އަބްދުއްރަހްމާން
ގައުމީ ފިލްމް އެވޯރޑްގެ އެންމެ މޮޅު ބަތަލުގެ މަގާމް ޔޫސުފް ޝަފީއު ޖެހިޖެހިގެން ދެވަނަފަހަރަށް ހޯދައިފިއެވެ. ހޮނިހިރުދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބޭއްވި 5 ވަނަ ގައުމީ ފިލްމް އެވޯރޑްގެ ނައިޓްގެ އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނީ "ވާލޯބި އެގޭނަމަ" އެވެ.
ރެޑް ލައިން ޕޮރޮޑަކްޝަން އިން އުފެއްދި ވާލޯބި އެގޭނަމައަށް ޖުމްލަ 12 އެވޯރޑް ރޭ ލިބިފައިވެއެވެ. މީގެ ތެރޭގައި އެންމެ މޮޅު ފިލްމްގެ އެވޯރޑްވެސް ހިމެނެއެވެ. ވާލޯބި އެގޭނަމައިން ޔޫސުފް ޝަފީއު އެންމެ މޮޅު އެކްޓަރަކަށް ހޮވިފައިވާއިރު ހަމަ މި ފިލްމުން އެންމެ މޮޅު އެކްޓްރަސް އަކަށް މަރިޔަމް އަފީފާވަނީ ހޮވިފައެވެ. ހަމަ އެހެންމެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯރޑްވެސް އަހްމަދު ނިމާލްވަނީ ވާލޯބި އެގޭނަމައިން ހޯދާފައެވެ. މީގެ އިތުރުން އެންމެ މޮޅު އަމިއްލަ ރާގާއި އެންމެ މޮޅު ކެރިއޮގްރާފަރ އެވޯރޑާއި އެންމެ މޮޅު ކޮސްޓިއުމް ޑިޒައިނަރައާއި ބެކް މިއުޒިކް ސްކޯއާއި އޯޑިއޯގްރަފީއާއި އެޑިޓީންއާއި ބެސްޓް އޮރިޖިނަލް ސްކްރީން ޕްލޭވެސް ލިބިފައިވަނީ ތިނެސްކަން ލޯބީގެ ހަދިސާތަކެއް ދައްކުވައިދިން "ވާލޯބިއެގޭނަމަ" އަށެވެ.
ފަސްވަނަ ގައުމީ ފިލްމ އެވޯރޑްގައި ދެން އެންމެ ކަމިޔާބު ފިލްމަކަށް 5 އެވޯރޑަކާއެކު ހޮވިފައިވަނީ މި ދާއިރާއަށް އަލަށްނުކުތް 2 ފަންނާނުންކަމަށްވާ މުއުމިން ފުއާދާއި އަލީ ޝިފާއު އުފެއްދި "ހޭލާ" އެވެ. މި ފިލްމް ގައުމީ 5 ވަނަ ފިލްމް އެވޯރޑްގެ އެންމެ މޮޅު ވާހަކައަކަށްވެސް ހޮވިފައިވެއެވެ. އަދި މި ފިލްމުގައި ދައްކުވައިދިން ރޯލަށް އިސްމާއިލް ރަޝީދް (ކޮޕީ އިއްސެއަށް) ވަނީ އެންމެ މޮޅު ސަޕޯރޓިން އެކްޓަރުގެ އެވޯރޑްލިބިފައެވެ. ކުޑަކުއްޖަކަށް ދިމާވާ ހާދިސާތަކެއް ދައްކުވައިދިން މި ފިލްމުން އެންމެ މޮޅު ޗައިލްޑް އާރޓިސްޓެއްގެ އެވޯރޑް އަހްމަދު މައުރޫފަށް ލިބިފައިވެއެވެ.
ކުރު ފިލްމަތަކަށްވެސް އެވޯރޑް ދިން މި ހަފްލާގައި އެންމެ ގިނަ އެވޯރޑް ލިބިފައިވަނީ ޔޫސުފް ޝަފީއުގެ ދެ އުފެއްދުމެއްކަމަށްވާ "ވަސްވާސް 2" އަށާއި "އެ ދޮންވެލި ތުނޑި" އަށެވެ. މި ކެޓަގާރީން އެންމެ މޮޅު ޑައިރެކްޓަރަކަށް ޔޫސުފް ޝަފީއު "އެ ދޮންވެލި ތުނޑި"ން ހޮވުނުއިރު މި ފިމްމަށްވަނީ އެންމެ މޮޅު ކުރު ފިލްމްގެ އެވޯރޑްވެސް ލިބިފައެވެ.
މިފަހަރުގެ އެވޯރޑްގައި ފީޗަރަ 7 ފިލްމާއި ކުރު 25 ފިލްމް ވާދަކޮށްފައިވެއެވެ. ނިމިގެން ދިޔަ 4 ވަނަ އެވޯރޑް ނައިޓްގައި ގިނަ އައިޓަމްތަކެއް ފެނިފައިނުވާތީ ބެލުންތެރިންވަނީ އެކަމަށް ފާޑުކިޔާފައެވެ. އެހެންކަމުން މިފަހަރުގެ އެވޯރޑް ނައިޓް ގައި ތަފާތު ގިނަ ހަރަކާތްތަކެއް ފެނިގެންގޮސްފައިވެއެވެ.
No comments:
Post a Comment