Monday, 21 April 2008

ރިޔާޒު ރަޝީދުގެ މައްޗަށް ސީނާ ޒާހިރު ހުށަހެޅި އަބުރުގެ މައްސަލަ

 އިންޓަވިއުގެ ދޮގު ތެދު ބެލުމަށްޓަކައި ހަވީރު ނޫހުގެ ރިޕޯޓަރަކާއި ޖަޒީރާ ނޫހުގެ ރިޕޯޓަރަކު ކޯޓަށް ހާޒިރުކުރުމަށް ނިންމައިފި

މުހައްމަދު އަޝްރަފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހްމަދު ޒާހިރު (ސީނާ)ގެ އަބުރަށް ގެއްލުންވެފައިވަނީ ރައްޔިތުންގެ ޚާއްސަ މަޖިލހުގެ ތ މެންބަރު ރިޔާޒް ރަޝީދާ ހަވާލާ ދެއްވާ ދުވަހު ނޫސްތަކުގައި ޖަހާފައިވާ ހަބަރު ތަކުގެ ސަބަބުން ކަމަށް ބުނެ އެ ހަބަރު ތަކުގެ ދޮގު ދެތު ބެލުމަށްޓަކައި ހަވީރު ނޫހުގެ ރިޕޯޓަރަކާއި ޖަޒީރާ ނޫހުގެ ރިޕޯޓަރަކު ކޯޓަށް ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހާއްސަމަޖިލީހުގެ ރައީސްގެ މެންބަރ އަހްމަދު ޒާހިރު (ސީނާ ޒާހިރު) ޚާއްސަ މަޖިލހުގެ ތ މެންބަރު ރިޔާޒް ރަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވަނީ 2 ސެޕްޓެމްބަރ 2007 ދުވަހު އޮތް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގެ ކޯރަމް ގެއްލި މެދުކެނޑުމުން ރިޔާޟް ރަޝީދު ޖަލްސާ ކުރާހޯލުން ނުކުތުމަށްޓަކައި ގޮސް އިރުމަތީ ފަރާތު ދޮރޯށި ދޮށުގައި ހުރެ، އެޖަލްސާ މެދުކެނޑުމަށް ދިމާވިހާދިސާ ހިނގީ އަހްމަދު ޒާހިރުގެ ސަބަބުން ކަމަށް ބުނުމުން އަހްމަދު ޒާހިރު ރިޔާޟް ރަޝީދާ ދިމާއަށް ދުވެފައި ވަޑައިގެން ރިޔާޟް ރަޝީދުގެ ގަޔަށް އަހުމަދު ޒާހިރު އަތްލާފައިވާ ކަމަށް ބަޔާންކުރުމާ ވިދިގެންނެވެ.

އަހުމަދު ޒާހިރުގެ ފަރާތުން ވަކާލާތު ކުރައްވާ ދެވަނަ ވަކީލު ޝާހީން ހަމީދު ހޯމަދުވަހު ވިދާޅުވީ ބައެއް ދުވަހު ނޫސްތަކުގައި ޖަހާފައިވާ ހަބަރު ތަކުގެ ދޮގު ތެދު ބެލުމަށްޓަކައި ކޯޓަށް ހާޒިރުކުރުމަށް ބޭނުންވަނީ ދުވަހު ނޫސް ހަވީރުގެ ރިޕޯޓަރު އާދަމް ހަލީމާއި ޖަޒީރާ ނޫހުގެ ރިޕޯޓަރު އަހުމަދު މުހުސިން ކަމަށެވެ. އަދި މިމައްސަލައާ ގުޅޭގޮތުން ހާމަ ނޫހުގަޔާއި މިއަދު ނޫހުގައިވެސް ހަބަރެއް ލިޔެފައިވާ ކަމަށާއި ނަމަވެސް އެ ނޫސްތަކުގައި ހަބަރު ލިޔުއްވި ބޭފުޅުންގެ ނަން ޖަހާފައިނުވާތީ އެއީ ކޮން ބޭފުޅުންނެއް ކަމެއް ނޭންގޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދެން ޝަރީއަތުގެ މަޖިލީހެއް ބޭއްވުމުގެ ކުރިން އެބޭފުޅުންގެ ނަންތައް ސާފު ކުރެއްވުމަށްފަހު ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާޒު ރަޝީދުގެ ދިފާއުގައި ވާހަކަ ދައްކަވާ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މިމައްސަލައާގުޅޭ ގޮތުން މިނޫސްތަކުގައި ވަރަށް ހަޑި ހުތުރު އިބާރާތްތައް ލިޔެފައިވާ ކަމަށެވެ. ނަމަވެސް އެއިބާރާތްތައް ރިޔާޒު ރަޝީދު ނޫސްވެރިންނަށް ކޮމިއުނިކޭޓްކޮށްފައި ނުވާ ކަމަށާއި އަދި އެފަދަ ލަފްޒެއް ރިޔާޒް ރަޝީދު ބޭނުން ނުކުރައްވާ ހިނދު އަބުރާ ބެހޭ ދައުވާ ރިޔާޒް ރަޝީދުގެ މައްޗަށް ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ މިދިޔަ އަހަރު ސެޕްޓެމްބަރ 2 ވަނަ ދުވަހު ރިޔާޒް ރަޝީދުގެ ގައިގާ އަހުމަދު ޒާހިރު އަތްޕުޅު ލައްވައި މާރާމާރީ ހިންގެވި މަންޒަރު މަޖިލީހުގެ ބައެއް މެންބަރުންނަށް ފެނިވަޑައިގެން ފެނުނު ކަންތައްތައް މިނޫސްތަކަށް ކިޔާދީފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު މާރިޔާ އަހުމަދު ދީދީ ޖަޒީރާ ނޫހަށް ދެއްވި ބަސްތީ ގަތުމެއްގައި އަހުމަދު ޒާހިރު ރިޔާޒް ރަޝީދުގެ ކަރުގައި ހިއްޕެވިތަން ފެނިވަޑައިގަތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އަހުމަދު ޒާހިރު، ރިޔާޒު ރަޝީދުގެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލި މަންޒަރު ފެނިފައިވާ ކަމަށް ބ. މެންބަރު އަލީ ފާއިޒު ވިދާޅުވެފައިވާ ކަމަށެވެ. މީގެއިތުރުން ޅ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި އދ މެންބަރު އިލިޔާސް ހުސެއިނަށްވެސް ރިޔާޒް ރަޝީދުގެ ކޮނޑު ފުޅުގައި އަހުމަދު ޒާހިރު އަތްޕުޅު ލެއްވި މަންޒަރު ފެނިފައިވާ ކަމަށް ބުނެ މިނޫސްތަކަށް އިންޓަވިއު ދެއްވާފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ނޫސްތަކަށް މި މެންބަރުން ދެއްވާފައިވާ އިންޓަވިއުތަކުންވެސް ރިޔާޒް ރަޝީދުގެ ނުރުހުމުގައި އަހުމަދު ޒާހިރު އޭނާގެ ގަޔަށް އަތްލައި ހާދިސާއެއް ހިނގާފައިވާކަން އެނގޭ ކަމަށެވެ. އަދި މިމައްސަލާގައި އަހުމަދު ޒާހިރު ނެރުނު ނޫސް ބަޔާނުގައި މާރާމާރީ ހިންގެވި ކަމަށް ހުދު އަހުމަދު ޒާހިރުވެސް އިއުތުރާފުވެފައިވާ ކަމަށެވެ.   

ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި މިމައްސަލާގައި ރިޔާޒް ރަޝީދު ނޫސްވެރިންނަށް ދެއްވި އިންޓަވިއުގެ ރެކޯޑިންގ އަޑު އިއްވުން އޮންނާނެ ކަމަށެވެ. ނަމަވެސް އަހުމަދު ޒާހިރުގެ ފަރާތުން ހުށަހެޅުއްވި މިރިކޯޑިންގެ އަޑު ސާފް ނުވާތީ އެއީ ރިޔާޒް ރަޝީދުގެ އަޑު ކަމަށް ޔަގީންނުކުރެވޭ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މިއިންޓަވިއުގައި ރިޔާޒް ރަޝީދު އެއްބަސްވެ ލައްވަނީ އަހުމަދު ޒާހިރު، ރިޔާޒް ރަޝީދުގެ ގަޔަށް އަތްޕުޅު ލެއްވި ކަމަށްވެފައި ނޫސްތަކުގައި އެއަށްވުރެ އިތުރަށްވެސް ބައެއް ވާހަކަތައް ރިޔާޒް ރަޝީދާ ހަވާލާދެއްވާ ލިޔެފައިވާ ކަމަށެވެ. އަދި ދައުވާ ކުރެވެނީ ރިޔާޒް ރަޝީދުގެ މައްޗަށް ކަމަށްވެފައި ޝަރީއަތުން ބުރަ ވެވޭނީ މަޖިލީހުގެ ބައެއް މެންބަރުންގެ ވާހަކަ ތަކަށްވުރެ ބޮޑަށް ސީދާ ރިޔާޒް ރަޝީދުގެ ވާހަކަތަކަށް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މިމައްސަލާގެ ދެން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނީ މިމަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. 

No comments: