އިސްލާހުކުރެވޭ ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީ ކަމަށް އާދީއްތަދުވަހު އޮތް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގައި ފާސްކުރުމާގުޅިގެން އެއަސާސީގެ ދަށުން އެކުލަވާލާފައިވާ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް، އިންތިޤާލީ މަރުހަލާގައި ދެމިއޮތުމަށް ވޯޓަށް އެހިގެން ނުވާނެ ކަމުގައި ބައެއް މެންބަރުން ވިދާޅުވެ ނިޒާމީ ނުގުތާ ނެންގެވުމުން، ހޯމަދުވަހުގެ މެންދުރުފަހުގެ ޖަލްސާގައި އެއްވެސް ހުށަހެޅުމަކަށް ވޯޓަށް ނޭހި ނިމިއްޖެއެވެ.
އަނީސާގެ 20 ވަނަ ހުށަހެޅުން
އިއްޔެ ފާސްކުރި އަނީސާ އަހުމަދަށް ނިސްބަތްވާ ހުށަހެޅުން 20 ކަމަށްވާ "އަމަލު ކުރަން ފެށުން" ގައިވަނީ "މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީ" ކަމަށެވެ.
އަނީސާގެ 32 ވަނަ ހުށަހެޅުން
މިއަދު މައްސަލަޖެހުނު އަނީސާ އަހުމަދަށް ނިސްބަތްވާ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމު"ގައިވަނީ "(ހ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި މިޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަގާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަގާމާ ހަވާލުވަންދެން، މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ. (ށ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި މި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަޤާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަޤާމާ ހަވާލުވަންދެން، ވަޒީރުންގެ މަޖިލީހުގެ ގޮތުގައި ދެމިއޮންނާނީ މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެކެވެ. މިގޮތުން އިންތިޤާލީ މަރުހަލާގައި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގައި މިޤާނޫނުއަސާސީގެ (ރައްޔިތުންގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާގެ (ރ) (...) ވަނަ މާއްދާއާއި، މި ޤާނޫނުއަސާސީގެ (ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) (...) ވަނަ މާއްދާއަށް އަމަލެއް ނުކުރާނެ" ކަމަށެވެ.
މާލޭ މެންބަރު އިބްރާހިމް އިސްމާއީލާއި މާލޭ މެންބަރު މުހައްމަދު ޝިހާބާއި އަދި ގިނަ އިދިކޮޅު މެންބަރުން ފާހަގަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމަށް 32 ވަނަ ހުށަހެޅުއްވުމުގައިވާއިރު މ.މެންބަރު އަނީސާ އަހުމަދުގެ އިއްޔެ ފާސްވި 20 ވަނަ ހުށަހެޅުމާ މަސްލަހަތު ފުށުއަރާތީވެ، ވޯޓަށް އެހިގެން ނުވާނެކަމަށެވެ.
ޤާނޫނުއަސާސީގެ ރޫހާ ޚިލާފުވުން
މިމައްސަލާގައި މާލޭ މެންބަރު އިބްރާހިމް އިސްމާއީލު އިއްޔެ ވިދާޅުވީ "އަޅުގަނޑު ދަންނަވަން އޮތް އަނެއް ނުކުތާއަކީ، 32 ވަނަ ހުށަހެޅުމާ ގުޅިގެން، ކުރީގައިވެސް އަޅުގަނޑު ދެންނެވިން ޢިއްޒަތްތެރި ރައީސް، އިންތިޤާލީ މަރުޙަލާގައި އަޅުގަނޑުމެންނަށް ޤާނޫނުއަސާސީގައި މި މެއިން ޓެކްސްޓުގައި މި މައިގަނޑު ބައިގައި އެއޮތް އެއްޗަކުން ޚިލާފެއް އުފައްދަންޖެހޭ ކަމެއް ކޮންމެހެން ކުރަންޖެހިއްޖިއްޔާ އަޅުގަނޑުމެން ކުރިކަމުގައިވިޔަސް އެނޫން ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އެއީ އެއުސޫލު އަޅުގަނޑުމެން ވާނެ ޤަބޫލުކުރަން. 32 ވަނަ ހުށަހެޅުމުގެ (ށ) ގައި މިއޮންނަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް، ރައްޔިތުގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާގެ (ރ) އާއި ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) އިސްތިސްނާކުރުން މިމުއްދަތުގައި. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ނުދެކެން ވޯޓަށް އެއްސެވޭނެ ކަމެއް ކަމަކަށް. އަބަޔާއެކުގައި މި ވޯޓަކަށް ނޭއްސެވޭނެ. ސަބަބަކީ ޤާނޫނުއަސާސީ އަޅުގަނޑުމެން ޢަމަލުކުރަން ފަށައިފިކަމަށްވަންޏާ، އޭގެތެރެއިން ތަންފީޒުކުރެވެން ހުރި ކޮންމެ އުސޫލެއް އަޅުގަނޑުމެން ޖެހޭނީ އިންތިޤާލީ މަރުޙަލާގައިވެސް ތަންފީޒުކުރަން. ތަންފީޒުކުރުމަށް ކުރެވޭނެ އެއްވެސް ގޮތެއް ނެތީވިއްޔާ އެހެން ގޮތެއް އަޅުގަނޑުމެން ހޯދަން މިޖެހެނީ. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ޢިއްޒަތްތެރި ރައީސް، ވަޒީރުންގެ މަޖިލީހުގައި މިތިއްބެވި ބޭފުޅުން ހަމަ މިތާ ތިއްބަވައިގެން އަމިއްލަ ޒަމީރަށް ކެތްވާނެތޯއޭ މިއަށް ވޯޓުދެއްވަން. ކިހިނެތްތޯއޭ ދެއްވާނީ. މިއޮތީ ވަޒީރުންގެ މަޖިލީހަށް އޮތް ޗެކް އެންޑް ބެލެންސްގެ ފުރަތަމަ އެތި ނިގުޅައިގަންނަގޮތަށް އޮތް މާއްދާއެކެ. މިވެސް ހަމަ ތިބޭފުޅުން ޤައުމީ މަސްލަޙަަތޭ، ނޫނީ ޤައުމަށް އެންމެ ރަނގަޅު ގޮތޭ ވިދާޅުވެފައި ހަމަ އަމިއްލަ ނަފްސަށް މިތާ ތިއްބަވައިގެން ކުރައްވާނެ ކަންތައް ތޯއޭ. މިހިސާބުން މިސުވާލު ދަންނަވަން ޖެހުނީމަ މިދެންނެވީ" ކަމަށެވެ.
ސ.އަތޮޅު މެންބަރު ހުސްނުއް ސުއޫދު ވިދާޅުވީ އިންތިޤާލީ މަރުހަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހެއްގައި އަންޔަންކުރި މެންބަރުން ތިއްބެވުމަށް މިހާރު ތިއްބެވި އައްޔަންކުރި މެންބަރުން ވޯޓު ދެއްވުމަކީ ހަޔާތްކުޑަކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ތިބުމަށް މިހާރު ތިބި ވަޒީރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން އެފަދަ ހުށަހެޅުމަކަށް ވޯޓު ދެއްވުމަކީ ހަޔާތްކުޑަކަމެއް ކަމުގައި ސުއޫދު ފާހަގަކުރެއްވިއެވެ.
ރައީސް މެންބަރު އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ ހަޔާތް ކުޑަވާންވެއްޖެޔާމުން އެބޭފުޅުންވެސް ހަމަ ހަޔާތްކުޑަވެދާނެ ކަމަށެވެ.
ތ.މެންބަރު ހުސައިން ރަޝީދު ވިދާޅުވީ 32 ވަނަ ހުށަހެޅުން ޤާނޫނު އަސާސީގެ ރޫހާ ހިލާފު ވާކަމާއި މިހާރު ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާއާއި ވަޒީރުން މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާއަށް އަމަލު ނުކުރަން އޮތް އޮތުން އޭނާއަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ސ.މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންތިޤާލީ މަރުހަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހެއްގައި އައްޔަންކުރި މެންބަރުން ތިބެގެން ނުވާނެ ކަމަށެވެ. އިދާރީ ކޮމެޓީން މަޖިލީހުގެ ރައީސަށް ދެއްވި ލަފާގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރަށް އަމަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އިދާރީ ކޮމިޓީން ރައީސް ގާސިމަށް ލަފާދީފައިވަނީ މިހާތަނަށް ޤާނޫނު އަސާސީގައި ފާސްކޮށްފައިވާ އެއްވެސް މާއްދާއަކާ ތާރުޟުވާ އެއްވެސް އެއްޗެއް އިންތިޤާލީ ބާބުގައި ވޯޓަށް ނޭހުމަށެވެ.
ހުސްވަގުތުކޮޅުގެ ކުރިން 100 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 92 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމެވެ.
ދެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ، 20 އޭޕްރީލް 2008 އާދީއްތަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.
No comments:
Post a Comment