މި އިންތިހާބު ނެތްނަމަ އައްޑު އަތޮޅުގައި އަލުން އަނބުރާ ރީދޫ ކުލައެއް ނުލީސް – އަންނި
ހުސައިން ޒަބީރު (ހޒމވ)
ހޯމަދުވަހުގެ ރޭ ޏ ފުވައްމުލަކު މާލެގަމު އަވަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ އިންތިހާބަށް ޕާޓީން ބޭރު ފަރާތްތަކުން ނުފޫޒު ފޯރުވަން ނޫޅުމަށް އެމްޑީޕީ ތަމްހީދީ އިންތިޚާބުގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ޗެއާޕާސަން މުހަންމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.
މާލެގަމު އަވަށު މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަންނި ވިދާޅުވީ އިންތިހާބަށް ޕާޓީން ބޭރުގެ ނުފޫޒު ފޯރުވަން މަސައްކަތް ކުރިނަމަވެސް އެކަމަށް އެމްޑީޕީ މެންބަރުން އެއްބާރުލުން ދީގެން ނުވާނެކަމަށެވެ. އެގޮތުން އެމްޑީޕީ ތެރޭން ލިބޭ އެހީހާއި މަދަދު ބޭނުން ކުރެއްވިޔަސް ޕާޓީން ބޭރުގެ ފަރާތްތަކުން ލިބޭ އެފަދަ އެހީއާއި މަދަދުގެ ބޭނުން އެމްޑީޕީ މެންބަރުން ނުކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށް އަންނި ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެންމެހާ މެންބަރުންނަށް އެނގިލައްވާނެ މިއީ އެމްޑީޕީގެ އިންތިހާބެއްކަން، މިއާ އެހެންބަޔަކު ބެހިގެންނުވާނެ، ސިޔާސީ މެންބަރުން ކައިރީވެސް އަޅުގަނޑުމެން އެދެނީ މި އިންތިހާބާ ބެހިވަޑައިނުގަންނަވާށޭ، ތިބޭފުޅުން އަމިއްލައަށް ތިބޭފުޅުންގެ އިންތިހާބު ބާއްވާށޭ، އަޅުގަނޑުމެން ވަރަށް އުފަލުގައޭ މިކަން މިކުރަނީ، އަޅުގަނޑުމެން ޕާޓީ ބިނާވަމުންނޭ މިދަނީ، މި އިންތިހާބު ނެތްނަމަ އަޅުގަނޑެއްވެސް 62 ރަށަކަށް 60 ދުވަހުގެ ތެރޭގައި ނުދިޔައީސް، މި އިންތިހާބު ނެތްނަމަ އައްޑު އަތޮޅުގައި އަލުން އަނބުރާ ރީދޫ ކުލައެއް ނުލީސް، އަޅުގަނޑުމެން ޕާޓީއަށް ހާދަބޮޑު ތަރުހީބެކޭ މި އިންތިހާބުގެ ސަސަބުން ލިބެމުން މިދަނީ، އެހެންވީމަ ޑީއާރުޕީވެސް އަޅުގަނޑުމެންގެ އިންތިހާބާ ނުބެހި އެބޭފުޅުންގެ އެތެރޭގެ އިންތިހާބު ބޭއްވެވީމަ ނިމުނީ، ދެން އޭގެ ތެރޭންވެސް ދެވި ހިފާފަތިބި މީހުން އަތްލާނެ، ކޮންމެސްގޮތެއް ހަދާލެވޭތޯ އިންތިހާބުގެ ތެރޭގައި ވެސް، އެހެންވީމަ އަޅުގަނޑު އުންމީދުކުރަން އަޅުގަނޑުމެންގެ މެންބަރުން އަޅުގަނޑުމެންގެ ޕާޓީގެ ބޭރުން އެއްވެސް މަދަދެއް، ފައިސާއެއް ނުހޯއްދަވާނެކަމަށް" އަންނި ވިދާޅުވިއެވެ.
އަންނިގެ ވާހަކަފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ހިމެނޭ އިއްތިހާދުން މައުމޫނާ ދެކޮޅަށް ނުކުމެ ޔަޤީންކަމާއެކު 70 ހާސް ވޯޓު ހޯދާތަން މިހާރުވެސް ފެންނަމުންދާކަމަށް ވިދާޅުވެ، މިއަހަރު 11 ނޮވެމްބަރުގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާނީ އެމްޑީޕީ ޝާމިލުވާ އިއްތިހާދުގެ ވެރިއެއްކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ މިހާރު ހިނގަމުންމިދާ ވެރިކަމުގައި ހުންނެވި ރައީސް މައުމޫނަކީ ކުރައްވާ ކޮންމެ ކަމަކަށްވެސް އެމަނިކުފާނުގެ ތިންވަނަ އަތް ބޭނުން ކުރައްވާ ބޭފުޅެއްކަމަށާއި މިތިންވަނަ އަތް މައުމޫނުގެ ރިޔާސީ އިންތިހާބުގެ ނިޝާނުގެ ގޮތުގައި ފެންނަމުން ދާކަމަށް އަންނި ވިދާޅުވިއެވެ. ހަމައެއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީން މެންބަރުން މިހާރު ކުރަންޖެހޭނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ޑީއަރުޕީގެ މެންބަރުނަށާއި ވަކިޕާޓީއަކަށް ނުވަދެ ތިބި ރައްޔިތުންނަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ލޯތްބާއި އިހްތިރާމް ދިނުންކަމަށް އަންނި ވިދާޅުވިއެވެ.
އަންނިގެ ވާހަކަފުޅުގައި އެމްޑީޕީގެ މެންބަރުންގެ ތާއީދާއި ވޯޓު ހޯއްދަވަން އޭނާ މިއެދިވަޑައިގަންނަވަނީ މިވީހާދުވަހު ކުރަމުން އައި މަސައްކަތުގެ އެންމެ އުނދަގޫ މަރުހަލާ ކަޑައްތު ކުރައްވަންކަމަށް ވިދާޅުވެ، އެކަން އެންމެ ފަސޭހައިން ކާމިޔާބު ކުރެވޭނީ ގުޅިފައިވާ އިއްތިހާދުން އެއްކެނޑިޓޭޓަކު ނެރެ ރައީސް މައުމޫނާ ވާދަކޮށްގެން ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ގުޅިފައިވާ އިއްތިހާދުގެ ތެރޭގައި އެކަމަށް ތާއީދު އެބައޮތްކަމަށް އަންނި ވިދާޅުވިއެވެ. އަންނި ވިދާޅުވީ މިއަދު ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ލިބިފައިނުވާ އެންމެ ބޮޑު ސިއްރަކީ ވެރިކަން ނުތާހިރުވުންކަމަށް ވިދާޅުވެ އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.
ފުވައްމުލަކު ގައި ހުންނަ މިނިވަން ރިޕޯޓަރ އަހްމަދު އިބްރާހިމް (ކެޑޭޓް) ބުނީ ރޭގެ ޖަލްސާ ބާއްވާފައިވަނީ އެރަށުގައި އެންމެ މަދުން މީހުން އުޅޭ އަވަރަށުގައިކަމަށް ވިޔަސް އެއަވަށުން އެކަށީގެންވާ ތަރުހީބެއް ލިބިފައިވާކަމަށެވެ. ރޭގެ ޖަލްސާ ހިނގަމުން ދިޔައިރު، ހަމައެހޯލުގައި ޑީއާރުޕީގެ ބައްދަލުވުމެއް ކުރިއަށް ދިޔަކަމަށާއި އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި ޑީއާރުޕީއަށް ނިސްބަތްވާ އެރަށު ތަށިމުށިގޭ ހައްވާ އަހްމަދާއި ލާފްސައިޓް ސޮފިއްޔާ އަހްމަދު ދީދީ އާއި ގޯރަން އައިމިނަތު އަހްމަދު ދީދީ އާއި އިރާޤުގޭ ފާތުމަތު ހުސައިން އެސަރަހައްދަށް އައިސް ވަރަށް ބޭއަދަބީ ބަހުން ހަޅޭއްލަވާ އަޑުގަދަކޮށް ހަދާ ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވުމުން އެމީހުން އެސަރަހައްދުން ގޮސްފައިވާކަމަށް ކެޑޭޓް ހާމަކުރިއެވެ. ހަމައެހެންމެ އެރަށު މިސްރުގޭ އަލިދީދީ އާއި އައިމިނަތު ދީދީވެސް ހޯލުބޭރުގައި އަޑުގަދަކޮށް ހަދާފައިވާކަމަށް އެފަރާތުން ހާމަކުރިއެވެ.
No comments:
Post a Comment