Thursday, 17 April 2008

ފީއަލީ އޮފީހަށް 3 ބަރޯ މުގުރާން އެޅި މައްސަލަ އެޓަރނީން އަނބުރާ ގެންދިޔުމަށް ޖިނާއީ ކޯޓުން ފުރުސަތު ދީފި

އިބްރާހީމް މުޙައްމަދު

12 އޮކްޓޫބަރު 2006 ގައި ފ.ފީއަލީ އޮފީހަށް 3 ބަރޯ މުގުރާން އެޅި މައްސަލަގައި މިހާރު ދައުވާ ކުރެވެމުންދާ 4 މީހުންގެ މައްސަލަ އެޓާނީ ޖެނެރަލް އޮފީހުން އަނބުރާ ގެންދިޔުމަށް ޖިނާއީ ކޯޓުން ފުރުސަތު ދީފިއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލިހުގައި ޤާޟީ ސައީދު އިބްރާހީމް ވިދާޅުވީ ހއ.ދިއްދޫ އަދި އައްޑު އަތޮޅު ބަޔަކުވެސް މީގެކުރިން ރަށު އޮފީހަށް މަސްއަޅާފައިވާކަމަށެވެ. ދިއްދޫގައި އަދި އައްޑު އަތޮޅުގައި ހިނގާ ދިޔަ މައްސަލަތަކާއި މިމައްސަލައާ ދެމެދު ފަރަގެއް ނެތް ކަމުގައިވިޔަސް ދިއްދޫ ރަށު އޮފީހަށް މަސްއެޅި މައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހުން ޖިނާއީ ކޯޓުން އަނބުރާ ނެންގެވިކަމަށާއި އަދި އައްޑު އަތޮޅުގެ އޮފީހަށް މަސްއެޅި މައްސަލަ ޖިނާއީ ކޯޓަށް ހުށަހަޅާފައި ނުވާކަމަށް ޤާޟީ ވިދާޅުވިއެވެ.  

"މި އެންމެންނަކީވެސް ދިވެހިރައްޔިތުން، މިހެންވެ އެންމެންނަށް އެއްހަމަޔަކުން އަމަލުކުރަން ޖެހޭނެކަމަށް ފެނޭ" ޤާޟީ ވިދާޅުވިއެވެ.  

ޤާޟީ ވިދާޅުވިގޮތުގައި މައްސަލަތަކުގައި ދައުވާކުރެވޭއިރު ޒާތީ ކަމެއް އިހުސާސުކުރެވޭގޮތަށް ދައުވާކުރެވިގެން ނުވާނެއެވެ. ނަމަވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން މިމައްސަލަ އަނބުރާ ނުގެންގޮސްފިނަމަ ޖެހޭނީ މިމައްސަލައިގައިވެސް ޙުކުމްކުރަންކަމަށް ޤާޟީ ވިދާޅުވިއެވެ. މިގޮތުން މިމީހުން މަސްއެޅުމުގައި ބައިވެރިވިކަމުގެ ހެކި ކޯޓަށް ލިބިފައިވާކަމަށް ޤާޟީ ވިދާޅުވިއެވެ.

"ވަކި މުއްދަތެއް މިދެއްވީ" މައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅުމަށް ފުރުސަތު ދެއްވައި ޤާޟީ ވިދާޅުވިއެވެ. "ނުގެންދިޔަ ކަމުގައިވާނަމަ ހެކިން ހާޟިރުކޮށް ސުވާލުކުރެވޭނެ"

މި މައްސަލަގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރެވޭ ފީއަލީ ހަތަރު ޒުވާނުންނަކީ އެރަށު ނަރުގިސްވިލާގެ ދެމީހުންކަމުގައިވާ މޫސާ ޝަހީމާއި ޙުސައިން ނިޔާޒް އަދި މާބުޅާގެ މުޙައްމަދު ޢާރިފާއި މިނިވަންއުފާ ޙަސަން އާދަމެވެ.

އެޓަރނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝަމީމް މިނިވަންނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ދައުވާ ކުރަންވީ މައްސަލަތަކާއި އަނބުރާ ގެންދަންވީ މައްސަލަތައް ނިންމާނީ ބަންޑާރަ ނައިބު އޮފީހުން ކަމަށާއި މިއީ ޖިނާއީ ކޯޓުން ނިންމަން ޖެހޭ ނިންމުން ތަކެއް ނޫންކަމަށެވެ. އަދި ހއ.ދިއްދޫ އޮފީހަށް މަސްއަޅާލި މައްސަލައާއި އައްޑު އަތޮޅު އޮފީހަށް މަސްއަޅާލި މައްސަލަ ފީއަލީ އޮފީހަށް މަސްއަޅާލި މައްސަލައާ ވަރަށް ބޮޑަށް ތަފާތުކަމަށް ޝަމީމް ވިދާޅުވިއެވެ.

"ދައުވާއާއި ބާވަތާއި ގޮތްތައް ތަފާތުވާނެ" ޝަމީމް ވިދާޅުވިއެވެ. "މިސާލަކަށް ދިއްދޫ މައްސަލަގައި ދައުވާކޮށްފައިވަނީ ޣައިރުޤާނޫނީ އެއްވުމެއްގައި އަމަން ނަގާލި ކަމުގެ ކުށުގެ ދައުވާ. ނަމަވެސް ފީއަލީ މައްސަލަގައި މިދައުވާ ކުރެވެނީ އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ"

ނަމަވެސް އުސޫލުހަމަޖެހިފައިވާ ގޮތުން އެހެން މައްސަލަތައް ބަލާ އުސޫލުން މިމައްސަލަވެސް ހުށަހަޅައިފިނަމަ ބަލާދޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ދައުވާ ލިބޭ ހަތަރު މީހުންގެ ވަކީލު އަބްދުލް މަތީނު ޝަރީޢަތުގައި ވިދާޅުވީ ދައުވާ އެޓަރނީ ޖެނެރަލްގެ އޮފީހުން ގެންދިޔުމަށް އެދި ދެންނެވުމަށް ޖިނާއީ ކޯޓުން ކުރިން ފުރުސަތެއް ދީފައި ނުވާކަމަށެވެ. ނަމަވެސް މިއަދު ފުރުސަތު ލިބުމުން މިމައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެކަމަށް މަތީނު ވިދާޅުވިއެވެ. އަދި މިމައްސަލަ ދިގުލައިގެން ދާކަންވެސް ޝަރީޢަރުގެ މަޖިލިހުގައި މަތީނު ފާހަގަކުރެއްވިއެވެ.

"2006 ކުން ފެށިގެން ޖެހިގެން އުޅޭ މިމައްސަލައިގައި 6 ފަހަރު މިމީހުން މީހާރު ހާޟިރުކުރެވިއްޖެ" މަތީނު ވިދާޅުވިއެވެ.

ފީއަލީ އޮފީހަށް މުގުރާން އަޅާލާފައިވަނީ މަހަށް ފުރަން އުޅުނު މީހަކަށް އޮޅިގެން ރަށު އޮފީހަށް ހާޟިރުވުމަށް ޗިޓް ދިނުމުން މަހަށް ނުދެވުމުގެ ސަބަބުންނެވެ.

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސިން ހޯދުމަށް ފުލުހުން ލޭބަރ މިނިސްޓްރީއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 41 ބަންގްލަދޭޝް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

އަބްދުއްރަހްމާން

 

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސިން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކެޕިޓަލް ޕޮލިސްގެ ވައިލަންސް ރިޑަކްޝަން ޔުނިޓުގެ ފުލުހުން ލޭބަރ މިނިސްޓްރީއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 41 ބިދޭސީއަކު ބުރާސްފަތިދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިކަމަށާއި މިއެންމެނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންކަމަށް ފުލުހުން ބުނެފިއެވެ.

 

ފުލުހުން ބުނަނ މިމީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު މަޖީދީ މަގުގައި ހުންނަ މޯބައިލް ފިހާރައެއް ކަމުގައިވާ ސީޕީ ފިހާރަ ކައިރިންކަމަށެވެ. މިއޮޕަރޭޝަނުގައި ފުލުހުން މިއަދު ހައްޔަރުކުރި 41 މީހުންގެ ތެރޭގައި ހިމެނެނީ ވޯރކް ޕާރމިޓް ކާރޑު ނެތް މީހުންނާއި ވޯރކް ޕާރމިޓް ކާރޑުގެ މުއްދަތު ހަމަވުމަށްފަހު ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅެމުންދާ މީހުންކަމަށް ފުލުހުން ބުނެއެވެ.

އިންތިގާލީ ބާބުގައި ފާސްކުރެވޭ އެއްޗަކުން މައުމޫނަށް ކުރިމަތިލެވޭނެ އެއްވެސް ދޮރެއް ނުހުޅެވޭކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެ

އިސްމާއިލް

އިންތިގާލީ ބާބުގައި ފާސްކުރެވޭ އެއްޗަކުން މައުމޫނަށް ކުރިމަތިލެވޭނެ އެއްވެސް ދޮރެއް ނުހުޅެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީ މެމްބަރު އަދި އެމްޑީޕީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ މޫސާ މިނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އިއްޔެ މެންދުރުފަހު ދަރުބާރުގޭގެ ފަންސަވީސް މާލަމުގައި މޫސަ ބޭއްވެވި ނޫސް ކޮންފަރެންސެއްގައި މިހާރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްކުރެވެމުންދާ އިންތިގާލީ ބާބުގައި ރައީސް މައުމޫނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތި ލެވޭނެ ގޮތަށް ފާސްވެއްޖެ ކަމަށް ބުނެ ޑީއާރުޕީން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ އިންތިގާލީ ބާބުގައި ބުނާ އެއްޗަކުން ގާނޫނުއަސާސީގައި މިހާރު ލިޔެފައިވާ ދެދައުރު ވެރިކަން ކޮށްފައިވާ މީހަކަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް އޮތްއޮތުން ނަފީނުކުރެވޭނެކަމަށެވެ. އިންތިގާލީ ބާބެއްގެ ހަގީގީ ބޭނުމަކީ އިސްލާހު ކުރެވުނު ގާނޫނުއަސާސީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ގޮތްތަކެއް ކަނޑައެޅުންކަމަށެވެ. އަދި އިންތިގާލި ބާބަކުން މިހާރު ގާނޫނު އަސާސީގައި ލިޔެފައިވާ އެއްވެސް އެއްޗެއް ބަދަލެއް ނުކުރެވޭނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މިހާރު އެމްޑީޕީއާއި ޑީއާރުޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެދުގައި ހިޔާލު ތަފާތުވެފައިވާ "އާގާނޫނު އަސާސީ، ބާގާނޫނު އަސާސީ" މައްސަލައާ ބެހޭގޮތުން މޫސަ ވިދާޅުވީ ދިވެހި ބަހުގަ "މިއޭ" ބުނަނީ އަތްމަތީގަ އޮތް އެއްޗަކަށް އިޝާރާކޮށް ބުނާ ލަފުޒެއްގެ ގޮތުގައިކަމަށްވާއިރު، އެއީ އެއްޗެއް އާކުރަން ނުވަތަ ބާކުރަން ބުނާ އެއްޗެއް ނޫންކަމަށެވެ. އަދި މިހާރު މިއިސްލާހު ކުރަމުންދާ ގާނޫނުއަސާސީވެސް އިޝާރާތް ކުރެވޭނީ މިގާނޫނު އަސާސީއޭ ބުނެ ކަމަށާއި، އެހެން ނަމަވެސް އޭގެ މާނައަކީ އެއީ މުޅިން އާގާނޫނު އަސާސީއެކޭ ނޫންކަމަށް މޫސަ ވިދާލުވިއެވެ.

ޑީއާރުޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ރައީސާ އަނީސާ އަހުމަދު ހުށަހެޅުއްވި އިންތިގާލީ ބާބުގެ 20 ވަނަ ހުށަހެޅުން ފާސްވެގެން ދިޔަގޮތާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ މަޖިލީހުގައި ބަހުސް ކުރަނީ ޑްރާފްޓް ކޮށްގެން މަޖިލީހަށް ގެނެވުމުން ކަމަށާއި، އެހެން ނަމަވެސް އިންތިގާލީ ބާބު ޑްރާފްޓް ނުކުރެވިގެން މަޖިލީހުގެ މެމްބަރުން ތެރޭން ބަޔަކު އެބާބު ލިޔެގެން ގެނައީކަމަށެވެ. އަދި އެގޮތުން އިންތިގާލީ ބާބުގެ ހުރިހާކަމެއް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމާފައިވާކަމަށާއި، އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް 20ވަނަ މާއްދާގައި އަރައިފައިވާ އޮޅުން އެރީ މީގެ ކުރިން މަޖިލީހުގެ ރައީސް ކަންކުރައްވާފައިވާ ގޮތާ ހިލާފުވުމުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.  

     މިމަހު 13 ވަނަ ދުވަހު އޮތް ރައްޔިތުން ހާއްސަ މަޖިލީހުގެ ހެނދުނުގެ ޖަލްސާގައި އަނީސާ އަހުމަދު ހުށަހަޅުއްވާ މުހައްމަދު އަނިލް ތާއީދު ކުރެއްވައިގެން ފާސްވި ހުށަހެޅުން 20 ކަމަށްވާ "އަމަލުކުރަން ފެށުމުގައި" ބަޔާންކޮށްފައިވަނީ، "(ހ) މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. (ށ) މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ.

 

މާލެތެރޭ ހިންގާ ސިލްސިލާ މާރާމާރީގެ އެއްވެސް މައްސަލައެއް އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނުވާކަމަށް އެފަރާތުން ހާމަކޮށްފި

މިހާރު މާލެ ތެރޭގައި ހިނގާ ސިލްސިލާ މަރާމަރީގެ ތަފާތު މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު 57  މީހުންގެ ތެރެއިން 12 މީހެއްގެ މައްސަލައިގެ ތަހްޤީގް ނިމި އެޓާރނީގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފައި ވީނަމަވެސް މި މާރާމާރީގެ އެއްވެސް މައްސަލައެއް އޭޖީ އޮފީހަށް ފޮނުވާފައި ނުވާކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

     މިނިވަނަށް މަޢުލޫމާތު ދެއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދަޅުވީ ބުދަދުވަހު ފުލުހުންގެ ވެބްސައިޓާއި ދިވެހި ރާއްޖޭގެ މީޑިޔާއިން އެފަދަ ހަބަރެއް ފަތުރާފައި ވީނަމަވެސް ސިލްސިލާ މާރާމާރީގެ އެއްވެސް މައްސަލައެއް އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވާފައި ނުވާކަމަށެވެ. ޝަމީމް ވިދާޅުވީ އިއްޔެ އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ހަމަކަނި މާރާމާރީގެ މައްސަލައަކީ މ އަތޮޅުގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ރެފްރީއަކާމެދު ހިނގާފައިވާ މާރަމާރީއެއްގެ މައްސަލަކަމަށާއި އިއްޔެ އާއި މިއަދުގެ 2 ޖެހުމާހަމައަށް ސިލްސިލާ މާރާމާރީގެ އެއްވެސް މައްސަލައެއް އެ އޮފީހަށް ލިބިފައިނުވާކަމަށެވެ.

     އިއްޔެ ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުން މާލޭގައި ހިންގި ސިލްސިލާ މާރާމާރީގެ ތަފާތު 3 މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 12 މީހެއްގެ މައްސަލައިގެ ތަޙްޤީޤް މަރުހަލާ ނިމި އެޓާރނީ ޖެނެރެލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެގޮތުން އުމުރުން 18 އަހަރުން ދަށުގެ 3 ކުއްޖެއް ހިމެނޭކަމަށް ވެސް ހާމަކޮށްފައިވެއެވެ. ހަމައެހެންމެ މާލެތެރޭގައި ފަހަކަށް އައިސް ހިންގާ ގްރޫޕް މާރާމާރީއާ ވިދިގެން ހައްޔަރުކޮށްފައިވާ 52 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުވެސް އެބަތިބިކަމަށާއި އޭގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ 4 ކުދިން ހިމެނާއި 18 އަހަރުގެ 11 ކުއްޖަކާއި 19 އަހަރާ 38 އަހަރާ ދެމެދުގެ 37 މީހަކު ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އަދި މިއެންމެނަކީވެސް މާރާމާރީގެ ތަފާތު 22 މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހުންކަމަށްވެއެވެ. މިމައްސަލަތަކުގައި މާރާމާރީ ހިންގުމަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިހުރި ގިނަ އަދަދެއްގެ ލަކުޑިބުރިތަކާއި، ދަނގަޑުބުރިތަކާއި ތޫނު ހަތިޔާރާއި މާސްކް ފަދަ ތަކެތި ފުލުހުން އަތުލާފައިވެއެވެ. 

ގައްދޫ ޒާހިރުގެ ކ ގުރައިދޫ ޔާޑުގައި ތިބި މުވައްޒަފުންނަށް ރައްޔިތުން ބިރުދައްކާ ހަދަމުންދާ ކަމަށް ސާބިތެއް ނުކޮށްދެވުނު

ރައްޔިތުންގެ މަޖިލީހުގެ ގދ މެންބަރު ޒާހިރު އާދަމަށް ކ ގުރައިދޫން ކުއްޔަށް ދީފައިވާ ބިމުގައި މަސައްކަތް ކުރާ ޒާހިރު އާދަމްގެ މުވައްޒަފުންނަށް ގުރައިދޫ އޮފީހުންނާއި ރކ ކޮމެޓީ މެންބަރުން ބިރުދައްކާ ހަދަމުންދާ ކަމަށް ޒާހިރު އާދަމް ބުނިނަމަވެސް އެކަން ސާބިތުކޮށްދެވިފައިނުވާތީ ކޯޓު އަމުރެއް ނެރެވެން ނެތް ކަމަށް މަދަނީ ކޯޓުން ނިންމައިފިއެވެ.

މަދަނީ ކޯޓުގައި މިމައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދައުވާ ކުރައްވާ ފަރާތުން އެދިލައްވާފައިވާ ގޮތަށް ކޯޓު އަމުރެއް ނެރެވޭނީ ޒާހިރު އާދަމުގެ ފަރާތުން ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް ހާމަކުރުމުން ކަމަށް ބުނެފައިވާނެ ކަމަށާއި އަދި ގުރައިދޫ ޔާޑުގައި ޒާހިރު އާދަމް ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވާ އިތުރަށް މަސައްކަތް ކޮށްފިނަމަ މާރާމާރީ ހިންގާނެކަމަށް ބުނިނަމަވެސް ޒާހިރު އާދަމަށް އެކަން ސާބިތުކޮށްދެވިފައިނުވާ ހިނދު ކޯޓު އަމުރެއް ނުނެރެވޭނެ ކަމަށެވެ.

 ޒާހިރު އާދަމްގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލު ވިދާޅުވީ އެންމެ ފުރަތަމަ މިމައްސަލަ ކޯޓަށް ވެއްދި ދުވަސްކޮޅު ކ ގުރައިދޫ ރައްޔިތުން ތަމްސީލު ކުރައްވާ ރކ ކޮމެޓީގެ މެންބަރުންގެ ފަރާތުން ޒާހިރު އާދަމްގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުތައް ދެމުން ގެންދިޔަ ކަމަށާއި ނަމަވެސް ފަހުން އެކަހަލަ ކަމެއްކޮށްފައިވާ ކަމަށް ޒާހިރު އާދަމް ވިދާޅުވެފައިނުވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ބިރު އެބައޮތް ކަމަށް ވަކީލު ވިދާޅުވިއެވެ.

ޒާހިރު އާދަމް ދައުވާ ކޮށްފައިވަނީ 15 ސެޕްޓެމްބަރ 1998 ގައި ކ.ގުރައިދޫ އޮފީހާއި އޭނާއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކ.ގުރައިދޫން ކުއްޔަށް ހިފާފައިވާ 22500 އަކަފޫޓުގެ ބިމުގައި ޒާހިރު އާދަމްގެ އަމިއްލަ ހަރަދުގައި އިމާރާތް ކޮށް ހަދާފައިވާ ޔާޑުގެ ކުލިދައްކަމުން އަންނަނިކޮށް އެތަނުގައި ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވާ އިތުރަށް މަސައްކަތް ކޮށްފިއްޔާ މާރާމާރީ ހިންގާނެކަމަށް ބުނެ ތަނުގައިތިބި ޒާހިރު އާދަމްގެ މުވައްޒަފުންނަށް ގުރައިދޫ އޮފީހުން އަންގާ ބިރުދައްކާ ހަދަމުންގެންދާ ކަމަށް ބުނެ އެތަނުގައި ފެށިފައިވާ މަސައްކަތްތައް ފުރިހަމަ ކުރުމުގެ ފުރުސަތު ޒާހިރު އާދަމަށް ލިބިދެއްވާ އަދި ޒާހިރު އާދަމްގެ އެންމެހާ މިލްކިއްޔާތު އެތަކެތީގެ ޒާތުން ލިބިދިނުމަށެވެ.

ޒާހިރު އާދަމްގެ ފަރާތުން ބަޔާން ތައްޔާރުކޮށްފައިނުވާތީ މިއަދު މިމައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ޒާހިރު އާދަމަށް ބަޔާން ތައްޔާރުކުރެއްވުމަށް ޝަރީއަތުން ވަނީ ފުރުސަތެއް ދެއްވާފައެވެ.

މާރޗް މަހުގެ 30 ގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ކ ގުރައިދޫއިން ޒާހިރު އާދަމަށް ދީފައިވާ ބިމަކީ ސިނާއީ މަސައްކަތްކުރުމަށް އެޓޮލްސް މިނިސްޓްރީ ގެންގުޅުއްވާ އާންމު އުސޫލުގެ ދަށުން ދީފައިވާ ބިމެއް ކަމަށްވާއިރު، އެބިން ހުސްކުރުމަށް ޒާހިރު އާދަމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެބިމުގައި ހުރި ނުއުފުލޭ މުދަލަކީ ޒާހިރު އާދަމަށް ގެންދެވޭނެ އެއްޗެއް ނޫން ކަމަށާއި އެތަކެއްޗަކީ ގުރައިދޫ ރައްޔިތުންގެ އެއްޗެއް ކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ ލޯނު ސްކީމަށް ފައިސާ ނުދައްކައި ވަޒީފާއިން ވަކިވި މީހެއްގެ މައްޗަށް ދައުވާކޮށްފި

 މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޒް ކޮމްޕެނި (އެމް.ޑަބްލިޔު.އެސް.ސީ) ގެ ވަޒީފާގެ އުޅެމުން އެކުންފުނީގެ ލޯނު ސްކީމުގެ ދަށުން ނަގާފައިވާ 66،147.29 ރުފިޔާގެ ލޯނު ފައިސާގެ އެއްބައި ނުދައްކައި އެކުންފުނީގެ ވަޒީފާއިން ވަކިވި މީހެއްގެ މައްޗަށް ފައިސާ ހޯދުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަދަނީ ކޯޓުގައި ދައުވާކޮށްފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން މަދަނީ ކޯޓުގައި ދައުވާ ކޮށްފައިވަނީ ގ ހިކަހެރަ ހުސައިން މުހައްމަދު އެކުންފުނީގެ ވަޒީފާގައި އުޅެމުން ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނު ފައިސާގެ ތެރެއިން ނުދެއްކިވާ 62320 ރުފިޔާ ހޯދުމަށާއި ހުސެއިން މުހައްމަދު ވަޒީފާއިން ވަކިވެފައިވަނިކޮށް އޭނަ އެކައުންޓަށް ޖަމައުކުރެވިފައިވާ 2،430 ރުފިޔާ އާއި އެއްބަސްވުމުގައި މިފައިސާގެ އިތުރަށް ދައްކަން އެއްބަސްވެފައިވާ 6،812.71 ރުފިޔާ އާއެކު ޖުމުލަ 71،562.71 ރުފިޔާ އެއްފަހަރާ މީނަގެ އަތުން ލިބިދިނުމަށެވެ.

މަދަނީ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމް.ޑަބްލިޔު.އެސް.ސީގެ ވަކީލު ވިދާޅުވީ މީގެތެރެއިން ބައެއް ފައިސާ ހުސެއިން މުހައްމަދު ދައްކާފައިވާ ކަމަށާއި ނަމަވެސް އެފައިސާގެ ތަފްސީލު އެމް.ޑަބްލިޔު.އެސް.ސީން އަދި ލިބިފައިނުވާ ކަށެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އެފައިސާގެ ތަފްސީލު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ހުސެއިން މުހައްމަދުގެ މައްޗަށް އެމް.ޑަބްލިޔު.އެސް.ސީން ކޮށްފައިވާ ދައުވާގައި ބުނަނީ 6 ސެޕްޓެމްބަރ 2007 ދުވަހު ހުސެއިން މުހައްމަދު އެކުންފުނީގެ ވަޒީފާއިން ވަކިވުމަށް އެދި އެއިގެފަހުން އެކުންފުނީގެ ވަޒީފާއަށް ނިކުތުން ހުއްޓާލައި އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ދައްކަން ތަކުރާރުކޮށް އެކުންފުނީގެ ފަރާތުން އެދުމުންވެސް އެފައިސާ ދައްކާފައިނުވާ ކަމަށެވެ.  

ގާދިއްފުށީ ރައްޔިތުންގެ ބަޖެޓުން ކަތީބު ހިޔާނާތްތެރި ވެފައިވާކަމަށް އެރަށުގެ ދެ ކޮޓީއަކުން ތުހުމަތުކޮށްފި

ތ. ގާދިއްފުށީ ކަރަންޓުގެ ހިދުމަތް ހަރުދަނާ ކުރުމުގެ ނަމުގައި ރައްޔިތުންގެ ބަޖެޓުން އެރަށު ކަތީބު އަބްދުﷲ ސާދިޤް ހިޔާނާތްތެރި ވެފައިވާކަމަށް އެރަށު ރކ ކޮމެޓީއާއި ތަރައްޤީއަށް މަސައްކަތް ކުރާ ދިހަ މެންބަރުންގެ ކޮމެޓީގެ ބައެއް މެންބަރުން ތުހުމަތުކޮށްފިއެވެ.

     ނަންހާމަކުރުމަށް ނޭދޭ ގާދިއްފުށީ ރަށު ތަރައްޤީއަށް މަސައްކަތްކުރުމަށް އެރަށު ރައްޔިތުން ހޮވާފައިވާ 10 މެންބަރުންގެ ކޮމެޓީގައި ހެމެނޭ މެންބަރަކު ބުނީ އެތައް ދުވަހެއް ވަންދެން އެރަށު ރކ ކެމެޓީގެ ބައްދަލުވުމެއް ނުބާއްވާ އޮތުމަށް ފަހު މީގެ ދެތިން ދުވަސް ކުރިން ބޭއްވި ރކ ކޮމެޓީގެ ބައްދަލުވުމުގައި ޔައުމިއްޔާ ފާސްކުރިއިރު އިންޖީނު މަރާމާތުކުރަން އެރަށަށް އައި މީހަކަށް ދޭންކަމަށް ބުނެ ވަކިއަދަދެއް ނުޖަހާ ރައްޔިތުންގެ ބަޖެޓުން ފައިސާނަގަން ހަމަޖައްސާފައިވާކަމަށެވެ. އޭނާ ބުނީ އެޖަލްސާގައި ތިއްބެވި ރކ ކމެޓީގެ މެންބަރުންނަށް އިންޖީނު ހެދުމުގެ މަސައްކަތަކަށް ރައްޔިތުންގެ ބަޖެޓުން ފައިސާ ހަރަދުކުރުމަށް ނިންމާފައި ނުވާތީ އެ ޔައުމިއްޔާ ފާސްކުރުމަށް މެންބަރުން ދެކޮޅުހެދިއެވެ. ނަމެވެސް އެ ކަމަކީ ހިނގާފައިވާކަމެއްކަމަށް ވިދާޅުވެ ކަތީބު އަބްދުﷲ ސާދިޤު ކޮމެޓީގެ މެންބަރުންނާ ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް އެއްވެސް މެންބަރަކު ޔައުމިއްޔާގައި ސޮއި ކުރަން އެއްބަސް ވެފައި ނުވާކަމަށް އެފަރާތުން ހާމަކުރިއެވެ. ހަމައެހެންމެ އިންޖީނު މަރާމާތުކުރުމަށް ކަމަށް ބުނެ މީހަކު ގެނައިކަމަށް ވިއަސް އެކަން ރކ ކޮމެޓީގެ އެއްވެސް މެންބަރަކަށް އެނގިފައި ނުވާކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     "މިރަށު އޮފީހުގެ ބަޖެޓާބެހޭ އިބްރާހިމް ރަޝީދު ބުނެފައިވަނީ ކަތީބު ބުނެގެން ރައްޔިތުންގެ ބަޖެޓުން 16700 (ސޯޅަހާސް ހަތްސަތޭކަ) ރުފިޔާ ނަގާފައިވާކަމަށް، މި މައްސަލައާ ގުޅިގެން އަތޮޅު އޮފީހަށް ގުޅުމުން ވިދާޅުވީ ފަސްހާހަށް ވުރެ މަތީގެ ހަރަދެއް ދާ މަސައްކަތެއް ނަމަ އެކަން ކުރެވޭނީ ރކ ކޮމެޓީއަށް ހުށަހަޅާ އެކަން ފާސްކުރުމަށްފަހު އަތޮޅު އޮފީހަށް އަންގައިގެނޭ، ނަމަވެސް މި ފައިސާނެގުމުގައި ރަށުގެ އެއްވެސް ފަރާތެއްގެ މަޝްވަރާ ހޯދާފައެއްނުވޭ" އެފަރާތުން ހާމަކުރިއެވެ.

     އެފަރާތުން ބުނީ ގާދިއްފުށީ ކަތީބަކީ ޕެންޝަންލިބިގެން ރާއްޖެތެރޭގެ ހާއްސަ އެހީތެރިއެއްގެ ގޮތުގައި ބެހެއްޓުމަށް ފަހު މި އަހަރުގެ ރިޔާސީ އިންތިހާބަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން ދެވަނަ ފަހަރަށް ކަތީބުކަން ދެއްވާފައިވާ ބޭފުޅެއްކަމަށާއި ކަތީބު އަބްދުﷲ ސާދިޤްގެ ފަރާތުން މީގެ ކުރިންވެސް ހިޔާނާތުގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާކަމަށެވެ. އަދި މިހާރު ރައްޔިތުންގެ ބަޖެޓުން ކަތީބު ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާތައް ހޯދުމަށްޓަކައި މައްސަލަ ބެލުމަށް ރައްޔިތުން ތައްޔާރުވަމުންދާކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     "އަސްލު މިރަށުގައި މިއޮތް ރކ ކޮމެޓީއަކަށް ޤާނޫނީ ހައިސިއްޔަތެއް ލިބިފައެއްނެތް، ރަށުގެ މާލިއްޔަތުން ފައިސާ ނަގައިގެން ހަރަދުކުރާއިރު ކޮމެޓީއަކަށް ނޭނގޭ އެކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް، ރކ ކެމެޓީ ނެގިފަހުން މިރަށު ތަރައްޤީއަށް މަސައްކަތްކުރާ 10 މެންބަރުންގެ ކޮމެޓީއެއްގައި އަޅުގަނޑު މިހާރު މިހަރަކާތްތެރިވަނީ، އިންތިހާބުކޮށްގެން ހޮވާފައިވާ ރކ ކޮމެޓީގައި ހިމެނެނީ 7 މެންބަރުން" އޭނާ ބުންޏެވެ.

    މިކަމާ ބެހޭ ގޮތުން މިނިވަނަށް މަޢުލޫމާތު ދެއްވަމުން ގާދިއްފުށީ އޮފީހުގެ ބަޖެޓްގެ ކަންތައްތަކާ ހާވާލުވެ ހުންނަވާ އިބްރާހިމް ރަޝީދު ވިދާޅުވީ ރައްޔިތުންގެ މާލިއްޔަތުން ކަތީބު އަބްދުﷲ ސާދިޤަށް މިމަހުގެ 9 ވަނަދުވަހު ފައިސާ ހަވާލުކޮށްފައިވާކަމަށާއި ނަމަވެސް އެފައިސާއަކީ ރކ ކޮމެޓީން ނިންމާފައިވާ ޗިޓަކަށް ދޫކޮށްފައިވާ ފައިސާކަމަށެވެ. އެގޮތުން 16700(ސޯޅަހާސް ހަތްސާތޭކަ) ރުފިޔާ ދޫކޮށްފައިވާކަމަށް އެފަރާތުން ހާމަކުރިއެވެ.

     މިކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ނަން ހާމަކުރަން ނޭދޭ ރކ ކޮމެޓީގެ މެންބަރަކު ހާމަކުރެއްވީ އިންޖީނު މަރާމާތު ކުރުމާ ބެހޭ ގޮތުން ކޮމެޓީތެރޭގައި ބަހުސްކޮށްފައިވާކަމަށާއި ނަމަވެސް ގޮތެއް ނިންމާފައިނުވާކަމަށެވެ. އެގޮތުން ވަގި ގޮތެއް ނިންމާ އެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކުރަން ޖެހޭނީ ކޮމެޓީގެ ތެރޭން އިންޖީނު މަރާމާތުކުރުމަށް ގެންނަ މީހަކު ކަނޑައަޅާ، އެކަމަށް ހޭދަވާނެ ފައިސާ ވެސް ކަނޑައެޅުމަށް ފަހު ރައްޔިތުންނަށް ހުށަހަޅެމަށް ފަހުގައިކަމަށް ކޮމެޓީން ނިންމާފައިވާކަމަށް އެފަރާތުން ހާމަކުރިއެވެ. ނަމަވެސް އެފަދަ އެއްވެސް ނިންމުމެއް ނުނިންމާ، ކޮމެޓީއަށް ވެސް ނޭނގި މީހަކުއައިސް އިންޖީނު މަރާމާތު ކުރުމަށް ފަހު، އެނބުރި ދިއުމުން އެފަރާތަށް ފައިސާ ހަވާލުކުރުމަށް ރައްޔިތުންގެ ބަޖެޓުން ފައިސާ ނެގުމަކީ ޤަބޫލުކުރެވޭކަމަކަށް ނުވާތީ އެއްވެސް މެންބަރަކު ޔައުމިއްޔާ ފާސްކުރުމަށް އެއްބަސްވެފައިނުވާކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     މިމައްސަލާއާ ގުޅިގެން މިނިވަނަށް މަޢުލޫމާތު ދެއްވަމުން ގާދިއްފުށީ ކަތީބު އަބްދުﷲ ސާދިޤް ވިދާޅުވީ ރައްޔިތުންގެ ބަޖެޓުން އޭނާ ހިޔާނާތްތެރި ވެފައިވާކަމަށް އެކުރާ ތުހުމަތަކީ އެއްވެސްކަހަލަ ހަޤީގަތެއް އެކުލެވޭ ކަމެއްނޫންކަމަށާއި މަރާމާތު ކުރަން ޖެހިފައިވާ ތިން ޖަނަނޭޓަރު ހަދަން މީހަކަށް ހަވާލުކޮށްފައިވަނީ އަތޮޅު އޮފީހަށްވެސް އެކަން އެންގުމަށް ފަހުގައިކަމަށެވެ. ހަމައެހެންމެ ރކ ކޮމެޓީއާއެކު އެކަމާ މަޝްވަރާކޮށްފައި ވާނެކަމަށާއި ކޮމެޓީގެ ބައްދަލުވުން އޮތް ދުވަހު އެފައިސާގެ އަދަދު ހުށަނޭޅުނީ ބިލުހަވާލުކޮށްފައި ނުވާތީކަމަށް ކަތީބު އަބްދުﷲ ސާދިޤް ވިދާޅުވިއެވެ.

     "އަޅުގަނޑު ނޯންނާނެ އެއްވެސް ހިޔާނާތެއްވެފައެއް، އެހެން އެދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއްނޫން، އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވާކަން މިރަށު ރައްޔިތުންނަށް އިނގޭނެ، ރކ ކމެޓީގައިވެސް އެކަމާ މަޝްވަރާ ކުރެވުނު، މިހާރު މިދެކެވޭ ވާހަކައަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ވާހަކައެއްނޫން" ކަތީބު އަބްދުﷲ ސާދިޤް ވިދާޅުވިއެވެ.