މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، ރާއްޖޭގެ އެކި ރަށްރަށުން ސިއްޙީ ފަރުވާ ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އަންނަ މީހުންނަށް ވަކި އުސޫލެއް ހަމަޖެހިފައިނެތް ކަމަށް ހެލްތް މިނިސްޓަރ އިލްޔާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
"އައި.ޖީ.އެމް.އެޗަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ފަރުވާ ދޭ ތަނަކަށްވާތީ، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނާއި، އަތޮޅުތަކުން އެފަހަރަކު އަންނަ މީހުންނާއި، އަދި މާލޭގެ މީހުން ދެއްކުމުގައި ވަކިވަކިން އެނގޭނެގޮތެއް ރެކޯޑްކުރެވިފަކާ ނުހުރޭ. އަދި މިހާރުގެ އުސޫލުތަކަށް ބަލާއިރު އެގޮތަށް އެކަން ކުރުން އެއީ މާ ހަމަޖެހޭ ކަމެއްކަމަކަށް ވާނެކަމަކަށްވެސް ނުފެނޭ" އިލިޔާސް އިބްރާހިމް ވިދާޅުވިއެވެ.
މާލޭ މެންބަރު އިބްރާހިމް އިސްމާއީލު އެއްސެވި އަނެއް ސުވާލަކީ މާލެ އައިސް ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި ދުވަސްތައް ބޭކާރުވިޔަ ނުދިނުމަށްޓަކައި، އެ މީހަކު ދިރިއުޅޭ ރަށެއްގެ ޞިއްޙީ މަރުކަޒު ނުވަތަ އަތޮޅު ހޮސްޕިޓަލް ނުވަތަ ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށްގެން ޑޮކްޓަރުންގެ އެޕޮއިންޓްމަންޓާ، އެނޫންވެސް އެޕޮއިންޓްމަންޓްތައް ކުރިން ހެދޭނެ އެއްވެސް އިންތިޒާމެއް ކުރައްވާފައި މިހާރު އެބައޮތްތޯއެވެ.
ޖަވާބުގައި އިލިޔާސް ވިދާޅުވީ މިފަދަ އެޕޮއިންޓްމަންޓް ހަދާދެވޭ އިންތިޒާމް މިހާތަނަށް ހަމަޖައްސާވާފައި ނޯންނަކަމަށެވެ.
"ސަބަބަކީ، އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ކޮންމެ މީހަކަށް އެމީހަކު އަމިއްލައަށް އެޕޮއިންޓްމަންޓް ހެދޭނެގޮތަށް ހަމަޖައްސާ، އެކަމަކީ ޢާންމުކޮށް އިޢުލާންކޮށްފައިވާ އަދި ޓެލިފޯނުގެ ޒަރިއްޔާއިން ކުރެވޭ މިހާރުވެސް ކުރަމުންދާ ކަމެއް. ކަންމިހެންއޮތުމާއެކު އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް އެކަން ކުރުމުން އިތުރު މައްސަލަތައް ކުރިމަތިވާނެކަމަށް ފެންނާތީ ތިޔަ ވިދާޅުވި ތިޔަ ވިދާޅުވިގޮތަށް އެޕްއިންޓްމަންޓްގެ ކަންތައްތައް އަދި ހަމަޖައްސާކަށް އަޅުގަނޑުމެންނަކަށް ގަސްދުކުރެވިފައި" ނުވާކަމަށެވެ.
އިލިޔާސް ވިދާޅުވީ ވޭތިވެދިޔަ 2007 ވަނަ އަހަރު، ފަރުވާ ހޯދުމަށް އަތޮޅުތަކުން 495 ބަލިމީހުން އައި.ޖީ.އެމް.އެޗް.އަށް ގެނެވިފައިވާކަމަށެވެ. އަތޮޅު ހޮސްޕިޓަލްތަކުން ރީޖަނަލް ހޮސްޕިޓަލްތަކަށް 113 ބަލިމީހުން ފޮނުވިފައިވާއިރު އެކިއެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން 934 މީހުން އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވިފައިވާކަމަށް އިލިޔާސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަތޮޅު ތެރޭގެ ރައްޔިތުން މިހާރު މާލެއަންނަ ނުޖެހޭކަމަށެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލްތަކުން ފަރުވާލިބެން ހުންނަކަމަށެވެ. ކޮންމެހެން މާލެއަންނަ ޖެހެނީ ބޮޑެތި ކަންތައްތަކުގައި ސީރިއަސް ވުމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މަލޭ މެންބަރު އިބްރާހިމް އިސްމާއީލް މިނިސްޓަރާ ސުވާލު ކުރައްވަމުން ވިދާޅުވީ އައިޖީއެމްއެޗްގައި ސީޓީ ސްކޭންގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެކަން ނުވެ ގިނަ ދުވަސްތަކެއްވާކަމަށާއި އެކަން އެގޮތަށް ދިމާވަނީ ކީއްވެގެންތޯ އެވެ.
"މިހާރު އައި.ޖީ.އެމް.އެޗް.ގައި ހުރީ ގާތްގަނޑަކަށް 10 ވަރަށް އަހަރުވެފައިހުރި ސީޓީ ސްކޭން މެޝިން. އެއަށް ލޯޑުބޮޑުވެގެން ދުވާލެއްގެ މައްޗަށް ހެދެނީ ވަކިވަރެއް. އާދެ، މިމައްސަލައާ ގުޅިގެން އިތުރު ސީ.ޓީ ސްކޭނެއް ބެހެއްޓޭތޯ އަޅުގަނޑުމެން ވޭތުވެދިޔަ ދެތިން އަހަރުވެސް މަސައްކަތްކޮށް ވަރަށް އަގުބޮޑު އެއްޗަކަށް ވާތީ ނުވެފައި އޮތް އެއްޗެއް ކަމުގައިވިޔަސް މިއަހަރު އެކަން ވެދާނެކަމުގެ ފެހި ސިގްނަލެއް މިހާރު ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެނަށް ލިބިފައި އެބައޮތް" ކަމަށް އިލިޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން ތ.އަތޮޅު މެންބަރު އަހުމަދު ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމްއާރުއައި އަދި ރާއްޖޭގައި ނުހެދޭކަމަށް ވާއިރު އެހިދުމަތަކީ ކޮންމެހެން ބޭނުން ހިދުމަތެއްކަމަށެވެ. ވީމާ ސަރުކާރުގެ ޚާއްޞަކަމެއްގެ ގޮތުގައި މިއަހަރު އެކަންކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު އަންގަވައިގެން އޭގެ ސްޕެސިފިކޭޝަން މިހާރުވީ ފިނޭންސް މިނިސްޓްރީއަށް ފޮނުވިފައިކަމަށެވެ.
މިހާރު އަތޮޅުތަކުގައި 6 ރީޖަނަލް ހޮސްޕިޓަލާއި، 13 އަތޮޅު ހޮސްޕިޓަލާއި، 125 ޞިއްޙީމަރުކަޒާއި، 38 ހެލްތުޕޯސްޓް އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އާދެ، އޭގެ މާނައަކީ 145 ރަށުގައި މިހާރު ޑޮކްޓަރުން އެބަތިއްބޭ. އަދި ދެންމެ އެންމެފަހުން ވިދާޅުވި ލެބޯޓްރީގެ ޚިދުމަތްވެސް ދެވޭ މިހާރު 78 ރަށުގައި އެބަހުރި" އިލިޔާސް ވިދާޅުވިއެވެ.
No comments:
Post a Comment