދު ކުރެއްވައިގެން ފާސްވި ހުށަހެޅުން 20 ކަމަށްވާ "އަމަލުކުރަން ފެށުމުގައި" ބަޔާންކޮށްފައިވަނީ، "(ހ) މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. (ށ) މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ.

 

No comments: