އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރައްވަމުންގެންދަވާ މުހައްމަދު ނަޝީދު (އަންނި) އަށް މި އިންތިޚާބުގައި ދެއްވާ ކޮންމެ ވޯޓަކީ ގަވްމީ އެއްބައިވަންތަ ގުޅުމުގެ ނަމުގައި އޮތް ސިޔާސީ އިއްތިހާދަށް ދެއްވޭ ވޯޓެއް ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގައި އައްޑޫ އަތޮޅު މީދޫގައި ހޮނިހިރު ދުވަހު ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ "އަޅުގަނޑަށް ދެއްވާ ކޮންމެ ވޯޓަކީ އިއްތިހާދަށް ދެއްވޭ ވޯޓެއް. މި އިންތިޚާބު އިރާދަފުޅާއެކު އަޅުގަނޑަށް ކާމިޔާބު ވުމުން އަޅުގަނޑުމެން ވާދަވެރި ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓް ނެރުމަށްޓަކައި އަޅުގަނޑު ދާނީ އިއްތިހާދުގެ މޭޒަށް. އެ އިއްތިހާދުން ނިންމަވާގޮތަކަށް އަޅުގަނޑު އިހްތިރާމް ކުރާނަން" ކަމުގައެވެ.
ވެހެމުންދިޔަ ވާރޭތެރޭ އެރަށު ބޮޑުމަގުގެ ހިސާބެއްގައި ހުންނަވައި މުހަންމަދު ނަޝީދު ވަނީ އޭނާގެ ވާހަކަފުޅަށްފަހު ހިއްޕަވައިގެންހުންނެވި ކުޑައިގެ ދަށަށް މީދޫ ބައެއް ރައްޔިތުން ވަޑައިގެން ދެންނެވި ސުވާލުތަކަށް ޖަވާބުދާރީވެލައްވާފައެވެ.
ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލައްވާނޭ ކަމަށް ވިދާޅުވެފާ މިހާރު ކީއްވެތޯ ރިޔާސީ ކެންޑިޑޭޓަކަށް ތިޔަހުންނެވީ މީދޫ ރައްޔިތަކު ސުވާލު ދެންނެވުމުން އަންނި ވިދާޅުވީ އެ ސުވާލު ކުރެއްވުން އަދި އަވަސް ކަމަށެވެ. ސަބަބަކީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ހޮވުމުންނާއި އެކެންޑިޑޭޓަކީ އޭނާ ކަމުގައި ވުމާހަމައިންނޫނީ ސުވާލުގެ ދަނޑިވަޅު އަވަސް ކަމުގައެވެ. "އެކަމަކު ދަންނަވާފާނަން، އަޅުގަނޑު ނުކުމެމިހުރީ މި ޕާޓީ ރަނގަޅު މަންޒިލުގައި ބަނދަރުކުރަން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށް. އެނިޒާމަށް އަޅުގަނޑުމެނަށް ހޯދުނު ކާމިޔާބީ ވަނީ ވަގަށްނަގާފަ. މިހާރު މިއޮތީ ޒާތެއްގެ ރިޔާސީ ނިޒާމެއް ފާސްކުރައްވާފަ. އެހެންކަމުން ސިޔާސީ ޕާޓީ އަށް އޮންނަންޖެހޭ ރޯލް މިވަނީ ވަރަށްބޮޑަށް ހަނިވެފަ. މިދަންނަވަނީ މި ޕާޓީ އާއި ޕާޓީގެ ނިޒާމު ދިވެހި ވެރިކަމާއިހަމައަށް ވާޞިލް ކުރެވެންދެން އަޅުގަނޑު ފަހަކަށް ނުޖެހޭނަމޭ"، އަންނި ވިދާޅުވިއެވެ.
ރިޔާސީ ކެމްޕޭންތެރޭ ދެވަނަ ފަހަރަށް އައްޑޫއަށް ވަޑައިގެންނެވީ އެއަތޮޅުގައި ތިއްބެވި އެމްޑީޕީ މެމްބަރުން އެދިލައްވައި ދައުވަތު ތަކުރާރުކުރެއްވުމުންނެވެ. 10 މެމްބަރުންގެ ކެމްޕޭން ޓީމަކާއެކު ހުކުރު ދުވަހު ހަވީރު 5:30 ހާއިރު ގަމު އެއަރޕޯޓުން ކެންޑިޑޭޓް ނަޝީދު ނުކުންނެވިއިރު ހާހެއްހާ ސަޕޯޓަރުން ރީނދޫ ދިދައާއި ފުއްޕާހަމާއި ފޮތިގަނޑުތައް ހިއްޕަވައިގެން ތިއްބަވައި އަޑުހަރު ކޮށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގަމުން ހިތަދޫއަށް ކެންޑިޑޭޓް ނަޝީދު ވަޑައިގެންނެވީ ޕިކަޕެއްގެ ފަހަތުގައި ހުންނަވައިގެނެވެ. އެ ޕިކަޕްގެ ގެ ފަހަތުން މަރުހަބާ ދަންނަވަން އައި 73 ވެހިކަލާއި ހަމަ އެހާކަންހާވަރަށް މޮޓޯ ސައިކަލްތަކާއި އެކު ވަހިކަލްބުރު ދަތުރުކުރީ ހިތަދޫއަށެވެ. ހިތަދޫ އާއި މަރަދޫ، މަރަދޫ ފޭދޫ އާއި ފޭދޫގައި އަންނި ކެމްޕޭން ޖަގަހަތަކުގެ ކުރިމަތީ ހުންނަވައި ކެންޑިޑޭޓް އެމްޑީޕީ މެމްބަރުންނާއި އަދި ރައްޔިތުންނާއި މުޚާތަބު ކުރެއްވިއިރު އެއްވެފައި ތިބި ސަޕޯޓަރުން ތިން ހަތަރު ސަތޭކައަށްވުރެ އެއްވެސް ރަށެއްގައި މަދެއް ނުވެއެވެ.
އަވަސް ދުވެލީގައި ފަސޭހަކަމާއެކު ލުއި އަގުގައި މުދަލާ ފަސިންޖަރުން އުފުލޭނެ ދަތުރު ފަތުރުގެ ނިޒާމަކުން އެތެރެވަރީގެ ރަށްތައް ގުޅުވާލުމާއި، ދޮށީ އުމުރުގެ ކޮންމެ ރައްޔިތަކަށް ޕެންޝަނެއް ލިބިދިނުމާ، ލޭންދޭން ދަރަނިތައް އަދާކޮށްދެއްވުމާ، މަސައްކަތުގެ މަދުމިނު އުޖޫރައެއް ކަޑައެޅުއްވުމާ ސިއްހީ ފަރުވާއަށާއި ގެދޮރަށް ގިނަދުވަހުން މަދު އަދަދެއް ދައްކަވާގޮތަށް ގަޑުކޮށް ފައިސާ ލިބިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި މަސްވެރި ކަމާއި ދަނޑުވެރިކަމުގެ އަގު މަތި ކުރެއްވުމަކީ އެމްޑީޕީ ހިމެނޭ އިއްތިހާދަކުން ގާއިމު ކުރައްވާނެ ކަންކަން ކަމުގައި ވިދާޅުވެ އޭނާގެ ކެމްޕެއިންގެ މައިގަނޑުތައް އަންނި ހާމަކުރައްވާފައިވެއެވެ.
No comments:
Post a Comment