މުހައްމަދު އަޝްރަފް
ޓްރެވަލް އޭޖެންސީގެ ހިދުމަތް ދެމުންއައި އިންޓަރލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދެހިއްސާދާރުންގެ ތެރެއިން އެއް ހިއްސާދާރުކަމުގައިވާ އިނގެރޭސިވިލާތުގައި ހުންނަވާ ދިވެހި ހައިކޮމިޝަނާގެ ނައިބު ހ.އޭޝަންލޮޖް އާދަމް ޙަސަންގެ މައްޗަށް އެކުންފުނީގެ އަނެއް ޙިއްޞާދާރު ނ.ވެލިދޫ ހިޔާވެހި އަބްދުﷲ ހަމީދު ދައުވާކޮށްފައިވަނިކޮށް، އަބްދުﷲ ހަމީދުގެ މައްޗަށް އަދާމް ހަސަން ރައްދު ދައުވާކޮށްފިއެވެ.
އާދަމް ހަސަންގެ މައްޗަށް އަބްދުﷲ ހަމީދު ދައުވާކޮށްފައިވަނީ އާދަމް ހަސަން އެކުންފުނީގެ އޮފީހުގެ ތަޅުބަދަލުކޮށް ތަޅުދަނޑިނުދީ މުޅި ކުންފުނީގެ އޮފީހާއި ލިޔެކިޔުންތައް އާދަމް ހަސަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީއާއި ކުންފުންޏަށް ލިބޭ އާމްދަނީ ކުންފުނީގެ އެކައުންޓަށް ޖަމައަނުކޮށް އާދަމް ހަސަން ހިއްސާވާ ކުންފުނިތަކުގެ އެކައުންޓަށް ޖަމައަކުރަމުންދާތީ އެކުންފުނިން އަބްދުﷲ ހަމީދުއަށް ލިބިދޭންޖެހޭ 40% ހައްޤުހޯދައި ކުންފުނި އުވާލުމަށެވެ.
އަނެއްކޮޅުން ހައޮކޮމިޝަނަރގެ ނައިބު އާދަމް ހަސަން، އަބްދުﷲ ހަމީދުގެ މައްޗަށް ރައްދު ދައުވާކޮށްފައިވަނީ ކުންފުނީގައި ހުރި އޭނާގެ ނަމުގައިވާ އުޅަނދުތަކުގެ މިލްކިއްޔާތު އޭނާއަށް ލިބިދިނުމަށާއި އަބްދުﷲ ހަމީދު ކުންފުންޏަށް ދައްކަންޖެހޭ ފައިސާތަކެއް ވާކަމަށް ބުނެ އެފައިސާތައް ހޯދުމަށެވެ.
އަބްދުﷲ ހަމީދާ ދެކޮޅަށް ކުރާ ދައުވާގައި މިއަދު މަދަނީ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާދަމް ހަސަންގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ވިދާޅުވީ ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައްކަމުގައިވާ "ކީމާ"، "މާރަނަ"، "މާކަނަ"، "މަލޫކާ" ދޯންޏަށް އަބްދުﷲ ހަމީދު ވަނީ އަގު އަދާކުރަން އެއްބަސްވެފައި ކަމަށެވެ. އަދި 22 އޮގަސްޓް 2004 ގައި އަބްދުﷲ ހަމީދު، އާދަމް ހަސަނަށް ފޮނުވާފައިވާ ސިޓީއިންވެސް އަބްދުﷲ ހަމީދު ކުންފުންޏަށް ފައިސާ ދައްކަންޖެހޭތީ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އާދަމް ހަސަން ވިދާޅުވީ ކުންފުނީގެ މިހާތަނަށް ކޮށްފައިވާ ހަރަދުތަކަކީވެސް އޭނާގެ އަމިއްލަ ފައިސާއިން ކޮށްފައިވާ ހަރަދުތަކެއް ކަމަށާއި ކުންފުނީގައި އަބްދުﷲ ހަމީދުގެ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ހުންނަވަނީ އިނގިރޭސިވިލާތުގައި ކަމަށާއި ކުންފުނި ހިންގަމުގެ ކަންތައް ހަވާލުކޮށްފައިވަނީ އަބްދުﷲ ހަމީދަށް ކަމަށެވެ. އެގޮތުން އަބްދުﷲ ހަމީދަށް އެމަސައްކަތް ހަވާލުކޮށްފައި ބަހައްޓާފައި ހުންނަނީ 11 ހާސް ރުފިޔާގެ ފުލެޓަކާއި އަދި މަހު މުސާރަވެސް ދޭގޮތަށް ކަމަށް ވިދާޅުވިއެވެ.
އަނެއްކޮޅުން އަބްދުﷲ ހަމީދު ކުންފުނިން ވަކިވާން ބޭނުންވަނީ ކުންފުނި ވަރަށް ބޮޑަށް ދަރާފަ އޮތުމުން ކަމަށާއި އެގޮތުން ކުންފުނީގެ ދަރަނީގެ ގޮތުގައި ލިލީސްޓޯރަށް 5 ލައްކަ ރުފިޔާ ދައްކަން ޖެހޭއިރު، ކުންފުނީގެ ބޯޓު ފަހަރަށް ތެޔޮއަޅަން ތަންތަނުން ނަގާފައިވާ ފައިސާއަށް ގާތްގަޑަކަށް 3 ލައްކަ ރުފިޔާ ދައްކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ކުންފުނީގައި ދުއްވާ ގިނަ ބޯޓު ތައްވެސް އޮތީ މަރާމާތު ކުރަންޖެހިފައި ކަމަށާއި އެގޮތުން މިދިޔަ ޖޫން މަހާ ހަމައަށް 1.5 މިލިއަން ރުފިޔާ ބޯޓު ފަހަރު މަރާމާތު ކުރުމަށްޓަކައި ހަރަދުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުﷲ ހަމީދު ވިދާޅުވީ އޭނާ މިކުންފުނީގައި ބައިވެރިވީ މީގެ 20 އަހަރު ކުރިން ކަމަށާއި މިކުންފުންޏަކީ އޭނާގެ 40 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުންޏަށް އޭނާ ފައިސާ ދައްކަންޖެހޭ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށާއި އަދި އޭނާގެ ނަމުގައި ކުންފުނީގައި އެއްވެސް ސާބިތު ދަރަންޏެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ކުންފުންޏަށް ފައިސާތަކެއް ދައްކަން ޖެހޭ ކަމަށް ދައުވާ ކުރާފަރާތުން ވިދާޅުވަމުން ގެންދަވާއިރު އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހާމަކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ޤާޒީ ވިދާޅުވީ ދެންއޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ ލިބޭ ފަރާތުން ބަޔާން ހުށަހެޅުއްވުމަށް ފުރުސަތު ދެއްވާފައިވާ ކަމަށާއި މިމައްސަލަ ސާބިތު ކުރުމަށްޓަކައި ކުންފުނީގައި ދެ ފަރާތުން ކޮށްފައިވާ މުއާމަލާތް ތަކުގެ ލިޔެކިޔުންތައް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
No comments:
Post a Comment