Monday, 14 April 2008

މަޖިލިސްކުރާގޭ ކައިރިން މީހަކު ހައްޔަރުކޮށްފި

އިބްރާހީމް މުޙައްމަދު

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާގޭ ކައިރިން މީހަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚަބަރުދިންގޮތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ކިޔަމަންވެފައިނުވާތީއެވެ. މިގޮތުން މަޖިލިސްގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަޖިލިސްކުރާގޭ ކައިރީގައި ހަރަކާތްތެރިވި ފުލުހުންނަށް ނުކިޔަމަންތެރިވެ ފުލުހުން ކޯޑޮން ކޮށްފައިވާ ސަރަޙައްދަށް (ވަނުން މަނާކޮށްފައިވާ ސަރަހައްދު) ގަދަކަމުން ވަދެފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. މިޚަބަރަށް މަންޒަރު ދުށް ފަރާތުގެ ބަހެއް ހޯދިފައެއް ނުވެއެވެ.

މިނިވަން ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކުރެވުނު މީހަކީ ބ.ތުޅާދޫ ޗާންދަނީގޭ ޒިޔާއު ރަޝީދު އިބްރާހީމް 26، އެވެ. އޭނާގެ މަންމަ ރަޝީދާ އަބޫބަކުރު ބުނީ ރަށު މީހެއްގެ ފަރާތުން ޒިޔާއު ހައްޔަރުކުރި ޚަބަރު ލިބިފައިވާކަމަށެވެ. ނަމަވެސް ހައްޔަރުކުރި ސަބަބެއް އަދި ހޯދިފައި ނުވާކަމަށް އޭނާ ބުންޏެވެ.

"މީހަކު ފޯނުކޮށްފައި ބުނުމުން އެނގުނީ" ޒިޔާއު މަންމަ ރޮމުން މައުލޫމާތު ދިނެވެ.

މިމައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޔުނިޓުން މިހާރު ތަހުޤީޤު ކުރެވެމުންދާކަމަށް ފުލުހުން ހާމަކުރިއެވެ.

No comments: