Monday, 14 April 2008

އިންތިޤާލީ ބާބު: ރިޔާސީ އިންތިޚާބުގެ ކުރިން އަތޮޅުވެރިންނާއި ކަތީބުން ސިޔާސީ ނުފޫޒުން ހިމާޔަތްކުރުމަށް ހުރި ހުށަހެޅުންތައް ޑީއާރުޕީން ފޭލިކޮށްލައިފި

އަބްދުއްރަހްމާން

 

     އާދީއްތަދުވަހު މެންދުރުފަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވާ އިންތިޤާލީ ކަންތައްތަކާބެހޭ ގޮތުން މެންބަރުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކުގެ ތެރެއިން ރ މެންބަރު ޝާހީނު ހަމީދާއި، ދ މެންބަރު އަހްމަދު ނާޝީދާއި، ހއ މެންބަރު އަހުމަދު ސަމީރު ހުށަހަޅުއްވާފައިވާ އަތޮޅުވެރިންނާއި ކަތީބުން ސިޔާސީ ނުފޫޒުން ހިމާޔަތްކުރުމަށް ހުރި ހުށަހެޅުންތަކަށް ޑީއާރުޕީ މެންބަރު ވޯޓުނުލުމުގެ ސަބަބުން ފޭލިވެއްޖެއެވެ. މިހުށަހެޅުންތައް ޚާއްސަކޮށް ހުށަހަޅާފައިވަނީ އަންނަ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް އަތޮޅުވެރިންނާއި ކަތީބުންނާއި މާލޭގެ އަވަށްތައް މައުމޫނުގެ އަތްދަށުން މިނިވަން ކުރުމަށެވެ.

     މިގޮތުން ފޭލިކޮށްލި ހުށަހެޅުންތަކުގެ ތެރެއިން ދ މެންބަރު އަހުމަދު ނާޝިދުގެ ހުށަހެޅުންކަމަށްވާ "އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިންގުން" ފާހެއްނުވިއެވެ.

މިހުށަހެޅުމުގެ މައިގަނޑުގައި ވަނީ "(ށ) މާލޭ މުނިސިޕަލްޓީގެ ރައީސްއާއި، މާލޭގެ އަވަށު އޮފީސްތައް ހިންގުމާ ހަވާލުވެ އެންމެއިސްކޮށް ހުރި ސަރުކާރުގެ މުވައްޒަފަކު އެބައިމީހުންގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުންމަތީ ދެމިތިބެންވާނެއެވެ. އަވަށުއޮފީސްތައް ޖަވާބުދާރީވާނީ މާލޭ މުނިސްޕަލްޓީއަށް އެކަންޏެވެ. (ނ) އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިންނާއި އެއްވެސް ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި އެއްވެސް މީހަކަށް ތަފާތުކޮށް އެހީވެދީ އަދި އެއްވެސް ސިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށް ނުވަތަ ހުރަސްއަޅައިގެން ނުވާނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ނުވާނެއެވެ. އިންތިޚާބުތަކާބެހޭ ކަންތައްތައް އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން ލަފަޔާއި އިރުޝާދު ހޯދާނީ އަދި ޖަވާބުދާރީވާނީ ހަމައެކަނި އިލެކްޝަން ކޮމިޝަނުންނެވެ. (ރ) މާލޭ މުނިސްޕަލްޓީގެ ރައީސްއާއި އަތޮޅުތަކުގެ އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން ހިމެނޭނީ ސިވިލް ސަރވިސް ތެރޭގައި" ކަމަށެވެ.

     ޑީއާރުޕީން ފޭލިކޮށްލި ސަމީރާއި ޝާހީނުގެ ހުށަހެޅުންތަކުގެ ބަސްމަގުވެސް ހުރީ ނާޝިދުގެ ހުށަހެޅުމާ އެއްގޮތަށެވެ.

     މީގެ އިތުރުން ޝަހީނު ހަމީދުގެ ހުށަހެޅުމެއްކަމަށްވާ "ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް" ބަޔާންކުރާ ހުށަހެޅުންވެސް ފާހެއް ނުވެއެވެ. އެހުށަހެޅުމުގައި ވަނީ ދެން އޮންނަ ރިޔާސީ އިންތިޚާބެއް ބޭއްވެންދެން، "(ރ) އެއްވެސް ފަރާތަކަށް ދައުލަތުގެ މުދަލެއް ކުއްޔަށްދީ، ރަހުނުކޮށް، ވިއްކާ ނުވަތަ މިނޫންވެސްގޮތަކަށް ދޫކޮށްލައިގެންނުވާނެއެވެ. (ބ) ވެރިކަން ހިންގާ ފަރާތުން އައުމަޤާމުތައް އުފައްދާ، މަޤާމުތަކަށް މީހުން ޢައްޔަންކޮށް މަޤާމުގެ ކުރިއެރުންދީ ހަދައިގެން ނުވާނެއެވެ. ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން މަޤާމުތައް އުފައްދާ މަޤާމުތަކަށް މީހުން ޢައްޔަންކޮށް މަޤާމުގެ ކުރިއެރުންދިނުމަށް މިމާއްދާ ހުރަހެއްނާޅައެވެ. (ޅ) ދައުލަތުގެ ތަކެއްޗާއި ވަޞީލަތްތައް ބެލެހެއްޓުމާއި ހިންގުމުގައި މަސްޢޫލުވެގެންތިބި މީހުން އެތަކެއްޗާއި ވަޞީލަތްތައް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު މިބާބުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެނޑިޑޭޓުންނަށް ލިބިދޭންވާނެއެވެ. މީގެތެރޭގައި ދައުލަތުގެ މީޑިޔާގެ ވަސީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ހިފުން ހިމެނޭ" ކަމަށެވެ.

     ރަށްރަށާއި އަތޮޅުތަކުގެ މައްސަލާގައި ހަމައެކަނި ފާސްވީ އަނީސާގެ ހުށަހެޅުންކަމަށްވާ "ލާމަރުކަޒީ އުސޫލުން ހިންގުމެވެ". މިހުށަހެޅުމުގައި ވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު 2009 ޖުލައި 1 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ" ކަމަށެވެ.

 

 

 

 

No comments: