ހޯމަދުވަހު ބޭއްވުމަށް ހަމަޖެހިފައިއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާ ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށް މެންބަރުން ހާޒިރުވެވަޑައި ނުގެންނެވުމާއެކު ކެންސަލް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދަކީ 26 މެންބަރުން ކަމަށްވުމާއެކު މިއަދުގެ ޖަލްސާގެ ޤާނޫނީ ޢަދަދު ހަމަވޭތޯ ބެއްލެވުމަށްފަހު ރިޔާސަތުން ޖަލްސާ ކެންސަލްކުރެއްވީ 9:08 މިނިޓެގައެވެ. އެއިރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 24 މެންބަރުންނެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށްގެންދެވުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ފުރަތަމަކަމަކަށް އޮތީ ކޮޅުމަޑުލު މެންބަރު މުޙަންމަދު ޝަރީފް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙަންމަދު މައުރޫފް ޖަމީލާ ކުރައްވާ ސުވާލުކުރެއްވުމެވެ.
ސުވާލުކުރުމުގެ ވަގުތަށްފަހު ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާއާއި ތިންވަނަ ކިޔުން ކުރިއަށް ގެންދެވުމެވެ. އެއަށްފަހު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާއި ނާއިބުރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް އިތުރުކުރެއްވުމާމެދު މާލިއްޔަތު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ހުށަހެޅުމާއި 2008 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުމުގެ އިތުރަށް އައްޑުއަތޮޅު ވިލިނގިލި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މައްސަލަ ބެލުމަށް މަޖިލީހުން ހޮއްވެވި ކޮމިޓީން އެމައްސަލަ ދިރާސާކޮށް އެކުލަވާލެއްވި ރިޕޯޓް ހުށަހެޅުންވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވެއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 22 އޭޕްރީލް 2008 ވާ އަންގާރަ ދުވަހު ހެނދުނު 9 ޖަހާއިރުއެވެ.
No comments:
Post a Comment