އިސްމާއިލް
ސޯލިހު ދިރުއުޅުމެއް ތަނަވަސްކޮސްދެއްވުމަށް ރައީސް މައުމޫނު ގެންގުޅުއްވާ މުސްކުޅިޓީމަށްވެސް މަހަކު 2500 ރުފިޔާގެ ޕެންޝަނެއް އެމްޑީޕީ އިއްތިޙާދީ ވެރިކަމެއްގައި ލިބޭނެކަމަށް އެމްޑީޕީގެ ތަމްހީދީ އިންތިހާބުގެ އެއް ކެނޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.
މިހާރު އައްޑު އަތޮޅު ރަށްތަކަށް އަންނި ކުރައްވަމުންގެންދަވާ ދަތުރުތަކުގައި ހޮނިހިރުދުވަހުގެރޭ ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ބޭއްވެވި ޖަލްސާ މިދުވަސްވަރު މައުމޫނުގެ އަރިސްބޭފުޅުން އިތުރުކުރަން ކުރައްވާ ކަންތައްތަކާބެހޭ ގޮތުން އަންނި ވިދާޅުވީ އެމްޑީޕިއާ ވާދަކުރުމަށް މައުމޫނު އޭނާގެ ޓީމް ރުކުރަވާލައިފިކަމަށެވެ. މައުމޫނު ނެރުއްވި ޓީމުގައި 70 ދަށުގެ އެއްމެ ބޭފުޅަކުވެސް ނުހިމެނޭކަމަށެވެ. އަދި "ބައިޕާސް ނުހައްދަވާ، ދެފަހަރަށް ސްޓްރޯކް ނުޖެހޭ، ހަމަ ބުއްދި ހުރި އެންމެ ބޭފުޅަކުވެސް" އެޓީމުގައި ނުހިމެނޭ ކަމަށެވެ.
އަންނި ވިދާޅުވީ ރާއްޖެއަށް އަހަރަކު ލިބޭ 7 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހަރަދު ކުރަނީ ހާއްސަ 500 ބޭފުޅުންނަށް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި ކުރިން ދެންނެވި 500 ބޭފުޅުނަށް އެފަދަ ބޮޑު ހަރަދެއް ނުކުރެވޭނެ ކަމަށާއި، އެބޭފުޅުންނަށް ރީތި ސޯލިހް ދިރިއުޅުމެއް އުޅުއްވުމަޓަކާ 2500 ރުފިޔާގެ ޕެންޝަނެއް އަރުވާނެކަމަށް އަންނި ވިދާޅުވިއެވެ.
އަންނި ވިދާޅުވީ އެ 500 ބޭފުޅުންގެ ތެރޭން ބަޔަކު ސިވިލް ސާރވިސްގެ ގާނޫނުގެ ދަށުން ވަޒީފާއިން ވަކިކުރުމުން، އެބޭފުޅުންނަށް ވަޒީރުކަން ދެއްވައި، އެ އެއްބިލިއަން ރުފިޔާ އެބޭފުޅުންނަށް ހަރަދު ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން މައުމޫނު ދައްކަވައިފިކަމަށެވެ.
ގާތްގަނޑަކަށް 600 އަށްވުރެ ގިނަ މީހުން ދިޔަ އެޖަލްސާގައި ދިވެހިންގެ ގައުމިއްޔަތުގެ ރޫހާއި މެދު ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ރައްޔިތުންވެސް ގައުމިއްޔަތަށް ތާއީދު ކުރާކަމަށާއި، ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެކަމަށެވެ. އަދި ގައުމެއް ތަރައްގީ ވަނީ ވަކިކަންކަމެއް ވަކި ގޮތަކަށް ކުރުމުންކަމަށާއި، އެގޮތްގޮތަށް އެކަން ކުރުމަށް އެންމެ ފުރަތަމަ އިސްނެގީ އައްޑޫ ރައްޔިތުންކަމަށްވެސް އަންނި ވިދާޅުވިއެވެ.
އަންނި ވިދާޅުވީ ރާއްޖޭގައި ގައުމު ތަރައްގީ ކުރުމުގެ ވިސްނުމުގައި ގައުމިއްޔަތުގެ މަސައްކަތް ފަށައި ގަނެވުނީ އައްޑޫ އަތޮޅުގައި ކަމަށާއި، ރާއްޖޭގައި އެންމެ ފުރަތަމަ ބޭންކިންގ ސިސްޓަމާއި އިންސުއަރެންސް ކުންފުނި ގާއިމް ކުރެވުނީ އައްޑޫ އަތޮޅު ހިތަދޫގައި ކަމަށެވެ. އަދި ރާއްޖޭގައި ރައްޔިތުންގެ މަޖިލިސް ރަނގަޅަށް ނުހިނގައި ވަނިކޮށް ފުރަތަމަ ރައްޔިތުންގެ މަޖިލިހެއް ގާއިމްކޮށް އެކަން ހިންގުނީވެސް އައްޑޫގައި ކަން އަންނި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުރަތަމަ އިނގިރޭސި މީޑިއަމަށް ތައުލީމް ދޭން ފެށީވެސް އައްޑޫގައި ކަމަށް އަންނި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވަހާކަ ދައްކަވަމުން ރާއްޖޭގެ މަސްވެރިކަމަށް އަލިއަޅުވާލާ އަންނި ވިދާޅުވީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭނީ މަސްވެރިކަމުން ލިބޭ އާމްދަނި ދެގުނަ ކުރެވޭތޯ ކަމަށާއި، މަސްވެރިކަން ވާދަވެރި ވިޔަފާރިއަކަށް ހުޅުވާލުމުން މަހުގެ އަގުވަނީ އެތައް ގުނައަކަށް ބޮޑުވެފައި ކަމަށެވެ. އަދި ރާއްޖޭގެ ގޮނޑުދޮށްތަކުގެ އަގު އެތައް ގުނައަކަށް މައްޗަށް ދިޔައީ ޔޫރަޕުގެ މާކެޓާއި އެގޮނޑުދޮށްތައް ގުޅާ ލެވުނީތީކަމަށާއި، ހަމަ އެގޮތަށް ރާއްޖޭގެ މަސްކަނޑުތައް ޔޫރަޕްގެ މާކެޓާއި ގުޅާލެވިއްޖެ ނަމަ މިހާރަށް ވުރެ ރަނގަޅު އާމްދަނީއެއް މަސްވެރިކަމުން ހޯދޭނެކަމަށްވެސް އަންނި ވިދާޅުވިއެވެ. އަދި ދެކުނުން ބާނާ ކަންނެލި ގަމުގެ އެއަރޕޯޓުން އެކްސްޕޯޓު ކުރުމަކީ ފަސޭހަ ކަމެއްކަމަށްވެސް އަންނި ވިދާޅުވިއެވެ.
No comments:
Post a Comment