Monday, 14 April 2008

ސިފައިންގެ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާ އަންނި ބައްދަލުކުރައްވައިފި

އިސްމާއިލް

އެމްޑީޕީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ސިފައިންގެ ދާއިރާގައި ދިވެހިންނަށް ގިނަ ދުވަސްތަކެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

އާދީއްތަދުވަހުގެ ރޭ 9:00 ގައި ނަސަންދު ހޮޓެލްގައި އޮތް މިބައްދަލުކޮށްލުމުގައި އަންނި ވިދާޅުވީ ސިފައިންނަކީ އެބޭފުޅުންގެ ފުރާނަ އަތްމަށްޗަށް ލައިގެން ގައުމުގެ ދިފާއުގަ ނުކުމެ ތިއްބެވި ބޭފުޅުންކަމަށް ވީނަމަވެސް ސަރުކާރުން ވަކިވުމަށް ފަހު އެބޭފުޅުން އެއްވެސް ތާކުން ތާކު ނުޖެހޭ ބައެއްގެ ގޮތުގަ މަގުމައްޗަށް އެއްލާލައިފަ ވާކަމަށެވެ. އަދި ގައުމަށް އެފަދަ އަގުބޮޑު ހިދުމަތް ތަކެއް ކޮށްދީފައިވާ ބޭފުޅުންގެ އަގު، ސަރުކާރުން އެއްގޮތަކަށްވެސް ވަޒަން ނުކުރާކަން އަންނި ފާހަގަ ކުރެއްވިއެވެ.

ރޭބެއްވި މިބައްދަލުކޮށްލުމުގައި އަންނި ވިދާޅުވީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި ރާއްޖެއަށް މިފަދަ އަގުބޮޑު ހިދުމަތްތައް ކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރައްވާނެ ކަމަށާއި، އެގޮތުން އެފަދަ ބޭފުޅުންނަށް ހިދުމަތުގެ ޕެންޝަނެއް ދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އޮންނަ ފަދައިން ކުރިން ސިފައިންގޭގައި އުޅުއްވި ބޭފުޅުން އިސްނަންގަވައިގެން ސިފައިންގޭގައި ހިދުމަތް ކޮށްދެއްވި މީހުންގެ ޖަމިއްޔާއެއް އުފައްދަވާނެކަމަށް އުއްމީދު ކުރައްވާކަމަށް އަންނި ވިދާޅުވިއެވެ.

ކުރީގެ ސިފައިންގެ ތެރޭގައި އުޅުއްވި ބޭފުޅުންނާއެކު އަންނި ބޭއްވި މިބައްދަލުކޮލުމުގައި ބައިވެރިވެލެއްވި އެމްޑީޕީގެ ހިޔަނި ކެބިނެޓުގެ ޑިފެންސް މިނިސްޓަރ އަދި ކުރީގެ ސިފައިންގޭގެ އިސް ބޭފުޅެއްކަމަށްވާ އަމީން ފައިސަލް ވިދާޅުވީ ރޭގެ ބައްދަލުވުމަށް ދައުވަތު އެރުވި ބޭފުޅުންގެ ތެރޭން ހުރިހާ ބޭފުޅުންހެން ވަޑައިގެން ކަމަށާއި، އޭގެ ތެރޭގައި މުހައްމަދު އަމީން ދައުރުން ފެށިގެން ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނި ވަޑައިގަންނަވާކަމަށެވެ. އަދި ސިފައިންގޭގެ އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ކަމަށްވެސް އަމީން ފައިސަލް ވިދާޅުވިއެވެ.

30 އަށް ވުރެ ގިނަ ކުރީގެ ސިފައިން ވަޑައިގެންނި މިބައްދަލުވުމުގެ އެއް ބައިވެރިއެއް ކަމަށްވާ، ކުރީގެ ސިފައިގެ ޕްރައިވެޓް ރޭންކުގައި 7 އަހަރާއި 6މަސްދުވަހު ހިދުމަތް ކުރައްވި މޫސާ އިސްމާއީލު މިބައްދަލުވުމާ ބެހޭގޮތުން މިނިވަނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޔާސީ ފަރާތްތަކާއެކު މިގޮތަށް ބައްދަލުވާ ބައްދަލުވުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށާއި، އަދި ރޭގެ ބައްދަލުވުމުގައި މުހައްމަދު ނަޝީދު (އަންނި) ދެއްކެވީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށެވެ. މިގެ އިތުރުން މޫސަ ވިދާޅުވީ ހިދުމަތުގެ އަގުވަޒަން ކުރުމަށް އެއްވެސް ކަހަލަ ކަމެއް ސަރުކާރުން އޭނާއަށް ކޮށްދީފައި ނުވާކަމަށެވެ.

 


No comments: