Monday, 21 April 2008

ސުނާމީގައި ހަލާކުވެގޮސްފައިވާ ކަމަށް ބުނާ ކަލަންޑަރުތަކެއްގެ ބަދަލު ހޯދުމަށް މިލިއަން ބުކްޝޮޕުގެ މުވައްޒަފެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި

 އިންފޮމޭޝަން މިނިސްޓްރީއިން އެދިވަޑައިގެން މިލިއަން ބުކްޝޮޕުން 2004 ވަނަ އަހަރު ޗާޕްކުރި ކަލަންޑަރުތަކެއް އެއަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހަލާކުވެ ގޮސްފައިވަނިކޮށް ބަދަލު ހޯދުމަށް ދައުލަތުން މިލިއަން ބުކްޝޮޕުގެ މުވައްޒަފެއްގެ މައްޗަށް ކުރާ ދައުވާއެއްގެ އަޑުއެހުމެއް މިއަދު މަދަނީ ކޯޓުގައި ބާއްވައިފިއެވެ.

     މިލިއަން ބުކްޝޮޕުގެ އޯނަރު މ. ބަޑިކުޅިމާގެ ފާތުމަތު ސުހޫދާގެ ފިރިމީހާ މ. މަނަފަރުވިލާ ނާޒިމް ރަޝާދުގެ މައްޗަށް މިދައުވާ ދައުލަތުން ކޮށްފައިވަނީ ކީއްވެގެން ކަން ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަލަންޑަރު ތަކުގެ ވިޔަފާރީގެ ސިޓީގައި ނާޒިމް ސޮއިކުރައްވާފައިވަނީ ބުކްޝޮޕުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

     ނާޒިމް ވިދާޅުވީ 8 ހާސް ކަލަންޑަރުގެ ބަދަލެއްގެ ގޮތުގައި އިންފޮމޭޝަން މިނިސްޓްރީއިން ދައުވާ ކުރައްވަނީ 16000 ރުފިޔާގެ ބަދަލެއް ހޯދުމަށް ކަމަށެވެ. ނަމަވެސް ސުނާމީ ކާރިސާގައި މީގެތެރެއިން ވަރަށް ގިނަ ކަލަންޑަރު ހަލާކުވެ ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

     ނާޒިމް ވިދާޅުވީ މިދައުވާއަށް އޭނާ އިންކާރު ނުކުރައްވާ ކަމަށާއި ނަމަވެސް މިލިއަން ބުކްޝޮޕުން ފައިސާ ދައްކަން ބޭނުންވަނީ ހަމައެކަނި ވިކުނު ކަލަންޑަރުތަކަށް އެކަނި ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައިވެސް މިލިއަން ބުކްޝޮޕުގެ ފަރާތުން އެދިލައްވާފައިވާނީ ސުނާމީގައި ހަލާކުވެދިޔަ ކަލަންޑަރުތައް މައާފްކޮށް ދިނުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

     އޭނާ ވިދާޅުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ބާޒާރު މަތީގައި ހުރި މިލިއަން ބުކްޝޮޕުގެ ދެ ފިހާރައަށް ލޮނުވަދެ ބައިވަރު ކަލަންޑަރު ތަކެއް ހަލާކުވެ ގޮސްފައިވާކަން ސުނާމީ އާ ގުޅިގެން ހަދާފައިވާ ޓާކްސް ފޯސްއަށްވެސް އަންގާފައިވާ ކަމަށެވެ. އަދި ޓާކްސް ފޯސް އިން އެދިވަޑައިގަތުމާ ގުޅިގެން ހަލާކުވި ކަލަންޑަރުތައް ގުނުމަށްފަހު އުކާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސުނާމީ ކާރިސާގައި މިލިއަން ބުކްޝޮޕުގެ ބައެއް ކަލަންޑަރުތައް ހަލާކުވެފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިންގެ ހެކިބަސް ނަގާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.


      މިމައްސަލާގައި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަޑައިގެންނެވި ވަކީލާ ވިދާޅުވީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ކަމަށް ލިޔެކިޔުމުން ނުދައްކާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ މާޗް 30 ގައި ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ދައުލަތުން މިއަދު ޖަވާބްދާރީ ވުމަށް ތައްޔާރުވެ ވަޑައިގެންފައިނުވާތީ އިތުރު ފުރުސަތެއް ޖަވާބްދާރީ ވުމަށް ދެއްވިއެވެ.

No comments: