Monday, 21 April 2008

އޮކްޓޯބަރު 10ގެ ކުރިން ރިޔާސީ އިންތިޚާބާއި 2009 މާޗް 31 ގެ ކުރިން މަޖިލިސް އިންތިޚާބުކުރާ ގޮތަށް ފާސްކޮށް އިންތިޤާލީ ބާބު ނިންމާލައިފި

 ހުސައިން ޒަބީރު (ހޒމވ)

މިއަހަރުގެ އޮކްޓޯބަރ 10 ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް "މި ޤާނޫނު އަސާސީ"ގެ ދަށުން މީހަކު އިންތިހާބުކޮށް، 2009 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީސް އިންތިހާބުކޮށް ނިންމަންވާނެކަމަށް ފާސްކުރުމަށްފަހު އާދީއްތަދުވަހު މެންދުރުފަހު އޮތް ޚާއްސަ މަޖިލީހުގައި އިންތިޤާލީ ބާބުގެ މާއްދާތައް ފާސްކޮށް ނިމިއްޖެކަމަށް ޚާއްސަ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް އިއުލާނުކުރައްވައިފިއެވެ.

     ހާއްސަ މަޖިލީހުގެ މިއަދު ޖަލްސާގައި ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މ އަތޮޅު މެންބަރު އަނީސާ އަހްމަދު ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހަންމަދު އަނިލް ތާއީދު ކުރެއްވި ގޮތަށް، 35 ވަނަ ހުށަހެޅުން، ރިޔާސާތުން ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 91 މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާކަމަށް 80 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު ވަގިގޮތަކަށް ވޯޓު ނުދެއްވާ 7 މެންބަރުން ތިއްބެވިއެވެ.

     ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން މިއަދު ފާސްކުރެއްވި 35 ވަނަ ހުށަހެޅުމުގައިވަނީ  "(ހ) މި ޤާނޫނުއަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެއެވެ. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިންތިހާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާ 11 ނޮވެމްބަރ 2008 ދުވަހު މަޤާމުގެ ވުވާކޮށް ހަވާލުވާންވާނެއެވެ" މިހެންނެއެވެ.

     ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގޮތުން އަނީސާ ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހްމަދު އަނިލް ތާއީދު ކުރެއްވި ގޮތަށް ރިޔާސާތުން ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 91 މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާކަމަށް 78 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު ވަގިގޮތަކަށް ވޯޓު ނުދެއްވާ 8 މެންބަރުން ތިއްބެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ ގޮތުން މިއަދު ފާސްކުރެއްވި 36 ވަނަ ހުށަހެޅުމުގައިވަނީ "(ހ) މި ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބު 2009 މާރޗް 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ވާނެއެވެ. (ށ) މިމާއްދާގެ (ހ) ގައިވާގޮތުގެ މަތިން އިންތިހާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމީހުންގެ މަޤާމުގެ ހުވާކޮށް އެމަޤާމުތަކާ ހަވާލުވުމަށްފަހު، މި ޤާނޫނުއަސާސީގެ ދަށުން އިންތިހާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 2009 މެއި 1 ވަނަ ދުވަހުގެ ކުރިން ބާއްވަން ވާނެ" ކަމަށެވެ.

މިއަދު ޖަލްސާގައި އަނީސާ ހުށަހަޅުއްވާ ރައީސް މެންބަރު މުހަންމަދު އަނިލް ތާއީދުކޮށްފައިވާ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުގެ މަޖިލިސް ދެމިއޮތުމުގެ" ހުށަހެޅުމާ ދެކޮޅަށް އިދިކޮޅު މެންބަރުން އަޑުގަދަކުރަނިކޮށް އެއަށް ވޯޓަށް އެހި އެ ހުށަހެޅުން ވެސްވަނީ ފާސްކޮށްފައެވެ.

     ޤާނޫނު އަސާސީއަށް ކިޔަމަންގަތުމާބެހޭ ގޮތުން މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހިން ހަމީދު ހުށަހަޅުއްވާ ހއ މެންބަރު އަހްމަދު މުއިއްޒު ތާއީދު ކުރެއްވި 17 ވަނަ ހުށަހެޅުން ވެސް މިއަދު މަޖިލީހުން ފާސްކުއްރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 83 މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވީ 79 މެންބަރުނެވެ. ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓު ދެއްވާފައިވާ އިރު ވަގިގޮތަކަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެހެންކަމުން މިހުށަހެޅުން ފާސްވިއެވެ.

     އެ ހުށަހެޅުމުގައި ބުނާގޮތުން މި ޤާނުނޫ އަސާސީއަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ވެރިކަން ހިންގާފަރާތުން، ގާނޫނު އަސާސީއާ ތައާރަޒްވާ ގާނޫނުތަކުގެ ތާވަލެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެއެވެ. އަދި ޤާނޫނުތައް އިސްލާހުކުރާނެ ނުވަތަ އުވާލާނެ މަރުހަލާތައް ޤާނޫނު އަސާސީއަށް ޢަމަލުކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.

      މިއަދުގެ މެންދުރުފަހުގެ ޖަލްސާގައި ވޯޓަށް އައްސަވާ ނިމުމުން ޖަލްސާ ވަނީ 14:57 ގައި ނިންމާލައްވާފައެވެ. 81 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ މެންދުރުފަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމް ނިންމާލަމުން ވިދާޅުވީ އިންތިޤާލީ ބާބުގެ މަސައްކަތް މިހިސާބުން ނިމުނީކަމަށާއި ދެން ޖަލްސާއެއް އޮންނަ ދުވަހެއް އިއުލާނުކުރާނެކަމަށެވެ.

 

މިއަދުގެ މެންދުރުފަހުގެ ޖަލްސާގައި ވޯޓަށް އައްސަވާ ނިމުމުން ޖަލްސާ ވަނީ 14:57 ގައި ނިންމާލައްވާފައެވެ. 81 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ މެންދުރުފަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމް ނިންމާލަމުން ވިދާޅުވީ އިންތިޤާލީ ބާބުގެ މަސައްކަތް މިހިސާބުން ނިމުނީކަމަށާއި ދެން ޖަލްސާއެއް އޮންނަ ދުވަހެއް އިއުލާނުކުރާނެކަމަށެވެ.

 

 

No comments: