Thursday, 24 April 2008

ޗެއާރޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ ރިޔާސީ ނިޒާމާގުޅޭ ބަދަލުތަކެއް ޕާޓީގެ އޮނިގަނޑަށް ގެންނަވާނެކަމަށް މާރިޔާ ވިދާޅުވެއްޖެ

އިސްމާއިލް

ޗެއާރޕާސަން ކަމަށް ހޮވިވަޑައިގެންފި ނަމަ ރިޔާސީ ނިޒާމާ ގުޅޭ ބަދަލުތަކެއް ޕާޓީގެ އޮނިގަނޑަށް ގެންނަވާނެކަމަށް ދިވެހި ރައްތިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ކ އަތޮޅު މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްގެއެވެ.

މިއަދު ދަރުބާރުގޭގައި ނޫސްކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ހޮވިވަޑައިގެންފިނަމަށް ކުރައްވާނެ އެންމެ މުހިންމު ކަމެއްކަމަށް މާރިޔާ ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރެއްވުން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ހަމަޖެހުމުން އެކަމާ ގުޅިގެން ޕާޓީގެ އޮނިގަޑަށްވެސް ބަދަލުތަކެއް ގެންނަވާނެކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ އަވަސް އަވަހަށް ބަދަލުތައް އަންނާނެ ޕާޓީއެއް ނޫންކަމަށާއި، މާރިއާ ޗެއަރޕާސަން ކަމަށް ހޮވިވަޑައިގެންނެވި ނަމަވެސް އެމްޑީޕީގެ ކަންތައްތަކަށް ބަދަލުތަކެއް ނާންނާނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީފަދަ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ޕާޓީއެއްގެ ޗެއަރޕާސަން ކަން ހަވާލުވާއިރު ވަރަށް ގިނަ ކަންތައްތަކެއް ކުރައްވަން ހުންނާނެކަމަށެވެ

ގައުމީ ޗެއަރޕާސަންއެއް ހޮވަން ބާއްވާ އިންތިހާބު ކާމިޔާބު ކުރެއްވުމަށް މާރިޔާގެ ކުރިއަށް ގެންދެވި ކެމްޕޭނާ ބެހޭގޮތުން މާރިޔާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަގުސަދަކީ އެޕާޓީ ވެރިކަމަށް އައުންކަމަށާއި، އެހެން ވުމުން ރިޔާސީ ޕްރައިމަރީ އޮންނަ ވަގުތެއްގައި އެއިންތިހާބަށް ހިޔަނި އެޅޭގޮތަށް އެއްވެސް ކަމެއްކުރަން ބޭނުންނުވާތީ މަޑުކޮށްލައިގެން ހުންނެވީ ކަމަށެވެ. އެހެން ނަމަވެސް ފޯނުންނާއި އެފަދަ ވަސީލަތްތަކުން ކެމްޕޭން ކުރިއަށް ގެންދެވި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކޮންމެ ކަމަކަށްވެސް ކުރިމަތި ލައްވަނީ އެކަމެއް ކާމިޔާބު ކުރެއްވުމުގެ އުންމީދުގައި ކަމަށާއި، ޕާޓީގެ ޗެއަރޕާސަންކަމަށް އޭނާ ހޮއްވަވައި ދެއްވައިފިނަމަ އެމްޑީޕީގެ ގައުމީ ޗެއަރޕާސަންގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާކަމެއް އެންމެ ރަނގަޅަށް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ޗެއަރޕާސަންކަމަށް ހޮވިވަޑައިނުގެންނެވި ނަމަވެސް އެމްޑީޕީގެ ހުރިހާކަމެއްގައިވެސް މާރިޔާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، އެމްޑީޕީގައި މަސައްކަތް ކުރައްވަނީ ހަމައެއްކަނި މަގާމުގެ ހައިސިއްޔަތުން ނޫންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ ޗެއަރޕާސަންއެއްގެ ހައިސިއްޔަތުން ޕާޓީގެ އިދާރީކަންތައްތައް ޒިންމާދާރު ގޮތެއްގައި މާރިޔާ ކުރިއަށް ގެންދަވާނެ ގޮތާއި ބެހޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އިދާރީ ކަންތައްތައް ކުރައްވާނީ ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ބަޔަކަށް މަސައްކަތް ހަވާލުކޮށްގެންކަމަށާއި، އެހެންނަމަވެސް ހުރިހާ ކަމަކަށްވެސް އަހައްމިއްޔަތު ކަންދެއްވަވާނެ ކަމަށެވެ. އަދި ގިނަ ބަޔަކަށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ދިއުމުގެ ގާބިލުކަން މާރިޔާގެ ކިބައިގައި އެބަހުރި ކަމަށް މާރިޔާ ވިދާޅުވިއެވެ.

No comments: