Monday, 14 April 2008

ވަގު ކްރެޑިޓް ކާރޑް ބޭނުންކޮށްގެން މާލޭގެ އެކި ފިހާރަތަކުން ވިޔަފާރި ކުރިކަމަށް ތުހުމަތުކުރެވޭ 4 މީހަކު ހައްޔަރުކޮށްފި

އަބްދުއްރަހްމާން

ޕޮލިސް އިންޓާނަލް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ވަގު ކްރެޑިޓް ކާރޑް ބޭނުންކޮށްގެން މާލޭގެ އެކި ފިހާރަތަކުން ގިނަޢަދަދެއްގެ ފައިސާގެ ވިޔަފާރިކުރި މައްސަލައަކާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ 4 މީހަކު ފުލުހުން ހައްޔަރުކޮށްފިކަމަށް ފުލުހުން ބަޔާންކޮށްފިއެވެ.

ފުލުހުން ބުނާގޮތުގައި މިމައްސަލައާއި ގުޅިގެން ހައްޔަރުކުރެވިފައިވަނީ ހ. ސެނާ އުމުރުން 22 އަހަރުގެ އަޙުމަދު ސާދުއާއި ގދ.ތިނަދޫ އޮޅުތެރެގޭ އުމުރުން 21 އަހަރުގެ މުޙަންމަދު ތަމްދީހު އާއި ހ. ނޫރަންމާގެއާގެ އުމުރުން 28 އަހަރުގެ މުޙަންމަދު ޝަފްރާޒް އާއި މެލޭޝިއާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 33 އަހަރުގެ ތަކިއުދިން ބިން ހާޝިމް އެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ރާއްޖެއިންނެވެ. މީގެ ތެރޭގައި ހިމެނޭ މެލޭޝިއާ މީހާ ހައްޔަރުކޮށްފައިވަނީވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއިންނެވެ.

މިފަދަ މަޢުލޫމާތެއް ފުލުހުންނަށް އެންމެ ފުރަތަމަ ލިބިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިކަމަށް ފުލުހުން ބުނެއެވެ. އަދި އެމަޢުލޫމާތު ލިބުމާ ގުޅިގެން ޕޮލިސް އިންޓާނަލް އިންޓެލިޖެންސް ޑިޕާޓުމަންޓުން ކުރި މަސައްކަތުން މިކަމާ ގުޅުން ހުރި އިތުރު މަޢުލޫމާތުތައް ހޯދާ 4 މީހުން ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް އިންވެސްޓިގޭޝން ޑިޕާރޓްމަންޓުގެ ކޮމާޝަލް ކްރައިމް ޔުނިޓާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި މިމައްސަލަ ތަހުޤީޤް ކުރުމުގައި ބޭންކް އޮފް މޯލްޑިވްސް އާއި ސީޕްރިއާ ޕްރައިވެޓް ލިމިޓެޑް އަދި ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަރަށް ބޮޑެތި އެހީތެރިކަމެއް ދަނީ ލިބެމުންކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނަނީ މިމައްސަލަ ތަޙުޤީޤްކުރުމުގައި މެލޭޝިއަން ޕޮލިސް އާއި ސިންގަޕޯރ ޕޮލިސް އަދި ކޮލަމްބޯ ޕޮލިސްގެ ވަރަށް ބޮޑު އެހީތެރިކަމެއްވެސް ދަނީ ލިބެމުންނެވެ.



No comments: