ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލްގެ އިހުމާލުން ގދ. ފަރެސް ހަނދުވަރީގެ އުމުރުން 3 އަހަރުގެ އައިޝަތު އިޔާން އިހުސާންގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާތީ ޑޮކްޓަރު އިހުމާލުން ދަރިފުޅަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކުއްޖާގެ ބައްޕަ އަހްމަދު އިހްސާން މަދަނީ ކޯޓުގައި ދައުވާކޮށްފިއެވެ.
މިއަދު މިމަދަނީ ކޯޓުގައި ދައުވާ ހުށަހަޅުއްވާ ދެއްވަމުން މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މިދައުވާއަކީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލް 14 ޖުލައި 2007 ގައި އައިޝަތު އިޔާން އިހުސާން ބެއްލެވުމަށްފަހު ފަރުވާ ދެއްވުމުގެ ގޮތުން ދެއްވި ޖެންޓަމައިސިން އަކީ ކޮންބާވަތެއްގެ ބޭހެއް ކަމާއި އެބޭހުގެ ސައިޑް އިފެކްޓްތައް އޭނާއަށް އެނގިހުރެ އެބޭސް ދެއްވުމުގެ ސަބަބުން އައިޝަތު އިޔާން އިހުސާންގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ.
ސުއޫދު ވިދާޅުވީ މިނިސްޓްރީ އޮފް ހެލުތުން ހިންގަވަމުން ގެންދަވާ ގދ ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރުގެ އިހުމާލުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މިނިސްޓްރީ އޮފް ހެލުތުން ހޯދުމަށް ދައުވާ ކުރާ ފައިސާއަކީގެ އަދަދަކީ 7،119،100ރ (ހަތް މިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ) ރުފިޔާ ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އައިޝަތުގެ އިޔާން ހުން އައިސްގެން 5 ޖުލައި 2007 ގދ ފަރެސް މާތޮޑާ ސިއްހީ މަރުކަޒަށް ދައްކާފައިވެއެވެ. އަދި ސިއްހީ މަރުކަޒުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ތިން ދުވަސްފަހުން ކުއްލިއަކަށް ކުއްޖާގެ ވާއަތް ދުޅަވާން ފެށުމުން ސިއްހީ މަރުކަޒުހެ ލަފާގެ މަތިން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް 14 ޖުލައި 2007 ގައި ދެއްކިއެވެ. އެދުވަހު 5:50 ގައި އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު އޮޕަރޭޝަންކޮށް އަތުގައި ދޮސް ނެތްކަން އެގުނު ކަމަށާއި ތިއޭޓަރުން ނެރުމަށްފަހުގައިވެސް ހުންވިހެލާ ގޮތް ނުވެގެން ބޭހާއި އިންޖެކްޝަން ޖަހާ ފަރުވާ ދޭންފެށި ކަމަށެވެ. މިގޮތުން ޖެހި އިންޖެޝަނުގެ ތެރޭގައި ޖެންޓަމައިސިން ނަމަކަށް ކިޔާ އެންޓިބައޮޓިކް 80 މިލިގުރާމުގެ 2 އިންޖެކްޝަނެއް ހިމެނޭ ކަމަށެވެ. މީގެއިތުރުން 15 ޖުލައި 2007 ދުވަހުވެސް 80 މިލިގްރާމުގެ އިންޖަކްޝަނެއް ދިން ކަމަށާއި ޖެހިގެން އައިދުވަހު އިތުރަށް އަތް އޮޕަރޭޝަންކޮށް ހަތަރު ދިމާއަކުން ފަޅައި ބެއްލެވި ކަމަށާއި އޭގެ ތިން ދުވަސްފަހުން ހުންވިހެލި ނަމަވެސް 20 ވަނަ ދުވަހު ކުއްޖާއަށް ހޮޑުލެވި ކުއްޖާގެ ބޯ ދެ ފަރާތަށް ހެލުވި ބެލެންސް ނުވާ ގޮތްވާން ފެށި ކަމަށެވެ. އަދި ކުއްޖާގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރުފެނި، ތިމަންނަގެ ކަންފަތަށް އަޑެއްނީވޭ ކަންފަތަށް ކޮއްޕާފައިހުރީ ކޮންއެއްޗެއް ހެއްޔޭ ބުނެ ރޯންފެށި ކަމަށެވެ.
މިކަމާ ގުޅިގެން ތިނަދޫ ހޮސްޕިޓަލުގެ ލަފާގެ މަތިން މާލެ އައިސް 25 ވަނަ ދުވަހު އައި.ޖީ.އެމް.އެޗަށް ގޮސް އީ.އެން.ޓީ ޑޮކްޓަރު މައުރޫފް ހުސައިނަށް ދެއްކި ކަމަށެވެ. އަދި ޑޮކްޓަރު ބެއްލެވުމަށްފަހު މިކަމާ ގުޅިގެން ކުރަންޖެހޭ ޓެސްޓް މާލޭން ހެދެން ނެތް ކަމަށް ބުނުމުން އިންޑިޔާއަށް ގޮސް އީ.އެން.ޓީ ހޮސްޕިޓަލުގެ ވިކްރަމްއަށް ދެއްކި ކަމަށެވެ. އެތަނުން ޓެސްޓްކޮށް ބެލުމަށްފަހު އަޑުއިވުން މުޅިންގޮސްފައިވާ ކަމަށާއި އޮތްހާވެސް ފަރުވާއަކީ "ކޯކްލިއަރ އިމްޕްލާންޓް" ޑިވައިސްއެއް ހަރުކުރުން ކަމަށް ލަފާދެއްވި ކަމަށެވެ. އަދި ޓްރެވެންޑްރަމްގެ އާނަންތުޕޫރީ ހޮސްޕިޓަލާއި ލައްކާގެ އެޕޯލޯ ހޮސްޕިޓަލަށް ދެއްކުމުން އެތަނުންވެސް "ކޯކްލިއަރ އިމްޕްލާންޓް" އަޅުވައިގެން ނޫނީ ހައްލުނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ ނިމުނު ހަފްތާގެ ތެރޭގައި އައިޝަތު އިޔާން އިހުސާންގެ ކަންފަތުގެ އޮޕަރޭޝަން ކުރެވިފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ކަންފަތުގައި ހަރުކުރަންޖެހޭ ޑިވައިޒް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ ކުއްޖާގެ އޮޕަރޭޝަން ކުރުމަށް ސަރުކާރުގެ އެހީ ހޯދުމަށް އެދުމުން ސަރުކާރުން އެހީ ދެއްވާފައިނުވާ ކަމަށެވެ. އަދި މިހާރު އޮޕަރޭޝަން ކުރަމުން ގެންދަވަނީ ހެޔޮއެދޭ ފަރާތްތަކުން ލިބިފައިވާ އެހީއިން ކަމަށްވެސް ވިދާޅުވިއެވެ.
No comments:
Post a Comment