Monday, 21 April 2008

"ސޯލިހު ދިރުއުޅުމެއް" ތަނަވަސްކޮށްދެއްވުމަށްޓަކައި، މައުމޫނު ގެންގުޅުއްވާ މުސްކުޅިޓީމަށްވެސް މަހަކު 2500 ރުފިޔާގެ ޕެންޝަނެއް އެމްޑީޕީ އިއްތިޙާދީ ވެރިކަމެއްގައި ލިބޭނެކަމަށް އަންނި ވިދާޅުވެއްޖެ

އިސްމާއިލް

ސޯލިހު ދިރުއުޅުމެއް ތަނަވަސްކޮސްދެއްވުމަށް ރައީސް މައުމޫނު ގެންގުޅުއްވާ މުސްކުޅިޓީމަށްވެސް މަހަކު 2500 ރުފިޔާގެ ޕެންޝަނެއް އެމްޑީޕީ އިއްތިޙާދީ ވެރިކަމެއްގައި ލިބޭނެކަމަށް އެމްޑީޕީގެ ތަމްހީދީ އިންތިހާބުގެ އެއް ކެނޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

މިހާރު އައްޑު އަތޮޅު ރަށްތަކަށް އަންނި ކުރައްވަމުންގެންދަވާ ދަތުރުތަކުގައި ހޮނިހިރުދުވަހުގެރޭ ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ބޭއްވެވި ޖަލްސާ މިދުވަސްވަރު މައުމޫނުގެ އަރިސްބޭފުޅުން އިތުރުކުރަން ކުރައްވާ ކަންތައްތަކާބެހޭ ގޮތުން އަންނި ވިދާޅުވީ އެމްޑީޕިއާ ވާދަކުރުމަށް މައުމޫނު އޭނާގެ ޓީމް ރުކުރަވާލައިފިކަމަށެވެ. މައުމޫނު ނެރުއްވި ޓީމުގައި 70 ދަށުގެ އެއްމެ ބޭފުޅަކުވެސް ނުހިމެނޭކަމަށެވެ. އަދި "ބައިޕާސް ނުހައްދަވާ، ދެފަހަރަށް ސްޓްރޯކް ނުޖެހޭ، ހަމަ ބުއްދި ހުރި އެންމެ ބޭފުޅަކުވެސް" އެޓީމުގައި ނުހިމެނޭ ކަމަށެވެ.

އަންނި ވިދާޅުވީ ރާއްޖެއަށް އަހަރަކު ލިބޭ 7 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހަރަދު ކުރަނީ ހާއްސަ 500 ބޭފުޅުންނަށް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި ކުރިން ދެންނެވި 500 ބޭފުޅުނަށް އެފަދަ ބޮޑު ހަރަދެއް ނުކުރެވޭނެ ކަމަށާއި، އެބޭފުޅުންނަށް ރީތި ސޯލިހް ދިރިއުޅުމެއް އުޅުއްވުމަޓަކާ 2500 ރުފިޔާގެ ޕެންޝަނެއް އަރުވާނެކަމަށް އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ އެ 500 ބޭފުޅުންގެ ތެރޭން ބަޔަކު ސިވިލް ސާރވިސްގެ ގާނޫނުގެ ދަށުން ވަޒީފާއިން ވަކިކުރުމުން، އެބޭފުޅުންނަށް ވަޒީރުކަން ދެއްވައި، އެ އެއްބިލިއަން ރުފިޔާ އެބޭފުޅުންނަށް ހަރަދު ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން މައުމޫނު ދައްކަވައިފިކަމަށެވެ.

ގާތްގަނޑަކަށް 600 އަށްވުރެ ގިނަ މީހުން ދިޔަ އެޖަލްސާގައި ދިވެހިންގެ ގައުމިއްޔަތުގެ ރޫހާއި މެދު ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ރައްޔިތުންވެސް ގައުމިއްޔަތަށް ތާއީދު ކުރާކަމަށާއި، ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެކަމަށެވެ. އަދި ގައުމެއް ތަރައްގީ ވަނީ ވަކިކަންކަމެއް ވަކި ގޮތަކަށް ކުރުމުންކަމަށާއި، އެގޮތްގޮތަށް އެކަން ކުރުމަށް އެންމެ ފުރަތަމަ އިސްނެގީ އައްޑޫ ރައްޔިތުންކަމަށްވެސް އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ރާއްޖޭގައި ގައުމު ތަރައްގީ ކުރުމުގެ ވިސްނުމުގައި ގައުމިއްޔަތުގެ މަސައްކަތް ފަށައި ގަނެވުނީ އައްޑޫ އަތޮޅުގައި ކަމަށާއި، ރާއްޖޭގައި އެންމެ ފުރަތަމަ ބޭންކިންގ ސިސްޓަމާއި އިންސުއަރެންސް ކުންފުނި ގާއިމް ކުރެވުނީ އައްޑޫ އަތޮޅު ހިތަދޫގައި ކަމަށެވެ. އަދި ރާއްޖޭގައި ރައްޔިތުންގެ މަޖިލިސް ރަނގަޅަށް ނުހިނގައި ވަނިކޮށް ފުރަތަމަ ރައްޔިތުންގެ މަޖިލިހެއް ގާއިމްކޮށް އެކަން ހިންގުނީވެސް އައްޑޫގައި ކަން އަންނި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުރަތަމަ އިނގިރޭސި މީޑިއަމަށް ތައުލީމް ދޭން ފެށީވެސް އައްޑޫގައި ކަމަށް އަންނި ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަހާކަ ދައްކަވަމުން ރާއްޖޭގެ މަސްވެރިކަމަށް އަލިއަޅުވާލާ އަންނި ވިދާޅުވީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭނީ މަސްވެރިކަމުން ލިބޭ އާމްދަނި ދެގުނަ ކުރެވޭތޯ ކަމަށާއި، މަސްވެރިކަން ވާދަވެރި ވިޔަފާރިއަކަށް ހުޅުވާލުމުން މަހުގެ އަގުވަނީ އެތައް ގުނައަކަށް ބޮޑުވެފައި ކަމަށެވެ. އަދި ރާއްޖޭގެ ގޮނޑުދޮށްތަކުގެ އަގު އެތައް ގުނައަކަށް މައްޗަށް ދިޔައީ ޔޫރަޕުގެ މާކެޓާއި އެގޮނޑުދޮށްތައް ގުޅާ ލެވުނީތީކަމަށާއި، ހަމަ އެގޮތަށް ރާއްޖޭގެ މަސްކަނޑުތައް ޔޫރަޕްގެ މާކެޓާއި ގުޅާލެވިއްޖެ ނަމަ މިހާރަށް ވުރެ ރަނގަޅު އާމްދަނީއެއް މަސްވެރިކަމުން ހޯދޭނެކަމަށްވެސް އަންނި ވިދާޅުވިއެވެ. އަދި ދެކުނުން ބާނާ ކަންނެލި ގަމުގެ އެއަރޕޯޓުން އެކްސްޕޯޓު ކުރުމަކީ ފަސޭހަ ކަމެއްކަމަށްވެސް އަންނި ވިދާޅުވިއެވެ.

 

ހިމަންދޫއަށް ދޯންޏެއްގައި ދިޔަ މީހުންގެ ޝަރީޢަތް:

ޝަރީޢަތް އަވަހަށް ނިންމާލަން ބޭނުންވާކަމަށް ޤާޟީ ވިދާޅުވެއްޖެ

އިބްރާހީމް މުޙައްމަދު

މިދިޔަ އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހު އއ.ހިމަންދޫގައި ވަކިޖަމާއަތެއް ހަދައިގެން ނަމާދުކުރާ ބަޔަކާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުމެއް ހިނގާފައިވަނިކޮށް އެރޭ މާލޭން ހިމަންދޫއަށް ފުރިކަމަށްބުނާ މީހުންގެ ތެރޭގައި ހިމެނޭ 4 މީހެއްގެ މައްޗަށް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި މިޝަރީޢަތް އަވަހަށް ނިންމާލަން ބޭނުންވާތީ މައްސަލަ ދިގުލައިދިޔުމުގެ ފުރުސަތު ނުދެއްވުމަށް ދައުވާ ލިބޭ 3 މީހެއްގެ ވަކީލުގެ އަރިހުން ޤާޟީ އަބްދުﷲ ދީދީ އެދެވަޑައިގެންފިއެވެ. މިއަދު ޝަރީޢަތަށް ހާޟިރުކުރެވުނު 4 މީހަކީ ބ.ދަރަވަންދޫ މަލާޒް މުޙައްމަދު ނަދީމާއި މ.ލިޔާގެ އަބްދުﷲ އިސްމާއީލާއި މމޚ ދަފްތަރު 471 މުޙައްމަދު މަޒީދު އަދި ރ.އުނގޫފާރު ލުނބޯގަސްދޮށުގެ ޝާހިދު މުޙައްމަދެވެ. ނަމަވެސް މި 4 މީހުންގެ ތެރެއިން ނަދީމް މައްސަލައިގެން ކުރިއަށްދަނީ އަމިއްލައަށެވެ.

ހުލާސާ ބަޔާން އަވަހަށް އިއްވުމަށް މިއަދު ޤާޟީ އެދިވަޑައިގަތެވެ. ދައުލަތުގެ ވަކީލު ޙަސަން ޝިޔާމް ވިދާޅުވީ މިއަދު ހުލާސާ ބަޔާން އިއްވިދާނެކަމަށާއި ނަމަވެސް ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ހެކިން ހާޟިރުކުރަން ބޭނުންވާނަމަ އެފުރުސަތު ލިބިދިނުމަށް އެދޭކަމަށެވެ. ވަކީލުގެ ހާޟިރުގައި ވަކާލާތުކުރަމުންދާ 3 މީހުންގެ ވަކީލު އަޙްމަދު ޝަހީމް ވިދާޅުވީ ހެކިން ހުށަހަޅަން ބޭނުންވާކަމަށެވެ. އަދި ނަދީމްވެސް ބުނީ އޭނާވެސް ހެކިން ހުށަހަޅަން ބޭނުންވާކަމަށެވެ.

ބަޔާން ކުރެވުނު 4 މީހުންގެ ފަރާތުން ހާމަވިގޮތުގައި އެމީހުންގެ ފަރާތުން ހެކިން ހުށަހަޅަން ބޭނުންވާ ސަބަބަކީ 7 އޮކްޓޫބަރު 2007ގައި އެމީހުން ހިމަންދޫގައި ނެތުމުގެ އިތުރުން ހިމަންދޫއަށް 8 އޮކްޓޫބަރުގައި ދިޔައީ ހަމަނުޖެހުމުގައި ބައިވެރިވުމުގެ ނިޔަތުގައި ނޫންކަން ހާމަކޮށްދިނުމަށެވެ. މި 4 މީހުންގެ މައްޗަށް ދައުވާކުރަނީ ނުރައްކާތެރި ހަތިޔާރެއް ހިފައިގެން ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

ވަކީލު ޝަހީމް އަދި ނަދީމްވެސް ހާމަކުރިގޮތުގައި މިއަދު ހެކިންތައް ހުށަހެޅުމަށް ވަރަށް ދަތިވާނެއެވެ. ނަމަވެސް މާދަމާ ހުށަހެޅިދާނެކަމަށް އެދެމީހުންވެސް ބަޔާންކުރިއެވެ. މިޝަރީޢަތުގެ މަޖިލިސް ޤާޟީ ނިންމަވާލެއްވީ މިމަހު 21ގެ ކުރިން ހެކިންގެ ނަންތައް ޖިނާއީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހުގައެވެ.

މާލޭން ފުރައިގެން ޣައިރު ޤާނޫނީ އެއްވުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 15 މީހެއްގެ މައްޗަށް ޖިނާއީ ކޯޓުގައި ޝަރީޢަތް ހިނގަމުންދެއެވެ.

އަންނިއަށް ދެއްވާ ކޮންމެ ވޯޓަކީ އިއްތިހާދަށް ދެއްވޭ ވޯޓެއް ކަމުގައި އަންނި މީދޫގައި ވިދާޅުވެއްޖެ

އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރައްވަމުންގެންދަވާ މުހައްމަދު ނަޝީދު (އަންނި) އަށް މި އިންތިޚާބުގައި ދެއްވާ ކޮންމެ ވޯޓަކީ ގަވްމީ އެއްބައިވަންތަ ގުޅުމުގެ ނަމުގައި އޮތް ސިޔާސީ އިއްތިހާދަށް ދެއްވޭ ވޯޓެއް ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންގައި އައްޑޫ އަތޮޅު މީދޫގައި ހޮނިހިރު ދުވަހު ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ "އަޅުގަނޑަށް ދެއްވާ ކޮންމެ ވޯޓަކީ އިއްތިހާދަށް ދެއްވޭ ވޯޓެއް. މި އިންތިޚާބު އިރާދަފުޅާއެކު އަޅުގަނޑަށް ކާމިޔާބު ވުމުން އަޅުގަނޑުމެން ވާދަވެރި ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓް ނެރުމަށްޓަކައި އަޅުގަނޑު ދާނީ އިއްތިހާދުގެ މޭޒަށް. އެ އިއްތިހާދުން ނިންމަވާގޮތަކަށް އަޅުގަނޑު އިހްތިރާމް ކުރާނަން" ކަމުގައެވެ.

ވެހެމުންދިޔަ ވާރޭތެރޭ އެރަށު ބޮޑުމަގުގެ ހިސާބެއްގައި ހުންނަވައި މުހަންމަދު ނަޝީދު ވަނީ އޭނާގެ ވާހަކަފުޅަށްފަހު ހިއްޕަވައިގެންހުންނެވި ކުޑައިގެ ދަށަށް މީދޫ ބައެއް ރައްޔިތުން ވަޑައިގެން ދެންނެވި ސުވާލުތަކަށް ޖަވާބުދާރީވެލައްވާފައެވެ.

ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލައްވާނޭ ކަމަށް ވިދާޅުވެފާ މިހާރު ކީއްވެތޯ ރިޔާސީ ކެންޑިޑޭޓަކަށް ތިޔަހުންނެވީ މީދޫ ރައްޔިތަކު ސުވާލު ދެންނެވުމުން އަންނި ވިދާޅުވީ އެ ސުވާލު ކުރެއްވުން އަދި އަވަސް ކަމަށެވެ. ސަބަބަކީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ހޮވުމުންނާއި އެކެންޑިޑޭޓަކީ އޭނާ ކަމުގައި ވުމާހަމައިންނޫނީ ސުވާލުގެ ދަނޑިވަޅު އަވަސް ކަމުގައެވެ. "އެކަމަކު ދަންނަވާފާނަން، އަޅުގަނޑު ނުކުމެމިހުރީ މި ޕާޓީ ރަނގަޅު މަންޒިލުގައި ބަނދަރުކުރަން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށް. އެނިޒާމަށް އަޅުގަނޑުމެނަށް ހޯދުނު ކާމިޔާބީ ވަނީ ވަގަށްނަގާފަ. މިހާރު މިއޮތީ ޒާތެއްގެ ރިޔާސީ ނިޒާމެއް ފާސްކުރައްވާފަ. އެހެންކަމުން ސިޔާސީ ޕާޓީ އަށް އޮންނަންޖެހޭ ރޯލް މިވަނީ ވަރަށްބޮޑަށް ހަނިވެފަ. މިދަންނަވަނީ މި ޕާޓީ އާއި ޕާޓީގެ ނިޒާމު ދިވެހި ވެރިކަމާއިހަމައަށް ވާޞިލް ކުރެވެންދެން އަޅުގަނޑު ފަހަކަށް ނުޖެހޭނަމޭ"، އަންނި ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭންތެރޭ ދެވަނަ ފަހަރަށް އައްޑޫއަށް ވަޑައިގެންނެވީ އެއަތޮޅުގައި ތިއްބެވި އެމްޑީޕީ މެމްބަރުން އެދިލައްވައި ދައުވަތު ތަކުރާރުކުރެއްވުމުންނެވެ. 10 މެމްބަރުންގެ ކެމްޕޭން ޓީމަކާއެކު ހުކުރު ދުވަހު ހަވީރު 5:30 ހާއިރު ގަމު އެއަރޕޯޓުން ކެންޑިޑޭޓް ނަޝީދު ނުކުންނެވިއިރު ހާހެއްހާ ސަޕޯޓަރުން ރީނދޫ ދިދައާއި ފުއްޕާހަމާއި ފޮތިގަނޑުތައް ހިއްޕަވައިގެން ތިއްބަވައި އަޑުހަރު ކޮށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގަމުން ހިތަދޫއަށް ކެންޑިޑޭޓް ނަޝީދު ވަޑައިގެންނެވީ ޕިކަޕެއްގެ ފަހަތުގައި ހުންނަވައިގެނެވެ. އެ ޕިކަޕްގެ ގެ ފަހަތުން މަރުހަބާ ދަންނަވަން އައި 73 ވެހިކަލާއި ހަމަ އެހާކަންހާވަރަށް މޮޓޯ ސައިކަލްތަކާއި އެކު ވަހިކަލްބުރު ދަތުރުކުރީ ހިތަދޫއަށެވެ. ހިތަދޫ އާއި މަރަދޫ، މަރަދޫ ފޭދޫ އާއި ފޭދޫގައި އަންނި ކެމްޕޭން ޖަގަހަތަކުގެ ކުރިމަތީ ހުންނަވައި ކެންޑިޑޭޓް   އެމްޑީޕީ މެމްބަރުންނާއި އަދި ރައްޔިތުންނާއި މުޚާތަބު ކުރެއްވިއިރު އެއްވެފައި ތިބި ސަޕޯޓަރުން ތިން ހަތަރު ސަތޭކައަށްވުރެ އެއްވެސް ރަށެއްގައި މަދެއް ނުވެއެވެ.      

އަވަސް ދުވެލީގައި ފަސޭހަކަމާއެކު ލުއި އަގުގައި މުދަލާ ފަސިންޖަރުން އުފުލޭނެ ދަތުރު ފަތުރުގެ ނިޒާމަކުން އެތެރެވަރީގެ ރަށްތައް ގުޅުވާލުމާއި، ދޮށީ އުމުރުގެ ކޮންމެ ރައްޔިތަކަށް ޕެންޝަނެއް ލިބިދިނުމާ، ލޭންދޭން ދަރަނިތައް އަދާކޮށްދެއްވުމާ، މަސައްކަތުގެ މަދުމިނު އުޖޫރައެއް ކަޑައެޅުއްވުމާ ސިއްހީ ފަރުވާއަށާއި ގެދޮރަށް ގިނަދުވަހުން މަދު އަދަދެއް ދައްކަވާގޮތަށް ގަޑުކޮށް ފައިސާ ލިބިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި މަސްވެރި ކަމާއި ދަނޑުވެރިކަމުގެ އަގު މަތި ކުރެއްވުމަކީ އެމްޑީޕީ ހިމެނޭ އިއްތިހާދަކުން ގާއިމު ކުރައްވާނެ ކަންކަން ކަމުގައި ވިދާޅުވެ އޭނާގެ ކެމްޕެއިންގެ މައިގަނޑުތައް އަންނި ހާމަކުރައްވާފައިވެއެވެ. 

އިއްތިހާދުން ބޭރުގެ ބައެއްގައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައިފި

އަބްދުއްރަހްމާން

އެމްޑީޕީއާއި، އައިޑީޕީއާއި، ލިބަރަލް ޕާޓީއާއި، އަދާލަތާއި ނިއު މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ކޮޅުނބުގައި ތިއްބަވާ ބޭރުގެ ބައެއްގައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ މައުލޫމާތުތައް ފޯރުކޮށްދީފިއެވެ، އިދިކޮޅު ޕާރޓީތަކުން ގުޅިގެން އުއްފައްދާފައިވާ އިއްތިހާދުން މި ބައްދަލްވުމުގައި ބައިވެރިވި ބޭފުޅުންގެތެރެގައި ހިމެނިވަޑައިގަންނަވަނީ އައިޑީފީގެ ރައީސް އުމަރު ނަސީރާއި ޝޯޝަލް ލިބަރަލް ފާޓީން އިބްރާހިމް އިސްމާއިލާއި އެމްޑީޕީގެ ވަގުތީ ޗެއަރޕާރސަން މުހައްމަދު ލަތީފްއާއި ނިއުމޯލްޑިވްސްގެ އިސްބޭފުޅުންނެވެ. މިބޭފުޅުން ބައްދަލުކުރެއްވި ޑިޕްލޮމެޓުންގެތެރޭގައި އީޔޫގެ އެމްބެސެޑަރާއި ލަންކާގައި ހުންނަވާ އޮސްޓްރޭލިޔާގެ އަދި ކެނެޑާގެ ހައިކޮމިޝަނަރުން ހިމެނިވަޑައިގަންވާކަމަށް ހަބަރުލިބިފައިވެއެވެ. މި ބައްދަލްވުމަށްފަހު ނޫސް ކޮންފްރެންސެއްވެސް ބާއްވާފައިވެއެވެ.

ތިނަދޫ ހޮސްޕިޓަލުގެ އިހުމާލުން 3 އަހަރުގެ ކުއްޖެއްގެ ކަންފަތުގެ އަޑުއިވުން ގެއްލިފައިވާ ކަމަށް ބުނެ 7 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ދައުވާކޮށްފި

ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލްގެ އިހުމާލުން ގދ. ފަރެސް ހަނދުވަރީގެ އުމުރުން 3 އަހަރުގެ އައިޝަތު އިޔާން އިހުސާންގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާތީ ޑޮކްޓަރު އިހުމާލުން ދަރިފުޅަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކުއްޖާގެ ބައްޕަ އަހްމަދު އިހްސާން މަދަނީ ކޯޓުގައި ދައުވާކޮށްފިއެވެ.

މިއަދު މިމަދަނީ ކޯޓުގައި ދައުވާ ހުށަހަޅުއްވާ ދެއްވަމުން މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މިދައުވާއަކީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލް 14 ޖުލައި 2007 ގައި އައިޝަތު އިޔާން އިހުސާން ބެއްލެވުމަށްފަހު ފަރުވާ ދެއްވުމުގެ ގޮތުން ދެއްވި ޖެންޓަމައިސިން އަކީ ކޮންބާވަތެއްގެ ބޭހެއް ކަމާއި އެބޭހުގެ ސައިޑް އިފެކްޓްތައް އޭނާއަށް އެނގިހުރެ އެބޭސް ދެއްވުމުގެ ސަބަބުން އައިޝަތު އިޔާން އިހުސާންގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

ސުއޫދު ވިދާޅުވީ މިނިސްޓްރީ އޮފް ހެލުތުން ހިންގަވަމުން ގެންދަވާ ގދ ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރުގެ އިހުމާލުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މިނިސްޓްރީ އޮފް ހެލުތުން ހޯދުމަށް ދައުވާ ކުރާ ފައިސާއަކީގެ އަދަދަކީ 7،119،100ރ (ހަތް މިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ) ރުފިޔާ ކަމަށެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އައިޝަތުގެ އިޔާން ހުން އައިސްގެން 5 ޖުލައި 2007 ގދ ފަރެސް މާތޮޑާ ސިއްހީ މަރުކަޒަށް ދައްކާފައިވެއެވެ. އަދި ސިއްހީ މަރުކަޒުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ތިން ދުވަސްފަހުން ކުއްލިއަކަށް ކުއްޖާގެ ވާއަތް ދުޅަވާން ފެށުމުން ސިއްހީ މަރުކަޒުހެ ލަފާގެ މަތިން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް 14 ޖުލައި 2007 ގައި ދެއްކިއެވެ. އެދުވަހު 5:50 ގައި އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު އޮޕަރޭޝަންކޮށް އަތުގައި ދޮސް ނެތްކަން އެގުނު ކަމަށާއި ތިއޭޓަރުން ނެރުމަށްފަހުގައިވެސް ހުންވިހެލާ ގޮތް ނުވެގެން ބޭހާއި އިންޖެކްޝަން ޖަހާ ފަރުވާ ދޭންފެށި ކަމަށެވެ. މިގޮތުން ޖެހި އިންޖެޝަނުގެ ތެރޭގައި ޖެންޓަމައިސިން ނަމަކަށް ކިޔާ އެންޓިބައޮޓިކް 80 މިލިގުރާމުގެ 2 އިންޖެކްޝަނެއް ހިމެނޭ ކަމަށެވެ. މީގެއިތުރުން 15 ޖުލައި 2007 ދުވަހުވެސް 80 މިލިގްރާމުގެ އިންޖަކްޝަނެއް ދިން ކަމަށާއި ޖެހިގެން އައިދުވަހު އިތުރަށް އަތް އޮޕަރޭޝަންކޮށް ހަތަރު ދިމާއަކުން ފަޅައި ބެއްލެވި ކަމަށާއި އޭގެ ތިން ދުވަސްފަހުން ހުންވިހެލި ނަމަވެސް 20 ވަނަ ދުވަހު ކުއްޖާއަށް ހޮޑުލެވި ކުއްޖާގެ ބޯ ދެ ފަރާތަށް ހެލުވި ބެލެންސް ނުވާ ގޮތްވާން ފެށި ކަމަށެވެ. އަދި ކުއްޖާގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރުފެނި، ތިމަންނަގެ ކަންފަތަށް އަޑެއްނީވޭ ކަންފަތަށް ކޮއްޕާފައިހުރީ ކޮންއެއްޗެއް ހެއްޔޭ ބުނެ ރޯންފެށި ކަމަށެވެ.

މިކަމާ ގުޅިގެން ތިނަދޫ ހޮސްޕިޓަލުގެ ލަފާގެ މަތިން މާލެ އައިސް 25 ވަނަ ދުވަހު އައި.ޖީ.އެމް.އެޗަށް ގޮސް އީ.އެން.ޓީ ޑޮކްޓަރު މައުރޫފް ހުސައިނަށް ދެއްކި ކަމަށެވެ. އަދި ޑޮކްޓަރު ބެއްލެވުމަށްފަހު މިކަމާ ގުޅިގެން ކުރަންޖެހޭ ޓެސްޓް މާލޭން ހެދެން ނެތް ކަމަށް ބުނުމުން އިންޑިޔާއަށް ގޮސް އީ.އެން.ޓީ ހޮސްޕިޓަލުގެ ވިކްރަމްއަށް ދެއްކި ކަމަށެވެ. އެތަނުން ޓެސްޓްކޮށް ބެލުމަށްފަހު އަޑުއިވުން މުޅިންގޮސްފައިވާ ކަމަށާއި އޮތްހާވެސް ފަރުވާއަކީ "ކޯކްލިއަރ އިމްޕްލާންޓް" ޑިވައިސްއެއް ހަރުކުރުން ކަމަށް ލަފާދެއްވި ކަމަށެވެ. އަދި ޓްރެވެންޑްރަމްގެ އާނަންތުޕޫރީ ހޮސްޕިޓަލާއި ލައްކާގެ އެޕޯލޯ ހޮސްޕިޓަލަށް ދެއްކުމުން އެތަނުންވެސް "ކޯކްލިއަރ އިމްޕްލާންޓް" އަޅުވައިގެން ނޫނީ ހައްލުނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ނިމުނު ހަފްތާގެ ތެރޭގައި އައިޝަތު އިޔާން އިހުސާންގެ ކަންފަތުގެ އޮޕަރޭޝަން ކުރެވިފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ކަންފަތުގައި ހަރުކުރަންޖެހޭ ޑިވައިޒް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ކުއްޖާގެ އޮޕަރޭޝަން ކުރުމަށް ސަރުކާރުގެ އެހީ ހޯދުމަށް އެދުމުން ސަރުކާރުން އެހީ ދެއްވާފައިނުވާ ކަމަށެވެ. އަދި މިހާރު އޮޕަރޭޝަން ކުރަމުން ގެންދަވަނީ ހެޔޮއެދޭ ފަރާތްތަކުން ލިބިފައިވާ އެހީއިން ކަމަށްވެސް ވިދާޅުވިއެވެ.

 

   

ސުނާމީގައި ހަލާކުވެގޮސްފައިވާ ކަމަށް ބުނާ ކަލަންޑަރުތަކެއްގެ ބަދަލު ހޯދުމަށް މިލިއަން ބުކްޝޮޕުގެ މުވައްޒަފެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި

 އިންފޮމޭޝަން މިނިސްޓްރީއިން އެދިވަޑައިގެން މިލިއަން ބުކްޝޮޕުން 2004 ވަނަ އަހަރު ޗާޕްކުރި ކަލަންޑަރުތަކެއް އެއަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހަލާކުވެ ގޮސްފައިވަނިކޮށް ބަދަލު ހޯދުމަށް ދައުލަތުން މިލިއަން ބުކްޝޮޕުގެ މުވައްޒަފެއްގެ މައްޗަށް ކުރާ ދައުވާއެއްގެ އަޑުއެހުމެއް މިއަދު މަދަނީ ކޯޓުގައި ބާއްވައިފިއެވެ.

     މިލިއަން ބުކްޝޮޕުގެ އޯނަރު މ. ބަޑިކުޅިމާގެ ފާތުމަތު ސުހޫދާގެ ފިރިމީހާ މ. މަނަފަރުވިލާ ނާޒިމް ރަޝާދުގެ މައްޗަށް މިދައުވާ ދައުލަތުން ކޮށްފައިވަނީ ކީއްވެގެން ކަން ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަލަންޑަރު ތަކުގެ ވިޔަފާރީގެ ސިޓީގައި ނާޒިމް ސޮއިކުރައްވާފައިވަނީ ބުކްޝޮޕުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

     ނާޒިމް ވިދާޅުވީ 8 ހާސް ކަލަންޑަރުގެ ބަދަލެއްގެ ގޮތުގައި އިންފޮމޭޝަން މިނިސްޓްރީއިން ދައުވާ ކުރައްވަނީ 16000 ރުފިޔާގެ ބަދަލެއް ހޯދުމަށް ކަމަށެވެ. ނަމަވެސް ސުނާމީ ކާރިސާގައި މީގެތެރެއިން ވަރަށް ގިނަ ކަލަންޑަރު ހަލާކުވެ ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

     ނާޒިމް ވިދާޅުވީ މިދައުވާއަށް އޭނާ އިންކާރު ނުކުރައްވާ ކަމަށާއި ނަމަވެސް މިލިއަން ބުކްޝޮޕުން ފައިސާ ދައްކަން ބޭނުންވަނީ ހަމައެކަނި ވިކުނު ކަލަންޑަރުތަކަށް އެކަނި ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައިވެސް މިލިއަން ބުކްޝޮޕުގެ ފަރާތުން އެދިލައްވާފައިވާނީ ސުނާމީގައި ހަލާކުވެދިޔަ ކަލަންޑަރުތައް މައާފްކޮށް ދިނުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

     އޭނާ ވިދާޅުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ބާޒާރު މަތީގައި ހުރި މިލިއަން ބުކްޝޮޕުގެ ދެ ފިހާރައަށް ލޮނުވަދެ ބައިވަރު ކަލަންޑަރު ތަކެއް ހަލާކުވެ ގޮސްފައިވާކަން ސުނާމީ އާ ގުޅިގެން ހަދާފައިވާ ޓާކްސް ފޯސްއަށްވެސް އަންގާފައިވާ ކަމަށެވެ. އަދި ޓާކްސް ފޯސް އިން އެދިވަޑައިގަތުމާ ގުޅިގެން ހަލާކުވި ކަލަންޑަރުތައް ގުނުމަށްފަހު އުކާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސުނާމީ ކާރިސާގައި މިލިއަން ބުކްޝޮޕުގެ ބައެއް ކަލަންޑަރުތައް ހަލާކުވެފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިންގެ ހެކިބަސް ނަގާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.


      މިމައްސަލާގައި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަޑައިގެންނެވި ވަކީލާ ވިދާޅުވީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ކަމަށް ލިޔެކިޔުމުން ނުދައްކާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ މާޗް 30 ގައި ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ދައުލަތުން މިއަދު ޖަވާބްދާރީ ވުމަށް ތައްޔާރުވެ ވަޑައިގެންފައިނުވާތީ އިތުރު ފުރުސަތެއް ޖަވާބްދާރީ ވުމަށް ދެއްވިއެވެ.

ޤާނޫނު އުޤޫބާތު ނުހެއްދެވުނީތީ ފަޚުރުވެރިވާކަމަށް މުނައްވަރު ވިދާޅުވުމުން ނިއު މޯލްޑިވްސްއިން ރައްދުދީފި

އިސްމާއިލް

 

ރައްޔިތުންގެ މަޖިލީހުގައި މިހާރު އިސްލާހުކުރަމުން ގެންދާ ޑރ ހަސަން ސައީދުގެ ޤާނޫނުލްއުޤޫބާތަށް ފާޑުކިޔުއްވާ، އޭނާ ދައުލަތުގެ ބަންޑާރަ ނައިބަކަށް ހުންނެވިއިރު ހަވާލުކުރި ގާނޫނުލް އުގޫބާތު ނުހެދުނީތީ ފަޚުރުވެރި ވާކަމަށް އެމްޑީޕީގެ ރައީސް ޑރ މުހައްމަދު މުނައްވަރު ވިދާޅުވުމުން އެވާހަކައަށް ނިއު މޯލްޑިވްސްއަށް ނިސްބަތްވާ ކުރީގެ ޖަސްޓިސް މިނިސްޓަރ މުހައްމަދު ޖަމީލާއި ކުރީގެ ޚާރިޖީ ވަޒީރު އަހްމަދު ޝަހީދު ރައްދު ދެއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިމާދުއްދީން ސުކޫލުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ މަސައްކަތް ނުކުރެވުނީތީ ނުވަތަ އެމަސައްކަތް ނިންމާލެވިފައި ނުވީތީ އެކަމާ ފަހުރުވެރި ވާކަމަށެވެ. އަދި ރާއްޖޭގެ އޮނިގަޑަށް ބަލާއިރު މިވަގުތު އެންމެ އަވަސްވެގަންނަންވީ އަދަބުދިނުމުގެ ގާނޫނެއް އުފެއްދުމަށް ނޫންކަމަށާއި ގާނޫނުލް އުގޫބާތެއް ހެއްދެވުމަށް ވުރެ ބޮޑަށް ރާއްޖެއަށް މުހިންމީ ކުށްތަކަށް މީހުން އަރައިގަތުން ހުއްޓުވައި މުޖުތަމައަށް އެމީހުން އަނބުރާ ގެނެވޭނެ ގޮތެއް ހޯދުންކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.

އެޖަލްސާގައި މުނައްވަރު ވިދާޅުވީ ޔަހޫދީ ބައެއްގެ ބެލުމުގެ ދަށުން 100 ޕަސެންޓް މުސްލިމް ގައުމެއްގައި ގާނޫނުލް އުގޫބާތު ލިޔުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ގާނޫނުލް އުގޫބާތު ބޭރުކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުނައްވަރު ގޮވާލެއްވިއެވެ.

ދިއެފްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު އޮތްގޮތަށް ވިސްނާ، ރާއްޖޭގެ ސިޔާސީ މަގާމަކަށް ކުރިމަތިލައްވާ އަދި ރައްޔިތުންގެ ކުރިމަގަށްވިސްނަވާ ކޮންމެ ފަރުދެއްގެ އެންމެ އިސް ވާޖިބަކަށް ވާންވާނީ ރާއްޖޭގެ އިޖްތިމާއީ ހާލަތު މިހާރުން މިހާރަށް ރަނގަޅުކޮރުމަށްޓަކާ ރާއްޖެއަށް ރަނގަޅު ގާނޫނީ އޮނިގަނޑެއް ގެނައުން ކަމަށެވެ.

މިމައްސަލާގައި ކުރީގެ ޚާރިޖީ ވަޒީރު ޑރ ޝަހީދު ވިދާޅުވީ ރާއްޖޭގެ ގާނޫނުލް އުގޫބާތު ޒަމާނީ ޑިމޮކްރަސީއާއި އިސްލާމް ދީނާ އެއްގޮތްވާގޮތުގެ މަތިން ހަދާތީ އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ އިސްލާމް ދީނުގެ ދުޝްމަނުން ކަމަށާއި، އެމީހުން ދެކޮޅުހެދީ ގާނޫނުލް އުގޫބާތުގެ ތެރޭން ޒަމާނީ ޑިމޮކްރަސީއަކީ އިސްލާމްދީނަށް ފެތޭ އެއްޗެއްކަން ފެނިގެންދާތީކަމަށެވެ.

އިމާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި މުނައްވަރު ވިދާޅުވީ "އަޅުގަނޑު ފުރަތަމަ މަގާމާ ހަވާލުވިއިރު އެއީ ތެދުފުޅެއް ޕީނަލް ކޯޑެއްގެ (ގާނޫނުލް އުގޫބާތުގެ) ވާހަކަދައްކާ. އަޅުގަނޑުމެންނަށް ދުވަސްކޮޅަކުން ވިސްނޭނެ އެއީ ކުރާވަރުގެ މަސައްކަތެއްނޫންކަން. ދިވެހި ރާއްޖޭގެ ރައްޔިތުން ތިބީ ހާލާއި ދިވެހި ރާއްޖޭގައި ހުކުމް ކުރަން ދިމާވާ ސަބަބު އަޅުގަނޑު މެންނަށް ވަރަށް ރަނގަޅަށް އެނގޭ. އެއީ އެފަދަ ގާނޫނު ހަދާފައި ދިވެހި ރައްޔިތުން އިތުރަށް ފިއްތުމެއްގެ ތެރެއަށް ހުށަހެޅުމަށް ޓަކާ ސަރުކާރުގެ ތަންފީޒީ ބާރުގެ އަތްމައްޗަށް އިތުރުއެއްޗެއް ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންވީމަ އެމަސައްކަތާ އޭރު ހަވާލުވި އެތައް ބަޔަކު އެކަމެއް ނުކުރީ" ކަމަށެވެ.