Thursday, 24 April 2008

ދެ ކިލޯ މަސްތުވާތަކެތީގެ މައްސަލަ: ރިޝްވަތު ހިފިކަމަށް ތުހުމަތުކުރެވޭ 6 މީހެއްގެ މައްސަލަ ޖިނާއީ ކޯޓަށް ހުށަހަޅަން ނިންމައިފި

އިބްރާހީމް މުޙައްމަދު

ހުސްވި އަހަރު ނޮވެމްބަރު 15 ވަނަ ދުވަހު ރާއްޖެ އެތެރެކުރެވުނު 2.18 ކިލޯ މަސްތުވާތަކެތީގެ މައްސަލަ ޖިނާއީ ކޯޓުގައި ހިނގަމުންދަނިކޮށް ރިޝްވަތު ހިފި ކަމަށް ތުހުމަތުކުރެވޭ 6 މީހެއްގެ މައްސަލަ ޖިނާއީ ކޯޓަށް ހުށަހަޅަން ނިންމައިފި ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި އެއޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ހުސައިން ޝަމީމް ވިދާޅުވީ މިއަދު ނޫނީ އަންނަ އާދީއްތަ ދުވަހު މިމައްސަލަ ޖިނާއީ ކޯޓަށް ހުށަހެޅޭނެކަމަށެވެ. އަދި ލިޔެކިޔުންތަކުން އެނގޭގޮތުގައި ރިޝްވަތުގެ ގޮތުގައި ހުށަހެޅި އެންމެ ބޮޑު އަދަދެއްކަމަށް ފާހަގަކުރެވެނީ 30،000 ރުފިޔާއާއި 40،000 ރުފިޔާގެ އަދަދެއްކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް ރިޝްވަތު ހިފި މީހުންގެ އެއްވެސް މައުލޫމާތެއް މީޑިޔާއަށް ހާމަކޮށްފައެއް ނުވެއެވެ.

"ވަރަށް އަވަހަށް މިމީހުންގެ މައްޗަށް ދައުވާކުރެވޭނެ" ޝަމީމް ވިދާޅުވިއެވެ.  

2.18 ކިލޯގެ މަސްތުވާތަކެތި ވައިގެމަގުން އެތެރެކުރި މައްސަލައިގެ ޝަރީޢަތް ގިނަ ދުވަސްތަކަށް މެދު ކަނޑާލިކަން އެޓަނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވަނީ މާޗްމަހު 6 ވަނަ ދުވަހުއެވެ. އަދި މައްސަލަ ތަހުޤީޤުކުރެވުމަށްފަހު ޖިނާއީ ކޯޓުގައި ދެވަނަ ފަހަރަށް މައްސަލަތައް ތައާވަލްކުރެވުނީ މާރޗް 26 ވަނަ ދުވަހުއެވެ.

މިމައްސަލަގައި މަސްތުވާތަކެތި އެތެރެކުރިކަމަށް އިއުތިރާފްވި ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ އަޒްމަތު ޚާން ފެބްރުއަރީ މަހު 11 ވަނަ ދުވަހު 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ. މިމައްސަލަގައި ދައުވާ ކުރެވޭ 9 ދިވެހިންނަކީ ތ.ބުރުނީ ސޯސަންވިލާ އިބްރާހީމް ހަބީބު 24، ގ.ހިލްމަން އަބްދުލް ހަމީދު އަބްދުލް ސަމަދު 40، ޏ.ފުވައްމުލައް ލާލުގެ ވަސީމް އަބްދުއްﷲ 42، ލ.އިސްދޫ ގުލްފާމުގެ އިބްރާހީމް ނައީމް 28، މ.ރަތްކޮކާ ހަސަން ސުމޭހް ހުސެން 25، މއ.ބައިކެނޑި ކޯޕްރަލް މަނާރު މުހައްމަދު ރަޝީދު 25، ހ.ޑޮނީގޯލް މުޙައްމަދު ޝަފީޤް 39، ހ.ފިނިމާގޭ އަޙްމަދު އާރިފް ވަހީދު 38، ހ.ރީނދޫގެ އާދަން ނަސީރު އަބޫބަކުރު 36، އެވެ.

މިއަދު މިމައްސަލައިގައި ތުހުމަތުކުރެވޭ އަބްދުލް ހަމީދުގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ޖިނާއީ ކޯޓުގައި ބެއްވުނެވެ.

No comments: