Monday, 14 April 2008

އަންނިގެ ވެރިކަމެއްގައި ރާއްޖޭގެ ތައުލީމަށް އަހަރަކު އެއްބިލިއަން ރުފިޔާ ހަރަދުކުރާނެކަމަށް ވިދާޅުވެއްޖެ

އިސްމާއިލް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ނަޝީދު (އަންނި) ޅ ރ އަދި ބ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެން މިއަދު ދަރުބާރުގޭގެ ފަންސަވީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި، އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި ރާއްޖޭގެ ތައުލީމަށް އަހަރަކު އެއްބިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ. އަދި ތައުލީމީ ކަންތައްތައް ރަނގަޅުކުރުމަށްޓަކާ މަދަރުސާތައް އެއްދަންފަޅިއަކަށް ހައްދަވާނެ ކަމަށާއި، ދަރިވަރުންނަށް ބޭނުންވާ ވަރަށް މުދައްރިސުން އިތުރުކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަންނިގެ ވެރިކަމެއްގައި ދީނީ އެއްބައިވަންތަކަން އާލާކުރުމަށްޓަކާ ދީނީ އިލްމުވެރިންނަށް ދީނީ ތަގުރީރު ދިނުމަށާއި، ދީނީ ސިއާރު ފާޅުކުރުމުގެ މިނިވަންކަން ދޭނެކަމަށާއި، ދީނީ ކަންތައްތައް ވަކިގޮތަކަށް ބައްޓަންކުރަން ހަރުކަށި ފިޔަވަޅު އެޅުމަކުން ކާމިޔާބެއް ނުވާނެކަމަށްވެސް އަންނި ވިދާޅުވިއެވެ. އަދި އިސްލާމީ ހުދޫދުގެ ތެރެއިން އެބަޔަކަށް ގަބޫލު ކުރެވޭ އެންމެ ރަނގަޅަށް ދީނީ އަޅުކަންތައް ކުރުމުގެ މިނިވަންކަން ދޭނެކަމަށްވެސް އަންނި ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި މާލޭގެ ގޭގެއިންނަގާ ކުލި ކޮންޓްރޯލް ކުރުމަށް މަސައްކަތް އަންނިގެ ވެރިކަމެއްގައި ކުރައްވާނަންތޯ ނޫސްވެރިއަކު އެއްސެވުމުން އަންނި ވިދާޅުވީ ކުލި ކޮންޓްރޯލް ކުރުމަށް މަޖުބޫރެއް ނުކުރެވޭނެކަމަށާއި، ކުލިކޮންޓްރޯލް ކުރެވޭނީ މާލެއަށް ހިޖުރަ ކުރާމީހުން މަދުކޮށްގެންކަމަށެވެ.

އަންނިގެ ވެރިކަމެއްގައި މަސްތުވާތަކެތި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެކަމަށާއި، އެގޮތުން ފުލުހުންގެ ދައުރު ހަރުދަނާކޮށް މަސްތުވާތަކެތި ލިބޭމިންވަރު މަދުކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ މިހާރު އިސްލާހު ކުރެވޭ ގާނޫނުއަސާސީގައި އެމްޑީޕީ ގަބޫލުނޫން ބައެއް މާއްދާތައް ހިމެނޭކަމަށާއި އެހެން ނަމަވެސް ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް އަލުން ނުކުރައްވާނެކަމަށެވެ. އަދި މައްސަލައަކީ ގާނޫނު އަސާސީ ނޫންކަމަށާއި، އެންމެ ބޮޑު މައްސަލައަކީ ތަންފީޒު ކުރުމާއި، ކަންކަން ބަލައިގަންނަ ގޮތްކަމަށެވެ.

އަންނިގެ ވެރިކަމެއްގައި ސިޔާސީ މަގާމުތަކުގައި އަންނިގެ އާއިލާގެ ބޭފުޅުން ބައިވެރި ވާނެ މިންވަރަކާމެދު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަންނި ވިދާޅުވީ އަންނިގެ ވެރިކަމެއްގައި އޭނާގެ އާއިލާ މީހުން ސިޔާސީ މަގާމުތަކަށް ނުލައްވާނެ ކަމަށާއި، މިހާރު އެމްޑީޕީގެ މަގާމުތަކުގައި ތިއްބެވި އަންނިގެ އާއިލާގެ ބޭފުޅުންނަކީ އެމަގާމުތަކަށް އިންތިހާބު ވެފައިވާ ބޭފުޅުންކަމަށާއި، އެއިން އެއްވެސް ބޭފުޅަކީ އަންނި އައްޔަން ކުރައްވާފައިވާ ބޭފުޅުން ނޫންކަމަށެވެ.

 

No comments: