Monday, 14 April 2008

ހިމަންދޫ ޓެރަރިޒަމް ޝަރީޢަތް: އަބްދުﷲ ޢަލީގެ މައްޗަށް ހެކިބަސްދިނުމަށް 3 ފުލުހަކާއި ދެސިފައިންގެ މީހަކު ހާޟިރުކޮށްފި

އިބްރާހީމް މުޙައްމަދު

މިހާރު ހިނގަމުންދާ އއ.ހިމަންދޫ ވަކިޖަމާއަތެއްގައި ނަމާދުކުރާ މީހުންގެ ޝަރީޢަތުގައި މަޝްހޫރު އަބްދުﷲ ޢަލީ (ހއ.މޮޅަދޫ ބަހާރުގެ އަބްދުﷲ ޢަލި މަނިކު) 7 އޮކްޓޫބަރު 2007 ގައި ހިމަންދޫގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވިކަން ސާބިތުކޮށްދިނުމަށް ހެކިންގެ ގޮތުގައި 3 ފުލުހަކާއި ސިފައިންގެ މީހެއް ހާޟިރުކޮށްފިއެވެ. އަބްދުﷲ ޢަލީއަށް ދައުވާކުރަނީ ދިވެހިރާއްގޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ހެކިބަސް ދިން 4 މީހުންވެސް ބުނެފައިވަނީ ވަކިޖަމާއަތެއްގައި ނަމާދުކުރި މީހުންތައް ތިބީ މޫނު ނިވާކޮށްގެން ހެލްމެޓް އަޅައިގެން ކަމަށާއި ތަހުޤީޤަށް ބަޔާން ދިނުމަށް މިމީހުން ދެނަގަތީ ވީޑިޔޯ އަދި ފޮޓޯތައް ބަލައިގެން ކަމަށެވެ. އަބްދުﷲ ޢަލީ އާއެކު ޓެރަރިޒަމްގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ އިތުރު 12 މީހަކު މިއަދުގެ މަޖިލިހުގައި އިނުމާއި ގުޅިގެން އެ 12 މީހުންގެ މައްޗަށްވެސް ޤާޟީ ޢަލީ ރަޝީދު ހެކިބަސް ނެންގެވިއެވެ.

ޕާކިސްތާނުން ދީނީ އިލްމު އުނގެނިގެން ހުންނެވި އަބްދުﷲ ޢަލީގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ އެއްފަރާތް ކަމުގައިވާ އަޙުމަދު ޝަހީމް ވިދާޅުވީ ހެކިވެރިން ތަހުޤީޤު ބަޔާނަށް ރިޢާޔަތް ކުރުމަށް އެދޭތީ އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބޭކަމަށެވެ. ޤާޟީވެސް ވިދާޅުވީ ހެކިވެރިން ތަހުޤީޤަށް ދިން ބަޔާންތައް އިއްވައިފިނަމަ ހެކިދިނުމަށް އެހީތެރިވެވިދާނެކަމަށެވެ. މިސަބަބަށްޓަކައި ތަހުޤީޤުބަޔާންތައް އިއްވުމަށް ޤާޟީ ފުރުސަތެއް ނުދެއްވައެވެ.

"އަޅގަނޑުގެ އެއްވެސް ސުވާލަކަށް މީނައެއް ޖަވާބެއް ނުދެވޭ" ހެކިދިނުމަށް ހާޟިރުވި ފުލުހަކާ މުހާތަބްކުރައްވައި ޝަހީމް ވިދާޅުވިއެވެ. "އަބްދުﷲ އަލިމަނިކު ޓެރަރިޒަމްގެ ކޮން އަމަލެއްތޯ ހިންގީ؟"

މިއަދު ޖިނާއީ ކޯޓަށް ހާޟިރުކުރި 12 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ބުނީ މައްސަލައިގެން ކުރިއަށް ދަނީ ވަކީލުންގެ ހާޟިރުގައެވެ. މިގޮތުން ގިނަ ބަޔެއްގެ ވަކީލުގެ ގޮތުގައި ހަރަކާތްތެރިވަނީ ޝަހީމާއި ޒަނީނު އާދަމާ ގުޅިގެންނެވެ. އަދި މިމީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ހުސްނުއް ސުއޫދު ވަކާލާތުކުރައްވާތީ އެބޭފުޅާވެސް ޝަރީއަތުގެ މަޖިލިހުގައި ވާހަކަދައްކަވާފައިވެއެވެ.

ޝަހީމް އަދި ސުއޫދު ހެކިވެރިންނާ ކުރި ސުވާލުތަކުގެ ތެރޭގައި އެމީހުންގެ މުވައްކިލުން ދެއްކުމަށާއި އެމީހުން ކުރި އަމަލުތައް ބަޔާންކުރުމަށް އެދިފައިވެއެވެ. ނަމަވެސް އެއްވެސް ހެކިވެރިޔަކަށް މީހެއް ފާހަގަކުރުމުގެ އިތުރުން ހިންގި އަމަލެއް ބަޔާންކުރަން ވަނީ ނުކުޅެދިފައެވެ.

ސުއޫދު ވިދާޅުވީ މިހެކިވެރިންގެ ހެކިބަސް "ކޮލިފައި" ނުވާކަމަށެވެ. އަދި އެމީހުންގެ ކިބައިގައި ހެކިވެރިންގެ ޝަރުތުތައް ފުރިހަމަ ނުވާކަން ޤަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. މިހެކިވެރިންގެ ހެކިބަސް ޤަބޫލުނުކުރެވޭކަމަށް ޝަހީމްވެސް ވިދާޅުވިއެވެ. އަދި ވީޑިޔޯތަކުން ފެނުނު މީހުން މޫނު ނިވާކޮށްފައިވާއިރު ފަހުން މޫނުގައި އަޅާފައިވާ މޫނުމަތި ބަދަކުރެވޭނެކަމަށް ޤަބޫލުކުރައްވަންތޯ އެއް ހެކިވެރިއެއް ކަމުގައިވާ ސިފައިންގެ ޕްރައިވެޓް ސޯލިހު މޫސާއާއި ސުވާލުކުރެއްވިއެވެ. ޖަވާބުގައި ސޯލިހު ބުނެފައިވަނީ އެގޮތަށް ކަންތައްކުރެވިދާނެކަމަށެވެ.

ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އަބްދުﷲ ޢަލީއަށް މީގެ ކުރިވެސް ގިނަ ޙުކުމްތަކެއް ކޮށްފައިވެއެވެ.

 

 

No comments: