Monday, 21 April 2008

ނ.ހޮޅުދޫ އޮފީސް ބަންދުކުރަން ނުދިނުމުގެ މައްސަލަ

ހޮޅުދޫ އޮފީސް ބަންދުކުރުމުގެ ފުރުޞަތު ދޭނީ ބޭސްފިހާރަ އެޅުމުގެ ލިޔުމެއް ރކ ކޮމެޓީއަށް ހަވާލުކުރުމުންކަމަށް އޮފީސް ތެރޭ ތިބި މީހުން ބުނެފި

ހުސައިން ޒަބީރު (ހޒމވ)

ނ ހޮޅުދޫގައި ރައްޔިތުންގެ ބޭސްފިހާރަ އެޅުމަށްޓަކައި އެރަށު ރކ ކޮމެޓީން ހަމަޖައްސާފައިވާ ބިމުގެ މައްސަލާގައި އޮފީސް ބަންދުކުރުމުގެ ފުރުޞަތު ދޭނީ ބޭސްފިހާރަ އެޅުމުގެ ހުއްދަ ލިޔުމަކުން އެރަށު ރކ ކޮމެޓީއާ ހަވާލުކުރުމުންކަމަށް އޮފީސް ތެރޭތިބި މީހުން ހާމަކޮށްފިއެވެ.

     މިނިވަނަށް މަޢުލޫމާތު ދެމުން އެކަމުގައި ހަރަކާތްތެރިވާ މީހަކު ނަން ހާމަކުރުމަށް ނޭދި، ބުނިގޮތުގައި އޮފީސް ބަންދުކުރިއަނުދީ ހިފެހެއްޓެމުމަށް އޮފީހަށް ޒުވާނުންގެ 15 މީހުން ވަދެފައިވަނީ އާދީއްތަދުވަހު މެންދުރު 12:20 ގައެވެ. އެހެން ޢަމަލުކުރަން ޖެހުނީ ރައްޔިތުންގެ އަސާސީ ހިދުމަތަކަށް ބޭނުންވާނެ ވަސީލަތެއް އެރަށުން ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްކަމަށާއި، ސިއްހީ ހިދުމަތަށް އެރަށު އޮފީހުން ސަމާލުކަން ނުދެއްވާތީ އެކަމުގެ ސަމާލުކަން ހޯދުމަށްކަމަށެވެ. އެގޮތުން ރކ ކޮމެޓީން ބޭސް ފިހާރައެޅުމަށް ހަމަޖައްސާފައިވާ ބިމުގައި ބޭސްފިހާރައެޅުމުގެ ހުއްދަ ރކ ކޮމެޓީއަށް ދެއްވާންދެން ރަށުއޮފީސް ބަންދުކުރިއަނުދީ އެކަން ކުރިއަށް ގެންދާނެކަމަށް އެފަރާތުން ހާމަކުރިއެވެ. ހަމައެހެންމެ މިހާރު ބޭސް ހޯދަން ޖެހޭ ތަނަކީ ތިންފުޅި ބޭސް ބަހަސްޓައިގެން ހިންގާ ތަނެއްކަމަށާއި، އަދިވެސް ބޭސް ގަންނަން ބޮޑު އަގު ދީގެން ދާން ޖެހެނީ އަތޮޅުގެ ބައެއް ރަށްރަށަށްކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     ހޮޅުދޫގައި ރައްޔިތުންގެ ބޭސްފިހާރައެއް ހުޅުވުމަށް މަސައްކަތްތަކެއް ކޮށްގެން އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ފައިސާ ރައްޔިތުންގެ ބަޖެޓަށް ސަރުކާރުން ޖަމާކޮށްދީފައިވާކަމަށާއި މިހާރު ހަމައެކަނި މަސައްކަތަށް ބޭނުން ވަނީ އިމާރާތްކުރާން ހަމަޖައްސާފައިވާ ބިމުގެ ހުއްދަކަމަށް އެފަރާތުން ހާމަކުރިއެވެ. އެގޮތުން ހުއްދަ ހޯދުމަށް ރަށު އޮފީހަށް އެދިގެން އުޅޭތާ މިހާރު މަސްދުވަސް ވެދާނެކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     "އަޅުގަނޑުމެންނަށް މިރަށުގައި މިހާރު ހިންގާ ބޭސްފިހާރައިން ލިބެނީ ދެތިން ފުޅި ބޭސް، އަޅުގަނޑުމެން ބޭނުމެއްނޫން ދެތިން ފުޅި ބޭސްގަންނަށް 1000 ރުފިޔާ ހަރަދުކޮށްފައި މަނަދޫއަށް ނޫނީ އުނގޫފާރަށްދާކަށް، އެވަރުގެ ތަނަވަސްކަމެއްނެތް ރައްޔިތުނަށް ލިބިފައެއް، އެހެންވީމަ އެކަމަށް ހެޔޮ މަގެއް ތަނަވަސްކޮށްދިނުމަށް އަޅުގަނޑުމެން ނުކުމެގެން މިއުޅެނީ" އެފަރާތުން ބުންޏެވެ.

     އެފަރާތުން ބުނީ އޮފީސް ބަންދުނުކޮށް ހިފަހައްޓައިގެން އިސްކޮށް ހަރަކާތްތެރިވަނީ 15 ޒުވާނުން ކަމަށްވާއިރު، އޮފީސްތެރޭގައި ތިބޭނީ ޑިއުޓީ ބަހައިގެންނެވެ. އެގޮތުން ކޮންމެ ޑިއުޓީއެއްގައި ހައެއްކަ މީހުން ތިބޭކަމަށާއި އެއްބަޔަކު ރޭގަނޑު ޑިއުޓީ ނިންމާލުމުން އަނެއް ބަޔަކު ދުވާލު ޑިއުޓީއަށް އަންނަނީކަމަށް އެފަރާތުން ހާމަކުރިއެވެ.

     މިކަމާބެހޭ ގޮތުން ނ ހޮޅުދޫ ކަތީބު މުހަންމަދު ރަޝީދު ވިދާޅުވީ އޮފީސް ބަންދުކޮށްގެން އުޅެނީ ރައްޔިތުންގެ ބޭސްފިހާރަ އަޅަން ރަށުއޮފީހާއި ރކ ކޮމެޓީން ހަމަޖައްސާފައިވާ ބިމުގައި އެމަސައްކަތް ކުރުމުގެ ހުއްދަ ނުދީގެންކަމަށް ވާއިރު، އެފަދަ ކަންތައްތައް ހަމަޖައްސަނީ އަތޮޅު އޮފީހުންކަމަށެވެ. އަދި އަތޮޅު އޮފީހުން އެކަންތައް މިހަރު ކުރައްވަމުން ގެންދަވާކަމަށާއި އަތޮޅު އޮފީހުން ބިން ދޫނުކުރާހާ ހިނދަކު ރަށުއޮފީހަށް އެކަމުގެ ހުއްދަ ދެއްވެން ނޯންނާނެކަމަށް ކަތީބު ވިދާޅުވިއެވެ. ކަތީބު އަހްމަދު ރަޝީދު ވިދާޅުވީ އިއްޔެ  7:00 ން ފެށިގެން އަދިވެސް އޮފީސް ބަންދުނުކުރާކަމަށާއި މިހާރުވެސް އޮފީސް ކައިރީ ބަޔަކު ހަރަކާތްތެރިވަމުން ދާކަމަށެވެ.

No comments: