Monday, 14 April 2008

އާދަމް ޒަހިރުގެ ފަގުޑި ސަފާރީ ދޯނީގެ ކައްޕިއަށް މުސާރަ ނުދިނުމުގެ މައްސަލަ

 

އާދަމް ޒަހިރުގެ ފަގުޑި ސަފާރީ ދޯނީގެ ކައްޕިއަށް މުސާރަ ނުދިނުމުގެ މައްސަލަ

މިފައިސާއަކީ އާދަމް ޒާހިރު ދޭންޖެހޭ ފައިސާއެއްތޯ ބަލާނެ ކަމަށް އާދަމް ޒާހިރުގެ ވަކީލު ވިދާޅުވެއްޖެ

 

މުހައްމަދު އަޝްރަފް

 

1999 ވަނައަހަރު މެދެއްހާތަނުން ފެށިގެން 2000 ވަނައަހަރު ޖޫންމަހުގެ ނިޔަލަށް، ކަމިޝަނަރ ޕޮލިސް އާދަމް ޒާހިރުގެ ފަގުޑި ސަފާރީ ދޯނީގެ ކެޕްޓަނެއްގެ ވަޒީފާ އަދާކޮށްފައިވާ ހއ ވަށަފަރު ކުއިކްލީހައުސް ހަސަން އާދަމަށް (ގޮނޑި ހަސަނަށް) ދޭންވާ ކަމަށް ބުނާ 24،000 ރުފިޔާ ހޯދުމަށް ކުރާ ދައުވާ އާ ގުޅިގެން މިފައިސާއަކީ އާދަމް ޒާހިރު ދައްކަންޖެހޭ ފައިސާއެއްތޯ ބައްލަވާނެ ކަމަށް އާދަމް ޒާހިރުގެ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވެއްޖެއެވެ.

މިއަދު މަދަނީ ކޯޓުގައި ބޭއްވި މިމައްސަލާގެ ޝަރީއަތުގެ މަޖިލީހުގައި އާދަމް ޒާހިރުގެ ފަރާތުން ވަކާލާތު ކުރައްވާ އިބްރާހިމް ރިޒާ ވިދާޅުވީ ހަސަން އާދަމް (ގޮނޑި ހަސަނަށް) އާދަމް ޒާހިރު ދޭންޖެހޭ ފައިސާ މިންވަރަކީ ކޮބާތޯ އާއި މިފައިސާގެ ތެރެއިން އާދަމް ޒާހިރު އެއްވެސް މިންވަރެއް އާދަމް ހަސަނަށް ދައްކާފައިވޭތޯވެސް ބައްލަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހަފްތާ ފަހުކޮޅުގަވެސް އެމައުލޫމާތު ހޯދުމަށްފަހު ޝަރީއަތަށް ހުށަހެޅިދާނެ ކަމަށެވެ.

އާދަމް ޒާހިރުގެ މައްޗަށް އާދަމް ހަސަނު ހުށަހަޅާދައުވާގެ ހުލާސާގައި ބުނެފައިވަނީ "1999 ވަނައަހަރު މެދެއްހާތަނުން ފެށިގެން 2000 ވަނައަހަރު ޖޫންމަހުގެ ނިޔަލަށް، ފަގުޑި ސަފާރީ ދޯނީގެ ކެޕްޓަނެއްގެ ވަޒީފާ އަދާކޮށް، 2000 ވަނައަހަރު އޭޕްރީލް، މެއި، ޖޫން މިތިންމަހު ދޭންވާ މުސާރަ 6000ރ. އިން 18000 ރުފިޔާއާއި، ތިންމަސްދުވަހުގެ ކޮއްތު ފައިސާ -1000ރ. އިން 3000ރ.އާއި، އަދި ލޯންޑްރީއިން ދޮވެ އިސްތިރިކުރުވާފައިވާ ތަކެއްޗަށް ދޭންވާ 3000ރ. އާއެކު ޖުމުލަ -24،000 ރުފިޔާއާއި އަށްއަހަރު ދުވަހު މިފައިސާނުދީ ހިފެހެއްޓުމުން މަދަނީގޮތުން އަޅުގަޑާއި، މުޅިއާއިލާއަށް ލިބުނު ގެއްލުމުގެ ހައްގު ބަދަލު ހޯދުން" ކަމަށެވެ.

މިމައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލުގައި އާދަމް ހަސަނު ބުނެފައިވަނީ ފަގުޑި ސަފާރީ ދޯންޏާ އޭނާ ހަވާލުވިއިރު އެއުޅަނދުގައި ކެޕްޓަނެއް ނެތް ކަމަށެވެ. އަދި އެއުޅަނދު އޮޕަރޭޓްކުރާ ފަރާތަކީ އިޓަލީގެ ރައްޔިތެއްކަމަށްވާ މާރިޔާ ލުއިޒާ ކަމަށް އާދަމް ޒާހިރު އޮތީ ވިދާޅުވެފައި ކަމަށާއި އެ އުޅަނދާ ހަވާލުވެގެން ދުއްވަމުން ދަނިކޮށް އަށެއްކަމަސްވީތަނާ ކުއްލިއަކަށް މާރިޔާއާއި އާދަމް ޒާހިރާ ދެމެދުގައި ޖެހުނު ފައިސާގެ މައްސަލައެއްގައި މާރިޔާ ލުއިޒާ ޖަލަށްލި ކަމަށެވެ.

"އާދެ! މިހާތަނުން ފަގުޑި ސަފާރީގެ ދަތުރު ހުއްޓި ހަދާނެގޮތް ހުސްވުމުން މާރިޔާ ހައްޔަރުކުރިއިރު ފެއްޓިފައިވާ ދަތުރު ނިންމާފައި އައިސް ގެސްޓުން ބާލާފައި ބޯޓު ހިފައިގެން ގޮސް ގުޅިފަޅުގައި ބޯޓުއަޅާފައި "ކާރު ޑްރައިވަރު ޖާވިދާ ގުޅާ އަޅުގަޑުމެން ދަތުރު ނިންމާފައި އައިސް ގުޅިފަޅުގައި ތިބި ވާހަކަޔާ، މިވަގުތު މާރިޔާހުރީ ބަންދެއްގައިކަން އެގިފައިވާކަމަށާ ދެން ހަދަންވީގޮތެއް އާދަމް ޒާހިރަށް ދަންނަވައިގެން ސާފުކޮށްދިނުމަށް އެދުނީމާ ޖާވިދު ބުނެފައިވަނީ އާދަންބެ ބުނުއްވިއޭ ފަގުޑި ރަގަޅަށް ބަލަހައްޓާށޭ.. ތިންހަތަރު މިލިޔަން ރުފިޔާގެ އަގުހުރި މިފަގުޑި ސަފާރީއާއި ފަސްހަލައްކަ ރުފިޔާގެ އަގުހުރި ސާކުތިލަ ގުޅިފަޅަށް ދޫކޮށްލާފައި މާލެނައިސްތިބީ މާލެއަންނަތަނުން ހޯދައިގެން ފުލުސް އޮފީހަށް ގެންގޮސް އެ ދެ އުޅަނދު ދޫކޮށްލާފައި މާލެއައީ ކީއްވެގެންތޯވެސް އަހާނުލާ ދޫނިދޫއަށް ގެންގޮސް 6 ފޫޓް 7 ފޫޓުގެ ގޮޅިއެއްގައި އަހަރު ދެއަހަރު ބާއްވާނެ ކަމުގެ ޔަގީންކަން އޮންނަވަރުންނެވެ. ކަމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރަކީ އެފަދަ ބޭފުޅެއްކަން ގަބޫލު ކުރެވޭތީއެވެ" އާދަމު ހަސަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

 

  

No comments: