އިބްރާހީމް މުޙައްމަދު
އެމްޑީޕީއާއި ސިޔާސީ ބައެއް ޕާޓީތަކުން އެކުލަވާލާފައިވާ އިއްތިހާދުން އެއްކެންޑިޑޭޓަކު ނެރުމުގެ ސިޔާސަތަށް އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރައްވާ 3 ކެންޑިޑޭޓުންގެ ވިސްނުން ތަފާތުކަން، ބުދަދުވަހުގެރޭ ދަރުބާރުގޭގައި ދިއެފްއެމްއިން އިންތިޒާމްކޮށް ބޭއްވި ބަހުސްއިން ހާމަވެއްޖެއެވެ. ޓެލެވިޒަމް މޯލްޑިވްސްއާއި ދިއެފްއެމްއިން ވަގުތުން ދުރަށް ފޮނުވި މި ބަހުސްގައި ކެންޑިޑޭޓު މުހައްމަދު ނަޝީދު އަންނި ވިސްނުންފުޅު ހުރީ ރިއާސަތަށް އެމްޑީޕީ އައުމަށްވުރެ ރިއާސަތަށް ބާރުފޯރުވާ އެހެން މުއައްސަސާތަކުގައި އެމްޑީޕީގެ ބާރު އޮތުން މާމުހިންމުކަމަށް ފެނިވަޑައިގަންނަވާ ގޮތަކަށެވެ.
"އަޅުގަޑުމެން ކުރިމައްޗަށް އެބައާދެއޭ ރައްޔިތުންގެ މަޖިލީހުގެ 74 ގޮނޑީގެ އިންތިހާބާ، އަދި ލޯކަލް ކައުންސިލް އަތޮޅު ކައުންސިލްތަކާ ރަށު ކައުންސިލްތަކުގެ އިންތިހާބު އިސްލާހުކުރެވޭ ގާނޫނުއަސާސީގައި ސީދާ ސިޔާސީ ވާދަވެރިކަންހުރީ ހަމައެކަނި ރިޔާސަތުގައެއްނޫން އެމްޑީޕީއަކީ ހިކްމަތްތެރި ޕާޓީއެއް އެމްޑީޕީއަށް މިމަގާމަށް އަޅުގަޑުމެންނަށް އާދެވިފައިމިވަނީ މިވިސްނުމުގަ އަޅުގަޑުމެން މަސައްކަތްކުރީތީވެ، އަޅުގަޑުމެން ޖެހޭނެ އަޅުގަޑުމެންގެ ހިކްމަތްތެރިކަމުން އަދިހަމަ އިތުރު މަރުހަލާއެއް ގެންނަން" އަންނި ވިދާޅުވިއެވެ.
ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބެއްގައި އިއްތިހާދުގެ ފަރާތުން އެއްކެނޑިޑޭޓު ތަމްސީލުކުރަން އެމްޑީޕީ ރުހޭ ކަމަށެވެ. މިސިޔާސަތަށް އެމްޑީޕީ ތާއީދުކުރާކަމަށާއި އެހެން ޕާޓީއެއްގެ ނުވަތަ މުސްތަޤިއްލު ފަރާތެއްވެސް އިއްތިހާދުގެ ފަރާތުން ނެރެން އެމްޑީޕީ ހުރީ ތައްޔާރަށްކަމަށް ޑރ.މުނައްވަރު ވިދާޅުވިއެވެ.
"އިއްތިހާދުގެ ފަރާތުން އެއްކެނޑިޑޭޓަކު ނަގާހާލަތެއްގައި އެ މީހަކީ އެމްޑީޕީން ނެރޭ ކެނޑިޑޭޓަކު ކަމުގައި ނުވެއްޖެނަމަ އެއީ ހަމަކަށަވަރުންވެސް އެމްޑީޕީއަށް ލިބޭ ނާކާމިޔާބެއް ކަމުގައި ދެކެން" ޑރ.މުނައްވަރު ވިދާޅުވިއެވެ. "ދޫދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ނާކާމިޔާބީއެއް ކަމަށް ދެކޭނަން"
ނަމަވެސް އެމްޑީޕީގެ އަމާޒަކީ މިހާރުގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ވެރިކަމުން ދުރުކުރުންކަމަށާއި މިސަބަބަށްޓަކައި އިއްތިހާދުން ނެރޭ ކެންޑިޑޭޓަކަށް ތާއީދުކުރައްވާނެކަމަށް ޑރ.މުނައްވަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނިކުތީ މައުމޫނުގެ އަނިޔާވެރި ވެރިކަން ނިންމުމަށް" ޑރ.މުނައްވަރު ވިދާޅުވިއެވެ.
މިގޮތުން އަންނަ ނޮވެމްބަރ 11 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ހުވާކުރައްވާނީ އެމްޑީޕީ ޝާމިލުވާ އިއްތިހާދުގެ ވެރިއެއްކަމަށް ޑރ.މުނައްވަރު ވާހަކަ ނިންމަވާލައްވަމުން ވިދާޅުވިއެވެ.
މޫސާ މަނިކު (ރީކޯ) ވިދާޅުވީ މިގައުމުގައި ޑިމޮކްރަސީ ޤާއިމްކުރަން އެންމެ ބޮޑު މަސައްކަތެއް ކުރި ފަރާތަކީ އެމްޑީޕީއެވެ. އަދި ރައީސް މައުމޫނު ވެރިކަމުން ދުރުކުރުމަށް އެމްޑީޕީން ގިނަ މަސައްކަތްތެއް ކުރިކަން ފާހަގަކުރެއްވިއެވެ. މި ސަބަބަށްޓަކައި އެމްޑީޕީއަށް ވެރިކަން ލިބެންޖެހޭނެކަން ޤަބޫލުކުރައްވާ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީ ތަބަކަށްލައިގެން ނިކުމެ އެމްޑީޕީގެ އެތަށްބަޔަކު ވީ ގުރުބާނީއެއް، އަޅުގަނޑުމެން މާދުރުން އަންނަމީހަކަށް ހަދިޔާއަކަށް ނުދެވޭނެ" ރީކޯ މޫސަ ވިދާޅުވިއެވެ. "އޭގެ މާނައަކީ އެމްޑީޕީއަށް ދިވެހިރާއްޖޭގެ ވެރިކަންވެސް ލިބެންޖެހޭނީ"
މިހާރު ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ވެރިކަމެއްގެ އެއްވެސް ކަހަލަ ފުރުސަތެއް އޮންނާނެތޯ މޮޑަރޭޓަރ ސުވާލުދެންނެވުމުން ކެންޑިޑޭޓު މުހައްމަދު ނަޝީދު އަންނި ވިދާޅުވީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ އެކަމަކަށް ތަންނުދޭ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ކެބިނެޓުގައި ހިމެނޭނީ އެޕާޓީގެ ހިޔަނި ކެބިނެޓުގެ ވަޒީރުންކަމަށް އަންނި ވިދާޅުވިއެވެ.
"ވަޒީރުންގެ މަޖިލިސްގެ ގޮތުގައި މެމްބަރުންގެ ގޮތުގައި ތިއްބަވާނީ ޕާޓީގެ ވަޒީރުންގެ މަޖިލިހުގެ މެމްބަރުން. ޕާޓީގެ ހިޔަނި ވަޒީރުންގެ މަޖިލިހުގެ މެމްބަރުން" ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ޤަވާއިދު ތަނެއް ނުދޭ އެނޫންގޮތަކަށް އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލިސް އެކުލަވާލާކަށް"
ރޭގެ ބަހުސް ފެނިގެން ދިޔައީ ރާއްޖޭން ބޭރުގެ ރިޔާސީ ޕްރައިމެރީސްގައި ވާދަދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބޭއްވޭ ބަހުސްތަކާއި ހިލާފަށް ފޯރިގަދަކަން ކުޑަ ބަހުސެއްގެ ގޮތުގައެވެ. މިގޮތުން އިންތިހާބުގައި ވާދަކުރައްވާ ޑރ.މުނައްވަރާއި ރީކޯ މޫސަ އަދި ނަޝީދު އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ރައްދުދެއްވުމުގެ ރޫހު ގެންގުޅެފައި ނުވާކަން ފާހަގަކުރެވުނެވެ. މިސަބަބަށްޓަކައި ވާހަކަ ދެއްކެވި ކެންޑިޑޭޓަށް ރައްދުދިނުމަށް ދެވޭ 30 ސިކުންތުގެ ފުރުސަތުގެ ބޭނުން ހިފުމަށް މި ބަހުސްގެ މޮޑަރޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވި ދިއެމްއެމްގެ އިބްރާހީމް ޚަލީލާއި މަސްޢޫދު ޢަލީ ތަކުރާރުކޮށް އެދިވަޑައި ގަތެވެ. ނަމެވެސް ދޮޅުގަޑިއިރަށް ދެމިގެން ދިޔަ މި ބަހުސްގައި ބޮޑަށް ފެނިގެން ދިޔައީ ވަރަށް މަދު ފަހަރެއްގައި މެނުވީ އެއްކެނޑިޑޭޓުން އަނެއް ކެނޑިޑޭޓެއްގެ ވިދާޅުވާ އެއްޗަކަށް ތާއީދުކުރައްވާ މަންޒަރެވެ.
No comments:
Post a Comment