މިނިވަން
ޅ ކުރެންދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެރަށުގެ ފެން ތަޣައްޔަރުވުން ކަމުގައި އެރަށު ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިއްޖެއެވެ. 1845 މީހުން ދިރިއުޅޭ ކުރެންދޫއަކީ ފެންތިލަ ރަށެއް ކަމަށް ވުމުން އެރަށުގެ ބިމުއަޑިން ދެފޫޓަށް ކޮނެލުމާއެކު ފެންފަށަލައިގައި ޖެހެއެވެ. އަދި އެރަށުގެ ގޭގޭގެ ފާޚާނާތައް ގުޅާފައި ހުންނަނީ ބިމަށް ފައްތާފައި ހުންނަ ވަޅުބުރިތަކަށް ކަމަށާއި ބައެއް ވަޅުބުރިތައް ފައްތާފައި ހުންނަނީ އާނު ކެޑުމަށްފަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ.
"މިރަށުގައި މިހާރު އަޅުގަޑު އެންމެ ކަންބޮޑުވާ މައްސަލައަކީ ފެން ތަޣައްޔަރުވުން. އަޅުގަޑުމެން ފެންވަރާ، އަންނައުނާއި ތެލިތަށި ދޮވެ ހެދުމަށް ބޭނުންކުރަން މި ޖެހެނީ ނަޖިސްފެނާއި އެކުވެފައި ހުންނަ ވަޅުފެން." އެރަށު އާދަމް ހުސޭނު ބުންޏެވެ.
ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެން ތަޣައްޔަރު ވުން ކަމަށާއި ފާޚާނާގެ ނިޒާމު އެރަށުގައި ގާއިމުކުރުމަށް މިހާރު އޭނާ ވަނީ ކޯޓޭޝަނެއް ތައްޔާރުކުރައްވާފައިވާ ކަމަށް އެރަށުގެ ކަތީބު އަހްމަދު މޫސާވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ކުރެންދޫގެ ހުރިހާ ގޭގެއަކަށް ކަޅުހަން ދޫކުރެވިފައިވާތީ ބޯފެނުގެ މައްސަލައެއް އެރަށުގައި މިހާރު ނޯންނާނެއެވެ.
"އެންމެ ކަންބޮޑުވަނީ އަސާސީ ޚިދުމަތްތައް ނުލިބޭތީ." އިދްރީސް އަހްމަދު ބުންޏެވެ. "ކަރަންޓާ، ނަރުދަމާއާ، ސިއްހީ ކަންތައްތަކާ އެކަށީގެންވާ މިންވަރަށް ނުލިބޭ އަޅުގަޑުމެންނަކަށް."
ކަރަންޓުގެ މައްސަލަ އާ ގުޅޭގޮތުން ތަފްސީލު ކޮށްދެމުން އިދުރީސް ބުނީ "އެންމެ އިންޖީނެއް ހިންގާތާ މިހާރު 8 މަސް މީ. ހަމަ އެދާ ދިޔުމުގައި އޭތީ ނިއްވާލާފައި އޮވެދާނެ ދެދުވަސްވެސް ތިންދުވަސްވެސް. ދެން އޭގެ ތެރޭގައި އަޅުގަޑުމެން މުޅި ރަށުގައި ފުރިޖުތަކަށް އެތައް ބަޔަކު އަޅާތަކެތި ކުނިވެގެން އުކާލަން ހަމަ ޖެހެނީ. 8000، 9000 ރުފިޔާގެ ގެއްލުން ވެގެންދޭ. ޓީވީ ފަދަ ތަކެތިވެސް ކަރަންޓު ދާ ބޮޑީގައި އެބަހުރި ހަލާކުވެގެން ގޮސްފައި." ވާކަމަށެވެ.
ކުރެންދޫގައި މަދިރި ގިނަވެފައިވާ މައްސަލައަކީވެސް އެރަށުގެ ބައެއް ރައްޔިތުންނަށް ބޮޑު މައްސަލައެކެވެ.
"މަދިރީގެ މައްސަލަ އެންމެ ބޮޑު މައްސަލައަކީ މިރަށުގައި، ފާޚާނާގެ ނިޒާމާ. މަދިރި ދެން ހަމަ ވަރަށް ގިނަ. އަޅުގަޑުމެންނަށް މަޑުކޮށްލައިގެން ތިބެވޭވަރެއްވެސް ނޫން ތަނެއްގައި." ނަންހާމަކުރަން ނޭދޭ ކުރެންދޫ އަންހެނަކު މައުލޫމާތު ދިނެވެ.
އޭނާ ބުނީ މަދިރި ގިނަވަނީ ފާޚާނާގެ ނިޒާމު ނެތުމުން ޖަންކްޝަންތަކާއި ފަޅުގޯތިތަކުގެ ފެންވަޅުތަކުގައި މަދިރިފަނި އުފެދިގެން ކަމަށެވެ. އޭނާ ބުނިގޮތުގައި ރަށުގައި މަދިރި އުފެދުމުގެ މައްސަލައަށް ސަރުކާރުން އެކަށީގެންވާ މިންވަރަކަށް ފިޔަވަޅެއް ނާޅައެވެ.
މަދިރީގެ މައްސަލައާ ބެހޭގޮތުން ކަތީބު މުހަންމަދު މޫސާ ވިދާޅުވީ އެފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބެންވާ މިންވަރަށް ނުލިބޭކަމަށާއި ކުރެންދޫއަކީ ފެންތިލަ ހިޔާބޮޑު ރަށަކަށްވެފައި ފެންހެދުން ފަސޭހަވެ ޖަންކްޝަންފަދަ ތަންތަން އެކަށީގެންވާ ވަރަށް ރައްޔިތުން ސާފުނުކުރާތީއެވެ.
ކުރެންދޫގައި ގާތްގަޑަކަށް 380 ގޯތި ހުރިއިރު އޭގެ ހަތަރުބައިކުޅަ އެއްބައި ގޯތި ހުންނަނީ ފަޅަށްކަމަށް ކަތީބު އަހްމަދު ވިދާޅުވިއެވެ.
ކަތީބު ވިދާޅުވިގޮތުގައި ކުރެންދޫގެ ނެރު ތިލަވުމުގެ ސަބަބުން ކުދި ދޯނިފަހަރުގައި އެރަށަށް ވަދެ ނުކުތުމަކީވެސް މިހާރު ވަރަށް އުދަގޫ ކަމެކެވެ. އަދި ބިމުގެ ދަތިކަން އެރަށަށް ކުރިމަތިވަމުން އަންނާތީ ބިން ހިއްކުމަށް ފަސޭހަވާނީ އެރަށުގެ ފަޅުތެރެއިން ހުޅަގު ދެކުނު ސަރަހައްދު ކަމަށް ވާތީ އެ ސަރަހައްދުގައި މިހާރު ބޭނުންކުރެވެމުންދާ ބަދަރު ރަށުގެ ހުޅަގު އުތުރަށް ބަދަލުކުރުމަށް ސާވޭކޮށް މިހާރު ވަނީ ނިމިފައެވެ.
ކުރެންދޫގައި މިހާރު 190 މީހުން ގޯއްޗަށް އެދިފައިވާކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވާ 100 މީހުން ތިބިއިރު އެރަށުން މިހާރު ލިބެން ހުރީ 74 ގޯތި ކަމަށާއި ފަޅު ގޯތިތައް ސަރުކާރަށް ނަގައިގެން ނަމަވެސް ނުވަތަ ބިން ހިއްކައިގެން ނަމަވެސް މިހާރު އެދިފައިވާ މީހުންނަށް ގޯތި ދޫކުރެވޭނެ ކަމަށް ކަތީބު ވިދާޅުވިއެވެ.
ކުރެންދޫގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށް އެރަށުގައި ހުރި ސިއްހީ މަރުކަޒު ނުފުދޭކަމަށްވެސް އެރަށުގެ ބައެއް ރައްޔިތުން ބުނެއެވެ.
ސިއްހީ މަރުކަޒުގައި 1 ޑޮކްޓަރާއި 2 ނަރުހުންގެ އިތުރުން މަހަކު އެއްފަހަރު އަތޮޅު ހޮސްޕިޓަލުގެ ޓީމަކުން ސްކޭން ކުރެވޭނެގޮތް ރަށުގައި ހަމަޖައްސައި ދެވުނުކަމުގައި ވިޔަސް އަލަށް ވިހުން ފަދަ ކަންކަމަށް ޅ ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދިޔުމަށް ސިއްޙީ މަރުކަޒުން ބާރުއަޅާކަމަށް ކަތީބު މުހަންމަދު މޫސާ ވިދާޅުވިއެވެ. ކަތީބު ވިދާޅުވީ އެރަށުގައި އަމިއްލަ ފަރާތަކުން ހިންގާ ބޭސްފިހާރައެއް ހުންނަ ކަމަށެވެ.
ކުރެންދޫގެ ބައެއް ރައްޔިތުން ހާމަކުރިގޮތުގައި އެރަށުގެ ސްކޫލްތަކުގައި ގްރޭޑް 11 އަށް ކިޔަވައިދޭއިރު ސްކޫލްގައި ކިޔަވައިދިނުމަށް ގްރޭޑް ދިހައެއް ނިންމާފައިވާ ތަމްރީނު ނުލިބި ތިބި މީހުން ކިޔަވައިދެމުންދާ މައްސަލައާ ދޭތެރޭ ކަންބޮޑުވެއެވެ.
No comments:
Post a Comment