Monday, 14 April 2008

އަންނިގެ ވެރިކަމެއްގައި ދަންނަ ބޭކަލުންނަށް އޮންނާނެ ދައުރު ހާމަކުރައްވައިފި

އިބްރާހީމް މުޙައްމަދު

ދިވެހިރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓީ (އެމްޑީޕީ)ން ގުޅިފައިވާ އިއްތިހާދެއްގައި މުޙައްމަދު ނަޝީދު (އަންނި)ގެ ވެރިކަމެއްގައި ދަންނަ ބޭކަލުންނަށް ކަންޑައަޅުއްވާފައިވާ އިންތައް ހާމަކުރައްވައިފިއެވެ. ދަރުބާރުގޭ ފަންސަވީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންނި ވިދާޅުވީ ދީނީ ކަންކަމާގުޅޭ އިރުޝާދުތަކާއި ވާހަކަތައް ދެއްކުމުގެ ފުރުސަތު ދެއްވާނީ ދަންނަބޭކަލުންނަށެވެ. އަދި ދަންނަ ބޭކަލުންނަށް ދީނީ ޝިއާރު ފާޅުކުރުމުގެ ފުރިހަމަ މިނިވަން ކަން އޮތްކަން ފާހަގަކުރައްވައި ވެރިކަމުގެ ދާއިރާއިން މި ސިޔާސަތުތަކާ ނުބެހޭނެކަމަށް އަންނި ވިދާޅުވިއެވެ.

"ދީނީ ކަންކަމާ ގުޅޭ ވާހަކަތަކާއި އިރުޝާދުތައް، މިބާވަތުގެ ކަންތައްތައް ކުރަން ޖެހޭނީ ދަންނަބޭކަލުން" އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވިގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެންމެންނަށްވެސް ލިބިގެންވާ ހައްޤަކަށްވުމުން އަންނި ނިސްބަތްވާ ވެރިކަމެއްގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން އެންމެންނަށް ލިބޭނެއެވެ. އަދި މި އުސޫލުގެ މަތިން ދީނީ އިލްމުވެރިންނަށްވެސް ފުރުސަތު އޮތް ކަމަށާއި އަހަރެއްވަންދެން ފާސް ނެގުމަށް އިންތިޒާރުތަކެއް ކުރަން ނުޖެހޭނެކަމަށް ވިދާޅުވިއެވެ. ނަމަވެސް ޤާނޫނު އަސާސީގައި އަޅުގަނޑުމެންނަކީ ސުންނީ ޖަމާއަތުގެ ބައެއްކަން ބަޔާންކުރާކަމަށާއި މިހެންވެ ދީނީ ވާހަކަތައްވެސް ސުންނީ މަޒްހަބާ ތަޢާރަޟު ވެގެން ނުވާނެކަމަށް އަންނި ވިދާޅުވިއެވެ.

"ހަންބަލީ އަދި އަބްދުލް ވައްހާބުގެ މަޒްހަބުގެ މީހުންނަށް ފިޔަވަޅު އަޅާކަށް ނުފެނޭ" އަންނި ވިދާޅުވިއެވެ. "އިސްލާމްދީނުގެ އަސްލުތަކާއި ހިލާފަށް ވާހަކައެއް ނުދެއްކޭނެ"

އަންނި ވިދާޅުވީ ދީނީ ޝިޔާރުތައް ފާޅުކުރުމަށް ދަންނަ ބޭކަލުންގެ މުސްތަގިއްލު ކޮމިޓީއެއް އެކުލަވާލަން ވިސްނަވާފައިވާކަމަށެވެ. އަދި މިކޮމިޓީން ދީނީ ފަތުވާނެރުނުކަމުގައި ވިޔަސް ޤާނޫނު ހަދާނީ ރައްޔިތުންގެ މަޖިލިހުގެ އަޣްލަބިއްޔަތުން ކަމަށެވެ. އިލްމުވެރިންގެ ކޮމިޓީ އެކުލަވާލާނޭގޮތާ މެދު އަންނި އެއްވެސް ބަހެއް ވިދާޅުނުވިނަމަވެސް ޢަދާލަތު ފާޓީގެ ދަންނަ ބޭކަލުންނަށް ފުރުސަތުދެއްވާނެކަމަށް އަންނި ވިދާޅުވިއެވެ.

މުޖުތަމައުގައި ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް އަޅުއްވަން ގަސްދުކުރައްވަނީ ކޮންފިޔަވަޅުތަކެއްތޯ ނޫސްވެރިޔަކު ސުވާލުދެންނެވުމުން އަންނި ވިދާޅުވީ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ހައްދު ފަހަނައަޅައިދިޔުމަށް ހައްލެއް ނުހޯދުނުކަން މާޟީން ސާބިތުވާކަމަށެވެ. މިކަން ހުއްޓުވުމަށް އަޅުއްވާނެ ފިޔަވަޅުތަކާ މެދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަންނި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

"އަޅުގަނޑުމެން 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކާއި 2000ވަނަ އަހަރުތަކަށް ބަލާލާއިރު ހަރުކަށި ފިޔަވަޅު އަޅައިގެން ކާމިޔާބުވެފައެއް ނުވޭ" އަންނި ވިދާޅުވިއެވެ. "ދަންނަ ބޭކަލުންނަށް ދައުލަތުން ކަންކުރެއްވިގޮތް އަޅުގަނޑުމެންނަށް ފެނިގެންދިޔަ"

އަންނިގެ ވާހަކައިގައި ހުސްވި އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހު އއ.ހިމަންދޫގައި ހިނގާދިޔަ ހަމަނުޖެހުމަށްވެސް އަލިއަޅުވާލެއްވިއެވެ. އަންނި ސިފަކުރެއްވިގޮތުގައި މި ހަމަނުޖެހުމުގެ އަސްލަކީ ވަކިޖަމާއަތަށް ނިސްބަތްވާ މީހުނަށް ނަމާދުކުރެވޭނެ އިންތިޒާމް ފުރިހަމައަށް ލިބިފައި ނުވުމުގެ ނަތީޖާއެވެ. މިގޮތުން ހިމަންދޫ ވަކި ޖަމާއަތަށް ނިސްބަތްވާ މީހުން އިޙްތިޖާޖު ކުރުމުގެ ގޮތުން އެއްވީ އެމީހުން ނަމާދުކުރަމުންދާ ތަން ހިމާޔަތްކުރުމަށްކަމަށް އަންނި ވިދާޅުވިއެވެ.

"އަޅުގަނޑު ޖާގަދޭނަމޭ، ނަމާދުކުރަން ބޭނުންވާ ގޮތަށް ނަމާދުކުރަން ފުރުދަތު ދޭނަމޭ" އަންނި ވިދާޅުވިއެވެ.

މިމަހު 2 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމެރީސްގެ ބަހުސްގައި ވާހަކަ ދައްކަވަމުންވެސް އަންނި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ. އަދި ކީރިތު ޤުރުއާނާއި ސަހީޙް ބުހާރީގެ ބޮޑުބައެއް އެނގޭކަމަށް އަންނި ވިދާޅުވެފައިވެއެވެ.

No comments: