އަބްދުއްރަހްމާން
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ދައުވަތަކަށް ބުދަދުވަހު ގައުމީ އިއްތިހާދުގެ ބައިވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި އިއްތިހާދުގެ ނަން ނާޖާއިޒުގޮތުގައި އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނި ބޭނުންކުރައްވަނީކަމަށް ބުނެ އަންނި ކުށްވެރިނުކުރާކަމަށް ނިއު މޯލްޑިވްސް މޫވްމަންޓްގެ އެއް ބޭފުޅެއްކަމަށްވާ ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީދު ވިދާޅުވީ މިމައްސަލާގައި އިއްޔެ ބޭއްވި އިއްތިހާދުގެ ބައްދަލުވުމުގައި ނިއު މޯލްޑިވްސްއިން ހުށަހެޅީ އައިޑީޕީގެ ޝަކުވާއާމެދު ގޮތެއް ނިންމޭނީ، މިބައްދަލުވުމުގައި މުހައްމަދު ނަޝީދު އަންނި ބައިވެރިވަޑައިގެންފައި ނުވާއިރު، އޭނާ ގެނެސް އޭނާގެ ހާޒިރުގައި ކަމަށެވެ.
ޝަހީދު ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގެ މުހިންމު މައްސަލައަކީ އަންނިގެ މައްސަލަ ނޫންކަމަށާއި ބޮޑަށް ވާހަކަ ދެކެވުނީ އިއްތިހާދުގެ މުސްތަޤްބަލާމެދު ކަމަށެވެ.
"އަންނި ވިދާޅުވަމުން އެގެންދަވަނީ އޭނާ ސަޕޯޓުކުރައްވަމޭ އިއްތިހާދުން ކެންޑިޑޭޓެއް ނެރުމަށް. އަޅުގަނޑުމެން އެންމެންވެސް އެކަމަށް މަރުހަބާ ކިޔަން" ޑރ ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ އިއްތިހާދުގެ ބައެއް ފަރާތްތައް ބުނަމުންދަނީ އިއްތިހާދުން އެއް ކެންޑިޑޭޓެއް ނެރުމުގެ މައްސަލާގައި އެފަރާތްތައް ނިސްބަތްވާ ޕާޓީގެ މެންޑޭޓެއް ހޯދުމަށް ޕާޓީގެ މެންބަރުންނާ ވާހަކަދެއްކުމަށްފަހު ގޮތެއް ކަނޑައަޅައި އަލުން އިއްތިހާދުގެ މޭޒުދޮށުގައި އިށީންނަން ޖެހޭކަމަށެވެ. ޑރ ޝަހީދު ވިދާޅުވީ މިމައްސަލާގައި އެމްޑީޕީގެ އިންތިޚާބު ނިމުމުން ކުރިއަށް އޮތް މަގު ސާފުވެގެން ދާނެކަމަށެވެ.
މިމައްސަލާގައި އައިޑީޕީގެ ރައީސް އުމަރު ނަސީރު މިއަދު ނޫހުގައި ވިދާޅުވީ އިއްތިހާދުން އެއްވެސް ސިޔާސަތެއް ކަނޑައަޅުއްވާފައި ނެތިސް އަންނި އިއްތިހާދުގެ ނަން ބޭނުންކުރައްވައި އިއްތިހާދުގެ މޫނުމަތި ދައްކަވައިގެން ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ކެމްޕޭން ކުރެއްވުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށާއި އެހައްގު އެއްވެސް ބޭފުޅަކަށް އިއްތިހާދުން ދެއްވާފައި ނުވާނެ ކަމަށެވެ.
"އަދި އިއްތިހާދުން އެއްވެސް ސިޔާސަތެއް އެއްވެސްކަމެއް ކަނޑައަޅާފައެއްނުވޭ. އެހެންވީމާ އެއްވެސް މީހަކަށް ނޯންނާނެ އިއްތިހާދުގެ ވެރިކަމެއްގައި ކަންހިނގާނެގޮތް ކަނޑައަޅާ އާންމު ކުރުމުގެ ހައްގެއް. އަންނިވެސް އެދައްކަވަނީ އަންނިގެ އަމިއްލަ ވާހަކަތަކެއް. އިއްތިހާދުގެ މޫނުމަތި ދައްކައިގެން ކެމްޕޭން ކޮށްގެންނުވާނެ. އިއްތިހާދުން އަދި އެއް ކެންޑިޑޭޓަކު ނެރޭކަށްވެސް އަދި ނުނެރޭކަށްވެސް ނިންމާފައެއް ނުވޭ." އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.
މިމައްސަލާގައި އެމްޑީޕީގެ އަމީން އާންމު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ އިއްތިހާދުން ކުރިން އެއްބަސްވެފައިވާ މަފްހޫމަކީ އިއްތިހާދުގައި ހިމެނޭ ޕާޓީއަކުން އެހެން ޕާޓީއެއްގެ އެތެރޭގެ މައްސަލައެއްގެ ތެރެއަށް ނުވަނުމަށެވެ. އަދި އިއްތިހާދުގެ ހުރިހާ ފަރާތްތަކުންވެސް މިމަފްހޫމުގައި ހިފަހެއްޓުމަކީ މުހިންމުކަމެއްކަމަށް ހާމިދު ވިދާޅުވިއެވެ.
No comments:
Post a Comment