Monday, 21 April 2008

ޤާނޫނު އުޤޫބާތު ނުހެއްދެވުނީތީ ފަޚުރުވެރިވާކަމަށް މުނައްވަރު ވިދާޅުވުމުން ނިއު މޯލްޑިވްސްއިން ރައްދުދީފި

އިސްމާއިލް

 

ރައްޔިތުންގެ މަޖިލީހުގައި މިހާރު އިސްލާހުކުރަމުން ގެންދާ ޑރ ހަސަން ސައީދުގެ ޤާނޫނުލްއުޤޫބާތަށް ފާޑުކިޔުއްވާ، އޭނާ ދައުލަތުގެ ބަންޑާރަ ނައިބަކަށް ހުންނެވިއިރު ހަވާލުކުރި ގާނޫނުލް އުގޫބާތު ނުހެދުނީތީ ފަޚުރުވެރި ވާކަމަށް އެމްޑީޕީގެ ރައީސް ޑރ މުހައްމަދު މުނައްވަރު ވިދާޅުވުމުން އެވާހަކައަށް ނިއު މޯލްޑިވްސްއަށް ނިސްބަތްވާ ކުރީގެ ޖަސްޓިސް މިނިސްޓަރ މުހައްމަދު ޖަމީލާއި ކުރީގެ ޚާރިޖީ ވަޒީރު އަހްމަދު ޝަހީދު ރައްދު ދެއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިމާދުއްދީން ސުކޫލުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ މަސައްކަތް ނުކުރެވުނީތީ ނުވަތަ އެމަސައްކަތް ނިންމާލެވިފައި ނުވީތީ އެކަމާ ފަހުރުވެރި ވާކަމަށެވެ. އަދި ރާއްޖޭގެ އޮނިގަޑަށް ބަލާއިރު މިވަގުތު އެންމެ އަވަސްވެގަންނަންވީ އަދަބުދިނުމުގެ ގާނޫނެއް އުފެއްދުމަށް ނޫންކަމަށާއި ގާނޫނުލް އުގޫބާތެއް ހެއްދެވުމަށް ވުރެ ބޮޑަށް ރާއްޖެއަށް މުހިންމީ ކުށްތަކަށް މީހުން އަރައިގަތުން ހުއްޓުވައި މުޖުތަމައަށް އެމީހުން އަނބުރާ ގެނެވޭނެ ގޮތެއް ހޯދުންކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.

އެޖަލްސާގައި މުނައްވަރު ވިދާޅުވީ ޔަހޫދީ ބައެއްގެ ބެލުމުގެ ދަށުން 100 ޕަސެންޓް މުސްލިމް ގައުމެއްގައި ގާނޫނުލް އުގޫބާތު ލިޔުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ގާނޫނުލް އުގޫބާތު ބޭރުކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުނައްވަރު ގޮވާލެއްވިއެވެ.

ދިއެފްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު އޮތްގޮތަށް ވިސްނާ، ރާއްޖޭގެ ސިޔާސީ މަގާމަކަށް ކުރިމަތިލައްވާ އަދި ރައްޔިތުންގެ ކުރިމަގަށްވިސްނަވާ ކޮންމެ ފަރުދެއްގެ އެންމެ އިސް ވާޖިބަކަށް ވާންވާނީ ރާއްޖޭގެ އިޖްތިމާއީ ހާލަތު މިހާރުން މިހާރަށް ރަނގަޅުކޮރުމަށްޓަކާ ރާއްޖެއަށް ރަނގަޅު ގާނޫނީ އޮނިގަނޑެއް ގެނައުން ކަމަށެވެ.

މިމައްސަލާގައި ކުރީގެ ޚާރިޖީ ވަޒީރު ޑރ ޝަހީދު ވިދާޅުވީ ރާއްޖޭގެ ގާނޫނުލް އުގޫބާތު ޒަމާނީ ޑިމޮކްރަސީއާއި އިސްލާމް ދީނާ އެއްގޮތްވާގޮތުގެ މަތިން ހަދާތީ އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ އިސްލާމް ދީނުގެ ދުޝްމަނުން ކަމަށާއި، އެމީހުން ދެކޮޅުހެދީ ގާނޫނުލް އުގޫބާތުގެ ތެރޭން ޒަމާނީ ޑިމޮކްރަސީއަކީ އިސްލާމްދީނަށް ފެތޭ އެއްޗެއްކަން ފެނިގެންދާތީކަމަށެވެ.

އިމާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި މުނައްވަރު ވިދާޅުވީ "އަޅުގަނޑު ފުރަތަމަ މަގާމާ ހަވާލުވިއިރު އެއީ ތެދުފުޅެއް ޕީނަލް ކޯޑެއްގެ (ގާނޫނުލް އުގޫބާތުގެ) ވާހަކަދައްކާ. އަޅުގަނޑުމެންނަށް ދުވަސްކޮޅަކުން ވިސްނޭނެ އެއީ ކުރާވަރުގެ މަސައްކަތެއްނޫންކަން. ދިވެހި ރާއްޖޭގެ ރައްޔިތުން ތިބީ ހާލާއި ދިވެހި ރާއްޖޭގައި ހުކުމް ކުރަން ދިމާވާ ސަބަބު އަޅުގަނޑު މެންނަށް ވަރަށް ރަނގަޅަށް އެނގޭ. އެއީ އެފަދަ ގާނޫނު ހަދާފައި ދިވެހި ރައްޔިތުން އިތުރަށް ފިއްތުމެއްގެ ތެރެއަށް ހުށަހެޅުމަށް ޓަކާ ސަރުކާރުގެ ތަންފީޒީ ބާރުގެ އަތްމައްޗަށް އިތުރުއެއްޗެއް ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންވީމަ އެމަސައްކަތާ އޭރު ހަވާލުވި އެތައް ބަޔަކު އެކަމެއް ނުކުރީ" ކަމަށެވެ.

No comments: