Monday, 14 April 2008

ތުޅާދޫ ސްކޫލުގައި އާދަޔާ ޚިލާފު ގޮތްތަކެއްވެ ހުރިތަނަށް ވެއްޓޭ ކުދިން ގިނަވަމުންދާތީ ރަށު މީހުން ކަންބޮޑުވަނީ

ބ.ތުޅާދޫގެ ސްކޫލް ކުދިންގެ ތެރޭގައި ހުރިތަނަށް ކުއްލިއަކަށް ވެއްޓި ހަށިގަޑަށް ވާންއަރައި ގޮތްތަކެއް ވާތީ ސްކޫލަށް ނުދެވޭ ގާތްގަޑަކަށް 10 ކުދިން އެބަ ތިބިކަމަށް އެރަށު ބައެއް ރައްޔިތުން ބުނެފިއެވެ. އެމީހުން ބުނިގޮތުގައި ސްކޫލަށްދާ ބައެއްކުދިންނަށް މިގޮތްތަކެއް ވަމުން އަންނަތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. އަދި ކުދިންނަށް މި ގޮތްތައް ވާން ފެށުމުން ހަށިގަޑުގެ މެދު އިދިފުށަށް ލެބިގެން ގޮސް އަތްފަޔަށް ވާގި އަރައި ބައެއް ފަހަރު ދެގަޑިއެއްހާއިރުވެސް އެގޮތުގައި އޮވެއެވެ.

މިނިވަނުގެ ރިޕޯޓަރެއް ބ ތުޅާދޫއަށް ކުރި ޒިޔާރަތެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް އެގޮތްތައް ވެފައިވަނިކޮށް ފެނިފައިވެއެވެ. އެއިރު 7 މީހުންވެގެން އެދެއްގެ މަތީގައި އޭނާ ބާއްވައި އޭނާއަށް ގެއްލުމެއް ނުވާގޮތަށް ހިފެހެއްޓޭތޯ ބަލަމުން ގެންދިޔައެވެ.

އުމުރުން 16 އަހަރުގެ ސްކޫލު ކުއްޖެއްގެ މައިންބަފައިން މައުލޫމާތު ދިންގޮތުގައި އެމީހުންގެ ދަރިފުޅު މިއަހަރު ޖެނުއަރީ 21 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެވްރެޖުކޮށް ދުވާލަކު 3 ފަހަރު ވެއްޓި އެގޮތްތައް ވަމުން ދެއެވެ.

"ސްކޫލުގައި އިންދާ ނޭވާ ހާސްވާންފެށީ ވަރަށް ބޮޑަށް. ދެން ވާގޮތެއް ނޭގޭ. އެއީ ފުރަތަމަ.. އަށެއްގައި ނޭވާ އެންމެ ބޮޑަށް ހާސްވާން ފެށީ... ދެވަނަ އަހަރު ނުވައެއްގައި ބަޑުގައި ރިއްސަން ފެށީ... އޭގެ ފަހުން ދެން މިކަންތައް ލައިގަންނަން ފެށީ." 16 އަހަރުގެ ކުއްޖާ ކިޔައިދިނެވެ. "އެދުވަހު ނޭވާ ހާސްވެފައި ބަޑުގައިވެސް ރިއްސާފައި، އަތްފައި ފިނިވެފައި ދެން ނުވާކަށް ގޮތެއް ނެތް، ބޮލުގައި ރިއްސާފައި. އެހެންޏާ ދިމާ ނުވާކަހަލަ ގޮތްތަކެއް ދިމާވާން ފެށީ. ދެން އެއަށް ފަހު ވާގޮތެއް ނޭގޭ"

އޭނާ ބުނާގޮތުގައި ރަށުގެ ހެލްތު ސެންޓަރުގެ ޑޮކްޓަރަކަށް ދެއްކުމުން ބުނީ އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި މާލެއައިސް ޑޮކްޓަރަށް ދެއްކިފައިވީނަމަވެސް އެކަން އޭނާއަށް ދިމާވާ ސަބަބެއް އޮޅުން ފިލާފައެއް ނުވެއެވެ.

"ބަޑުގައި ރިއްސާތީ ދެއްކީ. ޓެސްޓު ތަކެއްވެސް ހެދިން. އެއްވެސްކަމެއް ނެތޯ ބުނީ." އޭނާ ބުންޏެވެ. "ނަމަވެސް އެހެން ވާން އުޅޭއިރު ވަރަށް ބޮޑަށް ރިއްސާ."

ސްކޫލްގެ ޕްރިންސިޕަލް މރ ދޭވަދާސަން މައުލޫމާތު ދިންގޮތުގައި މިއަހަރު މައްސަލަ ޖެހިފައިވަނީ ގްރޭޑް 10 ގެ 5 ކުއްޖަކަށާއި ގްރޭޑް 5 ގެ 2 ކުދިންނަށެވެ. އަދި ފަންޑިތަވެރިއެއްގެ ފަރުވާ ލިބި ރަގަޅުވެގެން މިހާރު އެއް ކުއްޖަކު ސްކޫލަށް ދާން ފަށައިފިއެވެ.

މރ ދޭވަދާސަން މައުލޫމާތު ދިންގޮތުގައި އައިޖީއެމްއެޗްގެ ސައިކިއޭޓްރިސްޓެއް ސްކޫލަށް ގޮސް އެކުދިން ބެލުމަށްފަހު އެކުދިންނަށް ދިމާވެފައިވަނީ ނަފްސާނީ މައްސަލައެއްކަމަށް ބުނެފައިވެއެވެ. ނަމަވެސް ރަށު ރައްޔިތުން ގަބޫލުކުރާގޮތުގައި ކުދިންނަށް ދިމާވެފައިވަނީ ޖިންނީގެ އުދަގޫކަމަށް އޭނާ ބުންޏެވެ.

ކުއްޖާ ކިޔައިދިން ގޮތުގައި ކުދިންނަށް ދިމާވާ މި މައްސަލައާ ދޭތެރޭ ސްކޫލުގެ ޓީޗަރުން ދެކެނީ އެއީ އެކުދިން ނުކިޔަވަން މެދުވެރިކުރާ އުޒުރެއް ކަމުގައެވެ.

"ޓީޗަރަކު ބުނަނީ މިވީހާ ދުވަހުވެސް އަހަރުމެންވެސް މިއުޅެނީ މި ސްކޫލުގައި ނޫންހެއްޔޯ. ދެން އެމީހުންނަށް ނުވާ ގޮތްތަކެއް ކީއްވެގެން ހެއްޔޯ އަޅުގަޑަށް ދެން ވާންވީ." އޭނާ ކިޔައިދިނެވެ. "ދެން ބުނަނީ ނުވާންވާ ގޮތްތަކެއް ވާތީ އޯ މިބުނަން ޖެހެނީ. ވަރަށް ދުވަސް ވެއްޖެއޯ ޓީޗަރުންވެސް އެތާ އުޅެނީ އެކަމަކު އެމީހުންނަކަށް އެކަހަލަ ކަމެއް ދިމައެއް ނުވެޔޯ. ދެން ބުނަނީ ރަގަޅަށް ނުކާތިއްޔޯ. އަމިއްލަ އަށޯ ރަގަޅުވެވޭނީ މިކަހަލަ ކަންތައްވެސް." 

ކުއްޖާ ސްކޫލުގައި ކިޔަވަމުން ދަނިކޮށް ހުރަސް އެޅިފައިވާތީ އޭނާގެ މައިންބަފައިންގެ ކަންބޮޑުވުން މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

"ސްކޫލުގައި ކިޔަވަކިޔަވާ ހުރި ކުއްޖެއް. މިހާރު ސްކޫލަށްވެސް ނުދެވޭ. އޭނާގެ ކިޔެވުން މިހާރު މިއޮތީ ހުއްޓިފައި." ކުއްޖާގެ މަންމަ ބުންޏެވެ.

ކުއްޖާގެ ބައްޕަ ބުނާ ގޮތުގައި ކުއްޖާއަށް ފަރުވާ ލިބި ރަގަޅުވުމުން ނޫނީ ސްކޫލަށް ނުފޮނުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލަށް އަންގައިގެން އެކަން ތުޅާދޫ ސްކޫލުން މިހާރު ވަނީ އޭނާއަށް އަންގަވާފައެވެ.

"އެޑިޔުކޭޝަނުގައި ތިބީ ކޮހުންކަމަށް ލަފާކުރެވެނީ. އެމީހުން ފޮނުވާފައި އޮތީ ފެކްސްއެއް. އަހަރުމެންގެ ދަރި ބަލިކަމުން ސްކޫލަށް ނުފޮނުވާގޮތަށް... އެމީހުން އޮންނަނީ ބުނެފަ ފަރުވާކޮށްގެން ނޫންނަމަ ޑޮކްޓަރަށް ދައްކައިގެން ބަރާބަރަށް ރަގަޅުވީމަ އޭ ފޮނުވަން ޖެހޭނީ. ގެރެންޓީ އޮންނަންޖެހޭނެއޭ. މިހާރު އެޑިޔުކޭޝަނުގައި ތިބޭ މީހުންނަށް އެގޭބާ އެމީހުންނަށް އެޑިޔުކޭޝަނުގައި ތިބެފައި ގެއަށް ދެވޭނެކަން. ގެރެންޓީ އޮވޭބާ އެމީހުންނަށް." ކުއްޖާގެ ބައްޕަ ބުންޏެވެ.

ތުޅާދޫގައި އެހެން ކުއްޖެއްގެ ބައްޕަ މައުލޫމާތު ދިންގޮތުގައި އޭނާގެ ދަރިފުޅު ގްރޭޑް 6 ގައި ކިޔަވަމުން ދަނިކޮށް 2004 ވަނަ އަހަރުން ފެށިގެން އަންނަނީ ހުރިތަނަށް ވެއްޓި ގޮތްތަކެއް ވަމުންނެވެ.

"ފަސް ހަތަރު މީހުންނަކަށް ނުހިފެހެއްޓޭ އެހެން ވެގެން ދާއިރުގައެއް." ކުއްޖާގެ ބައްޕަ މައުލޫމާތު ދިނެވެ. "ރޭގަޑު ހައެކުން ފެށިގެންގޮސް އެރޭގެ ދިހަގަޑިބައިވަންދެން އެފަދަ ހާލެއްގައި އަހަރުމެން އެބަ ތެޅެންޖެހޭ. ވަރު އަރުވަން ފަށައިފިއްޔާ އަހަރުމެން ތިބެނީ އަތްމައްޗަށް ނަގައިގެން... ދުވާލަކު 3 ފަހަރުވެސް ވޭ އެހެން... ޑޮކްޓަރު ބުނީ މާބޮޑު ކަމެއް ނެތޭ. އޭނާ ކިޔެވުމުގެ އުއްމީދު އެބައޮތޭ. އޭނާ ކިޔަވާހިތްނުވަނިއްޔޭ. އެއީ އެމީހުން ބުނާ އެއްޗަކީ. އެކަމަކު ބޭސް ދިން 6 މަސްދުވަހުގެ ބޭސް... އަނެއްހެން ބަލަންޏާ ހުރީވެސް ފިޓު ޖެހޭ ބޭސް ދީފައި. އެއްމަހާ 15 ދުވަސްވެސް ނުވާނެ އަދި ޑޮކްޓަރަށް ދެއްކިފަހުން."

އޭނާ ބުނިގޮތުގައި އޭނާގެ ދަރިފުޅަކީ ގްރޭޑް 7 އާ ހަމައަށް އައިއިރުވެސް އޭ ރިޕޯޓު ލިބޭ ކުއްޖެކެވެ.

ނަމަވެސް ވ ފުލިދޫގެ ފަންޑިތަ ވެރިއެއް ގާތުން ފަރުވާ ހޯދުމަށްފަހު މިވީ 2 ހަފުތާގައި އޭނާގެ ދަރިފުޅަށް އަދި އެފަދަ ކަމެއް ދިމަލެއް ނުވެއެވެ.

އޭނާ ބުނިގޮތުގައި މާލެއާއި ރާއްޖެއިން ބޭރުން އޭނާގެ ދަރިފުޅަށް ފަރުވާ ހޯދައި ނަފްސާނީ ޑަކްޓަރުންނަށްވެސް ވާނީ ކުއްޖާ ދައްކާފައެވެ. އަދި އެކަމަށް 10،000 ވުރެ އިތުރަށް އޭނާ މިހާރު ފައިސާ ޚަރަދުކޮށްފައިވާއިރު އެޑިޔުކޭޝަން މިނިސްޓްރީން އެއްވެސް އެހީއެއް އޭނާގެ ދަރިފުޅަށް ލިބިފައެއް ނެތެވެ.

އެޑިޔުކޭޝަނަށް ގޮސް ޒާހިޔާއާ ބައްދަލުކޮށްދިނުމަށް އެދުނިން. އެކަމަކު ނުކޮށްދިން." އޭނާ ބުންޏެވެ.

އެރަށުގެ އުމުރުން ދުވަސްވެފައިވާ މީހަކު ބުނިގޮތުގައި އެރަށުގެ ކުދިންނަށް މި މައްސަލަ އެންމެ ފުރަތަމަ ދިމާވަނީ ސްކޫލުންނެވެ. އޭނާ ބުނިގޮތުގައި އެ ސްކޫލް އަޅާފައިވަނީ ރައީސް މައުމޫނު ވެރިކަމަށް އިސްވިތަނުންނެވެ. ގަބުރުސްތާނެއް ގޮތުގައި އެރަށުގައި ބޭނުންކުރެވެމުން އައި އެ ބިމަކީ ސްކޫލް އެޅުމުގެ ކުރިން ބޯޅަދަޑެކެވެ.

 

މިހާރުގެ އަސާސީ އުވާލާގޮތަށް ފާސްކުރުމާ ގުޅިގެން ރައީސްއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގެ މާއްދާއަށް ވޯޓަށް އެހިގެން ނުވާނެ ކަމުގައި މެންބަރުން ވިދާޅުވެއްޖެ

އިސްލާހުކުރެވޭ ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީ ކަމަށް އާދީއްތަދުވަހު އޮތް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގައި ފާސްކުރުމާގުޅިގެން އެއަސާސީގެ ދަށުން އެކުލަވާލާފައިވާ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް، އިންތިޤާލީ މަރުހަލާގައި ދެމިއޮތުމަށް ވޯޓަށް އެހިގެން ނުވާނެ ކަމުގައި ބައެއް މެންބަރުން ވިދާޅުވެ ނިޒާމީ ނުގުތާ ނެންގެވުމުން، ހޯމަދުވަހުގެ މެންދުރުފަހުގެ ޖަލްސާގައި އެއްވެސް ހުށަހެޅުމަކަށް ވޯޓަށް ނޭހި ނިމިއްޖެއެވެ.

 

އަނީސާގެ 20 ވަނަ ހުށަހެޅުން

އިއްޔެ ފާސްކުރި އަނީސާ އަހުމަދަށް ނިސްބަތްވާ ހުށަހެޅުން 20 ކަމަށްވާ "އަމަލު ކުރަން ފެށުން" ގައިވަނީ "މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީ" ކަމަށެވެ.

 

އަނީސާގެ 32 ވަނަ ހުށަހެޅުން

މިއަދު މައްސަލަޖެހުނު އަނީސާ އަހުމަދަށް ނިސްބަތްވާ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމު"ގައިވަނީ "(ހ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި މިޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަގާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަގާމާ ހަވާލުވަންދެން، މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ. (ށ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި މި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަޤާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަޤާމާ ހަވާލުވަންދެން، ވަޒީރުންގެ މަޖިލީހުގެ ގޮތުގައި ދެމިއޮންނާނީ މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެކެވެ. މިގޮތުން އިންތިޤާލީ މަރުހަލާގައި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގައި މިޤާނޫނުއަސާސީގެ (ރައްޔިތުންގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާގެ (ރ) (...) ވަނަ މާއްދާއާއި، މި ޤާނޫނުއަސާސީގެ (ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) (...) ވަނަ މާއްދާއަށް އަމަލެއް ނުކުރާނެ" ކަމަށެވެ.

މާލޭ މެންބަރު އިބްރާހިމް އިސްމާއީލާއި މާލޭ މެންބަރު މުހައްމަދު ޝިހާބާއި އަދި ގިނަ އިދިކޮޅު މެންބަރުން ފާހަގަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމަށް 32 ވަނަ ހުށަހެޅުއްވުމުގައިވާއިރު މ.މެންބަރު އަނީސާ އަހުމަދުގެ އިއްޔެ ފާސްވި 20 ވަނަ ހުށަހެޅުމާ މަސްލަހަތު ފުށުއަރާތީވެ، ވޯޓަށް އެހިގެން ނުވާނެކަމަށެވެ.

 

ޤާނޫނުއަސާސީގެ ރޫހާ ޚިލާފުވުން

     މިމައްސަލާގައި މާލޭ މެންބަރު އިބްރާހިމް އިސްމާއީލު އިއްޔެ ވިދާޅުވީ "އަޅުގަނޑު ދަންނަވަން އޮތް އަނެއް ނުކުތާއަކީ، 32 ވަނަ ހުށަހެޅުމާ ގުޅިގެން، ކުރީގައިވެސް އަޅުގަނޑު ދެންނެވިން ޢިއްޒަތްތެރި ރައީސް، އިންތިޤާލީ މަރުޙަލާގައި އަޅުގަނޑުމެންނަށް ޤާނޫނުއަސާސީގައި މި މެއިން ޓެކްސްޓުގައި މި މައިގަނޑު ބައިގައި އެއޮތް އެއްޗަކުން ޚިލާފެއް އުފައްދަންޖެހޭ ކަމެއް ކޮންމެހެން ކުރަންޖެހިއްޖިއްޔާ އަޅުގަނޑުމެން ކުރިކަމުގައިވިޔަސް އެނޫން ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އެއީ އެއުސޫލު އަޅުގަނޑުމެން ވާނެ ޤަބޫލުކުރަން. 32 ވަނަ ހުށަހެޅުމުގެ (ށ) ގައި މިއޮންނަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް، ރައްޔިތުގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާގެ (ރ) އާއި ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) އިސްތިސްނާކުރުން މިމުއްދަތުގައި. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ނުދެކެން ވޯޓަށް އެއްސެވޭނެ ކަމެއް ކަމަކަށް. އަބަޔާއެކުގައި މި ވޯޓަކަށް ނޭއްސެވޭނެ. ސަބަބަކީ ޤާނޫނުއަސާސީ އަޅުގަނޑުމެން ޢަމަލުކުރަން ފަށައިފިކަމަށްވަންޏާ، އޭގެތެރެއިން ތަންފީޒުކުރެވެން ހުރި ކޮންމެ އުސޫލެއް އަޅުގަނޑުމެން ޖެހޭނީ އިންތިޤާލީ މަރުޙަލާގައިވެސް ތަންފީޒުކުރަން. ތަންފީޒުކުރުމަށް ކުރެވޭނެ އެއްވެސް ގޮތެއް ނެތީވިއްޔާ އެހެން ގޮތެއް އަޅުގަނޑުމެން ހޯދަން މިޖެހެނީ. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ޢިއްޒަތްތެރި ރައީސް، ވަޒީރުންގެ މަޖިލީހުގައި މިތިއްބެވި ބޭފުޅުން ހަމަ މިތާ ތިއްބަވައިގެން އަމިއްލަ ޒަމީރަށް ކެތްވާނެތޯއޭ މިއަށް ވޯޓުދެއްވަން. ކިހިނެތްތޯއޭ ދެއްވާނީ. މިއޮތީ ވަޒީރުންގެ މަޖިލީހަށް އޮތް ޗެކް އެންޑް ބެލެންސްގެ ފުރަތަމަ އެތި ނިގުޅައިގަންނަގޮތަށް އޮތް މާއްދާއެކެ. މިވެސް ހަމަ ތިބޭފުޅުން ޤައުމީ މަސްލަޙަަތޭ، ނޫނީ ޤައުމަށް އެންމެ ރަނގަޅު ގޮތޭ ވިދާޅުވެފައި ހަމަ އަމިއްލަ ނަފްސަށް މިތާ ތިއްބަވައިގެން ކުރައްވާނެ ކަންތައް ތޯއޭ. މިހިސާބުން މިސުވާލު ދަންނަވަން ޖެހުނީމަ މިދެންނެވީ" ކަމަށެވެ.

ސ.އަތޮޅު މެންބަރު ހުސްނުއް ސުއޫދު ވިދާޅުވީ އިންތިޤާލީ މަރުހަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހެއްގައި އަންޔަންކުރި މެންބަރުން ތިއްބެވުމަށް މިހާރު ތިއްބެވި އައްޔަންކުރި މެންބަރުން ވޯޓު ދެއްވުމަކީ ހަޔާތްކުޑަކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ތިބުމަށް މިހާރު ތިބި ވަޒީރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން އެފަދަ ހުށަހެޅުމަކަށް ވޯޓު ދެއްވުމަކީ ހަޔާތްކުޑަކަމެއް ކަމުގައި ސުއޫދު ފާހަގަކުރެއްވިއެވެ.

ރައީސް މެންބަރު އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ ހަޔާތް ކުޑަވާންވެއްޖެޔާމުން އެބޭފުޅުންވެސް ހަމަ ހަޔާތްކުޑަވެދާނެ ކަމަށެވެ.

ތ.މެންބަރު ހުސައިން ރަޝީދު ވިދާޅުވީ 32 ވަނަ ހުށަހެޅުން ޤާނޫނު އަސާސީގެ ރޫހާ ހިލާފު ވާކަމާއި މިހާރު ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާއާއި ވަޒީރުން މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާއަށް އަމަލު ނުކުރަން އޮތް އޮތުން އޭނާއަށް ގަބޫލުނުކުރެވޭ ކަމަށެވެ.  

ސ.މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންތިޤާލީ މަރުހަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހެއްގައި އައްޔަންކުރި މެންބަރުން ތިބެގެން ނުވާނެ ކަމަށެވެ.  އިދާރީ ކޮމެޓީން މަޖިލީހުގެ ރައީސަށް ދެއްވި ލަފާގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރަށް އަމަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

     އިދާރީ ކޮމިޓީން ރައީސް ގާސިމަށް ލަފާދީފައިވަނީ މިހާތަނަށް ޤާނޫނު އަސާސީގައި ފާސްކޮށްފައިވާ އެއްވެސް މާއްދާއަކާ ތާރުޟުވާ އެއްވެސް އެއްޗެއް އިންތިޤާލީ ބާބުގައި ވޯޓަށް ނޭހުމަށެވެ.

     ހުސްވަގުތުކޮޅުގެ ކުރިން 100 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 92 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމެވެ.
ދެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ، 20 އޭޕްރީލް 2008 އާދީއްތަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

 

މަޖިލިސް ސުވާލު: މާލެއަށް ފަރުވާހޯދަން އަންނަ އަތޮޅުތެރޭ ރައްޔިތުންނަށް ވަކި އުސޫލެއް ހަމަޖެހިފައިނެތް ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، ރާއްޖޭގެ އެކި ރަށްރަށުން ސިއްޙީ ފަރުވާ ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އަންނަ މީހުންނަށް ވަކި އުސޫލެއް ހަމަޖެހިފައިނެތް ކަމަށް ހެލްތް މިނިސްޓަރ އިލްޔާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.

     "އައި.ޖީ.އެމް.އެޗަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ފަރުވާ ދޭ ތަނަކަށްވާތީ، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނާއި، އަތޮޅުތަކުން އެފަހަރަކު އަންނަ މީހުންނާއި، އަދި މާލޭގެ މީހުން ދެއްކުމުގައި ވަކިވަކިން އެނގޭނެގޮތެއް ރެކޯޑްކުރެވިފަކާ ނުހުރޭ. އަދި މިހާރުގެ އުސޫލުތަކަށް ބަލާއިރު އެގޮތަށް އެކަން ކުރުން އެއީ މާ ހަމަޖެހޭ ކަމެއްކަމަކަށް ވާނެކަމަކަށްވެސް ނުފެނޭ" އިލިޔާސް އިބްރާހިމް ވިދާޅުވިއެވެ.

     މާލޭ މެންބަރު އިބްރާހިމް އިސްމާއީލު އެއްސެވި އަނެއް ސުވާލަކީ މާލެ އައިސް ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި ދުވަސްތައް ބޭކާރުވިޔަ ނުދިނުމަށްޓަކައި، އެ މީހަކު ދިރިއުޅޭ ރަށެއްގެ ޞިއްޙީ މަރުކަޒު ނުވަތަ އަތޮޅު ހޮސްޕިޓަލް ނުވަތަ ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށްގެން ޑޮކްޓަރުންގެ އެޕޮއިންޓްމަންޓާ، އެނޫންވެސް އެޕޮއިންޓްމަންޓްތައް ކުރިން ހެދޭނެ އެއްވެސް އިންތިޒާމެއް ކުރައްވާފައި މިހާރު އެބައޮތްތޯއެވެ.

ޖަވާބުގައި އިލިޔާސް ވިދާޅުވީ މިފަދަ އެޕޮއިންޓްމަންޓް ހަދާދެވޭ އިންތިޒާމް މިހާތަނަށް ހަމަޖައްސާވާފައި ނޯންނަކަމަށެވެ.

"ސަބަބަކީ، އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ކޮންމެ މީހަކަށް އެމީހަކު އަމިއްލައަށް އެޕޮއިންޓްމަންޓް ހެދޭނެގޮތަށް ހަމަޖައްސާ، އެކަމަކީ ޢާންމުކޮށް އިޢުލާންކޮށްފައިވާ އަދި ޓެލިފޯނުގެ ޒަރިއްޔާއިން ކުރެވޭ މިހާރުވެސް ކުރަމުންދާ ކަމެއް. ކަންމިހެންއޮތުމާއެކު އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް އެކަން ކުރުމުން އިތުރު މައްސަލަތައް ކުރިމަތިވާނެކަމަށް ފެންނާތީ ތިޔަ ވިދާޅުވި ތިޔަ ވިދާޅުވިގޮތަށް އެޕްއިންޓްމަންޓްގެ ކަންތައްތައް އަދި ހަމަޖައްސާކަށް އަޅުގަނޑުމެންނަކަށް ގަސްދުކުރެވިފައި" ނުވާކަމަށެވެ.

އިލިޔާސް ވިދާޅުވީ ވޭތިވެދިޔަ 2007 ވަނަ އަހަރު، ފަރުވާ ހޯދުމަށް އަތޮޅުތަކުން 495 ބަލިމީހުން އައި.ޖީ.އެމް.އެޗް.އަށް ގެނެވިފައިވާކަމަށެވެ. އަތޮޅު ހޮސްޕިޓަލްތަކުން ރީޖަނަލް ހޮސްޕިޓަލްތަކަށް 113 ބަލިމީހުން ފޮނުވިފައިވާއިރު އެކިއެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން 934 މީހުން އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވިފައިވާކަމަށް އިލިޔާސް ވިދާޅުވިއެވެ.

     މިނިސްޓަރ ވިދާޅުވީ އަތޮޅު ތެރޭގެ ރައްޔިތުން މިހާރު މާލެއަންނަ ނުޖެހޭކަމަށެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލްތަކުން ފަރުވާލިބެން ހުންނަކަމަށެވެ. ކޮންމެހެން މާލެއަންނަ ޖެހެނީ ބޮޑެތި ކަންތައްތަކުގައި ސީރިއަސް ވުމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

     މަލޭ މެންބަރު އިބްރާހިމް އިސްމާއީލް މިނިސްޓަރާ ސުވާލު ކުރައްވަމުން ވިދާޅުވީ އައިޖީއެމްއެޗްގައި ސީޓީ ސްކޭންގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެކަން ނުވެ ގިނަ ދުވަސްތަކެއްވާކަމަށާއި އެކަން އެގޮތަށް ދިމާވަނީ ކީއްވެގެންތޯ އެވެ.

     "މިހާރު އައި.ޖީ.އެމް.އެޗް.ގައި ހުރީ ގާތްގަނޑަކަށް 10 ވަރަށް އަހަރުވެފައިހުރި ސީޓީ ސްކޭން މެޝިން. އެއަށް ލޯޑުބޮޑުވެގެން ދުވާލެއްގެ މައްޗަށް ހެދެނީ ވަކިވަރެއް. އާދެ، މިމައްސަލައާ ގުޅިގެން އިތުރު ސީ.ޓީ ސްކޭނެއް ބެހެއްޓޭތޯ އަޅުގަނޑުމެން ވޭތުވެދިޔަ ދެތިން އަހަރުވެސް މަސައްކަތްކޮށް ވަރަށް އަގުބޮޑު އެއްޗަކަށް ވާތީ ނުވެފައި އޮތް އެއްޗެއް ކަމުގައިވިޔަސް މިއަހަރު އެކަން ވެދާނެކަމުގެ ފެހި ސިގްނަލެއް މިހާރު ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެނަށް ލިބިފައި އެބައޮތް" ކަމަށް އިލިޔާސް ވިދާޅުވިއެވެ.

     މީގެ އިތުރުން ތ.އަތޮޅު މެންބަރު އަހުމަދު ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމްއާރުއައި އަދި ރާއްޖޭގައި ނުހެދޭކަމަށް ވާއިރު އެހިދުމަތަކީ ކޮންމެހެން ބޭނުން ހިދުމަތެއްކަމަށެވެ. ވީމާ ސަރުކާރުގެ ޚާއްޞަކަމެއްގެ ގޮތުގައި މިއަހަރު އެކަންކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު އަންގަވައިގެން އޭގެ ސްޕެސިފިކޭޝަން މިހާރުވީ ފިނޭންސް މިނިސްޓްރީއަށް ފޮނުވިފައިކަމަށެވެ.

     މިހާރު އަތޮޅުތަކުގައި 6 ރީޖަނަލް ހޮސްޕިޓަލާއި، 13 އަތޮޅު ހޮސްޕިޓަލާއި، 125 ޞިއްޙީމަރުކަޒާއި، 38 ހެލްތުޕޯސްޓް އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާދެ، އޭގެ މާނައަކީ 145 ރަށުގައި މިހާރު ޑޮކްޓަރުން އެބަތިއްބޭ. އަދި ދެންމެ އެންމެފަހުން ވިދާޅުވި ލެބޯޓްރީގެ ޚިދުމަތްވެސް ދެވޭ މިހާރު 78 ރަށުގައި އެބަހުރި" އިލިޔާސް ވިދާޅުވިއެވެ.

ވަޒީފާގެ ބިލު ވަޒީފާ ދޭފަރާތްތަކުން ވަޒީފާގައި ކުރަންޖެހޭ ކަންތައްފިޔަވައި އެހެން ކަންތައްތައް ނުކުރެއްވުމަށް އިސްލާހު ހުށަހަޅުއްވައިފި

 

ހޯމަދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި އޮތް ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާގައި، ވަޒީފާ ދޭފަރާތްތަކުން ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް ފިޔަވައި އެހެން ކަންތައްތައް މުވައްޒަފުން ލައްވައި ނުކުރެއްވުމަށް މާލޭ މެންބަރު އިބްރާހިމް އިސްމާއީލް ވަޒީފާއާބެހޭ ބިލަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

    މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިބްރާހިމް އިސްމާއީލް ވިދާޅުވީ ބިލުގެ 15 ވަނަ މާއްދަކަމަށްވާ "ވަޒީފާ ބަޔާން" މިމާއްދާގައި ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ބަޔާނުގައި ވަޒީފާގެ އިތުރުން ވެރިން އަންގާ އެންގުންތައް ކުރުން އޮތުމަކީ އެމީހެއްގެ ނަފުސު ވިއްކާލެވޭ ކަހަލަ ކަމެއްކަމަށެވެ.

     "ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ބަޔާނުގައި ސޮއި ކުރައްވާއިރު ތިރީގައި އޮންނާނެ ލިޔެފައި ވަޒީފާގެ އިތުރުން ވެރިން އަންގާ އެންގުންތަކަށް އަމަލު ކުރުން، ދެން ކޮންމެ ކަމެއްވެސް ކުރުވަފާނެ ހާއްސަކޮށް ސަރުކާރުން ވަޒީފާދޭ ބަޔާނުގައި މިހެންއޮންނަނީ. މިހެން މިގޮތަށް އޮތުމުން މީހެއްގެ ނަފްސު ވިއްކާލެވެނީ" އިބްރާހިމް އިސްމާއީލް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަލީމް ބިލުގެ 90 ވަނަ މާއްދާކަމަށްވާ "ޤާނޫނަށް އަމަލުކުރަން ފެށުން" މިމާއްދާއަށް އިތުރުކުރެއްވުމަށް ހުށަހެޅުއްވީ ރައީސުލް ޖުމްހޫރިއްޔާ މިޤާނޫނު ތަސްދީޤްކުރާތާ 6 މަސްދުވަސްތެރޭގައި އަމަލުކުރަން ފެށުމެވެ.

މިއަދުގެ ޖަލްސާގައި ބިލަށް އިޞްލާޙު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެއްވުމުން 7 އިޞްލާޙެއް ހުށަހެޅި ތާއީދު ލިބިފައިވެއެވެ.  

     ވަޒީފާއާބެހޭ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، ޤައުމީ ތަރައްޤީ ކޮމިޓީގެ މުޤައްރިރު، އައްޑުއަތޮޅު މެންބަރު އިބްރާހިމް ޝަރީފްއެވެ.

     ޝަރީފް ވިދާޅުވީ މިބިލުގައި ވަޒީފާދޭފަރާތްތަކުން ދުވާލަކު 8 ގަޑިއިރަށްވުރެ ގިނަވަގުތު މުވައްޒިފުން ލައްވާ މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނާނެކަމަށެވެ. ޝަރީފް ވިދާޅުވީ ވަޒީފާދޭ ފަރާތްތަކުން ކަންބޮޑުވުން ފާހަގަ ކުރެއްވީ އެއްކަމަކީ ބަންދު ދުވަސްތަކާއި އިތުރު ގަޑީގައި މުވައްޒިފުން ކުރާ މަސައްކަތަށް ފައިސާދޭންޖެހޭ ގޮތަށް އޮތުމުންނެވެ.

އިންތިޤާލީ ބާބު: ދެން އަންނަ އިންތިޚާބެއްގައި މައުމޫނަށް ކުރިމަތިލެވޭނެކަމާމެދު އެއްވެސް ސުވާލެއް މިހާރު ނެތް – އަނީސާ

 

އިންތިޤާލީ ބާބުގައި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އުވޭނެކަމަށް ޑީއާރުޕީ މެންބަރުން އާދީއްތަދުވަހު ފާސްކުރުމާ ވިދިގެން ދެން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނަށް ކުރިމަތިލެވޭނެކަން ކަށަވަރު ވެއްޖެކަމަށް ޑީއާރުޕީން ބުނެފިއެވެ.

     އިއްޔެގެ ވޯޓަށްފަހު ޑީއާރުޕީ ޕާލިމެންޓަރީ ގްރޫޕްގެ ރައީސާ އަނީސާ އަހްމަދު މިނިވަން ނިއުސްގައި ވިދާޅުވީ "ދެން އަންނަ އިންތިޚާބެއްގައި ގައްޔޫމަށް ކުރިމަތިލެވޭނެކަމާމެދު އެއްވެސް ސުވާލެއް މިހާރު ނެތް" ކަމަށެވެ.

     އިއްޔެ އޮތް ރައްޔިތުން ހާއްސަ މަޖިލީހުގެ ހެނދުނުގެ ޖަލްސާގައި އަނީސާ އަހުމަދު ހުށަހަޅުއްވާ މުހައްމަދު އަނިލް ތާއީދު ކުރެއްވި ހުށަހެޅުން 20 ކަމަށްވާ "އަމަލުކުރަން ފެށުމުގައި" ބަޔާންކޮށްފައިވަނީ، "(ހ) މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. (ށ) މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ.

ރިޔާސަތުން މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ހާޒިރުވެތިއްވެބި 98 މެންބަރުންގެ ތެރެއިން 68 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވިއެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 20 މެންބަރުންނެވެއެވެ. އަދި އެއްވެސްކޮޅަކަށް ޖެހިވަޑައިނުގެން ވޯޓުދެއްވީ 6 މެންބަރުންނެވެ.

އަނީސާ ވިދާޅުވީ މިހުށަހެޅުން ރައީސް ގާސިމް ވޯޓަށް އައްސަވާނެކަމާމެދު ޝައްކު އުފެދިފައިވާއިރު، މިހުށަހެޅުމަމެދު ޑީއާރުޕީން ނެގީ "ޗާންސެއް" ކަމަށެވެ. މިޗާންސުން ކާމިޔާބުގެ ގާސިމް މިހުށަހެޅުމަށް ވޯޓަށް އައްސަވާ، މިހުށަހެޅުން ފާސްވުމުން "މި ޤާނޫނުއަސާސީ"ގެ މާނަވެސް ކަނޑައެޅުނީކަމަށް އަނީސާ ވިދާޅުވިއެވެ.

ނަމަވެސް މިމައްސަލާގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ރައީސް ހަސަން އަފީފު ވިދާޅުވީ ހުށަހެޅުން 20 ފާސްވުމާ ގުޅިގެން މައްސަލަ ނުނިމޭކަމަށެވެ. މިމައްސަލަ ނިމޭނީ މިފަދަ ހުށަހެޅުންތައް މާނަކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި އެކޯޓުން ނިންމާ ގޮތަކުންކަމަށް އަފީފު ވިދާޅުވިއެވެ.

     އަނީސާގެ އިތުރު ހުށަހެޅުމެއްކަމަށްވާ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި މިޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަގާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަގާމާ ހަވާލުވަންދެން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެކަމަށް އޮތް ހުށަހެޅުންވެސް މިއަދު ފާސްވާނެކަމަށް ބެލެވެއެވެ.

     މިމައްސަލާގައި އަފީފް ވިދާޅުވީ ރައީސް މައުމޫނު ވެރިކަމުގައި ހުންނަވައިގެން މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވޭބެކަމާމެދު ބިރު އެބައޮތްކަމަށެވެ. ނަމަވެސް ވޯޓުލާ އާންމު ރައްޔިތުން "ސާބިތުކަންމަތީ" ތިބޭނަމަ އަދިވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ޖާގަ އެބައޮތްކަމަށް އަފީފު ވިދާޅުވިއެވެ.

 

ޕީއޭގެ ދައުރު

     އަނީސާގެ 20 ވަނަ ހުށަހެޅުމަށް ވޯޓުލެއްވި އަބްދުﷲ ޔާމީނުގެ ޕީއޭއަށް ނިސްބަތްވާ މެންބަރުންގެ ތެރޭގައި ހއ މެންބަރު ޖައުފަރު އީސާ އާދަމާއި، ގއ މެންބަރު އަބްދުﷲ ޖާބިރު ހިމެނިވަޑައިގަންނަވައެވެ. އަބްދުﷲ ޔާމީނާއި މ މެންބަރު އަހުމަދު ނާޒިމު ޖަލްސާއަކަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

 

 

 

 

 

 

މަސްތުވާތަކެތީގެ ތަފާތު ދެ މައްސަލައަކާ ގުޅިގެން 4 މީހަކު ފުލުހުން ހައްޔަރުކޮށްފި

 

އަބްދުއްރަހްމާން

 

މަސްތުވާތަކެތީގެ ތަފާތު ދެމައްސަލައަކާ ގުޅިގެން 4 މީހަކު ފުލުހުން ހައްޔަރުކޮށްފިކަމަށް ފުލިހުން ބުނެއެވެ. މީގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން އުޅޭކަމުގެ ރިޕޯރޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން މިމީހުން ތިބި ކޮޓަރި ތެރެއިން މަސްތުވާ ތަކެތީގެ ބާވަތެއްކަމުގައި ބެލެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ކުދި 3 ރަބަރު ޕަކެޓް ފެނިގެންނެވެ.

ފުލުހުން ބުނަނީ މިމީހުން ތިބި ކޮޓަރީގެ ފާޚާނާ ފުލުހުން ޗެކްކޮށް ބެލިބެލުމުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައިވާކަމަށެވެ.  

އަދި ހަތަރު ވަނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އާދީއްތަދުވަހުގެ ވަގުތެއްގައި ހދ.ކުޅުދުއްފުށީގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ހުށަހެޅުނު ރިޕޯރޓަކާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އެގެއަށް ގޮސް ބެލިބެލުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައި ބެލެވޭ އެއްޗެއް އަޅާފައި ހުރި ކުދި ރަބަރު 3 ޕަކެޓް ފެނިފައިވާކަމަށް ވެއެވެ.

 

ހިމަންދޫ ޓެރަރިޒަމް ޝަރީޢަތް: އަބްދުﷲ ޢަލީގެ މައްޗަށް ހެކިބަސްދިނުމަށް 3 ފުލުހަކާއި ދެސިފައިންގެ މީހަކު ހާޟިރުކޮށްފި

އިބްރާހީމް މުޙައްމަދު

މިހާރު ހިނގަމުންދާ އއ.ހިމަންދޫ ވަކިޖަމާއަތެއްގައި ނަމާދުކުރާ މީހުންގެ ޝަރީޢަތުގައި މަޝްހޫރު އަބްދުﷲ ޢަލީ (ހއ.މޮޅަދޫ ބަހާރުގެ އަބްދުﷲ ޢަލި މަނިކު) 7 އޮކްޓޫބަރު 2007 ގައި ހިމަންދޫގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވިކަން ސާބިތުކޮށްދިނުމަށް ހެކިންގެ ގޮތުގައި 3 ފުލުހަކާއި ސިފައިންގެ މީހެއް ހާޟިރުކޮށްފިއެވެ. އަބްދުﷲ ޢަލީއަށް ދައުވާކުރަނީ ދިވެހިރާއްގޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ހެކިބަސް ދިން 4 މީހުންވެސް ބުނެފައިވަނީ ވަކިޖަމާއަތެއްގައި ނަމާދުކުރި މީހުންތައް ތިބީ މޫނު ނިވާކޮށްގެން ހެލްމެޓް އަޅައިގެން ކަމަށާއި ތަހުޤީޤަށް ބަޔާން ދިނުމަށް މިމީހުން ދެނަގަތީ ވީޑިޔޯ އަދި ފޮޓޯތައް ބަލައިގެން ކަމަށެވެ. އަބްދުﷲ ޢަލީ އާއެކު ޓެރަރިޒަމްގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ އިތުރު 12 މީހަކު މިއަދުގެ މަޖިލިހުގައި އިނުމާއި ގުޅިގެން އެ 12 މީހުންގެ މައްޗަށްވެސް ޤާޟީ ޢަލީ ރަޝީދު ހެކިބަސް ނެންގެވިއެވެ.

ޕާކިސްތާނުން ދީނީ އިލްމު އުނގެނިގެން ހުންނެވި އަބްދުﷲ ޢަލީގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ އެއްފަރާތް ކަމުގައިވާ އަޙުމަދު ޝަހީމް ވިދާޅުވީ ހެކިވެރިން ތަހުޤީޤު ބަޔާނަށް ރިޢާޔަތް ކުރުމަށް އެދޭތީ އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބޭކަމަށެވެ. ޤާޟީވެސް ވިދާޅުވީ ހެކިވެރިން ތަހުޤީޤަށް ދިން ބަޔާންތައް އިއްވައިފިނަމަ ހެކިދިނުމަށް އެހީތެރިވެވިދާނެކަމަށެވެ. މިސަބަބަށްޓަކައި ތަހުޤީޤުބަޔާންތައް އިއްވުމަށް ޤާޟީ ފުރުސަތެއް ނުދެއްވައެވެ.

"އަޅގަނޑުގެ އެއްވެސް ސުވާލަކަށް މީނައެއް ޖަވާބެއް ނުދެވޭ" ހެކިދިނުމަށް ހާޟިރުވި ފުލުހަކާ މުހާތަބްކުރައްވައި ޝަހީމް ވިދާޅުވިއެވެ. "އަބްދުﷲ އަލިމަނިކު ޓެރަރިޒަމްގެ ކޮން އަމަލެއްތޯ ހިންގީ؟"

މިއަދު ޖިނާއީ ކޯޓަށް ހާޟިރުކުރި 12 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ބުނީ މައްސަލައިގެން ކުރިއަށް ދަނީ ވަކީލުންގެ ހާޟިރުގައެވެ. މިގޮތުން ގިނަ ބަޔެއްގެ ވަކީލުގެ ގޮތުގައި ހަރަކާތްތެރިވަނީ ޝަހީމާއި ޒަނީނު އާދަމާ ގުޅިގެންނެވެ. އަދި މިމީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ހުސްނުއް ސުއޫދު ވަކާލާތުކުރައްވާތީ އެބޭފުޅާވެސް ޝަރީއަތުގެ މަޖިލިހުގައި ވާހަކަދައްކަވާފައިވެއެވެ.

ޝަހީމް އަދި ސުއޫދު ހެކިވެރިންނާ ކުރި ސުވާލުތަކުގެ ތެރޭގައި އެމީހުންގެ މުވައްކިލުން ދެއްކުމަށާއި އެމީހުން ކުރި އަމަލުތައް ބަޔާންކުރުމަށް އެދިފައިވެއެވެ. ނަމަވެސް އެއްވެސް ހެކިވެރިޔަކަށް މީހެއް ފާހަގަކުރުމުގެ އިތުރުން ހިންގި އަމަލެއް ބަޔާންކުރަން ވަނީ ނުކުޅެދިފައެވެ.

ސުއޫދު ވިދާޅުވީ މިހެކިވެރިންގެ ހެކިބަސް "ކޮލިފައި" ނުވާކަމަށެވެ. އަދި އެމީހުންގެ ކިބައިގައި ހެކިވެރިންގެ ޝަރުތުތައް ފުރިހަމަ ނުވާކަން ޤަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. މިހެކިވެރިންގެ ހެކިބަސް ޤަބޫލުނުކުރެވޭކަމަށް ޝަހީމްވެސް ވިދާޅުވިއެވެ. އަދި ވީޑިޔޯތަކުން ފެނުނު މީހުން މޫނު ނިވާކޮށްފައިވާއިރު ފަހުން މޫނުގައި އަޅާފައިވާ މޫނުމަތި ބަދަކުރެވޭނެކަމަށް ޤަބޫލުކުރައްވަންތޯ އެއް ހެކިވެރިއެއް ކަމުގައިވާ ސިފައިންގެ ޕްރައިވެޓް ސޯލިހު މޫސާއާއި ސުވާލުކުރެއްވިއެވެ. ޖަވާބުގައި ސޯލިހު ބުނެފައިވަނީ އެގޮތަށް ކަންތައްކުރެވިދާނެކަމަށެވެ.

ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އަބްދުﷲ ޢަލީއަށް މީގެ ކުރިވެސް ގިނަ ޙުކުމްތަކެއް ކޮށްފައިވެއެވެ.