ގައްމާޒު
ގދ.ތިނަދޫ ހޮސްޕިޓަލުން ޖެހި އިންޖެކްޝަނަކާހުރެ ދެކަންފަތް ބީރުވުމުގެ ސަބަބުން 7.1 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތާ ދެކޮޅަށް ދައުވާކުރަމުންދާ ކުއްޖާގެ ކަންފަތަށް "ކޮކްލިއާ އިމްޕްލާންޓް"އެއް ލެއްވުމުގެ ސާޖަރީ ބުދަ ދުވަހު ކާމިޔާބުވެ ކުއްޖާއަށް އަޑު އިވެން ފަށައިފިއެވެ.
ލަންކާގެ ކޮޅުބުގައި ކުރި މިއޮޕަރޭޝަނުގައި މިކުއްޖާގެ ކަންފަތަށް އަޑު އިވޭގޮތް ހެދީ ބޭރުން ހަރުކޮށްފައި އިންނަ އާލާތަކުން ކަންފަތުގެ ފުރަގަހުން އެތެރައަށް ލެއްވި ކޮކްލިއާއަށް އިލެކްޓްރިކް ވިންދުތަކެއް ފޮނުވައިގެން އަޑުއިވުމުގެ ނާރުތައް މަސައްކަތްކުރުވައިގެންނެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ކަންފަތުގެ އަޑުއިވުން ގެއްލުނު އައިޝަތު އިޔާން އިހްސާންގެ ބައްޕަ މަދަނީ ކޯޓުގައި އުފުލި ދައުވާގެ ޝަރީއަތް ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ.
އަޑު އިވުން
ވިކްރަމަރާޗީ އިންސްޓިޓިއުޓް ފޯރ ސްޕީޗް އެން ހިއަރިންގް (ވިޝް)ގެ އޯޑިއޯލޮޖިސްޓް ނޫޝާ އިސްހާގް ބުދަ ދުވަހު ބުނިގޮތުގައި ކުއްޖާގެ ރިއެކްޝަން ވަރަށް ރަގަޅެވެ. "ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އޭނާ ހެވިފަ މޫނުމަތި އުޖާލާވެފައި ހުއްޓާ" އޭނާ ވިދާޅުވިއެވެ.
އޭނާގެ ކަންފަތުގެ ބޭރުގައި ހަރުކޮށްފައިން އިންނަ އާލާތް ވަނީ ދަގަތްފާނަކުން ބޮލުގެ ފުއްކިބައާއި އެކުގައި ހަރުކޮށްފައެވެ. އަދި އޭތީގެ ސްވިޗް އޮންކުރުމުން އަޑުތައް ދެނެގަތުމުގެ މަސައްކަތްފަށައެވެ. މިހާރު މިކުއްޖާއަށް ގަވާއިދުން ވާހަކަ ދެއްކުމުގެ ތެރެޕީ ދެމުންއެބަދެއެވެ. ބަސްތަކާއި ޖުމްލަތަކަށް އަލުން ރުޖޫއަކުރުމަށްޓަކައި ކުރަމުން މިގެންދާ މަސައްކަތް ދެއަހަރަށްވެސް ދެމިގެންގޮސްފާނެކަމަށް ނޫޝާ ހާމަކުރިއެވެ.
މަދަނީ ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި ދައުވާކުރާ ފަރާތްކަމުގައިވާ ކުއްޖާގެ ބައްޕަ އަހުމަދު އިހްސާން ބުނިގޮތުގައި އޭނާހުރީ ފަރުވާއާ މެދު ވަރަށް އުފާވެފައެވެ. އަދި އެއީ އޭނާގެ ދަރިފުޅަށް އޮތް ހަމައެކަނި އިހްތިޔާރުކަމުގައިވެސް ހާމަކުރިއެވެ. ހެޔޮއެދޭ ފަރާތްތަކުން ދިން އެހީއާ އެކު އިޔާން ގޮވައިގެން އޭނާގެ މައިންބަފައިން ކޮލަމްބޯއަށް ގޮސްފައިވަނީ މީގެ އެއްމަހެއްހާ ދުވަސްކުރިންނެވެ. އަދި ލަންކާގެ އެޕޯލޯ ހޮސްޕިޓަލްގައި އޭޕްރިލް 22 ވަނަ ދުވަހު ކުރިއަށް ދިޔަ އޮޕަރޭޝަނާމެދު ހިތްހަމަޖެހޭކަމުގައި އޭނާގެ ބައްޕަ ހާމަކުރިއެވެ. އިޔާންގެ ފަރުވާގެ މުހިއްމު ބައެއްކަމުގައިވާ މުޖްތަމައަށް އެބުރިގެނައުމަށް ދޭ ފަރުވާ ދިނުމުގެ ކަންތައް ނިމެންދެން އެމީހުން މިހާރުވަނީ ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އޯޑިއޯލޮޖިސްޓް ބުނިގޮތުގައި އިޔާންއަށް ހަމައެކަނި ވާހަކަދައްކަން އެނގެނީ ދިވެހި ބަހުން ކަމަށްވުމާއި ދިވެހި ރާއްޖޭގައި އޭނާއަށް ދޭންޖެހޭ ތެރަޕީ ދިނުމުގެ ވަސީލަތްތައް ނެތުމުގެ ސަބަބުން ލަންކާގައި ދޭ ފަރުވާގެ އަސަރުކުޑަވެދާނެއެވެ.
ޝަރީއަތް
ކުއްޖާގެ އާއިލާއިން ކޯޓުގައި ދައުވާ އުފުލަން ނިންމީ މާލޭގެ ޑޮކްޓަރުންނާއި ރާއްޖޭން ބޭރުގެ ކުޑަކުދިންނަށް ހާއްސަ ޑްކޮޓަރުން އޭނާ ބެލުމަށްފަހު އޭނާގެ އަޑުއިވުން ގެއްލިފައިވަނީ ހާލަތާއި ނުގުޅޭ ގޮތެއްގައި ދެވިފައިވާ އެންޓި ބަޔޮޓިކް އިންޖެކްޝަންގެ ސަބަބުންކަމުގައި ބުނުމުންނެވެ.
އިޔާން ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެޑިމިޓްކުރީ ހުންއައިސް އަތް ދުޅަވުމުގެ ސަބަބުން އެރަށު ސިއްހީ މަރުކަޒުން އަންގައިގެންނެވެ. އެތާނގެ ޑޮކްޓަރުން އޭނާއަށް ޖެންޓަމައިސިން ކިޔާ އެންޓިބަޔޮޓިކް އިންޖެކްޝަން ޖެހީ އޭގެ ސައިޑް އިފެކްޓެއްގެ ގޮތުގައި ބީރުވެދާނެކަމުގެ ބިރު އޮތްކަމުގެ އިންޒާރު އާއިލާއަށް ދިނުމަށްފަހު އެއް ނޫންކަމަށާއި ނަމަވެސް އޭރުވެސް އެޑޯޒް މަތިކަމަށް ގަބޫލުކުރިކަމުގައި މައިންބަފައިން ބުނެއެވެ. އެ އިންޖެކްޝަނަކީ ޖެހުމުގައި ފަރުވާކުޑަކުރެވިއްޖެނަމަ މީހާ ވިހަވެ ނާރުތައް ހަލާކުވެ ކަންފަތުގެ އެންމެ އެތެރެ ވިރި ހަލާކުވެދާނެފަދަ އެއްޗެކެވެ.
ހޮސްޕިޓަލުން ކުއްޖާގެ ބަރުދަން ބެލުމަށާއި އިންޖެކްޝަންގެ ސީރަމް ކޮންސެންޓްރޭޝަން ޗުކުކުރަމަށް އަދި އެބޭހަކީ ކުއްޖާގެ ހާލަތާއި ނުގުޅޭ އެއްޗެއްތޯ ބެލުމުގައިވެސް ފޭލިވެފައިވާކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
ގާނޫނީ ވަކީލް ހުސްނުއްސޫއޫދު ހިލޭ ސާބަހަށް ވަކާލާތުކޮށްދޭ މިމައްސަލާގައި 7.1 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ދައުވާކުރަނީ ކޮކްލިއާ އަލުން ލެއްވުމަށާއި ކުއްޖާ ދުނިޔޭގައި ހުރިހާ ދުވަހަކު ކޮންމެ ހަމަސްދުވަހަކުން ކޮކްލިއާ އަލުން ސާވިސްކުރުމަށާއި ދަތުރު ފަތުރަށާއި އަޅާލުމަށް ބަދަލު ހޯދުމުގެ ގޮތުންނެވެ. މިއީ މިބާވަތުގެ ބަދަލެއް ހޯދުމަށް ރާއްޖޭގައި ކުރެވޭ އެންމެ މަތީ އަދަދެވެ.
ކުއްޖާގެ އާއިލާއިން ބުނާގޮތުގައި ދިވެހ ސަރުކާރުން މިހާތަނަށް އަދި އެއްވެސް އެހީއެއް ދީފައެއް ނުވެއެވެ. އަދި ކުއްޖާގެ ސިއްހީ ހަރަދުތަކަށް ދީފައިވަނީ އެންމެ އާދައިގެ އެހީއެކެވެ. ނަމަވެސް އޭނާގެ މައިންބަފައިން ބުނާގޮތުގައި އެހީއަށް ހެލްތު މިނިސްޓްރީއަށާއި ރައީސް އޮފީހަށް އަދި ޑިޕާޓްމަންޓް އޮފް ސޯޝަލް ސެކިޔުރިޓީއަށްވެސް އެދިފައިވެއެވެ. ނަމަވެސް މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ މަދަދެއް ދެވޭ ވަރަށްވުރެ މިނިސްޓަރު ބިޒީކޮށްއުޅޭކަމަށާއި ރައީސް އޮފީހުންވެސް އެހީއެއް ލިބިފައިނުވާކަމަށާއި ސޯޝަލް ސެކިޔުރިޓީންވެސް ލިބުނީ ޓްރިވެންޑްރަމް ދެކޮޅު ޓިކެޓާއި 300 ޑޮލަރުކަމުގައި އާއިލާއިން ބުނެއެވެ.
ކޮކްލިއާ އަލުން ލެއްވުން
އޮޕަރޭޝަނަށް ބޭނުންވާ ހަރަދުތައް ދެއްވި ބޭފުޅަކީ އެބޭފުޅާގެ ދަރިފުޅުވެސް އުމުރުން ހަތްއަހަރުގައި އަޑުއިވުން ގެއްލި މިހާރު އަޑުއިވުން ލިބިފައިވާ ފަރާތެކެވެ.
އަޑުއެހުމަށް ބޭނުންކުރާ އެހީތައް ފަދައިން އަޑުތައް އެމްޕްލިފައި ކުރުމުގެ ބަދަލުގައި ކޮކްލިއާ އަލުން ލެއްވުމުން އޭތި މަސައްކަތްކުރަނީ ސީދާއަޑުއިވުމުގެ ނާރުތަކާއި ހަމައަސް ގެންގޮސްގެންނެވެ. މިފަރުވާ މުޅި ދުނިޔެއިން ލައްކައެއްހާ މީހުން ހޯދާފައިވާނެއެވެ.
ސާޖަރީއަށް ހަރަދުވާ ބޮޑު ހަރަދާއި އޭގެފަހުގެ މަރުހަލާތަކުގެ އަގުބޮޑުކަމާއިއެކުވެސް ވިޝް ސެންޓަރުން ބުނާގޮތުގައި އެމީހުންގެ ފަރާތުންވެސް މަހަކު ތިން ފަރާތަށް ފަރުވާދެއެވެ. މިސެންޓަރުގެ އޯނަރު މިހިރާ ވިކްރަމާރާޗީ ވިދާޅުވިގޮތުގައި ދިވެހި ރާއްޖޭގައި އުޅޭ އަޑުއިވުމުގެ އުދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް އުއްމީދުކުރެއެވެ. އިޔާންއަކީ ސްރީލަންކާއިން މިފަދަ ސާޖަރީއެއް ހެދި ދެވަނަ ދިވެހި ކުއްޖާއެވެ. ވިކްރަމަރާޗީ ވިދާޅުވީ މިހާރުވެސް ރާއްޖެއިން އެސެންޓަރާ އެކު ބައިވެރިވެގެން ވާހަކަ ދެއްކުމާއި އަޑުއެހުމުގެ ފަރުވާދޭނެތަނެއް ހުޅުވުމަށް ބޭނުންވާ އޮގަނައިޒޭޝަނެއް އޮތްތޯދަނީ ބަލަމުންނެވެ. އަދި އޭނާ ގަބޫލުކުރައްވާގޮތުގައި މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.
No comments:
Post a Comment