ތިރީގައި މިވަނީ 13 އޭޕްރީލް 2008 ވީ އާދީއްތަދުވަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ދެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވާ އިންތިޤާލީ ކަންތައްތަކާބެހޭ ގޮތުން މެންބަރުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަށް ވޯޓަށް އެއްސެވުމުގެ ތެރެއިން ޑީއާރުޕީއަށް ނިސްބަތްވާ ވަޒީރު ބޭފުޅުންނާއި އެޕާޓީގެ އެހެނިހެން މަޖިލިސް މެންބަރު ކަނޑައެޅިގެން ވޯޓުނުދެއްވުމުގެ ސަބަބުން ފޭލިވި މުހިންމު ހުށަހެޅުންތަކެވެ.
18 ވަނަ ހުށަހެޅުން (ޝާހީން ހަމީދުގެ)
ޤާނޫނުއަސާސީއާއި ތަޢާރުޟުވާ ކުށްތައް
އިދާރީމޭޒުން އިއްވެވުން:
މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު ޝާހީން ޙަމީދު ހުށަހަޅުއްވާ، ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މުޢިއްޒު ތާއީދުކުރައްވާފައިވާ ހުށަހެޅުން. ޤާނޫނުއަސާސީއާއި ތަޢާރުޟުވާ ކުށްތައް. މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެކުރިން ކުށަކަށް އަދަބު ކަނޑައެޅިގެން ޙުކުމްތަންފީޒު ކުރަމުން ގެންދާ މީހުންގެ ތެރެއިން މިޤާނޫނުއަސާސީއާ ތަޢާރުޟުވާ ކުށަކަށް ޙުކުމް ކަނޑައެޅިފައިވާ މީހުން މިޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި މިނިވަންކޮށް ދޫކޮށްލަންވާނެއެވެ.
ވޯޓުގެ ނަތީޖާ:
ހުށަހެޅުއްވި މެންބަރު: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު.
ތާއީދުކުރެއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު މުޢިއްޒު.
ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 99
ވޯޓު ދެއްވީ: 34
ވޯޓު ނުދެއްވާ: 04
ވަކިގޮތަކަށް ވޯޓުނުދެއްވާ: 47
21 ވަނަ ހުށަހެޅުން (އަހްމަދު ނާޝިދުގެ)
ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް؛
އިދާރީމޭޒުން އިއްވެވުން:
ނިލަންދެއަތޮޅު ދެކުނުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާ، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފް ތާއީދުކުރައްވާފައިވާ ހުށަހެޅުން. ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް؛ ދެން އޮންނަ ރިޔާސީ އިންތިޚާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހާ މަޤާމާއި ޙަވާލުވަންދެން ވެރިކަން ހިންގާ ފަރާތުން އަންނަނިވި މަސްއޫލިއްޔަތުތައް އުފުލާންވާނެއެވެ. 1- ދުވަހުން ދުވަހަށް އާންމުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި އާދައިގެ މަތިން ކުރާކަންތައްތަކެއް ކުރުން. 2- ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ވެރިކަން ހިންގާ ފަރާތުން ފަށްޓާފައިވާ މަޝްރޫޢުތަކާއި މަސައްކަތްތައް ކުރިއަށްގެންދިއުން. 3- ރައްޔިތުންގެ މަޖިލީހުގެ ރުހުމެއްނެތި އެއްވެސް ފަރާތަކަށް ދައުލަތުގެ މުދަލެއް ކުއްޔަށްދީ، ރަހުނުކޮށް، ވިއްކާ ނުވަތަ މިނޫންވެސް ގޮތަކަށް ދޫކޮށްލައިގެން ނުވާނެއެވެ. މިޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު، ޢަމަލުކުރަންފެށި ޤާނޫނެއްގެ ދަށުން ވެރިކަންކުރާ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. 4- ޤާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކާއި މިނިވަންކަމާގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމާއި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އުސޫލުތައް ކަނޑައެޅިފައިވަނީ ކޮންކޮން މަޤްސަދެއް ޙާޞިލްކުރުމަށްކަން ރައްޔިތުންނަށް އަންގައިދިނުމާއި މިކަންކަމާބެހޭ މަޢުލޫމާތު ދިނުން. 5- އިންތިޚާބުތަކާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށްދީ މަޢުލޫމާތުދިނުން. 6- ވެރިކަން ހިންގާ ފަރާތުން އާ މަޤާމުތައް އުފައްދައި، މަޤާމުތަކަށް މީހުން ޢައްޔަންކޮށް މަޤާމުގެ ކުރިއެރުންދީ ހަދައިގެންނުވާނެއެވެ. ދިވެހި ސިވިލްސަރވިސްގެ ޤާނޫނުގެ ދަށުން މަޤާމުތައް އުފައްދައި މަޤާމުތަކަށް މީހުން ޢައްޔަންކޮށް މަޤާމުގެ ކުރިއެރުން ދިނުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ. 7- ދައުލަތުގެ ތަކެއްޗާއި ވަޞީލަތްތައް ބެލެހެއްޓުމާއި ހިންގުމުގައި މަޝްޢޫލްވެގެން ތިބި މީހުން އެތަކެއްޗާއި ވަޞީލަތްތައް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު މިބާބުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ލިބިދިނުން. މީގެ ތެރޭގައި ދައުލަތުގެ މީޑިޔާގެ ވަޞީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ލިބިދިނުން. 8- ޤާނޫނުއަސާސީ ހިންގުމާއި ތަންފީޛުކުރުން.
ވޯޓުގެ ނަތީޖާ:
ހުށަހެޅުއްވި މެންބަރު: ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު.
ތާއީދުކުރެއްވި މެންބަރު: ކޮޅުމަޑުލު މެންބަރު ޙަސަން ޢަފީފް.
ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 97
ވޯޓު ދެއްވީ: 42
ވޯޓު ނުދެއްވާ: 06
ވަކިގޮތަކަށް ވޯޓުނުދެއްވާ: 38
22 ވަނަ ހުށަހެޅުން (އަހްމަދު ނާޝިދުގެ)
ގާނޫނު އަސާސީއާ ތައާރަޒުވާ މައްސަލަތައް އުވުން
އިދާރީމޭޒުން އިއްވެވުން:
ނިލަންދެއަތޮޅު ދެކުނުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާ، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޙަސަން އަފީފް ތާއީދުކުރައްވާފައިވާ ހުށަހެޅުން. ޤާނޫނުއަސާސީއާއި ތަޢާރުޟުވާ މައްސަލަތައް އުވުން. ދައުުލަތުން އުފުލާ ނުނިމިވާ މައްސަލަތަކުގެ ތެރެއިން ޤާނޫނުއަސާސީއާއި ތަޢާރުޟުވާ ޤާނޫނެއްގެ ދަށުން އުފުލިފައިވާ މައްސަލަތައް ބާޠިލްވާނެއެވެ. އަދި އަމައްސަލަތައް އަނބުރާ ގެންދަންވާނެއެވެ.
ވޯޓުގެ ނަތީޖާ:
ހުށަހެޅުއްވި މެންބަރު: ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު.
ތާއީދުކުރެއްވި މެންބަރު: ކޮޅުމަޑުލު މެންބަރު ޙަސަން އަފީފް.
ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 94
ވޯޓު ދެއްވީ: 40
ވޯޓު ނުދެއްވާ: 05
ވަކިގޮތަކަށް ވޯޓުނުދެއްވާ: 42
23 ވަނަ ހުށަހެޅުން (އަހްމަދު ސަމީރުގެ ހުށަހެޅުން)
އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓި ކައުންސިލްތައް މަސްޢޫލިއްޔަތާ ޙަވާލުވަންދެން އިދާރީ ދާއިރާތައް ހިންގުން.
އިދާރީމޭޒުން އިއްވެވުން:
ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަމީރު، ނިލަންދެއަތޮޅު ދެކުނުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާ، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފް ތާއީދުކުރައްވާފައިވާ ހުށަހެޅުން. އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓި ކައުންސިލްތައް މަސްޢޫލިއްޔަތާ ޙަވާލުވަންދެން އިދާރީ ދާއިރާތައް ހިންގުން. (ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި މި ޤާނޫނުއަސާސީގެ ލާމަރުކަޒީގެ އުސޫލުން ހިންގުން، މިބާބުގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް އިންތިޚާބުކޮށް، އެކައުންސިލްތައް މަސްޢޫލިއްޔަތާ ޙަވާލުވަންދެން ޤާނޫނުއަސާސީއަށް ޢަމަލު ކުރާންފަށާއިރު އަތޮޅުވެރިއެއްގެ ގޮތުން އަތޮޅު އޮފީހަކާ ޙަވާލުވެ ހުރި ކޮންމެ މީހަކާއި ރަށުއޮފީސްތަކުގައި ތިބި ރަށްރަށުގެ ބޮޑުކަތީބުންނާއި ކަތީބުންނާއި ކުޑަކަތީބުން، އަދި މާލޭ މުނިސިޕަލްޓީގެ ރައީސާއި މާލޭގެ އަވަށު އޮފީސްތައް ހިންގުމާ ޙަވާލުވެ އެންމެ އިސްކޮން ހުރި ސަރުކާރު މުއައްޒަފަކު (ސިވިލް ސަރވަންޓް) އެބައި މީހުންގެ މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާ ކުރުންމަތީ ދެމި ތިބޭން ވާނެއެވެ. މާލޭގެ އަވަށްތައް ޖަވާބުދާރީ ވާނީ މާލޭ މުނިސިޕަލްޓީއަށް އެކަންޏެވެ. (ށ) އަތޮޅު ވެރީންނާއި ރަށްރަށުގެ ވެރީން އަދި މާލޭގެ މުނިސިޕަލްޓީގެ ރައީސާއި އަތޮޅުވެރިން އެއްވެސް ސިޔާސީ ޙަރަކާތްތަކެއްގައި ބައިވެރިވެގެންނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކަށް ތަފާތުކޮށް އެހީވެދީ އަދި އެއްވެސް ސިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށް ހުރަސް އަޅައިގެންނެއް ނުވާނެއެވެ. އަދި އެއްވެސް މީހެއްގެ އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ނުވާނެއެވެ. އިންތިޚާބުތަކާބެހޭ ކަންތައްތަކުގައި އަތޮޅުވެރީންނާއި ރަށްރަށުގެ ވެރީން ލަފަޔާއި އިރްޝާދު ހޯދާނީ އަދި ޖަވާބުދާރީވާނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަން އަށެވެ. (ނ) މާލޭ މުނިސިޕްލްޓީގެ ރައީސާއި އަތޮޅު އަތޮޅުގެ އިތޮޅުވެރީންނާއި ރަށްރަށުގެ ވެރީން ހިމެނޭނީ ސިވިލް ސަރވިސްގެ ތެރޭގައިއެވެ.
ވޯޓުގެ ނަތީޖާ:
ހުށަހެޅުއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު ސަމީރު،
ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު.
ތާއީދުކުރެއްވި މެންބަރު: ކޮޅުމަޑުލުގެ މެންބަރު ޙަސަން ޢަފީފް.
ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 98
ވޯޓު ދެއްވީ: 34
ވޯޓު ނުދެއްވާ: 05
ވަކިގޮތަކަށް ވޯޓުނުދެއްވާ: 45
26 ވަނަ ހުށަހެޅުން (އަހްމަދު ސަމީރުގެ)
ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުގައި ދެމިތިބުން
އިދާރީމޭޒުން އިއްވެވުން:
ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާ މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު، މާލޭގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޝިހާބު ތާއީދުކުރައްވާފައިވާ ހުށަހެޅުން؛ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުގައި ދެމިތިބުން، (ހ)- މިބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް މިޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވެންދެން މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އިންތިޚާބުކޮށްފައި، މިހާރު ތިބި މެންބަރުންގެ ތެރެއިން މިޤާނޫނުއަސާސީގެ ... ވަނަ މައްދާ ("ރައްޔިތުންގެ މަޖިލިސް" މިބާބުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މަޤާމެއް އަދާކުރަމުންނުދާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބައިމީހުންގެ މަޤާމުގައި ދެމިތިބެވޭނެއެވެ. (ށ)- މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުގައި ދެމިތިބޭއިރު، ޤާނޫނުއަސާސީގެ ... ވަނަ މާއްދާ ( "ރައްޔިތުންގެ މަޖިލިސް" މިބާބުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މަޤާމެއް އަދާކުރަމުން ގެންދިއުމުގެ ސަބަބުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެނަމަ، އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި 1 (އެއް) މަސްދުވަހުގެ ތެރޭގައި ބައިއިލެކްޝަނެއް ބާއްވައި، އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރާންވާނެއެވެ.
ވޯޓުގެ ނަތީޖާ:
ހުށަހެޅުއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު ސަމީރު.
ތާއީދުކުރެއްވި މެންބަރު: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލު މެންބަރު ރިޔާޟް ރަޝީދު، މާލޭ މެންބަރު މުޙަންމަދު ޝިހާބު.
ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 99
ވޯޓު ދެއްވީ: 22
ވޯޓު ނުދެއްވާ: 13
ވަކިގޮތަކަށް ވޯޓުނުދެއްވާ: 58
27 ވަނަ ހުށަހެޅުން (އަހްމަދު ސަމީރުގެ)
އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުން.
އިދާރީމޭޒުން އިއްވެވުން:
ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާ މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު، މާލޭގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޝިހާބު ތާއީދުކުރައްވާފައިވާ ހުށަހެޅުން. އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުން. ޤާނޫނުއަސާސީ ތަޞްދީޤުކުރާ ދުވަހުން ފެށިގެން ލަސްވެގެން ތިން މަސްދުވަހު ތެރޭގައި ޤާނޫނުއަސާސީގެ އަށްވަނަ ބާބު، "ލާމަރުކަޒީ އުސޫލުން ހިންގުން" ގައިވާ ކައުންސިލްތައް ހިންގުމަށް ބޭނުންވާ މަޤާމުތަކަށް ޤާނޫނުގައިވާ ގޮތުގެމަތިން މެންބަރުން އިންތިޚާބުކުރާންވާނެއެވެ.
ވޯޓުގެ ނަތީޖާ:
ހުށަހެޅުއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު ސަމީރު.
ތާއީދުކުރެއްވި މެންބަރު: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލު މެންބަރު ރިޔާޟް ރަޝީދު، މާލޭ މެންބަރު މުޙަންމަދު ޝިހާބު.
ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 94
ވޯޓު ދެއްވީ: 36
ވޯޓު ނުދެއްވާ: 02
ވަކިގޮތަކަށް ވޯޓުނުދެއްވާ: 48
28 ވަނަ ހުށަހެޅުން (އަހްމަދު ސަމީރުގެ)
ރިޔާސީ އިންތިޚާބު
އިދާރީމޭޒުން އިއްވެވުން:
ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ސަމީރު ހުށަހަޅުއްވާ، މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު، މާލޭގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޝިހާާބު، ތާއީދުކުރައްވާފައިވާ ހުށަހެޅުން. ރިޔާސީ އިންތިޚާބު. ޤާނޫނުއަސާސީ ތަޞްދީޤުކުރާ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި މިހާރު ހުރި މީހެއްގެ ދައުރު ހަމަވުމުގެ ސަތޭކަވިހި ދުވަހާއި ތިރީސް ދުވަހާއި ދެމެދުގައި ލަސްވެގެން އިންތިޚާބު ބާއްވާ އެ މަޤާމަށް މީހަކު އިންތިޚާބުކުރާންވާނެއެވެ.
ވޯޓުގެ ނަތީޖާ:
ހުށަހެޅުއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު ސަމީރު.
ތާއީދުކުރެއްވި މެންބަރު: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލު މެންބަރު ރިޔާޟް ރަޝީދު، މާލޭ މެންބަރު މުޙަންމަދު ޝިހާބު.
ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 91
ވޯޓު ދެއްވީ: 22
ވޯޓު ނުދެއްވާ: 03
ވަކިގޮތަކަށް ވޯޓުނުދެއްވާ: 55
ދައުލަތުގެ ތަކެއްޗާއި ވަޞީލަތްތައް ބެލެހެއްޓުމާއި ހިންގުމުގައި މަޝްޢޫލްވެގެން ތިބި މީހުން އެތަކެއްޗާއި ވަޞީލަތްތައް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު މިބާބުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ލިބިދިނުން. މީގެ ތެރޭގައި ދައުލަތުގެ މީޑިޔާގެ ވަޞީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ލިބިދިނުން – ނާޝިދުގެ ފާސްނުވި ހުށަހެޅުމެއް
No comments:
Post a Comment