Monday, 21 April 2008

އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގެ 32 ވަނަ ހުށަހެޅުން ފާސްކޮށްފި

އާދީއްތަދުވަހު ބޭއްވި ރާއްޔިތުންގެ ހާއްސަ މަޖިލީހުގައި ހެނދުނުގެ ޖަލްސާގައި، މ މެންބަރު އަނީސާގެ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގެ" ހުށަހެޅުމަކީ ޤާނޫނު އަސާސީގެ ރޫހާ ޚިލާފު ހުށަހެޅުމެއްކަމަށް އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރަމުން ދަނިކޮށް އޭމާއްދާ ރިޔާސަތުން ވޯޓަށް އަހައި ފާސްކޮށްފިއެވެ.

     އިންތިޤާލީ ބާބާބެހޭ ބައިގައި ރައްޔިތުންގެ މަޖިލީހުގެ މ އަތޮޅު މެންބަރު އަނީސާ އަހްމަދު ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހަންމަދު އަނިލް ތާއީދުކުރެއްވި 32 ވަނަ ހުށަހެޅުމުގައި ތިންބާރު ވަކިވެފައިނުވާތީ ގާނޫނު އަސާސީގެ ރޫހާ ޚިލާފުކަމަށް މިދިޔަ ހަފްތާގައި ރިޔާސަތުން އެންގުމާ ގުޅިގެން މިހުށަހެޅުން މިއަދު ހެނދުނު އަނީސާ ހުށަހެޅުއްވީ އިސްލާހުކޮށްފައެވެ.

ނަމަވެސް ނިޒާމީ ނުކުތާ ނަންގަވައިގެން އިދިކޮޅު މެންބަރުންނާއި ވަކި ޕާޓީއަކަށް ނުޖެހޭ މެންބަރުން ވިދާޅުވަމުން ގެންދެވީ އަނީސާގެ ހުށަހެޅުމަށް ގެނެވިފައިވާ އިސްލާހަކީ ކުރިން އެމާއްދާ އޮތް ރޫހާ މާބޮޑު ތަފާތެއް ހިމެނޭ އިސްލާހެއް ނޫންކަމަށެވެ.

މިއަދު ހެނދުނު މިހުށަހެޅުން ހުށަހެޅިއިރު އެ ހުށަހެޅުމުގެ (ހ) އާއި (ށ) ގައިވަނީ ރައީސްއާއި ކެބިނެޓް އަންނަ ރިޔާސީ އިންތިޚާބުގައި ރައީސްއަކު ހޮވަންދެން ދެމި އޮންނާނޭކަމަށެވެ. އަދި މި ހުށަހެޅުމުގެ (ރ)ގައިވަނީ އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު ވަޒީރުންގެ މަޖިލިސް ޢައްޔަނުކުރުމުގައި މިޤާނޫނު އަސާސީގެ ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) ގައި އޮންނަ ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބެންޖެހޭނެކަމަށް އޮންނަ އަކުރު އިސްތިސްނާވާނެކަމަށެވެ. ނަމަވެސް މިޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް އިންތިހާބުވުމުން އެމަޖިލީހުގެ ރުހުން ހޯދުމަށް މިޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ހުށަހަޅަން ޖެހޭނެކަމަށެވެ.

އަނީސާގެ މި "އިސްލާހުކުރެވުނު" ހުށަހެޅުމަށް މެންބަރުން ވިދާޅުވެފައިވަނީ (ރ) ގައިބުނާ އިސްތިސްނާވުން ކަނޑާލުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނުކުރަންވާނީ ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޤަސްދުކުރާ މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ރުހުން ލިބިގެންކަމަށް ލިޔެ 32 ވަނަ ހުށަހެޅުން އިސްލާހު ކުރުމަށެވެ.

ނަމަވެސް ހުސްވަގުތުކޮޅަށް ފަހު މިހުށަހެޅުން އަނީސާ އިސްލާހުކޮށްފައިވަނީ ހުށަހެޅުމުގެ (ރ) އެއްކޮށް އުނިކުރުމަށް ފަހުއެވެ. އެހެންކަމުން މެންބަރުން އެދިފައިވާ ގޮތާ ޚިލާފަށް މިހުށަހެޅުން ބަދަލުވެގެން ދިޔައެވެ.

ހުސްވަގުތުކޮޅަށްފަހު ގެނައި ރީޑްރާފްޓުކުރެވުނު ހުށަހެޅުމުގައި ވަނީ "(ހ) މިޤާނޫނޫއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަޤާމަށް ހަވާލުވަންދެން މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ. (ށ) މިޤާނޫނު އަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަޤާމާއި ހަވާލުވަންދެން، މިޤާނޫނު އަސާސީއަށް ޢަމަލުކުރަންފަށާއިއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކޮށްފައިވާ ވަޒީރުންގެ މަޖިލިސް ދެމިއޮންނާނެއެވެ. އަދި އެމަޖިލީހަށް ބަދަލު ގެނައުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން" ވާކަމަށެވެ. ހަމައެހެންމެ މިހުށަހެޅުމުގެ (ނ) ގައިވަނީ "މިޤާނޫނު އަސާސީގެ ދަށުން އޮންނަ ރިޔާސީ އިންތިހާބަށް ފަހު ޢައްޔަނުކުރާ ވަޒީރުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިގެން ނުވާނެއެވެ" މިހެން އެކަންޏެވެ. ކެބިނެޓަށް މަޖިލީހުގެ ރުހުން ލިބެންޖެހޭނެކަން އެއްގޮތަކަށްވެސް ނަންގަނެފައެއް ނެތެވެ.

މިހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 83 މެންބަރުންގެ ތެރެއިން ފެވިވަޑައިގަނަވާކަމަށް 61 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 8 މެންބަރަކު ވޯޓު ދެއްވާފައި ވާއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެންބަރުން ތިއްބެވިއެވެ. އެހެންކަމުން މިހުށަހެޅުން ފާސްވިއެވެ. ވޯޓުގައި އެއްގޮތަކަށްވެސް ބައިވެރިނުވާ 19 މެންބަރުން ތިއްބެވިއެވެ.

މި މައްސަލާގައި ވޯޓަށްފަހު ލ މެންބަރު މޫސާމަނިކު ނިޒާމީ ނުކުތާގައި ވާހަކަފުޅު ދައްކައްކަވަމުން ދަނިކޮށް ރިޔާސަތުން އަމުރަށްކިޔަމަން ނުވިކަމަށްބަލާ މޫސާމަނިކު ނަން އިޢުލާން ކުރިއެވެ. އެއަށް ފަހު މަޖިލީސް 10 މިނިޓައަށް މެދުގަނޑާލުމަށް ފަހު ފެށުމުން ވެސް މޫސާ މަނިކު މަޖިލީހުގެ ތަޅުމުގައި ނިޒާމީ ނުކުތާއަށް ވާހަކަދައްކަވަން ފެށުމުން ރިޔާސަތުން އޭނާއަށް މަޖިލީހުން ނިކުތުމަށް އެދިވަޑައިގަތުމުން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން ނިކުންނަނީކަމަށް ވިދާޅުވެ އޭނާ މަޖިލީސް ދޫކުރައްވާ ވަޑައިގަތެވެ. 

 

 

No comments: