މަސައްކަތާ ހަވާލުވެތިބި ދެމީހުން ހާޒިރުކޮށް ހެކިބަސް ނަންގަވައިފި
މުހައްމަދު އަޝްރަފް
ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދަން އަމިއްލަ ކުންފުންޏެއް ކަމުގައިވާ އައިނާ ވުޑްވޯކްސްއިން ތާޖުއްދީން ސްކޫލާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން ތާޖުއްދީން ސްކޫލު އިމާރާތްކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަންގަވައިފިއެވެ.
މިއަދު ކޯޓަށް ހާޒިރު ކުރެވުނު ދެ މީހުންނަކީ އައިނާ ވުޑްވޯކްސްއިން ތާޖުއްދީން ސްކޫލުގެ މަސައްކަތް ސަބް ކޮންޓްރަކްޓުކޮށްފައިވާ ޑިއު ކޮންޓްރަކްޓިން ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރު އަބްދުﷲ ވަސީމާއި އެކުންފުނީގެ ފަރާތުން ތާޖުއްދީންގައި މަސައްކަތް ކުރަމުންދިޔައިރު އެތަނުގައި ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި އަހުމަދު ޒަކީއެވެ.
ޑިއު ކޮންޓްރަކްޓިން ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރު އަބްދުﷲ ވަސީމު މިއަދު ބުނީ އެކުންފުނީގެ ފަރާތުން ތާޖުއްދީން ސްކޫލު އިމާރާތުގެ ބޮޑު ކޮޓަރިއެއްގެ ޝީޓު އެއްކޮށް ތަޅާލައި އެތަނުގައި ހުރި ދަނގަޑުތައް ބަދަލުކޮށް އަލުން ޝީޓް އަޅަން ތައްޔާރުވެފައި އޮއްވައި މަސައްކަތް ހުއްޓާލުމަށް ތާޖުއްދީން ސްކޫލުން އަންގާފައިވާ ކަމަށެވެ. އަދި އެތަނުގައި އެކުންފުނީގެ ފަރާތުން މަސައްކަތް ކުރަމުން ގެންދިޔައީ ސްކޫލުގައި ކިޔަވައިދޭ ވަގުތުތަކަށް ބަލައިގެން ކަމަށްވާތީ އެގްރީމެންޓުގައިވާ މުއްދަތަށް މަސައްކަތް ނުނިންމޭނެ ކަމަށްވެސް ބުންޏެވެ.
އޭނާ ބުނީ މިމައްސަކަތާ ހަވާލު ވެހުރި ކޮންސަލްޓެންޓުގެ ބަހެއް ނުލިބޭތީ ޝީޓު އެޅުމަށް ތަކެތި ތައްޔާރުކޮށްފައިވެސް އެމަސައްކަތް ފެށިފައިނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފަހުން ކޮންސަލްޓެންޓު ހޯދިއިރު އޭނަ ފުރައިގެން ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތަނުގައި ކުރި މަސައްކަތުގެ ފައިސާވެސް ނުލިބިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް ބޭނުންކުރި ސާމާނާއި ތަންތަނުން ކުއްޔަށް ގެނެސްފައިހުރި ތަކެތިވެސް އެކުންފުންޏަށް އަނބުރާ ލިބިފައިނުވާ ކަމަށާއި އެތަކެތީގެ ކުއްޔަށްވެސް މިހާރު އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ އަރައިގެން ގޮސްފައިވާ ކަމަށް ބުންޏެވެ.
"އަދި މިހާތަނަށްވެސް ފައިސާ ދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ އެކަމު ދެއްވާތަނެއް ނާދޭ" އަބްދުﷲ ވަސީމު ބުންޏެވެ.
މިމައްސަލާގައި މިދިޔަ މާރޗު މަހުގެ 2 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ވަކީލު މަސްތޫރު ހުސްނީ ވިދާޅުވީ ހެކިންގެ ގޮތުގައި އައިނާ ކުންފުނީގެ ފަރާތުން ދެ ހެކިން ހުށަހެޅުމަށް އެދޭ އެދުމަށް އިންކާރުކުރާކަމަށެވެ. އޭނާ ވިދާޅުވީ މިމަސައްކަތަށް ވެފައިވާ އެއްބަސްވުގައި ވަކި މުއްދަތެއްގެ ތެރޭގައި ނުނިމިއްޖެނަމަ މަސައްކަތް އަތުލުމަށް ލިޔެފައިވާނެކަމަށާއި އެހެންކަމުން އެ އެއްބަސްވުމުން އެކަން ސާބިތުވާން އޮންނައިރު، ހެކިން ހާޒިރުކޮށްގެން ހެކިބަސް ނަގަން ނުޖެހޭނެކަމަށެވެ.
އަދި އައިނާއިން ހޯދަން ހުށަހަޅާފައިވާ ފައިސާއަކީ އެއްބަސްވުމާ ހިލާފަށް ފޮނުވާފައިވާ ބިލުތަކެއްކަމަށްވެސް ވިދާޅުވިއެވެ. އަދި އެކުންފުނިން ތާޖުއްދީން ސްކޫލުގައި މަސައްކަތް ކުރި އިރު، ބަހަށްޓާފައި ހުއްޓާ ގެއްލިގައިވާކަމަށް ބުނާ ތަކެތި ގެއްލިފައިވާނަމަ އެއީ ތާޖުއްދީން ސުކޫލުން ޒިންމާވާން ޖެހޭނެ ކަމެއް ނޫންކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
No comments:
Post a Comment