މުހައްމަދު އަޝްރަފް
ހއ ހޯރަފުށީ ކޯޓުގެ ކާތިބާއަކަށް ހުރި އެރަށު އަސްރަފީގޭ ޒުނޭރާ މުހައްމަދު ސަރުކާރު މުވައްޒަފުންގެ ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ޖަސްޓިސް މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމާއި އެދައުވާއަށް އިންކާރު ކުރައްވާ ކަމަށް ދައުލަތުން މިއަދު ވިދާޅުވެއްޖެއެވެ.
މަދަނީ ކޯޓުގައި މިދައުވާ ހުށަހަޅުއްވާ ދެއްވަމުން މިމަހުގެ 2 ވަނަ ދުވަހު ޒުނޭރާ ވިދާޅުވީ 14 އޮކްޓޫބަރު 2002 ގައި އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލިބިވަޑައިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.
ނަމަވެސް މިދައުވާއަށް ޖަވާބު ދެއްވަމުން ދައުލަތުން މިއަދު ވިދާޅުވީ ޒުނޭރާ ވަޒީފާއިން ވަކިކުރައްވާފައިވަނީ އޭނާގެ އަމަލުތައް ރަނގަޅު ކުރުމަށް ނަސޭހަތްދީ އެ ނަސޭހަތްތައް ގަބޫލުނުކޮށް އޭނާގެ އުޅުން ރަނގަޅުކޮށްފައިނުވާތީ ކަމަށެވެ. ދައުލަތުން ވިދާޅުވީ ތަނުގެ މަސްލަހަތު ގެއްލޭ ގޮތަށް ޒުނޭރާ އަމަލުކޮށްފައިވާތީ ލިޔެކިޔުމުން އޭނާއަށް އެތައް އިންޒާރެއް ދެވިފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިންޒާރުދެވި ސަރުކާރު މުވައްޒަފުންނާ ބެހޭ ގަވއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ.
އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވަމުން ޒުނޭރާ މިއަދު ވިދާޅުވީ ކޯޓުގެ މަސްލަހަތު ގެއްލޭ ގޮތަށް އޭނާ ކުރި ކަމެއް ދައުލަތައް ސާބިތުކޮށްދެވިފައިނުވާއިރު، ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމަށްޓަކައި އިންޒާރު ފޮނުއްވުމުގެ ބާރު ޖަސްޓިސް މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށެވެ. އަދި ބާރުގެ ބޭނުން ކޮށްގެން ޖަސްޓިސް މިނިސްޓްރީއަށް ލިޔެކިޔުންތަކެއް ހެދިދާނެ ކަމަށާއި ނަމަވެސް އޭގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށްވެސް ޒުނޭރާ ވިދާޅުވިއެވެ.
މިމަހުގެ 2 ވަނަ ދުވަހު މިމައްސަލަ ހުށަހަޅުއްވާ ދެއްވަމުން ޒުނޭރާ ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ ޑިސެމްބަރ 1992 ފެށިގެން ހއ ހޯރަފުށީ ކޯޓުގެ ކާތިބާއެއްގެ ވަޒީފާ އަދާކުރަމުން އައިސް ސީނިއަރ ކްލާކެއްގެ މަގާމުގައި އަހަރީ ޗުއްޓީގައި ހުއްޓައިކަމަށެވެ. އަދި މިދައުވާ ކުރެއްވީ ސަރުކާރު މުވައްޒަފުންގެ ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކުރައްވާފައިވާތީ ވަޒީފާ މެދުކެނޑިގެން ދިއުމުގެ ސަބަބުން ގެއްލިގެން ދިޔަ މުސާރައާއި ކެންސަލް ޗުއްޓީ އާއި ރަމަޟާން އިނާޔަތާއި މެޑިކަލް އެލަވަންސާއި އިތުރު ގަޑީގެ އިނާޔަތުގެ ބަދަލަށް ލިބެންޖެހޭ 193172.99 (އެއްލައްކަ ނުވަދިހަ ތިން ހާސް އެއްސަތޭކަ ހަތްދިހަ އަށް ރުފިޔާ ނުވަދިހަ ނުވަލާރި) ލިބިދިނުމާއެކު ވަޒީފާ އަލުން ލިބިދިނުމަށް އެދި ކަމަށެވެ.
ޒުނޭރާ ވަޒީފާއިން ވަކިކުރުމަށްޓަކައި ތަފާތު އިންޒާރުތައް ދީފައިވަނީ ހޯރަފުށީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަބްދުﷲ ރަޝީދު ކޯޓުގެ ފައިސާތަކަކަށް ހިޔާނަތްތެރިވެވަޑައިގަތް މައްސަލަ އެންޓި ކޮރޮޕްޝަން ބޯޑަށް އޭނާ ހުށަހެޅުމާ ގުޅިގެން ކަމަށްވެސް ޒުނޭރާ މިއަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމައްސަލަ އެންޓިކޮރޮޕްޝަން ބޯޑުން ބެއްލެވުމަށްފަހު އަބްދުﷲ ރަޝީދުގެ މައްޗަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށެވެ. އަދި މިމައްސަލާގައި މެޖިސްޓްރޭޓް ޖަސްޓިހުގައި ޝަކުވާތަކެއް ކޮށްފައިވާތީ އޭނާ ޖަސްޓިސް މިނިސްޓްރީއަށް ހާޒިރުކޮށް ބަޔާނެއް ނެންގެވި ކަމަށްވެސް ވިދާޅުވިއެވެ.
ޒުނޭރާ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި މެޖިސްޓްރޭޓް ކޮށްފައިވާ ހިޔާނާތުގެ މައްސަލާގެ ހެއްކާއި ގަރީނާ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
No comments:
Post a Comment