Monday, 21 April 2008

އެމްޑީޕީ ތަމްހީދީ އިންތިޚާބް: ވަގުތުން ފޮނުވާ ޑިބޭޓުގެ އެންމެ ފަހު ތައްޔާރީތައް ވަމުން ދަނީ

ރިޝްމާ

 

އެމްޑީޕީގެ ތަމްހީދީ އިންތިޚާބު 2008 ގައި ވާދަކުރައްވާ 3 ކެންޑިޑޭޓުންކަމުގައިވާ ޑރ.މުހަންމަދު މުނައްވަރާއި، މޫސާ މަނިކު (ރީކޯ) އަދި މުހަންމަދު ނަޝީދު (އަންނި) ބައިވެރިވެވަޑައިގަންނަވާ ލައިވް ބަހުސް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ދިއެފްއެމްއިން ބުނެފިއެވެ.

މީޑިއާއެސޯސިއޭޝަންގެ އެހީއާއެކު ތަފާތު މީޑިއާގްރޫޕްތަކެއް އެކުވެގެން 2 އޭޕްރިލް 2008 ގައި ވަނީ މި 3 ކެންޑިޑޭޓުން ބައިވެރިވި ސުވާލާއި ޖަވާބު ސެޝަނެއް ދަރުބާރުގޭގައި ބާއްވާފައެވެ.

ދި.އެފް.އެމް.ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހިމް ޚަލީލް މިއަދު ވިދާޅުވީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޭޕްރިލް 23 ވާބުދަ ދުވަހުގެ ރޭ 9:30 އިން 11:00 އަށް ބާއްވާ ޑިބޭޓް ވަގުތުން ދުރަށްދައްކާނެކަމުގެ ޔަޤީންކަން ޓީވީ މޯލްޑިވްސް ދީފައިވާކަމަށެވެ. މި ޑިބޭޓް ވަގުތުން ދެއްކުމުގެ އިތުރުން ހޯލަށްވަދެ އަޑުއެއްސެވުމަށް ދައުވަތު ދެވިފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނަށާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނަށާއި ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށާއި އަދި ބައެއް ނޫސްވެރިންނަށް ކަމަށް ޚަލީލު ވިދާޅުވިއެވެ. އެހެން ބޭފުޅުންނަށް ވަދެވަޑައިގެންނެވޭނީ 200 ރުފިޔާއަށް ލިބޭ ޓިކެޓެއް ބައްލަވައިގަނެގެންކަމަށް ޚަލީލު ވިދާޅުވިއެވެ.

ޑިބޭޓްތަކުގެ ޓިކެޓް ވިއްކުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި ފުދޭވަރެއްގެ ބޮޑު ހޭދައެއް ވާތީ 200 ޓިކެޓް ވިއްކަން ނިންމެވީކަމަށް ޚަލީލު ވިދާޅުވިއެވެ. ހަމައެހެންމެ އެގޮތަށް ނިންމީ ތިން ކެންޑިޑޭޓުން އުޅުއްވާއިރު، އެ ކެންޑިޑޭޓުންގެ ނިސްބަތްވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށާއި ތިން ކެންޑިޑޭޓުންނަށް ޓިކެޓް ވިއްކުމުގައި އެބޭފުޅުންނަށް ތާއީދުކުރައްވާ މީހުންނަށް ހަމަހަމަކޮށް ޓިކެޓް ދޭ އުސޫލެއް ގެންގުޅޭނެ ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.

މި ޑިބޭޓްގައި ތިން ކަމެއް ހިފަހައްޓާނެ ކަމަށް ހަލީލު ވިދާޅުވިއެވެ. އެއީ އެމްޑީޕީ ގެ މަސްލަޙަތާއި، ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ މަސްލަޙަތާއި، ރައީސުލްޖުމްޙޫރިއްޔާގެ މަސްލަޙަތެވެ. މިކަންތައްތަކަކީ ހުރިހާއެންމެންގެ މަސްލަޙަތަށްޓަކައި ކުރެވޭ ކަމެއް ކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.      

No comments: