ޝަރީޢަތް އަވަހަށް ނިންމާލަން ބޭނުންވާކަމަށް ޤާޟީ ވިދާޅުވެއްޖެ
އިބްރާހީމް މުޙައްމަދު
މިދިޔަ އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހު އއ.ހިމަންދޫގައި ވަކިޖަމާއަތެއް ހަދައިގެން ނަމާދުކުރާ ބަޔަކާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުމެއް ހިނގާފައިވަނިކޮށް އެރޭ މާލޭން ހިމަންދޫއަށް ފުރިކަމަށްބުނާ މީހުންގެ ތެރޭގައި ހިމެނޭ 4 މީހެއްގެ މައްޗަށް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި މިޝަރީޢަތް އަވަހަށް ނިންމާލަން ބޭނުންވާތީ މައްސަލަ ދިގުލައިދިޔުމުގެ ފުރުސަތު ނުދެއްވުމަށް ދައުވާ ލިބޭ 3 މީހެއްގެ ވަކީލުގެ އަރިހުން ޤާޟީ އަބްދުﷲ ދީދީ އެދެވަޑައިގެންފިއެވެ. މިއަދު ޝަރީޢަތަށް ހާޟިރުކުރެވުނު 4 މީހަކީ ބ.ދަރަވަންދޫ މަލާޒް މުޙައްމަދު ނަދީމާއި މ.ލިޔާގެ އަބްދުﷲ އިސްމާއީލާއި މމޚ ދަފްތަރު 471 މުޙައްމަދު މަޒީދު އަދި ރ.އުނގޫފާރު ލުނބޯގަސްދޮށުގެ ޝާހިދު މުޙައްމަދެވެ. ނަމަވެސް މި 4 މީހުންގެ ތެރެއިން ނަދީމް މައްސަލައިގެން ކުރިއަށްދަނީ އަމިއްލައަށެވެ.
ހުލާސާ ބަޔާން އަވަހަށް އިއްވުމަށް މިއަދު ޤާޟީ އެދިވަޑައިގަތެވެ. ދައުލަތުގެ ވަކީލު ޙަސަން ޝިޔާމް ވިދާޅުވީ މިއަދު ހުލާސާ ބަޔާން އިއްވިދާނެކަމަށާއި ނަމަވެސް ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ހެކިން ހާޟިރުކުރަން ބޭނުންވާނަމަ އެފުރުސަތު ލިބިދިނުމަށް އެދޭކަމަށެވެ. ވަކީލުގެ ހާޟިރުގައި ވަކާލާތުކުރަމުންދާ 3 މީހުންގެ ވަކީލު އަޙްމަދު ޝަހީމް ވިދާޅުވީ ހެކިން ހުށަހަޅަން ބޭނުންވާކަމަށެވެ. އަދި ނަދީމްވެސް ބުނީ އޭނާވެސް ހެކިން ހުށަހަޅަން ބޭނުންވާކަމަށެވެ.
ބަޔާން ކުރެވުނު 4 މީހުންގެ ފަރާތުން ހާމަވިގޮތުގައި އެމީހުންގެ ފަރާތުން ހެކިން ހުށަހަޅަން ބޭނުންވާ ސަބަބަކީ 7 އޮކްޓޫބަރު 2007ގައި އެމީހުން ހިމަންދޫގައި ނެތުމުގެ އިތުރުން ހިމަންދޫއަށް 8 އޮކްޓޫބަރުގައި ދިޔައީ ހަމަނުޖެހުމުގައި ބައިވެރިވުމުގެ ނިޔަތުގައި ނޫންކަން ހާމަކޮށްދިނުމަށެވެ. މި 4 މީހުންގެ މައްޗަށް ދައުވާކުރަނީ ނުރައްކާތެރި ހަތިޔާރެއް ހިފައިގެން ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ.
ވަކީލު ޝަހީމް އަދި ނަދީމްވެސް ހާމަކުރިގޮތުގައި މިއަދު ހެކިންތައް ހުށަހެޅުމަށް ވަރަށް ދަތިވާނެއެވެ. ނަމަވެސް މާދަމާ ހުށަހެޅިދާނެކަމަށް އެދެމީހުންވެސް ބަޔާންކުރިއެވެ. މިޝަރީޢަތުގެ މަޖިލިސް ޤާޟީ ނިންމަވާލެއްވީ މިމަހު 21ގެ ކުރިން ހެކިންގެ ނަންތައް ޖިނާއީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހުގައެވެ.
މާލޭން ފުރައިގެން ޣައިރު ޤާނޫނީ އެއްވުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 15 މީހެއްގެ މައްޗަށް ޖިނާއީ ކޯޓުގައި ޝަރީޢަތް ހިނގަމުންދެއެވެ.
No comments:
Post a Comment