Monday, 21 April 2008

ޕާޓީތަކަށް ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ދެއްވާނެކަން ކަށަވަރުކުރައްވާފައި ވަނިކޮށް، މީޑިއާ އެސޯސިއޭޝަނުން ޑީއާރުޕީ ކުށްވެރިކޮށް ނޫސްބަޔާން ނެރުނީތީ މިނިސްޓަރު ނަޝީދު ހިތާމަކުރައްވައިފި

އަބްދުއްރަހްމާން

 

އިންތިގާލީ މަރުލަހާގައި ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ދިނުމުގެ ހުށަހެޅުން ސަރުކާރުން ފޭލިކޮށްލާފައިވާތީ އެކަން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން (އެމްއެމްއޭ) އިން ބަޔާނެއްނެރިފައިވަނީ ދެކޮޅު ނުބަލާކަމަށް އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު އޭނާގެ ބޮލްގްލައި ވިދާޅުވެއްޖެއެވެ. މިނިސްޓަރު ނަޝީދު ވިދާޅުވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ހުރިހާ ޕާޓީތަކަށް ދައުލަތުގެ މީޑިޔާއިން ހަމަހަމަ ފުރުސަތު ލިބޭނެކަމަށް އޭނާ މީގެ ހަފްތާތަކެއްކުރިން ކަށަވަރުކޮށްދެއްވާފައި ވާއިރު، އެކަން ވަންހަނާކޮށް ނޫސްވެރިންގެ ޖަމިއްޔާއިން ނޫސްބަޔާން ނެރިފައިވާތީ ހިތާމަކުރާކަމަށެވެ.

މޯލްޑިވްސް މީޑިޔާ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި "އިންތިގާލީ މަރުހަލާގައި ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް" ބަޔާން ކުރާ ރ މެންބަރު ޝާހީން ހަމީދުގެ 21 ވަނަ ހުށަހެޅުން ރައްޔިތުންގެ ހާއްސަ މަޖިލީހުން 13 އޭޕްރިލްގައި ފޭލިކޮށްލުމުގައި ޑީއާރްޕީއަށް ނިސްބަތްވާ މެންބަރުން ކަނޑައެޅިގެން ވޯޓު ނުދެއްވިކަން ފާހަގަކޮށްފައިވެއެވެ.  

ޝާހީން ހަމީދުހެ ހުށަހެޅުއްވުމުގެ 7 ވަނަ ނަމްބަރުގައި ވަނީ "ދެން އޮންނަ ރިއާސީ އިންތިހާބެއް ބާއްވާ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާންދެން ވެރިކަން ހިންގާ ފަރާތުން އަންނަނިވި މައްސޫލިއްޔަތު އުފުލާން ވާނެއެވެ. (7) ދައުލަތުގެ ތަކެއްޗާއި ވަސީލަތްތައް ތަފާތުބެލެހެއްޓުމާއި ހިންގުމުގައި މަސްއޫލުވެގެން ތިބި މީހުން އެތަކެއްޗާއި ވަސީލަތްތައް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު މި ބާބުގައި ބަޔާންކޮށްފައިވާ އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ލިބިދިނުން. މީގެ ތެރޭގައި ދައުލަތުގެ މީޑިޔާގެ ވަޞީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ލިބިދިނުން" މިހެނެވެ.

ގިނަ ޕާޓީތައް އެކުލެވޭ ރިއާސީ އިންތިހާބެއް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު ދައުލަތުގެ މީޑިއާ މުސްތަގިއްލުނުވެ އެފަދަ އިންތިހާބެއް އެންމެ އިންސާފުވެރިކޮށް ބޭއްވިދާނެ ކަމަށް ޝައްކު އުފެދޭ ކަމަށް ނޫސްވެރިންގެ ޖަމްއިއްޔާއިން ބުނެއެވެ. އަދި ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލަނީ ދައުލަތުގެ މީޑިޔާގެ ފުރުސަތުތައް އެންމެހައި ޕާޓީތަކާއި ކެންޑިޑޭޓުންނަށް ހަމަކޮށްދިނުމުގެ ފުރުސަތު ވަގުތުން ތަނަވަސްކޮށްދީ އަދި އެކަން އެފަރާތްތަކަށް ކަށަވަރުކޮށްދިނުން ކަމަށް އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޝާހީން ހަމީދުގެ 21 ވަނަ ހުށަހެޅުމަށް ޑީއާރްޕީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ވޯޓު ދެއްވީ ހަމައެކަނި އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދެވެ.

މިމައްސަލާގައި މިނިސްޓަރު ނަޝީދު ވިދާޅުވަނީ އަންނަ އިންތިޚާބުގައި ޕާޓީތަކަށް ދައުލަތުގެ މީޑިޔާ ހުޅުވާލުމުގެ ގަވައިދު ބަޔާންކުރާ މެމޮރެންޑަމެއްގެ ދެލި ކޮޕީ މިހާރުވަނީ ނިމިފައިކަމަށެވެ. މިމެމޮރެންޑަމް މިހާރު އޮތީ އިނގިރޭސިބަހުންކަމަށް ވެފައި، އޭގެ ތަރުޖަމާ މިހާރު ނިމެނީކަމަށާއި އޭރުން އެލިޔުން ސިޔާސީ ޕާޓީތަކަށް ކޮމެންޓުކުރުމަށް ފޮނުވޭނެކަމަށެވެ. އަދި މިމަސައްކަތް ދުނިޔޭގެ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަސްކަމަށްވާ 3 މެއިގެ ކުރިން ނިމޭނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ނަޝީދު ވިދާޅުވެއެވެ.

މިނިސްޓަރު ނަޝީދު ވިދާޅުވީ ޝާހީނު ހަމީދުގެ އިންތިޤާލީ ހުށަހެޅުން 21 އަށް ޑީއާރުޕީން ވޯޓު ނުދިނީ އެހުށަހެޅުމުގައި ތަފާތު 7 ކަމެއް އެއް ހުށަހެޅުމެއްގެ ގޮތުގައި އޮތުމުންނެވެ. މީގެތެރެއިން ދައުލަތުގެ މީޑިޔާގެ ވަސީލަތްތައް ހަމަހަމަކުރުމުގެ ވާހަކަ ހަމައެކަނި އައިސްފައިވަނީ 7 ވަނަ ނަންބަރުގައި އެކަނިކަމަށް މިނިސްޓަރު ވިދާޅުވެއެވެ. ވީމާ މިހުރިހާކަމެއް އެއްކޮށް ވޯޓަށް އެހުމުން ޑީއާރުޕީ މެންބަރުން އެހުށަހެޅުމަށް ވޯޓު ނުލުމާ ވިދިގެން، ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ޕާޓީތަކަށް ދިނުމަށް ޑީއާރުޕީ މެންބަރުން ނުރުހޭކަމަށް ދެކިގެން ނުވާނެކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

މިމައްސަލާގައި މީޑިއާ އެސޯސިއޭޝަންގެ ރައީސް ތޮއްޔިބް މުހައްމަދު ވިދާޅުވީ މީޑިޔާ އެސޯސިއޭޝަނުގެ މަޤްސަދަކީ ރާއްޖޭގައި މިނިވަން މުސްތަޤިއްލު މީޑިޔާގެ ވެއްޓެއް ޤާއިމުކުރުންކަމަށް ވާއިރު، އެކަމަށް ހުރަސް އެޅޭގޮތަށް ކުރާ ހުރިހާކަމަކާމެދު އެއެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރުމަކީ ލާޒިމްކަމެއްކަމަށެވެ.

 

No comments: