ހޯމަދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި އޮތް ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާގައި، ވަޒީފާ ދޭފަރާތްތަކުން ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް ފިޔަވައި އެހެން ކަންތައްތައް މުވައްޒަފުން ލައްވައި ނުކުރެއްވުމަށް މާލޭ މެންބަރު އިބްރާހިމް އިސްމާއީލް ވަޒީފާއާބެހޭ ބިލަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިބްރާހިމް އިސްމާއީލް ވިދާޅުވީ ބިލުގެ 15 ވަނަ މާއްދަކަމަށްވާ "ވަޒީފާ ބަޔާން" މިމާއްދާގައި ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ބަޔާނުގައި ވަޒީފާގެ އިތުރުން ވެރިން އަންގާ އެންގުންތައް ކުރުން އޮތުމަކީ އެމީހެއްގެ ނަފުސު ވިއްކާލެވޭ ކަހަލަ ކަމެއްކަމަށެވެ.
"ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ބަޔާނުގައި ސޮއި ކުރައްވާއިރު ތިރީގައި އޮންނާނެ ލިޔެފައި ވަޒީފާގެ އިތުރުން ވެރިން އަންގާ އެންގުންތަކަށް އަމަލު ކުރުން، ދެން ކޮންމެ ކަމެއްވެސް ކުރުވަފާނެ ހާއްސަކޮށް ސަރުކާރުން ވަޒީފާދޭ ބަޔާނުގައި މިހެންއޮންނަނީ. މިހެން މިގޮތަށް އޮތުމުން މީހެއްގެ ނަފްސު ވިއްކާލެވެނީ" އިބްރާހިމް އިސްމާއީލް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަލީމް ބިލުގެ 90 ވަނަ މާއްދާކަމަށްވާ "ޤާނޫނަށް އަމަލުކުރަން ފެށުން" މިމާއްދާއަށް އިތުރުކުރެއްވުމަށް ހުށަހެޅުއްވީ ރައީސުލް ޖުމްހޫރިއްޔާ މިޤާނޫނު ތަސްދީޤްކުރާތާ 6 މަސްދުވަސްތެރޭގައި އަމަލުކުރަން ފެށުމެވެ.
މިއަދުގެ ޖަލްސާގައި ބިލަށް އިޞްލާޙު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެއްވުމުން 7 އިޞްލާޙެއް ހުށަހެޅި ތާއީދު ލިބިފައިވެއެވެ.
ވަޒީފާއާބެހޭ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، ޤައުމީ ތަރައްޤީ ކޮމިޓީގެ މުޤައްރިރު، އައްޑުއަތޮޅު މެންބަރު އިބްރާހިމް ޝަރީފްއެވެ.
ޝަރީފް ވިދާޅުވީ މިބިލުގައި ވަޒީފާދޭފަރާތްތަކުން ދުވާލަކު 8 ގަޑިއިރަށްވުރެ ގިނަވަގުތު މުވައްޒިފުން ލައްވާ މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނާނެކަމަށެވެ. ޝަރީފް ވިދާޅުވީ ވަޒީފާދޭ ފަރާތްތަކުން ކަންބޮޑުވުން ފާހަގަ ކުރެއްވީ އެއްކަމަކީ ބަންދު ދުވަސްތަކާއި އިތުރު ގަޑީގައި މުވައްޒިފުން ކުރާ މަސައްކަތަށް ފައިސާދޭންޖެހޭ ގޮތަށް އޮތުމުންނެވެ.
No comments:
Post a Comment