Thursday, 24 April 2008

މަޖީދު ސަރ ގެ މައްސަލާގައި ޚުލާސާ ބަޔާން ހުށަހަޅައިފި

 މުހައްމަދު އަޝްރަފް

2 އޭޕްރީލް 2006 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗާއި އަދި މާލޭ ވިލީ ފުލުސް 3 ގެ ކުރިމަތީގައި ހަމަނުޖެހުންތަކެއް ހިންގާފައިވާ ކަމަށް ބުނެ އެމްޑީޕީގެ މާކަރީ ގޮފީގެ ރައީސް ހ އަލިމަސްވާދީ އަބްދުލް މަޖީދު ޝަމީމު (މަޖީދު ސަރ) ގެ މައްޗަށް ކުރާ ޣައިރުގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ނިންމައި ހުލާސާ ބަޔާން ބުރާސްފަތިދުވަހު ހުށަހަޅައިފިއެވެ.

ދައުލަތުން މަޖީދާ ދެކޮޅަށް ކުރާ ދައުވާގެ ހުލާސާ ބަޔާން ހުށަހަޅުއްވާ ދެއްވަމުން ދައުލަތުގެ ވަކީލު ހަސަން ސިޔާމް ވިދާޅުވީ މަޖީދުގެ މައްޗަށް ދައުވާ ކުރައްވާފައިވަނީ ގާނޫނުލް އުގާބާތުގެ 46 ވަނަ މާއްދާއަށް ހަވާލާ ދެއްވައި 48 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި 2 އޭޕްރީލް 2006 ދުވަހު އަނިޔާ ލިބިގެން އައިޖީއެމްއެޗަށް ގެންދިޔަ މީހާއަށް އަނިޔާކޮށްފައިވަނީ ފުލުހުން ކަމަށް ބުނެ މަޖީދު ވަނީ ފުލުހުންނަށް އަނިޔާ ކުރުމަށް އައިޖީއެމްއެޗްކައިރިއަށް އެއްވެ ތިބި މީހުންނަށް ހިތްވަރުދީފައި ކަމަށެވެ. އަދި ހިތްވަރު ލިބުނު މީހުން މާފަންނު ވިލީ ފުލުސް ކައިރިއަށް އެއްވެ ވިލީފުލުހަށް ގާއުކައި އެތަނުގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށެވެ.

ހަސަން ޝިޔާމް ވިދާޅުވީ މިކަމާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވުނު ފުލުހުންގެ ހެކިބަހުންވެސް މަޖީދު މިއަމަލު ހިންގާފައިވާ ކަން ސާބިތުވާ ކަމަށެވެ.

މަޖީދުގެ ދިފާއުގައި ހުލާސާ ބަޔާން ހުށަހަޅުއްވާ ދެއްވަމުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ މިދައުވާ ކުރެވެނީ މަޖީދު އައިޖީއެމްއެޗުގެ އެތެރޭގައި ހުރެގެން ކުރި ކަމެއްގެ ސަބަބުން ކަމެއް ނުވަތަ ބޭރުގައި ހުރެގެން ކުރި ކަމެއްގެ ސަބަބުން ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެގޮތުން ކޯޓަށް ހާޒިރުކުރި ފުލުހުންގެ ހެކިބަހުންވެސް އެކަކުގެ ހެކިބަހުގައި މަޖީދު ހުރީ ހޮސްޕިޓަލުގެ އެތެރޭގައި ކަމަށް ބުނެފައިވާއިރު އަނެއް ހެއްކަކު ބުނެފައިވަނީ މަޖީދު ހުރީ އައިޖީއެމްއެޗާއި ވިލީ ފުލުހާ ދޭތެރޭގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ފުލުހުން ހެކިބަސްދީފައިވަނީ ސީދާ ފުލުހުންނަށް ރައްދުވާ ކަމެއްގެ މައްޗަށް ކަމަށް ވުމުން ފުލުހުންގެ ހެކިބަހަކީ ފުރިހަމަ ހެކިބަހެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަނެއްކޮޅުން ފުލުހުންގެ ފަރާތުން ހެކިބަސްދެއްވި ކޮންސްޓަބަލް މުހައްމަދު ޝިފާއުއަށް 2 އޭޕްރީލް 2006 ދުވަހު އައިޖީއެމްއެޗް ތެރޭގައި މަޖީދު ހުރި ގަޑި ބުނަން ނޭންގުނު ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ފުލުހުންގެ ފަރާތުން ހެކި ބަސް ދިން ދެވަނަ މީހާ ކޮންޝްޓަބަލް މުހައްމަދު ހަސަނު ދީފައިވަނީ ވަރަށް ސާބިތުކަން ކުޑަ ހެކިބަހެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ނިންމާލަމުން މުއިއްޒު ވިދާޅުވީ މިމައްސަލާގައި މަޖީދުގެ މައްޗަށް ކުށްވެރި އަމަލެއް ހިންގި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި ޖިނާއީ މައްސަލައެއް ސާބިތު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ދެވިގެން ކަމަށެވެ.

އަދި މިމައްސަލާގެ ކުށުގެ އެންމެ ބޮޑު އުގޫބާތަކީ 6 މަސްދުވަހަށް އަރުވާލުން ނުވަތަ 6 މަސް ދުވަހަށް ޖަލަށް ލުން ކަމަށް ވުމާއެކު މިމައްސަލާގެ ތުހުމަތުގައި މަޖީދުއަށް ވަނީ 66 ދުވަހު ބަންދުގައި އޮންނަން ޖެހިފައި ކަމަށް ވިދާޅުވިއެވެ.

މިމައްސަލާގައި މަޖީދުގެ އިތުރުން ދައުލަތުން އިތުރު 4 މީހެއްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެ ހަތަރު މީހުންނަކީ މ. ޓެކުސާސް މުހައްމަދު ޝަރީފާއި، ގ.ހެޕީސައިޑް ޙުސައިން އިލްހާމް އާއި މއ.ކީމިޔާގެ ޣާފިރު ޢަބްދުލް ޣަފޫރާއި ސ.ހުޅުދޫ ހަނދުބަލާގެ އިބްރާހީމް އަސްލަމެވެ. ދެއަހަރަށް ދިގުލާފައިވާ މިމައްސަލާގައި އެއްވެސް މީހަކަށް އަދި ޙުކުމްކޮށްފައެއް ނުވެއެވެ.

 

ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ކުރިކަމަށް ބުނާ ސިފައިންގެ މީހާގެ ޝަރީއަތް ފަށައިފި

6 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއެކު ގަދަކަމުން ބަދު އަހްލާޤީ ޢަމަލު ހިންގާފައިވާކަމަށް ބުނެ ސިފައިންގެ މީހަކަށް ކުރާ ޝަރީއަތެއް މިއަދު ޖިނާއީކޯޓުގައި ފަށައިފިއެވެ.

     މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ލާންސް ކޯޕްރަލް އަހްމަދު މުހަންމަދު (ހއ ކެލާ) ގެ މައްޗަށް ކުރާ ދައުވާގައި ބާލިޣްނުވާ ކުޑަ އަންހެންކުއްޖަކަށް އޮރިޔާން ފިލްމުދައްކާ އެކި ގޮތްގޮތުން ޖިންސީގޯނާކޮށް ބަދުއަހްލާޤީ ޢަމަލުހިންގާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުޑަ އަންހެން ކުއްޖާ ކުޅެން އުޅުމުގެ ތެރޭގައި އެހެން ކުޑަ ކުއްޖެއްގާތު "އައްމަޑޭބޭ ޒިބުތިރިކޮށް ބިރުވެރި އެއްޗެއް" ދައްކާފައިވާކަމަށް އަންހެން ކުއްޖާ މަންމަގާތު ބުނެފައިވާކަމަށާއި ކުޑައިރުންފެށިގެން މެޓައާއި އައިސްކުރީމް ގަންދީ ސައިކަލް ދުއްވަން ގެންދާކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ. ހަމައެހެންމެ އެ އަންހެން ކުއްޖާ ހެންވޭރުގައި ހުރިގެއަކަށް ގެންގޮސް ގެންގުޅުނުކަމަށާއި މާފަންނުގައި ހުންނަ ގެއަކަށް ގެންގޮސް އުޅެނިކޮށް މީހުންނަށް ފެނި އެވާހަކަ ދައްކާފައިވާކަމަށް ވެސް ދައުވާގައި ބުނެއެވެ. އަދި ކުޑަ އަންހެން ކުއްޖާއަށް ފިލްމުދައްކައިގެން އެ ކުއްޖާ ލައްވާ ގަދަކަމުން ބަދުއަހްލާޤީ އަމަލު ހިންގާފައިވާކަމަށާއި މިވާހަކަތައް ކުޑަކުއްޖާ އޭނާގެ މަންމައަށް ކިޔައިދިނުމުން އޭނާގެ މަންމަ އެކުއްޖާ ޑޮކްޓަރަށް ދެއްކުމުން ދީފައިވާ ރިޕޯޓްގައި ކުއްޖާއަށް ޖިންސީގޯނާކޮށްފައިވާކަމަށް ބުނާކަމަށް ވެސް ދައުވާގައި ވެއެވެ.

     މި މައްސަލައާއި ގުޅިގެން ލާންސް ކޯޕްރަލް އަހްމަދު މުހަންމަދު މިއަދު ބުނަނީ އެ ދަޢުވާއަށް އޭނާ އިންކާރު ކުރަކަމަށާއި އެވާހަކަ ފަތުރައިގެން އެއުޅެނީ ދެ މަޤްސަދެއް ހާސިލްކުރުމުގެ ބޭނުމުގައިކަމަށެވެ. އެގޮތުން އެއްގޮތަކީ އޭނާ ބޭޒާރުކޮށް ފަޟީހަތްކުރުން ކަމަށާއި އަނެއް ގޮތަކީ އޭމާ މަސައްކަތްކުރާ ތަނުގެ އަގުވައްޓާލުންކަމަށެވެ. މިކަމާ ގުޅިގެން އަހްމަދު މުހަންމަދުގެ ވަކީލު ވިދާޅުވީ މައްސަލައާމެދު އެއްޗެ ވިދާޅުވާނީ ލިޔުމުން ބަޔާންތަކާއި ޑޮކްޓަރ ރިޕޯޓް އެފަރާތަށް ލިބުމުންކަމަށެވެ.

     މުއުތަބަރު ފަރާތަކުން މިނިވަންއަށް މަޢުލޫމާތު ދިން ގޮތުގައި އެ ކުޑަ ކުއްޖާއއެކު ބަދުއަހްލާޤީ ޢަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ ހއ ކެލާ އަހްމަދު މުހަންމަދަކީ އެކުއްޖާ އުޅޭ ގެއަށް އާންމުކޮށް ގޮސްއުޅޭ މީހެކެވެ. އަދި ވަރަށް ގިނައިން އެ ކުއްޖާ ގޮވައިގެން އޭނާ ގެއަށް ގެންގޮސް ހަދާކަމަށެވެ. ހަމައެހެންމެ މިހާރު ކުޑަ އަންހެން ކުއްޖާ ހުންނަނީ ނާފްސާނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށާއި ގޭތެރޭގައި ދެމީހަކު ވާހަކަ ދެއްކިޔަސް އެ ދައްކަނީ އެނާގެ ވާހަކަކަމަށް ހީކޮށް ބިރުން އުޅޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައްސަލާގައި ބަންދުކުކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން މީހުން ހަމީދު ނުދަންނަކަމަށް ބުނެފި

 2.18 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލަ:

ހުސައިން ޒަބީރު (ހޒމވ)

މިދިޔަ އަހަރު ނޮވެމްބަރު މަހު 15 ވަނަ ދުވަހު ރާއްޖެ އެތެރެކުރި 2.18 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަބްދުލް ހަމީދު އަބްދުލް ސަމަދު ނުދަންނަކަމަށް ބުނެ އެ މައްސަލާގައި ހައްޔަރު ކުރޮށްފައިވާ ހަތަރު މީހަކު ބުރާސްފަތިދުވަހު ޝަރީއަތުގެ މަޖިލީހުގައި ހުވާކޮށްފިއެވެ.

     މިއަދު 1:00 ގައި ޖިނާއީކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި 2.18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ އަޒްމަތް ހާންނާއި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޏ ފުވައްމުލަކު ލާލު އަބްދުﷲ ވަސީމް އާއި މަނާރު މުހަންމަދު ޝަރީފު، މައްސަލާގައި ހައްޔަރުކޮށްފައިވާ ގ ހިލްމަން އަބްދުލް ހަމީދު އަބްދުލް ސަމަދު ނުދަންނަކަމަށާއި މަސްތުވާތަކެތީގެ އެއްވެސް ކަހަލަ މުއާމަލާތެއް ހިންގާފައިނުވާނެކަމަށް ޝަރީއަތުގެ މަޖިލީހުގައި ހަތިމުގައި އަތްލާ ހުވާކުރިއެވެ. މި ޝަރީއަތުގެ މަޖިލީހުގައި ތ ބުރުނީ ސޯސަންވިލާ އިބްރާހިމް ހަބީބު ބުނީ އަބްދުލް ހަމީދު އަބްދުލް ސަމަދަކީ މީގެ އަހަރެއްކުރިން ދަންނަ ރައްޓެއްސެއްކަމާއި ނަމަވެސް މަސްތުވާތަކެތީގެ އެއްވެސް މުއާމަލާތެއް އޭނާއާއެކު ހިންގާފައިނުވާނެކަމަށެވެ.

     މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސަމަދުގެ ވަކީލު ހުސްނުއްސުއޫދު މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނާ ވަކިވަކިން ސުވާލުކުރިއެވެ. އެގޮތުން ކޮންމެ މީހަކާވެސް މައިގަނޑު ގޮތެއްގައި ކޮށްފައިވާ ސުވާލަކީ މައްސަލާގައި ހައްޔަރުކޮށްފައިވާ ސަމަދަކީ ދަންނަ މީހެއްތޯއާއި، އޭނާއާއެކު މަސްތުވާތަކެތީގެ މުއާމަލާތެއް ހިންގާފައިވޭތޯއާއި މި މައްސަލާގައި ސަމަދުއާ އެއްވެސް ގުޅުމެއް ހުރިތޯއެވެ. މީގެ އިތުރުން އަޒްމަތުހާނަށް ކުރެވުނު ސުވާލުގައި މަސްތުވާތަކެތި ގެނައީ ސަމަދު ބުނެގެންތޯ މީގެ ކުރިން ސަމަދާއެކު އެކަހަލަ މުއާމަލާތެއް ހިންގާފައިވޭތޯ އާއި އެއީ ކާކު ބުނެގެން އެތެރެކުރި މަސްތުވާ ތަކެއްޗެއްތޯ ވިދާޅުވެ ވަކީލު ހުސްނުއްސުޢޫދު ސުވާލުކުރެއްވިއެވެ.

އަޒްމަތު ޚާން މަސްތުވާތަކެތި އެތެރެކުރިކަމަށް އިއުތުރާފްވުމުން ފެބްރުއަރީ މަހު 11 ވަނަ ދުވަހު ޖިނާއީކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.

 

އަޒްމާތު ޚާނުގެ ބަސް

ހަމީދުގެ ވަކީލުގެ ސުވާލަށް ޖަވާބު ދެމުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ހަޒްމަތުހާން ބުނީ އަބްދުލް ހަމީދު އަބްދުލް ސަމަދަކީ ދަންނަ މީހެއް ނޫންކަމަށާއި ފޯނުންވެސް އެނަން ކިޔާމީހަކާ އެއްވެސް މުއާމަލާތެއްކޮށްފައި ނުވާނެކަމަށެވެ. މިހެން ބުނުމުން ހަމީދުގެ ވަކީލު ހުސްނުއްސުއޫދު ތަކުރާރުކޮށް އެއީ ކާކު ބުނެގެން ކާކަށް ވިއްކަން ގެނައި އެއްޗެއްތޯ ސުވާލުކުރުމުން އަޒްމަތްހާން ބުނީ އެމީހާ ފެނިއްޖެއްޔާ އެނގޭނެކަމަށާއި އެއީ ޕާކިސްތާނަށް ގޮސްއުޅޭ މީހެއްކަމަށެވެ. އަދި ހަމީދަކީ އޭނަ ނޫންކަމަށް އަޒްމަތްހާން ބުންޏެވެ. އެއަށްފަހު ވަކީލު ކުރެއްވި ސުވާލުގައި މައްސަލާގައި ހައްޔަރުކޮށްފައިވާ ވަސީމް އާއި އެއްވެސް ކަހަލަ ގުޅުމެއްވޯތޯއާއި ފޯނުން ނަމަވެސް އެއްވެސް ކަހަލަ މުއާމަލާތެއް ހިންގާފައިވާނެތޯ އެއްސެވުމުން އަޒްމަތުހާން ބުނީ ވަސީމު ނުދަންނަކަމަށެވެ.

     ޝަރީއަތުގެ މަޖިލީހަށް އަޒުމަތު ޚާން އެވާހަކަތައް އިއްވައިދިނުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އަޒްމަތްހާން އަކީ ޖިނާއީކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްކަމުން ހެކިބަސް ޝަރީއަތުގައި ޤަބޫލުކުރެއްވޭނެކަމަށް ދައުލަތުން ޤަބޫލުފުޅު ނުކުރައްވާކަށެވެ.

 

ވަސީމްގެ ބަސް

     ވަކީލް ހުސްނުއްސުޢޫދު ވަސީމްއަށް ކުރެއްވި ސުވާލުގައި އަޒްމަތުހާން ގެނެސްފައިވާ ތަކެއްޗާބެހޭ އެއްވެސް ކަހަލަ މުއާމަތާލެއް ހަމީދާއި ވަސީމްގެ ދެމެދުގައި ހިނގާފައިވާނެތޯއާއި އެތަކެއްޗާއި ހަމީދުއާއި ގުޅުމެއްވޭތޯއެވެ. މި ސުވާލުގެ ޖަވާބުގައި ވަސީމް ބުނީ ހަމީދަކީ ދަންނަ މީހެއް ނޫންކަމަށާއި އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެކަމަށެވެ. ވަސީމުގެ ޖަވާބާއި ގުޅިގެން ދައުލަތުގެ ވަކީލާ ވިދާލުވީ ވަސީމް އަކީ މައްސަލާގައި ބަންދުކޮށްފައިވާ މީހެއްކަމުން އޭނާގެ ހެކި ށަރީއަތުގެ މަޖިލީޙުގައި ޤަބޫލުނުކެވޭނެކަމަށާއި ހަމީދު ނުދަންނަކަމަށް ވަސީމް ބުނާބުނުމަކީ ކަނޑައެޅިގެން ހަދާދޮގެއްކަމަށެވެ. އެގޮތުން ފުހުންނަށް ދީފައިވާ ބަޔާނުން އެކަން ދޭހަވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ދައުލަތުގެ ޖަވާބަށް ރައްދުދެއްވަމުން ހުސްނުއްސުޢޫދު ވިދާޅުވީ ފުލުހުން އެމީހުން އަތުން ނަގާފައިވާ ބަޔާނަކީ ތިންރޭ ތިންދުވާ ވަންދެން ނުނިއްދަވާ ބައިތިއްބުމަށްފަހު ހަތަރުވަނަ ދުވަހު ނަގާފައިވާ ބަޔާނެއްކަމަށާއި އެބަޔާން ނަގާފައިވަނީ އެމީހުންގެ ނުރުހުމުގައިކަމަށެވެ.

މަނާރުގެ ބަސް

     ވަކީލް ހުސްނުއްސުޢޫދު މަނާރަށް ކުރެއްވި ސުވާލަށް ޖަވާބު ދެމުން މަނާރު ބުނީ ހަމީދަކީ މީގެކުރިން ދަންނަ މީހެއްނޫންކަމަށާއި ހަމީދު ދަންނަނީ މި މައްސަލާގައި ހައްޔަރުކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެއްރޭ ހަބީބު ގުޅާފައި ކޮފީއަކަށް އަންނާށޭ ބުނުމުން އެތަނަށް ދިޔައިރު ހަމީދު އިންކަމަށާއި މައްސަލާގެ ކުރިން އޭނާ ފެނުނީ ހަމައެކަނި އެދުވަހުކަމަށެވެ. އަދި އޭނާއާއި ސަމަދާ ދެމެދު މަސްތުވާތަކެތީގެ އެއްވެސް މުއާމަލާތެއް ހިނގާފައިނުވާނެކަމަށާއި އެފަދަ އެއްވެސް ވާހަކައެއް ދައްކަފައިނުވާނެކަމަށެވެ. މަނާރުގެ ވާހަކައަށް ފަހު ދަޢުލަތުގެ ވަކީލާ ވިދާޅުވީ ކޮފީބޯން ތިބީ ކޮންތާކުތޯ އާއި ފުރަތަމަ ފޯނުކުރީ ކާކުތޯއެވެ. އޭގެ ޖަވާބުގައި މަނާރު ބުނީ ހަނދާންވާގޮތުން ކޮފީ ބޯންތިބީ ނޯތްކެފޭ ކިޔާ ތަނެއްގައިކަމަށާއި ހަބީބު ގުޅާފައި އެތަނަށް ކޮފީއަކަށް އަންނާށޭ ބުނީކަމަށެވެ.

ހަބީބުގެ ބަސް

ވަކީލު ހުސްނުއްސުޢޫދުގެ ސުވާލަށް ޖަވާބު ދެމުން ހަބީބު ބުނީ މަސްތުވާތަކެއްޗާ ބެހޭ އެއްވެސް ވާހަކައެއް ހަމީދު އޭނާގާތު ދައްކާފައިނުވާކަމަށާއި ސަމަދަކީ މީގެ އަހަރެއްކުރިން އޭނާ ދަންނަން ފެށި މީހެއްކަމަށާއި ނަމަވެސް މާބޮޑު ރައްޓެހިކަމެއް އުފެދިފައި ނުވާކަމަށެވެ. ހަމައެހެންމެ ސަމަދާއި އެއްކޮށް ކޮފީއަކަށް ދިޔައީ 500 ޑޮލަރު ހޯދަންވެގެން އެވާހަކަ ދައްކަންކަމަށާއި އެތާތިއްބައި މަނާރު އޭނާއަށް ގުޅުމުން އެތަނަށް އަންނާށޭ ބުނެފައިވާކަމަށް ހަބީބު ބުންޏެވެ.

     މި މައްސަލާގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވަކި ވަކިން ހަތަރު މީހުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ހަތަރު މީހުންގެ ހެކިބަސް ނެގުމަށް ފަހު ނިންމާލިއެވެ.

އިއްތިހާދުން އަންނި ކުށްވެރި ނުކުރާކަމަށް ޑރ ޝަހީދު ވިދާޅުވެއްޖެ

އަބްދުއްރަހްމާން

     އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ދައުވަތަކަށް ބުދަދުވަހު ގައުމީ އިއްތިހާދުގެ ބައިވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި އިއްތިހާދުގެ ނަން ނާޖާއިޒުގޮތުގައި އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނި ބޭނުންކުރައްވަނީކަމަށް ބުނެ އަންނި ކުށްވެރިނުކުރާކަމަށް ނިއު މޯލްޑިވްސް މޫވްމަންޓްގެ އެއް ބޭފުޅެއްކަމަށްވާ ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

     ޑރ ޝަހީދު ވިދާޅުވީ މިމައްސަލާގައި އިއްޔެ ބޭއްވި އިއްތިހާދުގެ ބައްދަލުވުމުގައި ނިއު މޯލްޑިވްސްއިން ހުށަހެޅީ އައިޑީޕީގެ ޝަކުވާއާމެދު ގޮތެއް ނިންމޭނީ، މިބައްދަލުވުމުގައި މުހައްމަދު ނަޝީދު އަންނި ބައިވެރިވަޑައިގެންފައި ނުވާއިރު، އޭނާ ގެނެސް އޭނާގެ ހާޒިރުގައި ކަމަށެވެ.

     ޝަހީދު ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގެ މުހިންމު މައްސަލައަކީ އަންނިގެ މައްސަލަ ނޫންކަމަށާއި ބޮޑަށް ވާހަކަ ދެކެވުނީ އިއްތިހާދުގެ މުސްތަޤްބަލާމެދު ކަމަށެވެ.

     "އަންނި ވިދާޅުވަމުން އެގެންދަވަނީ އޭނާ ސަޕޯޓުކުރައްވަމޭ އިއްތިހާދުން ކެންޑިޑޭޓެއް ނެރުމަށް. އަޅުގަނޑުމެން އެންމެންވެސް އެކަމަށް މަރުހަބާ ކިޔަން" ޑރ ޝަހީދު ވިދާޅުވިއެވެ.

     ޝަހީދު ވިދާޅުވީ އިއްތިހާދުގެ ބައެއް ފަރާތްތައް ބުނަމުންދަނީ އިއްތިހާދުން އެއް ކެންޑިޑޭޓެއް ނެރުމުގެ މައްސަލާގައި އެފަރާތްތައް ނިސްބަތްވާ ޕާޓީގެ މެންޑޭޓެއް ހޯދުމަށް ޕާޓީގެ މެންބަރުންނާ ވާހަކަދެއްކުމަށްފަހު ގޮތެއް ކަނޑައަޅައި އަލުން އިއްތިހާދުގެ މޭޒުދޮށުގައި އިށީންނަން ޖެހޭކަމަށެވެ. ޑރ ޝަހީދު ވިދާޅުވީ މިމައްސަލާގައި އެމްޑީޕީގެ އިންތިޚާބު ނިމުމުން ކުރިއަށް އޮތް މަގު ސާފުވެގެން ދާނެކަމަށެވެ. 

މިމައްސަލާގައި އައިޑީޕީގެ ރައީސް އުމަރު ނަސީރު މިއަދު ނޫހުގައި ވިދާޅުވީ އިއްތިހާދުން އެއްވެސް ސިޔާސަތެއް ކަނޑައަޅުއްވާފައި ނެތިސް އަންނި އިއްތިހާދުގެ ނަން ބޭނުންކުރައްވައި އިއްތިހާދުގެ މޫނުމަތި ދައްކަވައިގެން ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ކެމްޕޭން ކުރެއްވުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށާއި އެހައްގު އެއްވެސް ބޭފުޅަކަށް އިއްތިހާދުން ދެއްވާފައި ނުވާނެ ކަމަށެވެ.

"އަދި އިއްތިހާދުން އެއްވެސް ސިޔާސަތެއް އެއްވެސްކަމެއް ކަނޑައަޅާފައެއްނުވޭ. އެހެންވީމާ އެއްވެސް މީހަކަށް ނޯންނާނެ އިއްތިހާދުގެ ވެރިކަމެއްގައި ކަންހިނގާނެގޮތް ކަނޑައަޅާ އާންމު ކުރުމުގެ ހައްގެއް. އަންނިވެސް އެދައްކަވަނީ އަންނިގެ އަމިއްލަ ވާހަކަތަކެއް. އިއްތިހާދުގެ މޫނުމަތި ދައްކައިގެން ކެމްޕޭން ކޮށްގެންނުވާނެ. އިއްތިހާދުން އަދި އެއް ކެންޑިޑޭޓަކު ނެރޭކަށްވެސް އަދި ނުނެރޭކަށްވެސް ނިންމާފައެއް ނުވޭ." އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި އެމްޑީޕީގެ އަމީން އާންމު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ އިއްތިހާދުން ކުރިން އެއްބަސްވެފައިވާ މަފްހޫމަކީ އިއްތިހާދުގައި ހިމެނޭ ޕާޓީއަކުން އެހެން ޕާޓީއެއްގެ އެތެރޭގެ މައްސަލައެއްގެ ތެރެއަށް ނުވަނުމަށެވެ. އަދި އިއްތިހާދުގެ ހުރިހާ ފަރާތްތަކުންވެސް މިމަފްހޫމުގައި ހިފަހެއްޓުމަކީ މުހިންމުކަމެއްކަމަށް ހާމިދު ވިދާޅުވިއެވެ.  

މީހެއްގެ އަތުން މޯބައިލް ފޯނެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި އުމުރުން 16 އަހަރުގެ ކުއްޖަކާއި 34 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފި

މިނިވަން

 

މީހެއްގެ އަތުން މޯބައިލް ފޯނެއް ފޭރިގަތް މައްސަލައިގެ ތުޙުމަތުގައި އުމުރުން 16 އަހަރުގެ ކުއްޖަކާއި އުމުރުން 34 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މިދެމީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ ބުދަވަހުގެރޭ ގާތްގަނޑަކަށް 12:00 ހާއިރު ލެމަންގްރާސް ރެސްޓޯރަންޓާއި ހަމައިން މީހެއްގެ މޯބައިލް ފޯނު ފޭރިގަނެގެން މިދެމީހުން ފިލަން އުޅެނިކޮށް އާންމުންގެ އެހީތެރިކަމާއެކުގައިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިދެމީހުން ޗެކްކޮށް ބެލިބެލުމުން ފޭރިގަތްކަމަށް ރިޕޯޓް ލިބުނު ފޯނު މިދެމީހުންގެ ތެރެއިން އުމުރުން 16 އަހަރުގެ ކުއްޖާ ލައިގެން ހުރި ޖިންސްގެ ފައިކުރިތެރެއިން ވަނީ ފެނިފައިކަމަށް ފުލުހުން ބުނެއެވެ.  

ތިނަދޫ ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކުން ބީރުވި ކުއްޖާ އޮޕަރޭޝަނަށްފަހު އަޑު އިވެން ފަށައިފި

 ގައްމާޒު

ގދ.ތިނަދޫ ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކާހުރެ ދެކަންފަތް ބީރުވުމުގެ ސަބަބުން 7.1 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތާ ދެކޮޅަށް ދައުވާކުރަމުންދާ ކުއްޖާގެ ކަންފަތަށް "ކޮކްލިއާ އިމްޕްލާންޓް"އެއް ލެއްވުމުގެ ސާޖަރީ ބުދަ ދުވަހު ކާމިޔާބުވެ ކުއްޖާއަށް އަޑު އިވެން ފަށައިފިއެވެ.

ލަންކާގެ ކޮޅުބުގައި ކުރި މިއޮޕަރޭޝަނުގައި މިކުއްޖާގެ ކަންފަތަށް އަޑު އިވޭގޮތް ހެދީ ބޭރުން ހަރުކޮށްފައި އިންނަ އާލާތަކުން ކަންފަތުގެ ފުރަގަހުން އެތެރައަށް ލެއްވި ކޮކްލިއާއަށް އިލެކްޓްރިކް ވިންދުތަކެއް ފޮނުވައިގެން އަޑުއިވުމުގެ ނާރުތައް މަސައްކަތްކުރުވައިގެންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ކަންފަތުގެ އަޑުއިވުން ގެއްލުނު އައިޝަތު އިޔާން އިހްސާންގެ ބައްޕަ މަދަނީ ކޯޓުގައި އުފުލި ދައުވާގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ.

 

އަޑު އިވުން

ވިކްރަމަރާޗީ އިންސްޓިޓިއުޓް ފޯރ ސްޕީޗް އެން ހިއަރިންގް (ވިޝް)ގެ އޯޑިއޯލޮޖިސްޓް ނޫޝާ އިސްހާގް ބުދަ ދުވަހު ބުނިގޮތުގައި ކުއްޖާގެ ރިއެކްޝަން ވަރަށް ރަގަޅެވެ. "ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އޭނާ ހެވިފަ މޫނުމަތި އުޖާލާވެފައި ހުއްޓާ" އޭނާ ވިދާޅުވިއެވެ.

އޭނާގެ ކަންފަތުގެ ބޭރުގައި ހަރުކޮށްފައިން އިންނަ އާލާތް ވަނީ ދަގަތްފާނަކުން ބޮލުގެ ފުއްކިބައާއި އެކުގައި ހަރުކޮށްފައެވެ. އަދި އޭތީގެ ސްވިޗް އޮންކުރުމުން އަޑުތައް ދެނެގަތުމުގެ މަސައްކަތްފަށައެވެ. މިހާރު މިކުއްޖާއަށް ގަވާއިދުން ވާހަކަ ދެއްކުމުގެ ތެރެޕީ ދެމުންއެބަދެއެވެ. ބަސްތަކާއި ޖުމްލަތަކަށް އަލުން ރުޖޫއަކުރުމަށްޓަކައި ކުރަމުން މިގެންދާ މަސައްކަތް ދެއަހަރަށްވެސް ދެމިގެންގޮސްފާނެކަމަށް ނޫޝާ ހާމަކުރިއެވެ.

މަދަނީ ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި ދައުވާކުރާ ފަރާތްކަމުގައިވާ ކުއްޖާގެ ބައްޕަ އަހުމަދު އިހްސާން ބުނިގޮތުގައި އޭނާހުރީ ފަރުވާއާ މެދު ވަރަށް އުފާވެފައެވެ. އަދި އެއީ އޭނާގެ ދަރިފުޅަށް އޮތް ހަމައެކަނި އިހްތިޔާރުކަމުގައިވެސް ހާމަކުރިއެވެ. ހެޔޮއެދޭ ފަރާތްތަކުން ދިން އެހީއާ އެކު އިޔާން ގޮވައިގެން އޭނާގެ މައިންބަފައިން ކޮލަމްބޯއަށް ގޮސްފައިވަނީ މީގެ އެއްމަހެއްހާ ދުވަސްކުރިންނެވެ. އަދި ލަންކާގެ އެޕޯލޯ ހޮސްޕިޓަލްގައި އޭޕްރިލް 22 ވަނަ ދުވަހު ކުރިއަށް ދިޔަ އޮޕަރޭޝަނާމެދު ހިތްހަމަޖެހޭކަމުގައި އޭނާގެ ބައްޕަ ހާމަކުރިއެވެ. އިޔާންގެ ފަރުވާގެ މުހިއްމު ބައެއްކަމުގައިވާ މުޖްތަމައަށް އެބުރިގެނައުމަށް ދޭ ފަރުވާ ދިނުމުގެ ކަންތައް ނިމެންދެން އެމީހުން މިހާރުވަނީ ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

އޯޑިއޯލޮޖިސްޓް ބުނިގޮތުގައި އިޔާންއަށް ހަމައެކަނި ވާހަކަދައްކަން އެނގެނީ ދިވެހި ބަހުން ކަމަށްވުމާއި ދިވެހި ރާއްޖޭގައި އޭނާއަށް ދޭންޖެހޭ ތެރަޕީ ދިނުމުގެ ވަސީލަތްތައް ނެތުމުގެ ސަބަބުން ލަންކާގައި ދޭ ފަރުވާގެ އަސަރުކުޑަވެދާނެއެވެ. 

ޝަރީއަތް

ކުއްޖާގެ އާއިލާއިން ކޯޓުގައި ދައުވާ އުފުލަން ނިންމީ މާލޭގެ ޑޮކްޓަރުންނާއި ރާއްޖޭން ބޭރުގެ ކުޑަކުދިންނަށް ހާއްސަ ޑްކޮޓަރުން އޭނާ ބެލުމަށްފަހު އޭނާގެ އަޑުއިވުން ގެއްލިފައިވަނީ ހާލަތާއި ނުގުޅޭ ގޮތެއްގައި ދެވިފައިވާ އެންޓި ބަޔޮޓިކް އިންޖެކްޝަންގެ ސަބަބުންކަމުގައި ބުނުމުންނެވެ.

އިޔާން ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެޑިމިޓްކުރީ ހުންއައިސް އަތް ދުޅަވުމުގެ ސަބަބުން އެރަށު ސިއްހީ މަރުކަޒުން އަންގައިގެންނެވެ. އެތާނގެ ޑޮކްޓަރުން އޭނާއަށް ޖެންޓަމައިސިން ކިޔާ އެންޓިބަޔޮޓިކް އިންޖެކްޝަން ޖެހީ އޭގެ ސައިޑް އިފެކްޓެއްގެ ގޮތުގައި ބީރުވެދާނެކަމުގެ ބިރު އޮތްކަމުގެ އިންޒާރު އާއިލާއަށް ދިނުމަށްފަހު އެއް ނޫންކަމަށާއި ނަމަވެސް އޭރުވެސް އެޑޯޒް މަތިކަމަށް ގަބޫލުކުރިކަމުގައި މައިންބަފައިން ބުނެއެވެ. އެ އިންޖެކްޝަނަކީ ޖެހުމުގައި ފަރުވާކުޑަކުރެވިއްޖެނަމަ މީހާ ވިހަވެ ނާރުތައް ހަލާކުވެ ކަންފަތުގެ އެންމެ އެތެރެ ވިރި ހަލާކުވެދާނެފަދަ އެއްޗެކެވެ.

ހޮސްޕިޓަލުން ކުއްޖާގެ ބަރުދަން ބެލުމަށާއި އިންޖެކްޝަންގެ ސީރަމް ކޮންސެންޓްރޭޝަން ޗުކުކުރަމަށް އަދި އެބޭހަކީ ކުއްޖާގެ ހާލަތާއި ނުގުޅޭ އެއްޗެއްތޯ ބެލުމުގައިވެސް ފޭލިވެފައިވާކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.

ގާނޫނީ ވަކީލް ހުސްނުއްސޫއޫދު ހިލޭ ސާބަހަށް ވަކާލާތުކޮށްދޭ މިމައްސަލާގައި 7.1 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ދައުވާކުރަނީ ކޮކްލިއާ އަލުން ލެއްވުމަށާއި ކުއްޖާ ދުނިޔޭގައި ހުރިހާ ދުވަހަކު ކޮންމެ ހަމަސްދުވަހަކުން ކޮކްލިއާ އަލުން ސާވިސްކުރުމަށާއި ދަތުރު ފަތުރަށާއި އަޅާލުމަށް ބަދަލު ހޯދުމުގެ ގޮތުންނެވެ. މިއީ މިބާވަތުގެ ބަދަލެއް ހޯދުމަށް ރާއްޖޭގައި ކުރެވޭ އެންމެ މަތީ އަދަދެވެ.

ކުއްޖާގެ އާއިލާއިން ބުނާގޮތުގައި ދިވެހ ސަރުކާރުން މިހާތަނަށް އަދި އެއްވެސް އެހީއެއް ދީފައެއް ނުވެއެވެ. އަދި ކުއްޖާގެ ސިއްހީ ހަރަދުތަކަށް ދީފައިވަނީ އެންމެ އާދައިގެ އެހީއެކެވެ. ނަމަވެސް އޭނާގެ މައިންބަފައިން ބުނާގޮތުގައި އެހީއަށް ހެލްތު މިނިސްޓްރީއަށާއި ރައީސް އޮފީހަށް އަދި ޑިޕާޓްމަންޓް އޮފް ސޯޝަލް ސެކިޔުރިޓީއަށްވެސް އެދިފައިވެއެވެ. ނަމަވެސް މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ މަދަދެއް ދެވޭ ވަރަށްވުރެ މިނިސްޓަރު ބިޒީކޮށްއުޅޭކަމަށާއި ރައީސް އޮފީހުންވެސް އެހީއެއް ލިބިފައިނުވާކަމަށާއި ސޯޝަލް ސެކިޔުރިޓީންވެސް ލިބުނީ ޓްރިވެންޑްރަމް ދެކޮޅު ޓިކެޓާއި 300 ޑޮލަރުކަމުގައި އާއިލާއިން ބުނެއެވެ.

ކޮކްލިއާ އަލުން ލެއްވުން

އޮޕަރޭޝަނަށް ބޭނުންވާ ހަރަދުތައް ދެއްވި ބޭފުޅަކީ އެބޭފުޅާގެ ދަރިފުޅުވެސް އުމުރުން ހަތްއަހަރުގައި އަޑުއިވުން ގެއްލި މިހާރު އަޑުއިވުން ލިބިފައިވާ ފަރާތެކެވެ.

އަޑުއެހުމަށް ބޭނުންކުރާ އެހީތައް ފަދައިން އަޑުތައް އެމްޕްލިފައި ކުރުމުގެ ބަދަލުގައި ކޮކްލިއާ އަލުން ލެއްވުމުން އޭތި މަސައްކަތްކުރަނީ ސީދާއަޑުއިވުމުގެ ނާރުތަކާއި ހަމައަސް ގެންގޮސްގެންނެވެ. މިފަރުވާ މުޅި ދުނިޔެއިން ލައްކައެއްހާ މީހުން ހޯދާފައިވާނެއެވެ.

ސާޖަރީއަށް ހަރަދުވާ ބޮޑު ހަރަދާއި އޭގެފަހުގެ މަރުހަލާތަކުގެ އަގުބޮޑުކަމާއިއެކުވެސް ވިޝް ސެންޓަރުން ބުނާގޮތުގައި އެމީހުންގެ ފަރާތުންވެސް މަހަކު ތިން ފަރާތަށް ފަރުވާދެއެވެ. މިސެންޓަރުގެ އޯނަރު މިހިރާ ވިކްރަމާރާޗީ ވިދާޅުވިގޮތުގައި ދިވެހި ރާއްޖޭގައި އުޅޭ އަޑުއިވުމުގެ އުދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް އުއްމީދުކުރެއެވެ. އިޔާންއަކީ ސްރީލަންކާއިން މިފަދަ ސާޖަރީއެއް ހެދި ދެވަނަ ދިވެހި ކުއްޖާއެވެ. ވިކްރަމަރާޗީ ވިދާޅުވީ މިހާރުވެސް ރާއްޖެއިން އެސެންޓަރާ އެކު ބައިވެރިވެގެން ވާހަކަ ދެއްކުމާއި އަޑުއެހުމުގެ ފަރުވާދޭނެތަނެއް ހުޅުވުމަށް ބޭނުންވާ އޮގަނައިޒޭޝަނެއް އޮތްތޯދަނީ ބަލަމުންނެވެ. އަދި އޭނާ ގަބޫލުކުރައްވާގޮތުގައި މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

ހުޅުމާލޭ ފަރީދިއްޔާ ސްކޫލް އިންޓަރނޭޝަނަލް ސްކޫލެއްގެ ގޮތުގައި މިއަހަރުގެމެދުތެރޭ ކިޔަވައިދޭން ފެށޭވަރުވާނެ - އެޑިޔުކޭޝަން މިނިސްޓްރީ

އަބްދުއްރަހްމާން

ހުޅުމާލޭ ފަރީދިއްޔާ ސްކޫލް އިންޓަރނޭޝަނަލް ސްކޫލެއްގެ ގޮތުގައި މިއަހަރުގެމެދުތެރޭ ކިޔަވައިދޭން ފެށޭވަރުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފަރީދިއްޔާ ސްކޫލް އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް އެދިފައިވަނީ ތުރުކީގެ އިންވެސްޓަރުންނާއި ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާބަޔަކު ގުޅިގެން އުފައްދާފައިވާ ބިޒް އެޓޯލްސްއިންނެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ފަރީދިއްޔާ ސްކޫލް އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ބިޒް އެޓޯލްސްއާއި ޙަވާލުކުރައްވާފައިވާ ކަމަށެވެ. އަދި ސްކޫލް ކުރިޔަށްގެންދާނެ ގޮތާބެހޭގޮތުން ދެފަރާތުގެމެދުގައި މަޝްވަރާތައް ވަރަށް އަވަހަށް ފަށްޓާވާނެ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

މާލޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ދެ ސްކޫލް އެމްއީއެސްއާއި އީފީއެސްއެސް އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް އެސްކޫލަތަކުން އެދިފައިވާތީ އެކަމުގެހުއްދަ އެފަރާތްތަކަށް ދެއްވާފައިވާ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއްވިއެވެ.