Monday, 21 April 2008

މާރާމާރީ ހާދިސާއަކާ ގުޅިގެން ހިމަންދޫ ބޮޑު ކަތީބާއި ދެކޮޅަށް ފުލުހުންގެ އޮފިޝަލަކު ހެކިބަސްދީފި

އިބްރާހީމް މުޙައްމަދު

އއ.ހިމަންދޫ ސްކޫލްގައި ކިޔަވާދެއްވަމުން ދިޔަ ބިދޭސީ މުދައްރިސެއްގެ ބޯ ފަޅާލައި މާރާމާރީ ހިންގި ހާދިސާގައި ހަމަލާ ދެވުނު ކޮޓަރީގައި އޮހޮރިފައިހުރި ލޭތައް ފުލުހުންގެ އަމުރަށް ކިޔަމަންނުވެ ދޮވެ ސާފުކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންދާ އެރަށު ބޮޑު ކަތީބު އއ.ހިމަންދޫ ރޯޒްމީޑް އިބްރާހީމް އަބްދުއްރަޙްމާނާއި ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިޝަލަކު ހެކިބަސްދީފިއެވެ. 29 ސެޕްޓެމްބަރ 2006 ގައި ހިނގާދިޔަ މިހާދިސާގައި ބޮޑުކަތީބުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.

ސްޓޭޝަން އިންސްޕެކްޓަރ ހުސައިން ސަމީރު ވިދާޅުވީ އޮހޮރިފައިވާ ލޭތައް ދޮވެ ސާފުކުރުމަށް އެއްވެސް އިރުޝާދެއް ބޮޑު ކަތީބަށް ދީފައި ނުވާކަމަށެވެ. ނަމަވެސް ފޮރިންސިކްގެ ޓީމުން ހެކިތައް ހޯދުމުގެ ބޭނުމުގައި ހާދިސާ ހިނގި އއ.ހިމަންދޫ ކުރިބޯށިގޭ ކޮޓަރިއަށް އެއްވެސް ބަދަލެއް ނުގެނެވުމަށް އަންގާފައިވާކަމަށް ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވިއެވެ.

"ފޯނުން އެންގިން އެއްވެސް ބަދަލެއް ނުގެންނަން" ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވިއެވެ. "އެހެން ބޭފުޅަކަށްވެސް އިރުޝާދު ދީފައެއް ނުވާނެ"

ބޮޑުކަތީބުގެ ވަކީލު އާދަމް ޒަނީނު އަޙްމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވީ ހިމަންދޫ ބޮޑު ކަތީބާ މި މުއާމަލާތްތައް ކުރެއްވީ ފޯނުން ކަމަށެވެ. ލިޔެކިޔުމުގެ އެއްވެސް މުއާމަލާތެއް ނެތުމުން ޝަރީޢަތުގެ މަޖިލިހުގައި ޒަނީނު ޝަކުވާ ކުރެއްވިއެވެ. އަދި ބޮޑު ކަތީބު މިމައްސަލަ ފުލުހުންނަށް ލިޔެކިޔުމުން ހުށަހަޅާފައިވަނިކޮށް ސްޓޭޝަން އިންސްޕެކްޓަރ ސަމީރު އެއްވެސް ލިޔެކިޔުމުގެ ޒަރިއްޔާއިން ޖަވާބެއް ނުދެއްވާކަން ޒަނީނު ހާމަކުރެއްވިއެވެ. ހުސްވި އަހަރު އޮކްޓޫބަރ 7 ވަނަ ދުވަހު ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ދައުވާކުރެވޭ މީހުންގެ ފަރާތުންވެސް ވަކާލާތުކުރައްވަނީވެސް ޒަނީނެވެ.

ހިމަންދޫ ބޮޑު ކަތީބު ފުރުސަތަކަށް އެދި ވާހަކަދައްކަވަމުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމު ރަށަށް ގޮސްފައިވަނީ ދެދުވަސް ފަހުން ކަމަށެވެ. އަދި މާލޭން ދިޔަ މިޓީމުގެ އިސްވެރިޔާ ކަމުގައިވާ ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ހިމަންދޫއަށް ވަޑައިގަތީ އއ.ރަސްދޫގައި ރޭކުރެއްވުމަށް ފަހުގައިކަންވެސް ބޮޑު ކަތީބު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެތަން ދޮވެލީ ދެދުވަސް ފަހުން އެތަން ކުނިވެ ތަޣައްޔަރުވެ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރަށް" ބޮޑު ކަތީބު ވިދާޅުވިއެވެ.

އަދި ދޮވުމުގެ ހުއްދަ ދެއްވީ ސްޓޭޝަން އިންސްޕެކްޓަރ ސަމީރުގެ އިރުޝާދުގެ ދަށުން ކޮންސްޓަބަލް މުޙައްމަދު ހަލީމުކަން ބޮޑު ކަތީބު ފާހަގަކުރެއްވިއެވެ. ބޮޑު ކަތީބު ވިދާޅުވީ މިހާދިސާގެ ހުރިހާ ނިޝާން ފުހެލުމަށް އޭނާ ބޭނުންވިނަމަ އޮހޮރިފައިވާ ލޭތައް ދޮވެލާނީ ދެ ދުވަސްވަންދެން ތަހުޤީޤު ޓީމަށް އިންތިޒާރުކުރުމެއްނެތި ހާދިސާ ހިނގި ދުވަހުގައި ކަމަށެވެ. ސަބަބަކީ ލޭއޮހޮރުވާލި ގެއަކީ އޭނާގެ އަނބިކަނބަލުންގެ ގެއެވެ. އަދި އޭނާއަކީ ރަށުގެ ބޮޑު ކަތީބުކަމުގައިވާތީއެވެ. ނަމަވެސް ހިމަންދޫގެ ބައެއް ރައްޔިތުން ތުހުމަތުކުރާގޮތުގައި މާރާމާރީގައި އޮހޮރުވާލިލޭތައް ކަތީބުގެ އަމުރަށް ހާދިސާ ހިނގި ދުވަހު ދޮވެފައިވެއެވެ.

ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވީ އޭނާ ތަހުޤީޤުކުރައްވަން ހިމަންދޫއަށް ވަޑާއިގެންނެވުމުން ކަތީބު ދެއްކެވީ އޭނާގެ ފޯނުން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި ފޮރިންސިކް ޓީމަށް ވެއްޓިފައިވާ އިސްތައްޓެއްގެ ޒަރިއްޔާއިންވެސް ހެކިތައް ހޯދުމުގެ ކުޅަދާނަކަން ލިބިފައިވާކަން ފާހަގަކުރައްވައި މާރާމާރީ ހިންގިތަން ދޮވެލުމުން ތަހުޤީޤަށް ބޮޑު ހީނަރުކަމެއް އައިކަން ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވިއެވެ.

ބިދޭސީ ޓީޗަރެއްކަމުގައިވާ ދަރުމަސީލަށް 4 މީހަކު ހަމަލާދީފައިވަނީ ކުރިބޯށިގޭ ފާހާނާތެރެއިން ވަދެވޭ ކުޑަދޮރަކުން ވަދެ ފަތިބުރިއަކުންނެވެ. މިހާދިސާގައި އަނިޔާކުރުމަށް ބޭނުންކުރި ފަތިބުރިވެސް ހާދިސާ ހިނގިތަނުގައި ނެތްކަން ސްޓޭޝަން އިންސްޕެކްޓަރ ސަމީރުގެ ތަހުޤީޤު ރިޕޯޓުން ހާމަވެއެވެ.

މިހާދިސާގެ އަޑުއެހުން ޤާޟީ އަބްދުލް ބާރީ ޔޫސުފް ނިންމަވާލެއްވީ ދެން ބޭއްވޭ ޝަރީއަތުގެ މަޖިލިހެއްގައި ކޮންސްޓަބަލް މުޙައްމަދު ހަލީމް ކޯޓަށް ހާޟިރުކުރާނެކަމަށް ވިދާޅުވެފައެވެ. މިޝަރީޢަތުގެ ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވީ ހަސަން ޝިޔާމެވެ.

މިއަދުގެ ޝަރީޢަތް އަޑުއެހުމަށް ހިމަންދޫ ބައެއް ޒުވާނުން ހާޟިރުވެފައިވެއެވެ. ނަމަވެސް ހުސްވި އަހަރު އޭޕްރީލް 5 ވަނަ ދުވަހު ޖިނާއީ ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލިހަށް އެއްވެސް ފަރާތަކަށް އަޑުއެހުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. ހިމަންދޫ ޓީޗަރުގެ ބޯފަޅާލި ހާދިސާ ހިނގުމުގެ 6 މަސްދުވަސްކުރިން އޮފީހުގައި ހުރި ކޮމްޕިއުޓަރެއް ވަގަށްނެގި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް މި ކޮމްޕިއުޓަރު ވަލުތެރޭން ފެނުނުކަމުގައިވިއަސް އޭގާއި އަތްނުލުމަށް ރަށު އޮފީހުގެ ލައުޑް ސްޕީކަރުން ގޮވާފައިވެއެވެ.

No comments: