Monday, 14 April 2008

ސިވިލް ސާވިސް އިސްލާހުތައް ފޭލިވުމުގެ ސަބަބަކީ ތަސްމީނުގެ ނުފޫޒުން ޑީއާރުޕީގެ ކޮންގްރެސްގައި ކަތީބުން އޭނާއަށް ވޯޓުލާނެކަމަށް ޑީއާރުޕީގެ އެހެން މެންބަރުން ދުށުންކަމަށް މިނިސްޓަރު ނަޝީދު ވިދާޅުވެއްޖެ

އަބްދުއްރަހްމާން

     މިހިނގާމަހު 1 ވަނަ ދުވަހު ސަރުކާރުން ހުށަހެޅި ސިވިލް ސާވިސް ބިލު މަޖިލީހުން ބޭރުކޮށްލުމުގެ ބަދަލުގައި ޑީ.އާރް.ޕީ އަށް ނިސްބަތްވާ މެންބަރުންގެ ޚިޔާލު އެއްގޮތްވިނަމަ، އެ ބިލު ބަލައިގަތުމަށް އެދުވަހު ނިމިގެން ދިޔައީސްކަމަށް އިންފޮމޭޝަން މިނިސްޓަރު އޭނާގެ ބްލޮގްގައި ހޯމަދުވަހު ލިޔުއްވައިފިއެވެ.

     "ކިތަންމެ ސަބަބުތަކެއް ރަސްމީގޮތުން ހުށަހެޅިގެން ދިޔަނަމަވެސް، އެއިން އެއް ސަބަބަކަށްވުރެވެސް ބޮޑު އެހެން ސަބަބެއްވެއެވެ. އެއީ، ކަތީބުން، ސިވިލް ސަރވިސްއިން ބޭރުކުރުމަށް ހުށަހަޅާފައި އޮތްއޮތުން މާނަކުރެވިގެން ދިޔަގޮތެވެ. ރަސްމީގޮތުން ދައްކަމުންދިޔަ ޙުއްޖަތަކީ، ރިޔާސީ އިންތިޚާބަށް ވޯޓު ހޯދުމުގައި ނުފޫޒު ފޯރުވާނެ ވާހަކައެވެ. އެހެނަސް ޙަޤީޤަތަކީ، އެއެއް ނޫނެވެ. ޙަޤީޤަތަކީ، އަންނަން އުޅޭ ޑީ.އާރް.ޕީގެ ކޮންގްރެސްގައި، ރިޔާސީ ކެންޑިޑޭޓަކަށް މީހަކު ހޮވުމުގައި، އަތޮޅުތަކުގެ ގޮފިތަކުން ހާޒިރުވާ މެންބަރުންގެ ތެރޭގައި ކަތީބުން ހިމަނައިގެން މިހާރުގެ އެޓޮލްސް މިނިސްޓަރު ނޭދެވޭ ފައިދާއެއް ނެންގެވުމަށް މަސައްކަތެއް ކުރައްވަނީކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވެން ފެށުން" ކަމަށް މިނިސްޓަރު ނަޝީދު ލިޔުއްވައެވެ.

މިނިސްޓަރު ނަޝީދު ބަޔާންކުރައްވާފައިވަނީ "ޑިމޮކްރަސީއާ ދެކޮޅުވުމާއި، ސިވިލް ސަރވިސްއާ މަޝްވަރާނުކުރުމާއި، އިންސާނީ ޙައްޤުތަކުގެ އުސޫލާ ދެކޮޅުވުމަކީ، ޢާންމުންގެ ކުރިމަތީގައި ބޭނުންކުރެވުނު ޙުއްޖަތެކެވެ. ޙަޤީޤަތެއް ނޫނެވެ. ޙަޤީޤަތް އަޅުގަނޑު މިދެންނެވީއެވެ. އެކަންވީ އެހެން" ކަމަށެވެ.

"ރަސްމީގޮތުން ބަލާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ފޭލިވީ، އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ބޭނުންވާ 26 ވޯޓު ނުލިބުމުންނެވެ. ބިލު ފާސްވުން ނުވަތަ ނުވުން އެއީ އަދި ފަހުގެ މަރުޙަލާއެއްގައި ހިނގާނެކަމެކެވެ. އެ ބިލު ބަލައިގަތުމަށް، ޑީ.އާރް.ޕީއަށް ނިސްބަތްވާ، ސަރުކާރާ ގުޅުންހުރި މެންބަރުން ވޯޓު ނުދެއްވި ސަބަބު އެންމެބޮޑަށް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށެވެ. އަމިއްލަ ސިޔާސީ، ސަބަބުތަކަކަށް އެ ސަބަބުތައްވުން ވަރަށް އެކަށީގެންވެއެވެ. އެހެންނަމަވެސް، އެ ބޭފުޅުންގެ ވޯޓު ލިބުނުނަމަ، ބިލު މަޖިލީހަށް ބަލައިގަންނަން ފާސްވީސްކަން ކަށަވަރު" ކަމަށް މިނިސްޓަރު ނަޝީދު ވިދާޅުވެއެވެ.

     ކަތީބުން ސިވިލް ސާވިސްއިން އިސްތިސްނާކުރުމަށް ސަރުކާރުން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހެޅި ލިޔުމުގައި ވަނީ ޤާނޫނުއަސާސީއަށް ބަދަލު އަންނަމުންދާ މިދަނޑިވަޅުގައި ޤާނޫނުއަސާސީ ތަސްދީޤުކުރުމަށްފަހު، ޤާނޫނުއަސާސީގައި ބުނެފައިވާ މުސްތަޤިއްލު މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމަށްޓަކައި ބޭނުންވާ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްވުމުގެކުރިންވެސް، ޤާނޫނުއަސާސީގައިވާ ގޮތަށް އެމުއައްސަސާތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުންނާއި ޤާނޫނުއަސާސީ ތަސްދީޤުކުރުމާއެކު އެމުއައްސަސާތަކުގެ މުވައްޒަފުންނާގުޅޭ ކަންތައްތައް އެމުއައްސަސާތަކާ ޙަވާލުކުރުމަށްޓަކައި އެމުއައްސަސާތަކުގައި ހިމެނޭ މީހުންނަކީ ސިވިލް ސަރވިސްގައި ނުހިމެނޭ ބައެއްކަމަށް ހެދުން މުހިންމުކަމެއްކަމަށް ސަރުކާރުން ދެކިވަޑައިގަންނަވާ ކަމަށެވެ.

"މިގޮތުން ސިވިލް ސަރވިސްގައި ނުހިމެނޭނެކަމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކަކީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންނާއި، ޤާނޫނު ހެދުމުގެ ބާރުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންނާއި، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުގެ މުވައްޒަފުންނާއި، އެންޓި-ކޮރަޕްޝަން ބޯޑުގެ މެންބަރުންނާއި މުވައްޒަފުންނާއި، ކަތީބުންގެ މަޤާމުތަކުގައި ތިބި މީހުންނާއި، ޤާނޫނުއަސާސީން ނުވަތަ ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުވައްޒަފުން" ކަމަށް ސަރުކާރުން ބަޔާންކުރިއެވެ.

މިނިވަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރު ނަޝީދު މިއިސްލާހުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމަށްޓަކައި ރައީސް އޮފީހަށް ފޮނުވި ލިޔުމުގައި ކަތީބުން އިސްތިސްނާވާކަމަށް ލިޔުއްވާފައެއް ނުވެއެވެ. ކަތީބުގެ އަކުރު އިސްތިސްނާގެ ލިސްޓަށް އިތުރުކުރީ، މިލިޔުން ރައީސް އޮފީހަށް ދިޔަފަހުން ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި އެޓްލްސް މިނިސްޓަރު ތަސްމީނު އަލީގެ ނުފޫޒުންކަމަށް ވެއެވެ.

 

 

 

No comments: