އިންތިޤާލީ ބާބު:
ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން މިހާރުގެ ޤާނޫނު އަސާސީ އުވޭނެ ކަމަށް ޑީއާރުޕީން ފާސްކޮށްފި
ކައުންސިލްތައް 1 ޖުލައި 2009 ކުރިން އިންތިޚާބު ކުރުމަށާއި އިންތިޤާލީ ކޮމިޝަންތަކާއި ކޯޓުތައް ފާސްކޮށްފި
މިހާރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވޯޓަށް އަހަމުންދާ އިންތިޤާލީ ބާބުގައި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އުވޭނެކަމަށް ޑީއާރުޕީން ފާސްކޮށްފިއެވެ.
މިއަދުގެ އޮތް ރައްޔިތުން ހާއްސަ މަޖިލީހުގެ މެންދުރު ފަހުގެ ޖަލްސާގައި އަނީސާ އަހުމަދު ހުށަހަޅުއްވާ މުހައްމަދު އަނިލް ތާއީދު ކުރެއްވި ހުށަހެޅުން 20 ކަމަށްވާ "އަމަލުކުރަން ފެށުމުގައި" ބަޔާންކޮށްފައިވަނީ، "(ހ) މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. (ށ) މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ.
ރިޔާސަތުން މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ހާޒިރުވެތިއްވެބި 98 މެންބަރުންގެ ތެރެއިން 68 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވިއެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 20 މެންބަރުންނެވެއެވެ. އަދި އެއްވެސްކޮޅަކަށް ޖެހިވަޑައިނުގެން ވޯޓުދެއްވީ 6 މެންބަރުންނެވެ.
އަނީސާގެ ރަން ދުވަސް
މީގެއިތުރުން ޑީއާރުޕީން ފާސްކުރި، އެޕާޓީއަށް މުހިންމު ހުށަހެޅުންތަކުގެ ތެރޭގައި އަނިސާއަށް ނިސްބަތްވާ 3 ހުށަހެޅުންކަމަށްވާ 33 ވަނަ ހުށަހެޅުން "ރައްޔިތުން މަޖިލީސް ދެމިއޮތުމާއި"، 34 ވަނަ ހުށަހެޅުން "އެހެނިހެން މަޤާމުތަކާއި މުއައްސަސާތައް ދެމިއޮތުން" އަދި 37 ވަނަ ހުށަހެޅުން "ލާމަރުކަޒީއުސޫލުން ހިންގުން" ހިމެނެއެވެ.
އަނީސާއަށް ނިސްބަތްވާ 33 ވަނަ ހުށަހެޅުންކަމަށްވާ "ރައްޔިތުން މަޖިލީސް ދެމިއޮތުމު"ގައި ވަނީ "ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިހާބު ބާއްވައި މިޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އެމަޖިލީހަށް މެމްބަރުން އިންތިހާބުކޮށް އެމީހުންގެ މެންބަރުކަމާ ހަވާލުވަންދެން، މިޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެ" ކަމަށެވެ.
އަނީސާއަށް ނިސްބަތްވާ 34 ވަނަ ހުށަހެޅުންކަމަށްވާ "އެހެނިހެން މަޤާމުތަކާއި މުއައްސަސާތައް ދެމިއޮތުމުގައި" ވަނީ "(ހ) މިބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައި ކަންތައްތައް ފިޔަވައި، މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މި ޤާނޫނުއަސާސީގައިވާ ގޮތަށް މަޤާމުތަކަށް މީހުން އައްޔަންކޮށް ނުވަތަ އިންތިހާބުކޮށް ނިންމައި، އަދި މި ޤާނޫނުއަސާސީގައި ބުނެފައިވާ މުއައްސަސާތައް މި ޤާނޫނުއަސާސީގައި ބުނެފައިވާގޮތަށް އުފައްދައި ނުވަތަ ޤާއިމުކޮށް ނިންމަންޖެހޭނެއެވެ. (ށ) މިބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންތަކުގެ ތެރެއިން، މި ޤާނޫނުއަސާސީގައި ބުނެފައިވާ އެންމެ ހައި މަޤާމުތަކަށް މި ޤާނޫނުއަސާސީގައި ނުވަތަ މިބާބުގައި ބުނެފައިވާ ގޮތަށް މީހުން އައްޔަންކޮށް ނުވަތަ އިންތިހާބުކޮށް ނިމެންދެން މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު އައްޔަންކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހުން އެމީހުންގެ މަޤާމުގައި ދެމިތިބެވިދާނެއެވެ. (ނ) މި ބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންތަކުގެ ތެރެއިން، މިޤާނޫނުއަސާސީގައި ބުނެފައިވާ މުއައްސަސާތައް މި ޤާނޫނުއަސާސީގައި ނުވަތަ މިބާބުގައި ބުނެފައިވާގޮތަށް އުފައްދައި ނުވަތަ ޤާއިމުކޮށް ނިމެންދެން، މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު އުފައްދާފައިވާ ނުވަތަ ޤާއިމުކޮށްފައިވާ މުއައްސަސާތައް ދެމިއޮންނާނެ" ކަމަށެވެ.
އަނީސާއަށް ނިސްބަތްވާ 37 ވަނަ ހުށަހެޅުންކަމަށްވާ "ލާމަރުކަޒީއުސޫލުން ހިންގުމުގައި" ވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު 2009 ޖުލައި 1 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ" ކަމަށެވެ.
އިންތިޤާލީ ކޮމިޝަންތަކާއި ކޯޓުތައް
މިއަދުގެ ހެނދުނުގެ ޖަލްސާގައި، ވޯޓަށް އެއްސެވި 32 ހުށަހެޅުމުގެ ތެރެއިން ގިނަމެންބަރުންގެ ތާއީދާއެކު ފާސްވެފައިވަނީ، 17 ހުށަހެޅުމެކެވެ. މި ހުށަހެޅުންތަކަކީ (1) އިލެކްޝަން ކޮމިޝަން، (2) އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތު، (3) ޖުޑީޝަލް ސަރވިސް ކޮމިޝަން، (4) ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުން، (5) ފަނޑިޔާރުން މަޤާމުގައި ދެމިތިބުން، (6) ކޯޓްތަކުގެ އިޤްތިޞާޞް، (7) އެންޓި- ކޮރަޕްޝަން ކޮމިޝަން، (8) މުސްތަގިއްލު ކޮމިޝަންތައް، (9) ޤާނޫނުތައް ދެމިއޮތުން، (10) އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ސިފަތައް، (11) އިލެކްޝަންސް ކޮމިޝަންގެ މުއްދަތު، (12) ރައްޔިތުން މަޖިލީހުގެ މަސްއޫލިއްޔަތާއި ބާރުތައް، (13) ސުޕްރީމް ކޯޓް، (14) ސުޕްރީން ކޯޓްގެ މުއްދަތު، (15) އެހެނިހެން ކޯޓުތައް، (16) ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުން އަދި (17) (އިންތިޤާލީ މަރުހަލާގައި) ގާނޫނު އަސާސީ އިސްލާހު ނުކުރުމެވެ.
"މި ޤާނޫނުއަސާސީގައި ބުނެފައިވާ އެންމެ ހައި މަޤާމުތަކަށް މި ޤާނޫނުއަސާސީގައި ނުވަތަ މިބާބުގައި ބުނެފައިވާ ގޮތަށް މީހުން އައްޔަންކޮށް ނުވަތަ އިންތިހާބުކޮށް ނިމެންދެން މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު އައްޔަންކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހުން އެމީހުންގެ މަޤާމުގައި ދެމިތިބެވިދާނެއެވެ" – މިއަދު ފާސްވި އަނީސާގެ ހުށަހެޅުމެއް
No comments:
Post a Comment